ސަރުކާރުގެ މަތި ބަރެއް ނޫން، ސިޔާސީ މަގާމުތައް 500 އަށްވެސް ނާރާ

"އަޅުގަނޑުމެން އަދިވެސް އިތުރު މަގާމުތަކަށް މީހުން އައްޔަނު ކުރަމުން ދާނެ. އެއީ އަޅުގަނޑުމެން މިއައީ ވަރަށް ބައިވަރު ކަންކަން ކުރަން. އެހެންވީމަ އަދިވެސް މީހުން އައްޔަނު ކުރާނެ،"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް އޮފީހަށް ވަޑައިގަންނަވަނީ: ސަރުކާރުގެ މަތިބަރު ކަމަށް ބުނާ ވާހަކަ ކޯލިޝަނުން ދޮގު ކުރޭ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މަތިބަރު ކަމަށް ބުނެ ވާދަވެރީން ދައްކަމުންދަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާ މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 500 ވެސް ނާރާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު / ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

ކުރީ ދެ ސަރުކާރު -- ރައީސް ސޯލިހާއި ރައީސް ޔާމީންގެ ސަރުކާރާއި ބަލާއިރު ރައީސް މުއިއްޒުގެ ސަރުކާރު ގައި އަދި ސިޔާސީ މަގާމުތައް ގިނައެއް ނޫނެވެ. ނަމަވެސް މިއީ މިހާތަނަށް އެންމެ ގިނަ ވަޒީރުން ހިމެނޭ ސަރުކާރެވެ. އެ ފެންވަރުގެ ބޭފުޅުން ވެސް އެންމެ ގިނަ ސަރުކާރެވެ. އަދި ސްޓޭޓް މިނިސްޓަރުންނާއި ނާއިބުން އެންމެ ގިނަ ސަރުކާރު ވެސް މެ އެވެ.

އެކަން ފާހަގަކޮށް ވާދަވެރީން ދަނީ ފާޑުކިޔަމުންނެވެ. ރައީސް މުއިއްޒުގެ ވައުދަކީ ސިޔާސީ މަގާމުތަކުގެ އަދަދު 700 ގައި ހިފެހެއްޓުމެވެ. އޭގެ މައްޗަށް ނުގެންދަވާނެ ކަމަށް ވިދާޅުވި އެވެ.

ސަރުކާރަށް އަމާޒު ކުރަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމެއް ގައި ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުގެ މަތި ބަރު ކަމަށް -- ސިޔާސީ މަގާމުތައް ގިނަވެއްޖެ ކަަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ މަގާމުތަކުގެ އަދަދު 500 އަށް ވެސް ނާރާ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ތަސައްވުރެއް އޮވެގެން ކަމަށާ އެއީ ރާއްޖެ ބަދަލުކޮށްލާނެ ތަރައްގީގެ ވަރުގަދަ ތަސައްވުރެއް ކަމަށެވެ. އެ މަސައްކަތަށް އެމަނިކުފާނުގެ އަރިހުގައި އޮތީ ގާބިލު ޓީމެއް ކަމަށާ އެ ޓީމުގެ ބޭފުޅުން ސަރުކާރުގެ މަގާމުތަކަށް އަދިވެސް ވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑުމެން އަދިވެސް އިތުރު މަގާމުތަކަށް މީހުން އައްޔަނު ކުރަމުން ދާނެ. އެއީ އަޅުގަނޑުމެން މިއައީ ވަރަށް ބައިވަރު ކަންކަން ކުރަން. އެހެންވީމަ އަދިވެސް މީހުން އައްޔަނު ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ،"

މިއަދު އޮތް ނޫސްވެެރީންގެ ބައްދަލްވުމުގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ

އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުގެ މަތި ބަރު ކަމަށާ ސިޔާސީ މަގާމުތައް އިތުރުވެއްޖެ ކަމަށް ބުނެ ވާދަވެރީން ދައްކަނީ ބޭކާރު ވާހަކަތަކެއް ކަމަށެވެ.

ކުރީގެ ރައީސް ސޯލިހްގެ ސަރުކާރަށް ފާޑު ވިދާޅުވަމުން އަބްދުއްރަހީމް ވަނީ އެ ސަރުކާރުގައި ސިޔާސީ މަގާމުތަކުގައި ކިހާ އަދަދެއްގެ ބަޔަކު ތިބިތޯ ސުވާލު ކުރައްވާފައެވެ. ރައީސް ސޯލިހްގެ ސަރުކާރުގައި ސިޔާސީ މަގާމުތަކުގެ އަދަދު ހުރީ ފަނަރަސަތޭކައާ ގާތް ކުރާ އަދަދެއް ގައި ކަމަށް ވިދާޅުވި އެވެ. އެ ވާހަކަ ނުދައްކަނީ ކީއްވެގެންތޯ ވެސް ސުވާލު ކުރެއްވި އެވެ.

އަދި ވިދާޅުވީ ރައީސް މުއިއްޒު ސަރުކާރު ހިންގަވަނީ އާމްދަނީ ހޯދައިގެން ކަމަށާ މަގާމުތަކަށް އައްޔަނު ކުރާ ބޭފުޅުންނަކީ ނަމެއް ގައި އައްޔަނު ކުރައްވާ ބޭފުޅުން ނޫން ކަމަށެވެ. 22 މިނިސްޓްރީ އުފެއްދެވީ ވަރަށް ގިނަ ކަންކަން ކުރަން ރާއްވަވާފައި ހުރުމުން ކަމަށާ އެ މިނިސްޓްރީތަކަށް ސްޓޭޓް މިނިސްޓަރުންނާއި ނާއިބުން ލައްވަނީ ރާއްވަވާފައިވާ ކަންކަމުގައި އަމަލީ ކުލަ ޖެއްސުމަށް ކަމަށެވެ.

"އެއްގޮތަކަށް ވެސް ސިޔާސީ މަގާމުތަކަށް މީހުން ލާފައި އެ މީހުން އުޅޭނެހާ ތާކު އުޅެން ދޫކޮށްލާފައި އޮތީއެއް ނޫން،"

  •  22 މިނިސްޓަރުން
  •  މިނިސްޓަރުން ފެންވަރުގެ 20 ބޭފުޅުން
  •  77 ސްޓޭޓް މިނިސްޓަރުން
  •  ސްޓޭޓް މިނިސްޓަރުން ފެންވަރުގެ 8 ބޭފުޅުން
  •  154 ނާއިބުން
  •  ނާއިބުން ފެންވަރުގެ ނުވަ ބޭފުޅުން
ރައީސް މުއިއްޒު ކެބިނެޓްގެ ބައެއް މިނިސްޓަރުންނާ އެކު

އުޅެނީ ރައީސްގެ "އަތް ބަންނަން"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ގައި ސިޔާސީ މަގާމުތައް ބޮޑުތަނުން އިތުރުވަމުންދާކަން ފާހަގަކޮށް އެކަން ހުއްޓުވަން ގާނޫނު އަސާސީއާ ގާނޫނުތަކަށް ބަދަލު ގެންނަން ޖެހޭނަމަ އެކަން ކުރަން އެމްޑީޕީއާ ދަ ޑިމޮކްރެޓްސް ވަނީ އެއްބަސް ވެފައެވެ. އިއްޔެ ދެ ޕާޓީ ގުޅިގެން ބޭއްވި ނޫސްވެރީންގެ ބައްދަލްވުމެއް ގައި އެކަން ވަނީ ހާމަވެސް ކޮށްފައެވެ.

އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން އަބްދުއްރަހީމް ވަނީ އެ މަސައްކަތަކީ ރައީސްގެ "އަތް ބަންނަން" ކުރާ ކަމެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

"ރައްޔިތުން އިންތިހާބު ކޮށްފައިވާ ރައީސަކު 'އަތް ބަންނަން' ކުރާ މަސައްކަތަކަށް އަޅުގަނޑުމެން ތާއީދެއް ނުކުރަން،" އެމްޑީޕީއާ ޑިމޮކްރެޓްސްގެ އެ މަސައްކަތަށް ތާއީދު ނުކުރާނެ ކަމަށް ވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީން މަސައްކަތް ފަށާފައި ވަނީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށް ކަމަށެވެ. ޖަގަހަ ޖަލްސާތަކުން ހަގީގަތް އޮޅުވާ ނުލެވޭނެ ކަމަށް ވިދާޅުވި އެވެ. އަދި އެމްޑީޕީން ފަސް އަހަރު ވެރިކަން ކުރި ގޮތާއި ވެރިކަން ނިންމާފައި ދިޔައިރު ދައުލަތާއި ރައްޔިތުންގެ މާލަށް ހަދާފައިވާ ގޮތް ކިޔައިދޭން ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހެކިތަކާ އެކު ދައްކައިދޭނަން ކޮށްފައި ހުރި ކަންކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ކޮމެންޓް

1
450
ހުނޭ
3 months ago

ކިހާވަރެއް ވީމަތޯ މަތި ބަރުވުން ކިޔާނީ.. މުައިއްޒު ކުރީމަ ހަމަ ރަނގަޅުވީ ދޯ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.