އދ. ޓޫރިޒަމް ޖަމިއްޔާއަށް ލަފާ ދޭ ހާއްސަ ޓޫރިޒަމް އެޑްވައިޒަރަކަށް ޖަނާ

ޖަނާވެފައިވަނީ ދުނިޔޭގެ ވިޔަފާރީގެ ކޮމިއުނިޓީ ބަލައިގެންފައިވާ ބޭފުޅަކަށެވެ. އެމަނިކުފާނު އެންމެފަހުން ފުރުއްވި އެންމެ ބޮޑު މަގާމަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ޖަމިއްޔާ އިފޮޕްކާގެ ރައީސްކަން ކުރެއްވުމެވެ

އދ. ގެ ޓޫރިޒަމް ޖަމިއްޔާ، ޔޫއެންޑަބްލިޔުޓީއޯއަށް ލަފާދޭ ހާއްސަ އެޑްވައިޒަރުގެ މަގާމަށް ޖަނާ އައްޔަންކޮށް ރަމްޒީ ޕްލާކް އަރުވަނީ

އދ. ގެ ޓޫރިޒަމް ޖަމިއްޔާ، ޔޫއެންޑަބްލިޔުޓީއޯއަށް ލަފާދޭ ހާއްސަ އެޑްވައިޒަރުގެ މަގާމަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު އައްޔަން ކޮށްފި އެވެ. މިއީ ދުނިޔޭގެ ޓޫރިޒަމް ޖަމިއްޔާގައި ޓޫރިޒަމްގެ ލަފާތައް އަރުވަން ހާއްސަ އެޑްވައިޒަރެއްގެ މަގާމަށް ދިވެއްސަކު އައްޔަން ކުރި ފުރަތަމަ ފަހަރެވެ.

ޖަނާއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެސް އެޑަވައިޒަރެކެވެ. އެގޮތުން ޕްރިންސިޕަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ މަގާމުގައި މިހާރު ހުންނަވަނީ ޖަނާ  އެވެ. އެކަމަކު އެއީ  މުސާރައާ އިނާޔަތް އޮންނަ މަގާމެއް ނޫނެވެ.

ސްޕެއިންގެ މެޑްރިޑްގައި ކުރިއަށްދާ ފިތޫރު ފެއާގައި އޮތް ދުނިޔޭގެ 150 ގައުމުގެ ޓޫރިޒަމް ވަޒީރުންނާއި މިނިސްޓަރުންގެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ ޓޫރިޒަމް ހާއްސަ އެޑްވައިޒަރުގެ މަގާމު ހަވާލު ކޮށްދެއްވީ ޔޫއެން ޓޫރިޒަމް ޖަމިއްޔާގެ ސެކްރެޓެރީ ޖެނެރަލަށް ޒުރާބް ޕޮލޮލިކަޝްވިލީ އެވެ. 

ޖަނާ ވިދާޅުވީ އެ މަގާމަށް އޭނާ އައްޔަން ކުރުމުން މާތްﷲ އަށް ހަމްދުކުރާ ކަމަށާ މި މަގާމާއެކު އެންމެ ބޮޑަށް އިސްކަން ދެއްވާނީ ދުނިޔޭގެ ޓޫރިޒަމް ހިދުމަތް ކުރެއްވުމުގެ ތެރެއިމް ރާއްޖެ އަށް ފުރުސަތު ހޯދައި ދެއްވުން ކަމަށެވެ. 

"ދުނިޔޭގެ ޓޫރިޒަމްގައި ހުރި ފުރުސަތުތަކުގެ މަންފާ ރާއްޖެ އަށް ހޯދައިދީ ހިދުމަތް ކުރަން ހާއްސަ އިސްކަމެއް އަޅުގަނޑު ދޭނަން،" ރާއްޖޭގެ ގައުމީ ކޮންސްޓްރަކްޝަން ޖަމިއްޔާގެ ރައީސްކަން ވެސް ކުރައްވާ ޖަނާ ވިދާޅުވި އެވެ. 

ދުނިޔޭގެ ޓޫރިޒަމް ޖަމިއްޔާއަށް ލަފާދެއްވަން ޖަނާ އައްޔަން ކުރިއިރު އޭނާއަކީ ދުނިޔޭގެ އެކިގައުމުތަކުން ރާއްޖެއަށް ފައިނޭންސް ގެނެސްގެން އަމިއްލައަށް ރާއްޖޭގައި ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ އެއް ރިސޯޓް، ވޮލްޑޯފް އެސްޓޯރިއާ އިތާފުށި މޯލްޑިވްސް ތަރައްގީކޮށް ހިންގަވާ އެއް ހިއްސާދާރެވެ. 

ޖަނާ ވަޑައިގެންފައި ވަނީ ރާއްޖޭގެ ވިޔަފާރީގެ ކެޕޭސިޓީ ރާއްޖޭން ބޭރަށް ވިއްކާ ވިޔަފާރި ލީޑަރަކަށެވެ. ދުނިޔޭގެ ޓޫރިޒަމް ޖަމިއްޔާގެ ރައީސާއި އދ. އާއްމު މަޖިލީހުގެ ރައީސްގެ ހާއްސަ ދައުވަތަކަށް ދުނިޔޭގެ ޓޫރިޒަމްގެ ވާހަކަ ދައްކަވަން އދ. ޕޯޑިއަމުން ވެސް ޖަނާ ފެނިގެން ގޮސްފައިވެ އެވެ. 

ދުނިޔޭގެ ވިޔަފާރި ކޮމިއުނިޓީއާއެކު ކުރައްވާ މަސައްކަތްތަކުގެ އިތުރުން ދިވެހިން ބޭނުންވި ކޮންމެ ވަގުތެއްގައި އެހީތެރިކަން ދެއްވުމުގައި ވެސް ޖަނާގެ ހުޝިޔާރުކަން ފެނެ އެވެ. އެފަދަ އެއް ހާދިސާއަކީ ރަޝިއާއިން ޔޫކްރޭނަށް އެރުމާއެކު އެ ގައުމުގައި ތާށިވެފައި ތިބި ދިވެހި ކިޔަވާ ކުދިން ސަލާމަތުން ރާއްޖެ ގެންނަން ޖަނާ ކުރެއްވި މަސައްކަތް ތަކެވެ. ހަންގޭރީގެ ކޮންސިއުލް ޖެނެރަލްގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ޖަނާ ކުރެއްވި އެ މަސައްކަތް ދިވެހި ސަރުކާރުން ވަނީ ފާހަގަ ކޮށްފައެވެ

ޖަނާ ވެފައިވަނީ ދިވެއްސަކު މެދުއިރުމަތީގެ ގައުމެއްގައި ބޮޑު ޓޫރިޒަމް މަޝްރޫއެއް ހިންގި ހަމައެކަނި ވިޔަފާރިވެރިޔާ އަށެވެ. އަދި ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ދަތި ހިސާބު ކަމަށްވާ މާލެއާ ދުރުގައި އޮތް ހުވަދު އަތޮޅުގައި ޓޫރިޒަމް ފައްކާކޮށް އެއާޕޯޓެއް އެޅީ ޖަނާ އާއި ސިންގަޕޫރުގެ ޕާޓްރެއްގެ ބައިވެރި ވުމާއެކުގަ އެވެ. ދުނިޔޭގެ އެންމެ މަޝްހޫރު ޓޫރިޒަމް ބްރޭންޑް ކަމަށްވާ ހިލްޓަންގެ ވޯލްޑޯފް އެސްޓޯރިއާގެ ހަތް ތަރީގެ ރިސޯޓެއް ހިންގަވަ އެވެ. އެ ޕާޓްނާޝިޕް ގުޅިފައި ވަނީ މެދުއިރުމައްޗާ އެވެ. 

މިހާރު އެ ރިސޯޓްވެފައި ވަނީ ރާއްޖޭގެ އެންމެ އަލިގަދަ އެއް އައިކަން އަށެވެ. ދުނިޔޭގެ މަޝްހޫރު ސެލެބްރިޓީން އެންމެ ގިނައިން މަޑުކުރާ އެއް ރިސޯޓަކަށް ވެފައިވަނީ އެ ރަށެވެ. ޖަނާ ވެފައި ވަނީ ވިޔަފާރީގެ ވަރުގަދަ ދިވެހި ލީޑަރަކަށެވެ.

ކޮމަންވެލްތުގެ ވިޔަފާރިވެރިންގެ "ކްލަބް" ގްލޯބަލް އެޑްވައިޒަރީ ކައުންސިލްގެ ބޯޑަށް ވެސް ދާދި ފަހުން ޖަނާ ވަނީ ހަމަޖައްސަވާފަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސިނާއީ ޖަމިއްޔާ، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންރެކްޓާސް އެސޯސިއޭޝަންސް (އިފޮޕްކާ) އިން ދޭ އެންމެ ޝަރަފުވެރި އިނާމު -- "އިޔޯ ޗުން ލޭ" ވެސް ވަނީ ޖަނާ އަށް އަރުވާފަ އެވެ. އެ ޖަމިއްޔާގެ ރައީސްކަން ވެސް ޖަނާ ކުރެއްވި އެވެ. ދެކުނު އޭޝިއާ ޓޫރިޒަމް ދާއިރާގައި އެންމެ ވަރުގަދަ ސަހްސިއްޔަތަށް އަލަށް ދޭން ފެށި ޓޫރިޒަމް ފޭސް އޮފް ސައުތު އޭޝިއާ އެވޯޑް ވަނީ ޖަނާ އަށް ލިބިވަޑައިގެންފައި ވެއެވެ. 

ކޮމެންޓް

1
450
މަޝާރު
3 months ago

މަރުހަބާ ޖަނާ. އަޅުގަނޑުމެން ދިވެހިން ފަހުރުވެރިވާފަދަ ދިވެހި ދަރިއެއްތީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.