ފިތޫރު ފެއާ: ދިވެހި ކުންފުނިތައް ބުނީ މިފަހަރު އެމްއެމްޕީއާރުސީ ތަފާތޭ

ދިވެހި ކުންފުނިތަކުން ބުނަނީ އެހެން އަހަރުތަކުގައި ބޭރު މީހުންގެ ފަރާތުން އަންނަ ދަތިތައް މި އަހަރު ނެތް ކަމަށް. މި އަހަރު ދިވެހި ވިޔަފާރިތަކަށް ލިބުނު ފުރުސަތު ފަހި ކަމަށް

އެމްއެމްޕީއާރުސީން ފިތޫރު ފެއާގައި ބައިވެރިވަނީ -- ވިޒިޓް މޯލްޑިވްސް

ހަމައެކަނި ރާއްޖޭގެ ވިޔަފާރިތަކަށް ބައިވެރިވެވޭ ގޮތަށް އެމްއެމްޕީއާރްސީން ގެނައި ބަދަލުގެ ސަބަބުން ތަފާތު ފެނިގެން ދިޔަަ ކަމަށް ބައެއް ޓޫރިޒަމް ކުންފުނިތަކުން ބުނެފި އެވެ. 

އެމްއެމްޕީއާރްސީން ކުރިން އޮންނަ އުސޫލުގައި ބޭރުގެ ފެއާތަކުގައި ބޭރުގެ ކުންފުނިތަކަށް ވެސް ބައިވެރި ވެވޭނެ އެވެ. މިގޮތަށް އުސޫލު އޮތުމުން ބޭރުގެ ފެއާތަކުގައި ބައިވެރިވެނީ އެ ފެއާއެއް ބާއްވާ ގައުމުގައި ތިބޭ ބޭރުގެ ޓްރެވަލް ކުންފުނިތަކެވެ. އޭގެ ސަބަބުން ދިވެހި ޓްރެވަލް ކުންފުނިތަކަށް އޮންނަ ފުރުސަތާއި ޖާގަ ގެއްލިގެން ދެ އެވެ. 

އެހެންވެ އެމްއެމްޕީއާރުސީން ވަނީ މި އަހަރު ބޭރު ކުންފުނިތަކަށް ފުރުސަތު ނުދީ ހަމައެކަނި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކަށް ބައިވެރި ވެވޭނެ ގޮތަށް އުސޫލު ބަދަލު ކޮށްފަ އެވެ. 

ސްޕެއިންގެ މެޑްރިޑްގައި އޮތް ފިތޫރު ފެއާގައި ބައިވެރިވި ދިވެހި ބައެއް ޓްރެވަލް ކުންފުންޏެއް ކުންފުނިތަކުން ބުނަނީ މި ބަދަލުގެ ސަބަބުން ހެޔޮ ފައިދާ ލިބިގެން ދިޔަ ކަމަށެވެ. 

ރާއްޖޭގެ ބައެއް ވިޔަފާރިވެރިންނާއި އެމްއެމްޕާރުސީގެ އެމްޑީ

މި ފެއާގައި ބައިވެރިވި އިނަ މޯލްޑިވްސް ހޮލިޑޭސް ކުންފުނީގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވީ މި ބަދަލުގެ ސަބަބުން އެހެން އަހަރުތަކަށް ވުރެ ދިވެހިންނަށް ލިބުނު ފުރުސަތު ފަހިކަމަށް ފެންނަ ކަމަށެވެ. 

"އެހެންނޫނިއްޔާ ފެއާ އޮންނަ ގައުމެއްގެ މީހުން އައިސް މުޅިތަން ފުރާލާނެ. އެކަމަކު މިއަހަރު މުޅިން ވެސް ސްޓޯލްތަކުގަ ތިބީ ދިވެހިން. ދިވެހި ވިޔަފާރިތައް. އެހެންވެ ކޮންމެ އެއްޗެއްވެސް ޑައިރެކްޓްލީ މިއައީ ދިވެހިންނާ ހަމައަށް. މިއީ ރަނގަޅު ބަދަލެއް،" ފިރާގު ވިދާޅުވި އެވެ. 

ދިވެހި އެހެން ކުންފުންޏެއް ކަމަށްވާ ޓްރެވަލް ކަނެކްޝަންގެ ވެރިޔާ މުހައްމަދު މިރުޝާދު ވިދާޅުވީ ފެއާގައި ކުދިކުދި ދަތިތައް ހުރި ނަމަވެސް ޖުމްލަ ގޮތެއްގައި ފުރިހަމަ ކަމަށާ، ދިވެހި ކުންފުނިތައް ތިބުމަކީ ލިބިގެން ދިޔަ ކުރިއެރުމެއް ކަމަށެވެ. 

"މިއީ ދިވެހި ނަށް ލިބިގެންދާނެ ފުރުސަތެއް. މިގޮތަށް އޮތުމަކީ އެންމެ ރަނގަޅު ގޮތް،" މިރުޝާދު ވިދާޅުވި އެވެ. 

ބެލީ ދިވެހިންނަށް ޖާގަ ދޭން

އެމްއެމްޕީއާރުސީން ކުރިން ފެއާތަކުގައި ބައިވެރިވާން ބޭރުގެ ކުންފުނިތަކަށް ފުރުސަތު ދެނީ ބޮޑު އަގެއް ދައްކައިގެން ބައިވެރިވެވޭ ގޮތަށެވެ. އެހެން ހެދުމުން ބޮޑެތި ފީތައް ރިސޯޓްތަކުގެ އެނދު ވިއްކާ ބޭރުގެ ބޮޑެތި ޓްރެވަލް ކުންފުނިތަކުން މުޅި ދިވެހި ސްޓޭންޑް ފުރާލަ އެވެ. މި އަހަރުގެ ފިތޫރު ފެއާގައި ރާއްޖޭން 22 ވިޔަފާރިއެއް ބައިވެރި ވެފައި ވެއެވެ. 

ފިތޫރު ފެއާގައި ބައިވެރިވި ދިވެހި ކުންފުންޏެއް

އެމްއެމްޕީއާރުސީގެ ޑެޕިއުޓީ އެމްޑީ މުހައްމަދު ބައްސާމް އާދަމް ވިދާޅުވީ މި އަހަރު އިސްކަން ދިނީ ދިވެހިންނަށް މެކްސިމަމް ޖާގަ ދީގެން ފެއާއަށް ދިއުމަށެވެ. 

"ސްޓޭންޑުގައި އެމްއެމްޕީއާރުސީއަށް ހުރި ބޮޑު ބައި ވެސް އަޅުގަނޑުމެން މިއަހަރު ދޫކޮށްލީ އެހެން ވިޔަފާރިތަކަށް. މި ބަދަލު ވިޔަފާރިތައް ބަލައިގެންފައިވާ ކަމަށް ބެލެވެނީ،" ބައްސާމް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ފިތޫރު ފެއާގައި މެނޭޖިން ޑިރެކްޓަރި ފާތުމަތު ތައުފީގު އިސްވެ ހުންނަވައި ރާއްޖެ އިސްތިހާރު ކުރަން ގިނަ ހަރަކާތްތަކެއްގައި ބައިވެެރިވެ ވަޑައިގެންނެވި ކަމަށެވެ. 

"މިހާރު ކުރަމުން ގެންދާ މަސައްކަތްތަކުގެ ނަތީޖާ މިއަދު ނުފެންނާނެ. އެކަމަކު ކުރިއަށް އޮތްތަނުގައި މިކަމުގެ ފައިދާ ފެންނާނެ. ހިތްހަމަ ޖެހޭ މަސައްކަތްތަކެއް ކުރެވުނު،" ބައްސާމް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.