ގާސިމާއި ނާޒިމާއި ސިޔާމްގެ ދާއިރާ ކޮންގްރެސް އިން ދޫކޮށްލައިފި

މިތިން ދާއިރާގެ އިތުރުން އެ ޕާޓީތަކަށް އިތުރު އެއްވެސް ދާއިރާއެއް ދޫކޮށްލަން ނިންމާފައެއް ނުވެ އެވެ. އެ ބޭފުޅުންނަށް އެ ދާއިރާތައް ދޫކޮށްލީ "އިހްތިރާމް" ކުރުމުގެ ގޮތުން ކަމަށް ވިދާޅުވި އެވެ.

ކާނަލް މުހައްމަދު ނާޒިމް (ކ) އަހްމަދު ސިޔާމް މުހައްމަދު (މ) ގާސިމް އިބްރާހިމް (ވ)

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި ތިން ދާއިރާއަކަށް ވާދަ ނުކުރަން ނިންމާފައިވާ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

ޕީޕީއެމާއި ޕީއެންސީ ހިމެނޭ ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ސަރުކާރާއެކު މަސައްކަތް ކުރާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ވާދަ ކުރައްވާ ދާއިރާތަކަށް ވާދަ ނުކުރަން އެ ދެ ޕާޓީން ނިންމާފައިވާ ކަމަށެވެ.

އެ ގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް މުހައްމަދު ނާޒިމް އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަންސްގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު ވާދަ ކުރައްވާ ދާއިރާތަކަށް ޕީޕީއެމް / ޕީއެންސީގެ ކެންޑިޑޭޓުން ނުނެރޭނެ ކަމަށެވެ.

  • ގާސިމް އިބްރާހިމް - މާމިގިލީ ދާއިރާ
  • މުހައްމަދު ނާޒިމް - މާފަންނު އުތުރު ދާއިރާ
  • އަހްމަދު ސިޔާމް މުހައްމަދު - މީދޫ ދާއިރާ

މާމިގިލީ ދާއިރާގެ މިހާރުގެ ވެސް މެންބަރަކީ ގާސިމް އިބްރާހިމެވެ. މިއީ އެމަނިކުފާނު އެ ގޮނޑިއަށް ވާދަ ކުރައްވާ ހަތަރުވަނަ ފަހަރެވެ. ނާޒިމް މިހާރު ފުރުއްވަނީ ދަނގެތީ ދާއިރާގެ ގޮނޑި އެވެ. ކުރީގެ ޑިފެންސް މިނިސްޓަރު، މަޖިލީހަށް ފުރަތަމަ ވާދަ ކުރެއްވީ މިދިޔަ 2019 ވަނަ އެވެ.

އަހްމަދު ސިޔާމް މުހައްމަދު، މީދޫ ދާއިރާގެ ގޮނޑި ފުރުއްވާތާ ވެސް 15 އަހަރު ވަނީ ވެފައެވެ.

އަބްދުއްރަހީމް ވިދާޅުވީ މިތިން ދާއިރާގެ އިތުރުން އެ ޕާޓީތަކަށް އިތުރު އެއްވެސް ދާއިރާއެއް ދޫކޮށްލަން ނިންމާފައި ނުވާ ކަމަށެވެ. އެ ބޭފުޅުންނަށް އެ ދާއިރާތައް ދޫކޮށްލީ "އިހްތިރާމް" ކުރުމުގެ ގޮތުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ހޮނިހިރު ދުވަހު އޮންނަ ޕްރައިމަރީ ގައި ވާދަ ކުރާނީ މުޅީން ވެސް އެ ދެ ޕާޓީގެ މެންބަރުން ކަމަށެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަަތަމަ ބުރުގައި ޕީޕީއެމް / ޕީއެންސީ ނިކުތީ ވަކީންނެވެ. ނަމަވެސް ދެވަނަ ބުރުގައި އެމްއެންޕީއާ އެމްޑީއޭގެ ތާއީދު ރައީސް މުއިއްޒަށް ދިނެވެ. ޖުމްހޫރީ ޕާޓީން ނިންމީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.