ކަނޑު ހޯދަން މުނައްވަރުގެ އެހީ ހޯދަން ފައްޓަވައިފި

ފޯޅަވަހީގެ ރަށްތަކުގެ މައްސަލާގައި އަދި ރާއްޖޭގެ އިމުގެ މައްސަލާގައި ކުރީ ސަރުކާރުން ގޯސްތަކެއް ހަދަމުންދާކަން އާންމުންގެ ސަމާލު ކަމަށް ގެނެސް އެކަމުގެ ގެއްލުމާއި ނުރައްކަލުގެ ވާހަކަ އެންމެ ގިނައިން ދެއްކެވީ މުނައްވަރެވެ.

ކުރީގެ ބަންޑާރަ ނާއިބު ޑރ. މުހައްމަދު މުނައްވަރު: ކަނޑު ހޯދުމުގެ މަސައްކަތުގައި ވަނީ ބައިވެރިވެވަޑައިގެންފައި -- މި

ރާއްޖެއިން ގެއްލިފައިވާ ކަނޑުގެ ސަރަހައްދުން ހޯދުމަށް ކުރަމުންދާ މަަސައްކަތުގައި ކުރީގެ ބަންޑާރަނައިބު ޑރ މުހައްމަދު މުނައްވަރުގެ ގާނޫނީ ލަފާ ހޯއްދަވަމުން ގެންދަވާ ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން މިއަދު ބުނެފި އެވެ.

ފޯޅަވަހީގެ ރަށްތަކުގެ މައްސަލާގައި އަދި ރާއްޖޭގެ އިމުގެ މައްސަލާގައި ކުރީ ސަރުކާރުން ގޯސްތަކެއް ހަދަމުންދާކަން އާންމުންގެ ސަމާލު ކަމަށް ގެނެސް އެކަމުގެ ގެއްލުމާއި ނުރައްކަލުގެ ވާހަކަ އެންމެ ގިނައިން ދެއްކެވީ މުނައްވަރެވެ.

އަދި އިޓްލޮސްގެ ނިންމުމާއެކު ރާއްޖޭގެ ކަނޑުން ބައެއް ގެއްލުނު ކަމަށް ވިދާޅުވެ އެކަމުގެ ތަފްސީލް ދިވެހީންނާ ހިއްސާކޮށް ދެން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ފުރަތަމަ ވާހަކަ ދެއްކެވީ މުނައްވަރެވެ. ރިޔާސީ އިންތިހާބު ގައި ރައީސް މުއިއްޒަށް ތާއީދު ކުރައްވާ މުއިއްޒުގެ ޒައާމަތުގައި ކަނޑުން ގެއްލުނު ބައި ހޯދުމަށް މައްސަލަ އިސްތިއުނާފު ކުރައްވާނެ ކަމަށާ އެ މަސައްކަތު ގައި ފުރިހަމަ އެއްބާރުލުމާ އެހީތެރިކަން ދެއްވާނެ ކަމަަށް ވެސް މުނައްވަރު ވިދާޅުވި އެވެ.

ރާއްޖޭގެ އެކްލޫސިވް އިކޮނޮމިކް ޒޯންގެ ދެކުނުން ފޯޅަވައްސާ ފުށުއަރާ ކަމަށް ބުނެ އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮން ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން ނިމިދިޔަ ސަރުކާރުން ގެންގުޅެފައިވާ ސިޔާސަތަކީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ފުށުއަރާ ގޮތަށް އަދި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ފެންނާތީ ރައީސް މުއިއްޒްގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ފުރިހަމަ ކުރާނެ މަސައްކަތްތަކުގެ ތެރޭގައި މި މައްސަލާ ގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުން ބަދަލު ކުރުމަށް ކުރަން ޖެހޭ އެންމެހައި ކަންކަން ކުރުމަށް ބަންޑާރަ ނާއިބުގެ އޮފީހާއި ރައީސް ވަނީ ހަވާލު ކުރައްވާފައެވެ.

އެގޮތުން މި މައްސަލައާ ގުޅޭ ކަމާބެހޭ އެންމެހައި ލިޔެކިޔުތައް ހޯދައި އެލިޔެކިޔުންތައް ދިރާސާ ކުރުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން ކުރަމުންދާ ކަމަށާ މި މައްސަލާގައި ނިމިދިޔަ ސަރުކާރުގެ ފަރާތުން ދައުލަތުން ގެންގުޅެފައިވާ ގާނޫނީ ޕޮޒިޝަން އާއި އަމަލު ކޮށްފައިވާ ގޮތާ ގުޅޭގޮތުން ދިވެހިރާއްޖެ އާއި ބައިނަލްއަގްވާމީ އިސް މާހިރުންގެ ލަފާ ހޯދުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ. އަދި މި މަސައްކަތަށް ހާއްސަ ސަމާލުކަމެއް ދީގެން އަވަހަށް ކުރިއަށް ގެންދިޔުމަށްޓަކައި، މަސައްކަތްތައް ވިލަރެސް ކުރުމަށްޓަކައި ބަންޑާރަނާއިބު ހާއްސަ ކޮމިޓީއެއް ވެސް ވަނީ އެކުލަވާލާފައެވެ. ކޮމެޓީގައި ހިމެނެނީ ކުރީގެ ބަންޑާރަ ނާއިބު މުހައްމަދު އަނިލް އާއި ކާނަލް އަހްމަދު މުޖްތަބާ އާއި އަހްމަދު ޝިއާން އެވެ.

ބަންޑާރަ ނާއިބު އޮފީހުން މިއަދު ބުނީ އެ މަސައްކަތުގައި ކަނޑުތަކާ ބެހޭ ގާނޫނީ ދާއިރާގެ ހަބީރެއްގެ ހައިސިއްޔަތުން ކުރީގެ ބަންޑާރަނައިބު މުނައްވަރުގެ ގާނޫނީ ލަފާ ހޯއްދެވުމަށް ބަންޑާރަނައިބު ނިންމަވައި އެ މަސައްކަތް ކޮށްދެއްވުމަށް މުނައްވަރު އެއްބަސްވެވަޑައިގެން މިހާރު ވަނީ އެ މަސައްކަތް ފައްޓަވާފައި ކަމަށެވެ.

1993 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރުގެ ނިޔަލަށް ބަންޑާރަނައިބުކަން ކުރައްވާފައިވާ ޑރ މުހައްމަދު މުނައްވަރަކީ ރާއްޖޭގައި ގާނޫނީ ރޮނގުން ފާހަގަކޮށްލެވޭ ބޭފުޅެއްގެ އިތުރުން ބައިނަލްއަގްވާމީ ގާނޫނުތަކާއި ކަނޑުތަކާ ބެހޭ ގާނޫނުގެ ދާއިރާއިން ޑޮކްޓަރޭޓް ޑިގްރީ ހާސިލްކުރައްވާ، އަދި ހާއްސަކޮށް ކުދި ޖަޒީރާ ގައުމުތަކުގެ ކަނޑުގެ ސަރަގައްދުތަކާ ބެހޭ ދިރާސާތައް ކުރައްވާ، މި ދާއިރާގެ ފާހަގަކޮށްލެވޭ ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ގާނޫނީ މާހިރެކެވެ.

މުނައްވަރު ކުރައްވާފައިވާ މުހިއްމު މަސައްކަތްފުޅުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު އެކުލަވާލެއްވުމާއި ބައިނަލްއަގްވާމީ ކަނޑާ ބެހޭ މުއާހަދާ އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާ ގުޅޭ ގޮތުން ގިނަގުނަ ގާނޫނީ މަސައްކަތްތަކެއް ކުރެއްވުމުގެ އިތުރުން ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްއާ ގުޅިގެން ދިވެހިރާއްޖެއިން 2010 ވަނަ އަހަރު ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފަށް ހުށަހެޅި މައްސަލަ ދިވެހިރާއްޖެއިން ހުށަހަޅާފައިވަނީ ޑރ. މުނައްވަރުގެ ބެއްލެވުމުގެ ދަށުން ނެވެ. މީގެއިތުރުން، އިޓްލޮސް ގައި ކުރިޔަށްދިޔަ މައްސަލާގައި ކުރީގެ ސަރުކާރުން ގެންގުޅެފައިވާ ސިޔާސަތާބެހޭ ގޮތުންނާއި އެ މައްސަލާގައި އޭރުގެ ސަރުކާރުން އަމަލުކޮށްފައި ވަނީ ދިވެހިރާއްޖޭގެ މަސްލަޙަތު ހިމާޔަތްކުރެވޭ ފަދައަކުން ނޫންކަން ދިވެހި ރައްޔިތުންނަށް ހާމަކޮށްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކޮށްދެއްވާފައިވާ އެއް ބޭފުޅަކީވެސް މުނައްވަރު ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

މުނައްވަރުގެ އިތުރުން މި މައްސަލައާ ގުޅިގެން ގާނޫނީ ލަފާ ހޯދުމަށް އިނގިރޭސިވިލާތުގެ ކިންގްސް ކައުންސެލްއަކާއި ލޯ އޮފްދަ ސީ އާ ބެހޭ މޯލްޓާގެ ކަމާބެހޭ ތަޖުރިބާކާރެއް ވަނީ އައްޔަނުކޮށްފައެވެ. މި ދެ ގާނޫނީ މާހިރުންނަކީ ވެސް ކަނޑާބެހޭ މުއާހަދާ އާ ގުޅުންހުރި މި ފަދަ މައްސަލަތަކުގައި ފާހަގަކޮށްލެވޭ ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ދެބޭފުޅުން ކަމަށާ މި ދެބޭފުޅުންނާ ޙަވާލުކުރެވިފައިވާ މައިގަނޑު މަސައްކަތުގެ ތެރޭގައި ހިމެނެނީ މި މައްސަލައިގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުން ދިރާސާކުރުމާއި އެ މައްސަލަ އިޓްލޮސްގައި ކުރިޔަށް ދިޔައިރު ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ހުށަހެޅުންތަކުގައި ހުރި މައްސަލަތައް ދެނެގަތުމާއި މި މައްސަލަ ހިނގަމުންދަނިކޮށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިޙްގެ ފަރާތްޕުޅުން އޮގަސްޓް 22، 2023 ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއާ ގުޅިގެންނާއި އެ ބޭފުޅުންގެ ނަޒަރުގައި މި މައްސަލާގައި ދިވެހިރާއްޖެއިން ނެގެން ހުރި ދިފާއުތަކަކީ ކޮބައިތޯ އަދި އެ ގޮތަށް އަމަލުކުރި ނަމަ މައްސަލައިގެ ނިންމުމަށް ބަދަލެއް އައުމުގެ ފުރުސަތު އޮތްތޯ ބެލުމާއި މި މައްސަލައިގައި ދެން އަމަލުކުރެވިދާނޭ ގޮތްތަކަކީ ކޮބައިތޯ ބަލައި މިކަންކަމާގުޅޭ ގާނޫނީ ލަފާ ހޯދުން ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

މި މާހިރުންގެ މަސައްކަތް ނިންމަވާ ކުރިޔަށް އޮތް ފެބްރުވަރީ މަހުގެ ކުރީކޮޅު އެބޭފުޅުންގެ ގާނޫނީ ލަފާ ބަންޑާރަނައިބަށް ލިޔުމުން ހުށަހެޅުއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރާއްޖެއިން ގެއްލިފައިވާ ކަނޑުގެ ސަރަހައްދުން ހޯދުމަށް ކުރަމުންދާ މަަސައްކަތުގައި މުނައްވަރުގެ އެހީތެރިކަން ހޯދަމުންދާ ކަން ސަރުކާރުން ހާމަކޮށްފައި މިވަނީ ކަނޑު ހޯދަން ސަރުކާރުން ކުރާ މަސައްކަތު ގައި މުނައްވަރުގެ ބައިވެރިވުމާއި އެހީތެރިކަން ނުހޯއްދަވާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުވާލު އުފައްދަވާފައި ވަނިކޮށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.