ތިލަމާލެ ބްރިޖް - ތިލަ ނުވެ ބޮޑު ގެއްލުމަކާ ދިމާލަށް

ތިލަމާލެ ބްރިޖު ލަސްވުމަކީ ޕޯޓު ބަދަލު ކުރުން ލަސްވެ ގޯތިދިން މީހުންނަށްވެސް ލިބިގެން ދިޔަ ބޮޑު ގެއްލުމެކެވެ. މިކަމާހެދި ގިނަ ދިވެހިން މި ބްރިޖާމެދު ވަނީ އުންމީދު ގެއްލި މާޔޫސްވެފަ އެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް ގުޅިފަޅުގައި ކުރިއަށް ދަނީ

ފުރަތަމަ އިވެން ފެށީ ތިލަމާލެ ބްރިޖުގެ ސާވޭ ހަދަން ފެށި އަޑެވެ. އެކަން ކުރީ ރައްޔިތުންނަށް ފޮރުވައިގެންނެވެ. މައުލޫމާތެއް ނުދެ އެވެ. ސާވޭ ކުރަނީ ކޮން ބައެއް ކަމެއް ނޭނގެ އެވެ. އެނގޭހާވެސް ކަމަކީ ބްރިޖު އަޅަނީ އިންޑިއާއިން ކަމެވެ. އޭގެ އަހަރެއް ފަހުން ސިނާއީ އަށް - އިންޑަސްޓްރިއަލް ވިލެޖު ވިލިމާލެއާ އޮލަނބަށް ރޯނެއް ދަމާލައި ބޮޑު ސަރަހަދެއް ބަންދު ކުރި އެވެ. އޭރުވެސް މި ބްރިޖުގެ މާ ގިނަ މައުލޫމާތެއް ނުދެ އެވެ. އުޅުނީ ފޮރުވައިގެނެވެ. ކިޔައީ އަންނަނީ .. އަންނަނީ .. ނިމެނީ ނިމެނީ ... ފެށެނީ ... ފެށެނީ ... އެވެ. 

އޭގެ އަހަރެއް ފަހުން 22، އޮގަސްޓް 2022 ގައި ތިލަމާލެ ބްރިޖުގެ ބިންގާ ނިއުދިއްލީގައި ބެހެއްޓެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރު ފުޅެއްގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ ދެ ބޭފުޅުންނެވެ. އޭރު ބްރިޖުގެ ބައިތައް ޖަހައި ތަނބުގެ ގޮތުގައި ބުނަމުން ދިޔަ ހޮޅިތައް ބިމަށް ހަރައި ލައްކަ ގަނޑުގަނެފައި ވެއެވެ. މިއީ ގްރޭޓާ މާލެ އެއް ރޮއްޖަކުން ގުޅާލަން ރައީސް ސޯލިހު ކުރެއްސެވި ކުރެހުން ފެށިގެން ދިޔަ ގޮތެވެ. މާލެ ވިލިމާލެ-ގުޅިފަޅު-ތިލަފުށި އަދި ގިރާވަރު ފަޅުން ގުޅާލަން ފެށި ބްރިޖުގެ މަސައްކަތް ފެށިގެން އައި ގޮތެވެ. އޭގެ ފަހުން ދެން ފެނީ ދިވެހިން ދުވަހަކު ވެސް ހީ ނުކުރާ މަންޒަރުތަކާއި "އެކްސްޕެކްޓޭޝަ"ނަށްވުރެ އެތައް ގުނައެއް ރީތި ތަސްވީރު ތަކެވެ. 

މި މަންޒަރުތައް ރައްޔިތުންނަށް ތަފުސީލުކޮށް ކިޔައި ދޭން އެ ސަރުކާރުން ބޭނުމެއް ނުވި އެވެ. ސަބަބަކީ އިންޑިއާ އެމްބަސީން މުޅިއެތި ކޮންޓްރޯލްކޮށް މި މަޝްރޫއުގެ "ކޮންޓްރެކްޓަރު" ގެ ދައުރު އަދާ ކުރަމުން ދިއުމެވެ. މައުލޫމާތެއް ދިނީއްޔާ އެނގެނީ އިންޑިއާ އެމްބަސީން ބުނި އެއްޗަކެވެ. ދިވެހި ސަރުކާރުގައި ޕްލޭނިން މިނިސްޓަރެއް ހުންނެވީ އޭރު ނަމެއްގަ އެވެ. ދުވަހަކު ވެސް އޭރުގެ މިނިސްޓަރު މުހައްމަދު އަސްލަމް މި ބްރިޖުގެ މައުލޫމާތު ދެއްވާފައެއް ނެތެވެ. ނަތީޖާއަކަށްވީ ކަންކަން އޮޅެމުން އޮޅެމުން ގޮސް ބްރިޖުގެ ހުރިހާކެއް އޮޅި އުންމީދީ މި ބޮޑު މަޝްރޫއާމެދު ދިވެހިން ނާއުންމީދުވުމެވެ. 

"ފެށިގެން ދިޔައިރު ވެސް ނިމޭނެ ތާރީހެއް ނުބުނޭ. ފެށި ތާރީހެއް ހާމައެއް ވެސް ނުކުރޭ. އުޅުނީ މައުލޫމާތު ފޮރުވައިގެން. ރައީސް އޮފީހާއި ޕްލޭނިން މިނިސްޓްރީން އޮތީ މައުލޫމާތު ދިނުން މަނާކޮށްފަ،" ރާއްޖޭގެ އިގްތިސޯދު ފުރޮޅުމަކަށް އަންނާނެކަމަށް އުންމީދު ކުރި ތިލަމާލެ ބްރިޖުގެ ކަންކަމުގައި ރައީސް ސޯލިހުގެ ސަރުކާރުގައި އިސްކޮށް ހަރަކާތްތެރިވި ޓީމުގެ މެންބަރަރު މަސްލަހަތަށްޓަކައި ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ. 

ބްރިޖު އަޅަން ހަވާލުކުރީ އިންޑިއާ އާއި ދުނިޔޭގެ ވެސް ބޮޑު ކުންފުންޏަކަށެވެ. އެފްކޮންސްގެ މަސައްކަތުގެ ކެޕޭސިޓީ އާއި އެ މީހުންގެ ގާބިލް ކަމާމެދު ސުވާލެއް ނެތެވެ. އެކަމަކު އޭރު ވެސް އާއްމުން ސުވާލު ކުރަމުން ގެންދިޔައީ ލޮލަށް ފެންނަމުން ދިޔަ މަސައްކަތް އެ ކުންފުނިން ކުރަމުން ގެންދިޔަ ގޮތާމެދުގަ އެވެ. އެގޮތާމެދު ސުވާލު ކުރަން ދިވެހިންނަށް ދަސްކޮށް ދިނީ ޗައިނާ މީހުން ބްރިޖު އެޅިތަން ދިވެހިން ބަލަން ރާޅުގަނޑުގައި "ބްރިޖު ވިއުއިން" ޕްލެޓްފޯމެއް ހަދައި އެތަނުގައި "ބްރިޖު ބަލާ ދުރުމި" ބަހައްޓައި ބަލަން ދިން ފުރުސަތެވެ. 

މިހާރުގެ ރައީސް އަދި އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅުން ނެރުއްވި އެ ޓްރާންޕޭރެންސީވީ ދިވެހިން ނުދަންނަ ބްރިޖު ޓެކްނޮލޮޖީއަކީ އެމީނުން ފަރިތަ އެއްޗަކަށްވުމެވެ. އެ ސަރުކާރުން ޔުނިވާސިޓީ / ކޮލެޖު ކުދިން ބްރިޖަށް ގެންގޮސް މަސައްކަތުގެ މައުލޫމާތު ދިނެވެ. ފޮތް ލިޔުންތެރިން ގެންގޮސް / ކެމެރާމަނުން ބްރިޖަށް ގެންގޮސް ތާރީހަށްޓަކައި އެ ޑޮމިއުމެންޓްކޮށް ފޮރުވި އެވެ. 

ކުރިން މައުލޫމާތެއް ނުދޭ - އިންޑިއާއިން އަޅާ ބްރިޖުގެ މަސައްކަތުގައި މިއިން އެއްވެސް ކަމެއް ކުރުން ފުރުސަތެއް ނުދިނެވެ. ދިވެހިންގެ ބޮލުގައި 500 މިލިއަން ޑޮލަރުގެ ދަރަނި އަޅުވައިގެން ހަދަމުން ގެންދާ މި ބްރިޖު ދިވެހިންގެ ތާރީހައްޓަކައި ފޮރުވަން ފޮޓޯ ގަނޑެއް ނެގިއަވެސް ނުދިނެވެ. ނޫސްތަކުގައި ލިޔެލާނެ ތަފުސީލީ މައުލޫމާތެއް ނުދެ އެވެ. ނިމޭނެ ތާރީހެއް ނޭނގެ އެވެ. ޕްރޮޖެކްޓުގެ ޓައިމްލައިނެއް ނުބުނެ އެވެ. މިކަން ހޫނުވެގެން އޭރުގެ މިނިސްޓަރު އަސްލަމް މަޖިލީހަށް ގެންދިއުމުން ވިދާޅުވަނީ މަސައްކަތް ދަނީ ޓައިމްލައިން އަށެވެ. އެކަމަކު ވެރިކަން ނިމެން މަދު މަސްކޮޅަށްވެފައި ވަނިކޮށް އަސްލަން މަޖިލީހުގައި ބްރިޖު ލަސްވާ ކަަމަށް އެއްބަސްވެ ވަޑައިގަތެވެ. އެކަމަކު އެ ކުންފުންޏަށް އިތުރު ވަގުތު ދޭކަށް ސަރުކާރުން ގޮތެއް ނުނިންމަ އެވެ. 

ބްރިޖު ލަސްކޮށްލީ 16 ނޮވެމްބަރުގެ ދަންވަރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޮޅިވަރަމްފަރުގައި --

ބްރިޖު މުއްދަތު ދަމާލީ ދަންވަރު - ރައީސް ސޯލިހުގެ ވެރިކަން ނިމެން ދުވަހަކަށް ވެފައި ވަނިކޮށް 16، ނޮވެމްބަރު 2023 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ބްރިޖު އެއްބަސްވުން ދިގު ދަމާލި އެވެ. އެކަން ކުރިކަން ވެސް ނުބުނެ އެވެ. އެކަންވެސް ތިބީ ފޮރުވައިގެންނެވެ. ބްރިޖު ލަސްވިކަމަށް އެއްބަސްވީ އިންތިހާބުން ރައީސް ސޯލިހު ބަލިވުމަށް ފަހު ބޭއްވެވި ވަދާއީ ނޫސްވެރިންގެ ބައްދަލުމުގަ އެވެ. 

ރައީސް ސޯލިހުގެ ސަރުކާރުން ފަހުން ދިން މައުލޫމާތުތަކުގައި ވިލިމާލެ-މާލެ ގުޅޭނެ ތާރީހަކީ މިދިޔަ އަހަރުގެ ޑިސެމްބަރެވެ. އެކަމެއް ނުވި އެވެ. ބްރިޖު ނިމޭނެ ތާރީހަކީ މި އަހަރުގެ ފަހުކޮޅެވެ،. އެކަމެއް ނުވާނެ އެވެ. ނުވާނެކަންވެސް އެނގުނީ ވެރިކަމުގެ އެންމެފަހު ދުވަހު 16 ވަނަ ދުވަހު އެއްބަސްވުން ދިގު ދަންމާލިކަން ވެރިކަން ބަދަލުވެ މިހާރުގެ އިންފްރާސްޓްރަކްޗަރު މިނިސްޓަރު އަބްދުﷲ މުތޮލިބު އެ ވާހަކަތައް ވިދާޅުވުމުންނެވެ.

ފަހުން ތިލަވި މައުލޫމާތު - ވެރިކަން ބަދަލުވުމަށް ފަހު އެނގުނީ ބްރިޖުގެ މުޅި ޓައިމްލައިނުން ބްރިޖު މަސައްކަތް ސޮއްސާލާފައިވާ ކަމެވެ. ބްރިޖު އަޅާ އެފްކޮންސްއަކީ މިފަދަ ފުނުމުގައި ކަމެއް ކުރުމުގެ ހުނަރު ހުރިބައެއް ނޫނެވެ. އެހެންވެ އެ ކުންފުނިން ފުރަތަމަ ވެސް ރާއްޖެ އައިސް ޖެހުނީ އެލްބޯޑު ޖަހައިގެން އެކަން ކުރާށެވެ. އިންޑިއާގެ ހިލަ ވެއްޔާއި ޗަކަ ކޯރުގައި ބްރިޖު އެޅިޔަސް ރާއްޖޭގެ އޮއެވަރު ބާރު ކަނޑުއޮޅިތަކާއި މަޑު ވެއްޔާއި ފަރުމަތީގައި ބްރިޖު އަޅަން އެފްކޮންސް ފުރަތަމަ ޖެހެނީ ނާސަރީ އެލްކޭޖީއަށް ވަންނާށެވެ. އެކަމަކު އެ ކުންފުނި މެދުވެރިކޮށް ވެސް މި މަސައްކަތުގެ މައުލޫމާތެއް އެ ސަރުކާރުން ނުދެ އެވެ. 

ފަހުން އެނގުނީ މި މަސައްކަތުގެ ކޮލިޓީއާ މެދު ސުވާލެއް ނެތް ކަމެވެ. މިކަން ވެސް އެނގުނީ ވެރިކަން ބަދަލުވުމުންނެވެ. ރައީސް ސޯލިހުގެ ސަރުކާރުން މި ވާހަކަ ވެސް އިންޑިއާ އެމްބަސީން ހުއްދަ ނުދީގެން އޮތީ ނުދައްކަ އެވެ. 

ސަރުކާރުގެ މަޝްރޫއުތަކުގެ މައުލޫމާތު ދޭން އެންމެ ފަހުން ސަލްޓަން ޕާކުގައި މިނިސްޓަރުންނާއެކު ބޭއްވި ބައްދަލުވުމުގައި އާއްމުންގެ މީހަކު ވަނީ އެ ސުވާލުކޮށްފަ އެވެ. އޭނާގެ ސުވާލަކީ ބްރިޖު އަޅަމުންދާއިރު ފެންނަ އެހުރީ ހަގީގީ ތަނބުތަކެއް ހެއްޔެވެ؟ އެކަމަކު ހަގީގަތުގަ މި ސުވާލުގެ ޖަވާބު މީގެ ދެ އަހަރު ކުރީގައި އެނގެން ޖެހެ އެވެ. ރައީސް ސޯލިހުގެ ސަރުކާރުން ބޭއްވި ޖަޒީރާ ހޮޅުއަށި ވެސް މަދެއް ނޫނެވެ. 

އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުތޮލިބު ވިދާޅުވި ގޮތުގައި ތިލަމާލެ ބްރިޖުން ފެންނަަ ބައެއް ތަގަނޑުތައް، ދަގަނޑު ބައިތައް ހުރެދާނެ އެވެ. އެކަމަކު އެކަމުގެ ސަބަބުން ކޮލިޓީއަކަށް އެއްވެސް މައްސަލައެއް ކުރިމައްޗެއް ނުވާނެ އެވެ. ހަމައެކަނި ފެންނަ ފެނުމަށް ސިޔަމާލެ ބްރިޖަށްވުރެ ހުތުރުވުން ބަދަލެއް ނުފެންނާނެ އެވެ. 

ބްރިޖު ލަސްވުމަކީ ހީނުކުރާ ބޮޑު ގެއްލުމެއް

ތިލަމާލެ ބްރިޖްގެ މަސައްކަތުގައި ފުން ކަނޑުގެ ޕައިލިން އަށް ގެނައި ސެލްފް އެލެވޭޓެޑް ޖެކަޕް ޕްލެޓްފޯމް، "މަހަކްސިޔާ" -- ފޮޓޯ: އެފްކޮންސް

މިހާރު ބްރިޖު ނިންމަން ދީފައިވާ ތާރީހަކީ 30، ސެޕްޓެމްބަރު 2026 އެވެ. ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ ބްރިޖު 2025 ގައި ނިންމަން އިންޑިއާ ސަރުކާރާއެކު މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު މިހާރުގެ ކަންކަން ހުރި ގޮތާއި ބްރިޖު އަޅާ ކުންފުނީގެ ބްރިޖު ހުނަރު ހުރިގޮތުން ނިމޭނީ 2026 ގައި ކަމަށް ބެލެވެ އެވެ. މި ހުރިހާ ކަމަކާއެކު ބްރިޖު ލަސްވެގެން ދިއުމަކީ ކިހާ ބޮޑު ގެއްލުމެއް ހެއްޔެވެ؟ 

މި ބްރިޖު ލަސްވުމުގެ އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނީ މާލޭ ރައްޔިތުންނަށެވެ. މާލެއަކީ މުޅިރާއްޖޭގެ އާބާދީ ޖަމާވެފައި އޮތް ތަނެވެ. އެހެންވެ މި ގެއްލުމަކީ ރާއްޖެއަށް ދިން ބޮޑު ގެއްލުމެކެވެ. ބޮޑު "ކޮމާޝަލް ކްރައިމް" އެކެވެ. 

މި ބްރިޖު 2026 ގައި ނިމިގެން ނޫން ގޮތަކަށް ގުޅިފަޅާއި ގިރާވަރުފަޅުގެ ގޯތިތަކަށް ރައްޔިތުންނަށް ފަސޭހައިން ނުދެވޭނެ އެވެ. ދިވެހިން ބޭނުންވަނީ ގުޅިފައިވާ ތަނަކުން ގޯތިދޭށޭ ބުންޏަސް ސިނަމާލެ ބްރިޖުގެ ކަންކަން ގޮސްފައި އޮތް ގޮތުން މިއިން ޒަމާނެއްގެ ކޮޅުންވެސް އެކަންވާކަށް ނެތެވެ. އެހެންވެ ރައީސް ސޯލިހުގެ ސަރުކާރުން ނުހިއްކާ ތަނަކުން މާލެ ރައްޔިތުންނަށް ގޯތިދީ އެ ގޯތިތަކަށް ދާން އޮތް މަގު ވެސް "ބަންދު" ކޮށްލީ ކަމަށް ބުނެވިދާނެ އެވެ. މިހާރު ގުޅިފަޅާއި ގިރާވަރު ފަޅަން ދިއުމެކޭ މި ސަރުކާރުން ހިއްކަން ކިޔާ ރަސްމާލެއަށް ދިއުމެކޭ ތަފާތެއް ނެތެވެ. ގިރާވަރު ފަޅަން ދާނަމަ ވެސް ކަނޑުއޮޅިއެއް ހުރަސް ކުރަން ޖެހެ އެވެ. ރަސްމާލެ އަށް ވެސް އޮތީ އެގޮތެވެ. 

މިކަމުގެ ގެއްލުން ކުރިއަށް އޮތްތަނުގައި ބޮޑުވާނެ އެވެ. މި ސަރުކާރުން ގުޅިފަޅު / ގިރާވަރު ފަޅުގައި ގޯތީގެ ލިޔުން ދިނަސް އެތަނުގެ މަގު ހެދިޔަސް ފެން އެޅިޔަސް އެތަނަށް ދާން ރައްޔިތުން އަދި ޖެހޭނީ ގަނައެއް ތެޅޭށެވެ. މާކަނޑުގައި ކުރިން ހުޅުމާލެ އަށް ކުރި 20 މިނެޓުގެ ފެރީގެ އިހުސާސް ހަމަ އެގޮތުގައި އޮންނާނެ އެވެ. 

މީގެ އިތުރުން މާލެ ޕޯޓު ތިލަފުއްޓަށް ބަދަލު ކުރުން ވެސް މި ބްރިޖުގެ ސަބަބުން ލަސް ވާނެ އެވެ. މި ބްރިޖު އެޅިގެން ނޫން ގޮތަކަށް ޕޯޓާއި މާލެ ކަނެކްޓެއް ވެސް ނުކުރެވޭނެ އެވެ. އެހެންވެ މިއީ މާލެ އެއްކޮށް ހުއްޓުން ފަދަ ކަމެކެވެ. މިހާރު ފެންނަ މަންޒަރުން ތިލަމާލެ ބްރިޖު ހައްތާވާނީ ލަހެވެ. އެހެންވެ އެހެން ދިމާލަކުން ބްރިޖެއް އެޅުން ވެސް މިއަށްވުރެ ދިވެހިންގެ ހިތަށް ފަސޭހަވާނެ އެވެ. އެކަމަކު އެކަންވެސް ވާކަށް ނެތެވެ. އަށް ބިލިއަން ރުފިޔާގެ ބޮޑު ލޯނެއް ދިވެހިންގެ ބޮލުގައި ބްރިޖު އަަޅަން އެ އޮތީ އަޅުވާފަ އެވެ. 

ތިލަމާލެ ބްރިޖާމެދު މިހާރު ތިލަވެފައި ހުރި މައުލޫމާތުތަކާއެކު ދިވެހިން މިހާރުވަނީ އުންމީދު ގެއްލިފަ އެވެ. މި ބްރިޖާމެދު ފޫހިވެފަ އެވެ. އެ މަސައްކަތާމެދު އުންމީދު ކެނޑިފަ އެވެ. 

ކޮމެންޓް

2
450
ޙަމީދު
3 months ago

ބޮޑެތި ކަންކަން ވާނީ ލަހުން ،

ޙަސަން
3 months ago

ޢަހަރެން ކަންބޮޑުވަނީ އަހަރެންގެ މުނިކާފަ ދަރިންނާއެކު ތޮ ބުރިޖް ވެއްޓިދާނެތީވެ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.