ވާހަކަ

އިންތިހާއަށް ލޯބިވީމާ – އެޕިސޯޑް 57

"އަހަރެން ދަރީންއާ އެކުގަ މާލެ ދާން ބޭނުން.. އަހަރެން ބޭނުން މިކަން ކުރިއަށް ދާއިރު ވަރަށް ގާތުގަ ހުންނަން.." ޝިފާ ބަލައިލީ އޭނާގެ ބޭބެއަށެވެ.

– އެޕިސޯޑް 57 –

ޝިފާގެ އެދުމަށް އޭނާގެ ބޭބެ އެއްބަސް ވިއެވެ. މާއިޒް އަކީ ޝިފާގެ ދެ ދަރީންގެ ބައްޕަ ކަމުން މިފަދަ ޙާލަތެއްގައި މިވަމުންދާ ގޮތް ވަރަށް ގާތުން ޝިފާއަށް އެނގެން ޖެހޭނެ ކަމުގައި ޝިފާގެ ބޭބެ ޤަބޫލުކުރިއެވެ.

"އޯކޭ ޝިފާ.. ރެޑީވޭ! އަހަރެން މި ބަލަނީ ދަތުރެއް ލިބޭތޯ.." ޝިފާގެ ބޭބެ އެހެން ބުނެ، ހިނގައިގަތީ މިއަދުގެ ފްލައިޓް ޝެޑިއުލް ޗެކް ކުރާށެވެ.

***

ގޭތެރޭގައި ދެކޮޅަށް ހާސް ވެގެން ސަމާ ހިނގަމުން ގެންދިޔައެވެ. ހަމަ ދެންމެ ދެންމެ ފުލުހުން ސަމާއަށް ގުޅައި ހައްޔަރު ކުރަން އުޅޭ ފަދަ އިޙްސާސެއް އޭނާއަށް ދިޔައީ ވަމުންނެވެ. ސަމާއަށް ހެދިފައިވާ ގޯސްތައް މަދެއް ނޫނެވެ. ހުރިހާ ގޯހެއް ހެދެން ފެށުނީ ނިއުޝާއާ ހިސާބުންނެވެ. ނިއުޝާ ދެކެ ވާން ފެށި ހަސަދަ އާއި ނަފުރަތުގެ ސަބަބުންނެވެ. ސަމާ ހުއްޓާ ނިއުޝާއަށް މޮޅެއް ލިބެން ނޭދެން ކުރެވެން ފެށި މަސައްކަތުގެ ނަތީޖާ ނިމިގެން މިދިޔައީ ސަމާ އުއްމީދު ކުރި ގޮތާ މުޅީން ޚިލާފުންނެވެ. ސަމާގެ ހުރިހާ ރޭވުން ތަކާއި، ދުށް ހުވަފެންތައް ބިލާހަކަށް ވެއްޖެއެވެ. މުޅި ދުނިޔޭގެ ކުރިމަތީގައި ފަޞީހަތް ވެއްޖެއެވެ. ކުޑައިރުންސުރެ ސަމާއަށްޓަކާ ޤުރުބާންވި އޭނާގެ މަންމަ ރޫމާއަށް ދައްކާނެ މޫނެއް ސަމާއަކަށް ނޭނގުނެވެ. އެމީހުން ދުވަހަކު ވެސް ސަމާއަކަށް މާފެއް ނުކުރާނެއެވެ.

ވިސްނާ ވިސްނާ ސަމާގެ ސިކުނޑި ސުމަކަށް ދަނީއެވެ. އެންމެ ފަހުން ސަމާ ނިންމީ އޭނާ ދުވަހަކު ވެސް ކުރަން ބޭނުން ނުވާ ކަންތައް ކުރާށެވެ. އެއީ ހަމަ އެކަނި އޮތް ރަނގަޅު ގޮތަކީ އެއީ ކަމުގައި ސަމާއަށް ވިސްނުމުންނެވެ. ހަދާނެ ގޮތް ހުސްވެފައިވާ ސަމާ އޭނާގެ ފޯނު ނެގިއެވެ. ގުޅަން ޑައިލް ކޮށްލީ ނިއުޝާއަށެވެ. ހުރިހާ ވާހަކައެއް ނިއުޝާއަށް ކިޔައި ދިނުމުގެ ބޭނުމުގައެވެ.

***

ނިއުޝާ ވިހައިގެން ގެއަށް ދޫކޮށްލިތާ 30 މިނެޓް ނުވެއެވެ. ނިއުޝާއަށް އޭނާގެ ފޯނަށް ބަލައިލެވުނީ އޭނާގެ ފޯނު ރިންގުވާ ފެށުމުންނެވެ. ސަމާގެ ކޯލެއްކަން އެނގުމުން ނިއުޝާއަށް ލިބުނީ ހައިރާން ކަމެކެވެ. ދެ ޚިލާޔެއްގައި އިނދެ ނިއުޝާ ފޯނު ނެގިއެވެ. އަދި "ހަލޯ" އޭ ބުނެ އެނދުން ތެދުވިއެވެ.

"ހަލޯ!" އެކޮޅުން ޖަވާބެއް ނައުމުން ނިއުޝާ ތަކުރާރު ކޮށް ބުނެލިއެވެ. ނިއުޝާގެ ކަންފަތުގައި ދެން ޖެހުނީ ސަމާގެ ގިސްލުމުގެ އަޑެވެ. އެއީ ވޭނީ ގިސްލުމެއްގެ އަޑެކެވެ. ނިއުޝާގެ ހިތުގައި އެތައް ސުވާލެއް ބިންވަޅު ނެގިގެން ދިޔައެވެ. ހާސް ކަމަކާއެކުގައެވެ.

"ސަމާ! ކިހިނެއްވީ؟ މަންމައަށް ކަމެއް ވީތަ؟ ނޫނީ ބައްޕަ؟" ނިއުޝާގެ ބޮލަށް އެންމެ ފުރަތަމަ ވެސް ވަނީ މަންމަ އާއި ބައްޕައެވެ. އެދެމީހުންނަށް ކަމެއް ވީކަމުގައި ނިއުޝާއަށް ބެލެވުނީއެވެ.

"ނޫން ނިއުޝާ! އަހަންނަށް މާފު ކުރޭ!.." ސަމާ ގެންދިޔައީ ހުއްޓާ ނުލާ ރޮމުންނެވެ. ވާހަކަދައްކަން ފެށުމުން ރުއިމުގެ އަޑު ވެސް ބާރު ވެގެން ދިޔައެވެ.

"ކިހިނެއްވީ ސަމާ؟ ކިޔާދީބަ!" ނިއުޝާ ހުރީ ބޮޑު ވާނުވާއެއްގައެވެ. ނިއުޝާއަށް ޔަޤީންވާ ކަމަކީ ސަމާއަށް ބޮޑު ކަމެއް ވެއްޖެކަމެވެ. ސަބަބެއް ނެތި ނިއުޝާއާ ޖައްސާލައިގެން އުޅުން މީހެއް ކުއްލިއަކަށް ގުޅާފައި މިފަދަ ގޮތަކަށް ވާހަކަދައްކާނީ ވަރަށް ބޮޑު ކަމެއް ދިމާވުމުންނެވެ.

"އަހަރެން މީ ކުށްވެރިއެއް.. ނިއުޝާގެ ކުށެއް ނެތް! ހުރިހާ ވެސް މައްސަލަ އަކީ އަހަރެންގެ އަމިއްލަ އެދުން.. އެންމެ ކުޑަ ދުވަހުން ފެށިގެން ބައްޕައެއްގެ ލޯބި އަހަންނަކަށް ނުލިބުން.. އެހެންވެ ނިއުޝާގެ ބައްޕަ... އަހަރެން ދެކުނީ އެއީ އަހަރެންގެ ވެސް ބައްޕަ ކަމުގަ.. އެކަމު، އަހަރެންނަށް އިޙްސާސްވީ ބައްޕަ އެއްގެ ލޯބި އަހަންނަށް ލިބޭނީ އެ ލޯބި ނިއުޝާގެ އަތުން ފޭރިގަނެގެންކަން.. އެއީ އަހަންނަށް ހެދުން ވަރަށް ބޮޑު މިސްޓޭކެއް.. އެގޮތަށް ވިސްނިގެން އަހަރެން އެހެން އަމަލު ވެސް ކުރީން.. ނިއުޝާއޭ ކިޔައިގެން ބައްޕަ ގާތުގަ ދޮގު ވާހަކަ ދައްކާ ބައްޕަ ހިތުގަ ނިއުޝާއާ މެދުގަ ނަފުރަތް އުފެއްދި މީހަކީ އަހަރެން.." ސަމާގެ ވާހަކަ އެހިސާބަށް ދިޔަ އިރަށް، ނިއުޝާގެ ދެލޯ ކަރުނައިން ފުރި ބާރުވެއްޖެއެވެ.

"އަހަރެން އެވަރުން ވެސް ނިއުޝާ ދުލެއް ނުކުރަން... ނިއުޝާގެ ކޮންމެ ކަމަކަށް އަހަރެން ހަސަދަވެރިވިން.. މާއިޒްއާ ލޯބީގެ ގޮތުން ނިއުޝާ ގުޅުންކަން އެނގުމުން، އެކަމުގެ ތެރެއަށް ވެސް އަހަރެން ވަނީ.. އެކަމު އަހަރެންނަށް އޭރު ނޭނގި އޮތީ މާއިޒް އަކީ ޖަނަވާރެއްކަން.. އެއީ އިންސާނެއް ނޫންކަން ނޭނގި އަހަރެން ފޭހުން އިލޮށިގަނޑު ހެރުނީ ސީދާ އަހަރެންގެ ދެލޮލަށް." ސަމާ ހުރިހާ ވާހަކަތަކެއް ކިޔާދެމުން ދިޔައީ ރޮމުންނެވެ. އަޑު އަހަން ހުރި ނިއުޝާއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ.

"ނިއުޝާ! އަހަރެންނަށް ދުވަހަކު ވެސް މާފު ނުކުރާނެ ކަމެއް އަހަރެން އަދި ވެސް ކުރީން.. ނިއުޝާގެ ދިރިއުޅުން ހަލާކުކޮށްލި މީހަކީ ސީދާ އަހަރެން.. ފަޔާޒްގެ އެއްވެސް ކުށެއް ނެތް! އެއީ މައުސޫމް މީހެއް.. ފަޔާޒްގެ ސައިކަލްގެ މަޑިދަށަށް ޑްރަގްސް އެޅީ ސީދާ އަހަރެން އަޑީގަ ހުރެގެން.. އެއީ އަހަރެންގެ ރޭވުމެއް.. ފުލުހުންނާ ވެސް ގުޅިގެން އަހަރެން ހިންގި ކަމެއް އެއީ.. ހަމައެކަނި އެންމެ ބޭނުމެއްގަ. ނިއުޝާގެ މުޅި ދިރިއުޅުން ހަލާކު ކޮށްލަން.." މޭމަތީގައި އަތް އަޅައިގެން ގަދައަށް ރޮމުން ސަމާ ވާހަކަދެއްކިއެވެ.

ސަމާ ދެއްކި ވާހަކައިން ނިއުޝާ ފަހަތަށް ފިޔަވަޅު ނަގަމުން ގޮސް ފާރަށް ބުރަކަށި ތަތްކޮށްލެވުނެވެ. އަނގަ ހުޅުން ގޮތަށް ލައްޕަން ވެސް ނިއުޝާއަކަށް ނޭނގުނެވެ. އޭނާގެ ދެލޮލުން އެވަގުތު ވެސް ހޯސްލާފައި ފައިބަމުންދާ ކަރުނަތައް، އޭނާގެ ކޯތާފަތް މަތީގައި ބީހިލާފައި ގޮސް ތުންފަތުން އަނގައަށް ކުދި ތިކިތަކެއް ގޮތަށް ޖަހަމުން ދިޔައެވެ. ނިއުޝާގެ ހުޅުވިފައިވާ އަނގައިގެ ތިރީ ތުންފަތް ދިޔައީ ހިތާމައިގެ ވޭނުން ތުރުތުރު އަޅަމުންނެވެ. ނިއުޝާގެ ހިތަށް ލިބެމުން ދިޔައީ ދިލަ އާވި ތަދެކެވެ. ނިއުޝާގެ އަތުން ފޯނު ދޫވެގެން ގޮސްސިއެވެ. ވެއްޓި ޖެހުނީ ކޮޓަރީގެ ޓައިލްސް މައްޗަށެވެ. ޖެހި ބުދެއްހެން ނިއުޝާއަށް ހަމަ ހުރެވުނީއެވެ. އޭނާގެ މުޅި ޙަޔާތް ހަތަރު ފާރުގެ ތެރޭގައި ތާށީވެގެން ދިޔަ ފަދައެވެ.

"ފަޔާ.." ނިއުޝާގެ ދުލުން ބޭރުވީ ހަމައެކަނި އެވަރަށެވެ. އިސްތަށިގަނޑުގައި ދެއަތުން ހިފާ ބާރަށް ފިއްތާލަމުން "މޮޔަ"އެއްހެން މީހާ ތެޅެން ފަށައިގަތެވެ. ގައިގެ އެކި ތަންތަނުގައި މުށްކަވާ ތަޅަމުން ނިއުޝާ ގެންދިޔައެވެ. ކަމުގެ ޙަޤީޤަތާ ކުރިމަތިލާނެ ހިތްވަރެއް ނިއުޝާއަކަށް ނުލިބުނެވެ. ދުނިޔޭގައި ހުންނާކަށް ނިއުޝާ ބޭނުން ނުވާ ކަހަލައެވެ. ބޮލުގެ އިސްތަށިގަނޑު ހާވާލައިގެން، ނިއުޝާ ހުރި އިރު އޭނާ ހީވަނީ ހާމުންޑިއެއް ހެންނެވެ. އަމިއްލަ ނަފުސަށް އެތައް އަނިޔާއެއް ދެމުން ނިއުޝާ އެންމެ ފަހުން ނިކަން ބާރަށް ފާރުގަ އޭނާގެ ބޯ ޖެހިއެވެ. ހަމަ އެއާއެކު، ނިއުޝާއަށް އަނދިރި ވެގެން ކޮޓަރި ތެރެއަށް އޭނާ ވެއްޓުނެވެ. (ނުނިމޭ)

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.