ތިލަމާލެ ބްރިޖު ސިނަމާލެ ބުރިޖުހާ ރީތި ނުވިޔަސް ރައްކާތެރިވާނެ

މިނިސްޓަރު މުއްތޮލިބު ވިދާޅުވީ ވިލިމާލެ ބްރިޖުގެ ރައްކާތެރިކަމާމެދު ސުވާލެއް ނެތް ކަމަށެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު މިރޭގެ ފޯރަމްގައި ވާހަކަ ދައްކަވަނީ

މާލެއާ ހުޅުލެ ގުޅުވާލި ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް -- ސިނަމާލެ ބްރިޖުހާ، ތިލަމާލެ ބްރިޖު ފެންނަ ފެނުމަށް ރީތި ނުވި ނަމަވެސް ރައްކާތެރިކަމުގެ ގޮތުން އެއްވެސް މައްސަލައެއް ދިމާ ނުވާނެ ކަމުގެ ޔަގީންކަން އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިރޭ ދެއްވައިިފި އެވެ.

ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ މައުލޫމާތު ރައްޔިތުންނަށް ދިނުމަށްޓަކައި ރަސްރަނި ބަގީޗާގައި މިރޭ ބޭއްވި "އަހާ" ފޯރަމްގައި ތިލަމާލެ ބްރިޖުގެ ރައްކާތެރި ކަމާމެދު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ މާލެ-ވިލިމާލެ އަދި ގުޅީފަޅު ގުޅިގެންދާ ގޮތަށް އިންޑިއާގެ އެފްކޮންސް ކުންފުނިން އަޅަމުން ގެންދާ ބްރިޖުގެ ރައްކާތެރިކަމާ ބެހޭ މައްސަލައެއް ނޯންނާނެ ކަމަށެވެ. ނަމަވެސް އެ ބްރިޖް ސިނަމާލެ ބްރިޖުހާ ފެންނަ ފެނުމަށް ރީތި ނުވެދާނެ ކަމަށެވެ.

މިނިސްޓަރު އެހެން ވިދާޅުވީ ފޯރަމްގައި އާންމުންގެ މީހަކު އެކަން ފާހަގަ ކުރުމުންނެވެ. އާންމުންގެ އެ މީހާ ވަނީ ސިނަމާލެ ބްރިޖް ފަދައިން ރީތި ބްރިޖަކަށް ތިލަމާލެ ބްރިޖް ވާނެ ކަމަށް ނުބެލެވޭ ކަމަށާ މިހާރުވެސް ފެންނަ ފެނުމަށް އެކަން ޔަގީން ކުރެވޭ ކަމަށް ބުނެފަ އެވެ.

"މިހާރު [ތިލަމާލެ ބްރިޖުގައި] ފެންނަން ކޮފަޑަމް [ތަނބުގެ ވަށައިގެން ހަދާފައިވާ ދަނޑު އޮނިގަނޑު] ބްރިޖު ނިމިގެންދާއިރު ވެސް އޭގެ ބައެއް ފެންނަން ހުރެދާނެ. އެކަމަކު ބަލާބެލުމަށް ސްޓްރެކްޗަރަލީ ސިނަމާލެ ބްރިޖާ ރީތި ނުވެދާނެ، އެކަމަކު ސަލާމަތީ ގޮތުން ރައްކާތެރިވާނެ،" މުއްތޮލިބު ވިދާޅުވި އެވެ. 

ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތް ހިނގަނީ: ބްރިޖުގެ މަސައްކަތް ދަނީ ލަސްކޮށް -- މި ނޫހުގެ ފޮޓޯއެއް

ބްރިޖު އެޅުމުގެ ތަޖުރިބާކާރު އިންޖިނޭރެއް ކަމަށްވާ މިނިސްޓަރު މުއްތޮލިބް ކުރިން ވިދާޅުވި ގޮތުގައި ބްރިޖުގެ މަސައްކަތް ލަސްވެގެން ދިޔަ ސަބަބަކީ ރާއްޖޭގެ ތިމާވެށްޓާއި މޫސުން އަދި ކަނޑު އަޑީގެ މާހައުލުގައި ހުރި ގޮންޖެހުންތައް އަންޑައެސްޓިމޭޓް ކުރެވިގެންނެވެ.

"ކޯރެއްގައި މަސައްކަތް ކުރުމާ މިފަދަ ތަނެއްގައި މަސައްކަތް ކުރުމާ ވަރަށް ތަފާތު ވާނެ. މި ކަހަލަ މަސައްކަތުގައި ހުންނަ ގޮންޖެހުންތަށް ގިނަ. މި ކަހަލަ ކޮންޑިޝަންގައި މަސައްކަތް ކުރުމުގެ ތަޖުރިބާ މަދުވުމަކީ ގޮންޖެހުމެއް. 50 މީޓަރުގެ އަޑީގައި ތަނބު ޖަހައިގެން މަސައްކަތް ކުރުމަކީ ތަޖުރިބާ ގޮތުން ދުނިޔޭގައި ވެސް އެހާ ގިނަ ބައެއް ނޫން،" މުއްތޮލިބު ވިދާޅުވި އެވެ.

ތިލަމާލެ ބުރިޖްގެ މައުލޫމާތު ކުރުކޮށް

  •  ތިލަމާލެ ބްރިޖް އަޅަން އެފްކޮންސްއަށް ދިނީ އޮގަސްޓް 26، 2021 ގައި
  •  ކޯޒްވޭ ތަކާއެކު ބްރިޖްގެ ދިގު މިން 6.7 ކިލޯ މީޓަރު
  •  ސުޕަ ބްރިޖްގެ ދިގު މިނަކީ 3.6 ކިލޯ މީޓަރު
  •  ބްރިޖަށް 400 މިލިއަން ޑޮލަރުގެ ލޯނު ދެނީ އިންޑިއާގެ އެގްޒިމް ބޭންކުން
  •  މުޅި މަޝްރޫއުގެ އަގަކީ 500 މިލިއަން ޑޮލަރު
  •  އިންޑިއާގެ ހިލޭ އެހީގައި 100 މިލިއަން ޑޮލަރު
  •  220،000 ކިއުބިކް މީޓަރުގެ ސަރަހަދެއް ހިއްކާ ތޮށިލާން
  •  ބްރިޖާ ގުޅިފައިވާ ތިން ކިލޯމީޓަރުގެ މަގާއި ފާލަން ހިމެނޭ
  •  މަޝްރޫއުއަށް ލޯނު ދިނީ އިންޑިއާގެ އެގްޒިމް ބޭންކުން
ސިނަމާލެ ބްރިޖް: މިއީ ބަލާބެލުމަށް ވަރަށް ރީތި ބްރިޖެއް
އެފްކޮންސް - ދިވެހިރާއްޖޭގެ ގްރޭޓާ މާލޭ އޭރިއާގެ ކަނެކްޓިވީޓީއެއެއްގެ ގޮތުގައި ތިލާމާލެ ބްރިޖް އަޅަން ހަވާލުވެފައިވާ އިންޑިއާގެ އެފްކޮންސް އަކީ މަސައްކަތުގެ ތަޖުރިބާގައި ބައި ގަރުނަށްވުރެ ދިގު މާޒީއެއް އޮތް އަދި ދުނިޔޭގައި މަސައްކަތުގެ ވަރުދަ ނެޓްވޯކެއް އުފައްދައި ރަނގަޅު ޓްރެކް ރިކޯޑެއް ވެސް އޮތް ބްރިޖް / މެރިން ޕޯޓް ފެސިލިޓީ ކުންފުންޏެކެވެ.

ޕޯޓް ފެސިލިޓީގައި ދުނިޔޭ ހަ ވަނައިގައި އޮތީ އެފްކޮންސް އެވެ. ބްރިޖު އެޅުމުގައި ރަނގަޅު މަގާމެއް ހޯދާފައި ވެ އެވެ. އިންޑިއާގެ ބިލިއަނަރު ޝަޕޫރު މިސްޓްރީގެ ޝަޕޫރުޖީ ޕަލޮންޖީ (އެސްޕީ) ގްރޫޕުގެ ދަށުން ހިންގާ އެފްކޮންސް ކުންފުނީގެ ބައެއް އެސެޓް ވިއްކާލުމުގެ ގޮތުން ބާޒާރަށް ނުކުމެ އެ ކުންފުނިން ވަނީ ބޮޑެތި ކުންފުނިތަކާއެކު މަޝްވަރާތަކެއް ވެސް ފަށާފަ އެވެ. މި ބަދަލާއެކު އެފްކޮންސްގެ މައި ކުންފުނި އެސްޕީ ގްރޫޕުގައި އޮތް އެފްކޮންސްގެ ހިއްސާގެ އަދަދު މަދުވެގެން ދާނެ އެވެ. އެފްކޮންސް ކުންފުނިން ވިއްކަން ތައްޔާރުވާ އެސެޓްތަކުގެ ތެރޭގައި އެ ކުންފުނިން އިންޑިއާގެ އިރުމަތީ އައްސޭރީގައި އޮންނަ ގޯޕަލްޕޫރުގައި ތަރައްގީ ކޮށްފައިވާ ބަނދަރު ހިމެނެ އެވެ. އެ ކުންފުނިން މި ފައިސާ ހޯދަން ނުކުމެފައި ވަނީ ދައްކަން ޖެހޭ ދަރަނީގެ ބައެއް އަދާ ކުރާށެވެ.

ކޮމެންޓް

1
450
ހަސަން
3 months ago

ގިރާވަރާއި ހަމައަށް ބުރިޖު އަޅާބާ؟؟؟ ނޫނީ ތިލަފުށްޓާ ހަމައިން ނިންމާލަނީތަ؟؟؟؟

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.