ކަނޑު ހޯދަން މުނައްވަރުގެ އެހީ ނުހޯދާތީ ޔާމީންގެ ސުވާލު އުފައްދައިފި

ޔާމީން ވިދާޅުވީ އެމަނިކުފާނު ސުވާލު އުފައްދަވަނީ ސަރުކާރުން ކުރާ ހުރިހާ ކަންކަން ނޫން ކަމަަށާ ނަމަވެސް މުނައްވަރު ދުރުކުރުން އެެއީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ކުރީގެ ބަންޑާރަ ނާއިބު ޑރ. މުހައްމަދު މުނައްވަރު

ދިވެހިރާއްޖޭގެ ކަނޑުގެ ބައެއް ގެއްލިފައިވާ މައްސަލައާ ގުޅިގެން ކަނޑުގެ އެ ބައި ހޯދަން ސަރުކާރުން ކުރާ މަސައްކަތު ގައި ކުރީގެ ބަންޑާރަ ނާއިބު ޑރ. މުހައްމަދު މުނައްވަރުގެ ބައިވެރިވުމާއި އެހީތެރިކަން ނުހޯއްދަވާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުވާލު އުފައްދަވައިފި އެވެ.

އެ މަސައްކަތުގައި މުނައްވަރުގެ ބައިވެރިވުމެއް ނުހޯއްދަވާތީ ސުވާލު އުފައްދަވާ ރައީސް ޔާމީން ވާހަކަ ދެއްކެވީ ރޭ ޕީއެންއެފް އޮފީހުގައި އޮތް ޖަލްސާ އެެއްގަ އެވެ. ވިދާޅުވީ ކަނޑުން ބައެއް ގެއްލުނު މައްސަލާގައި މުނައްވަރު ނުކުންނަވާ ކުރެއްވީ މުހިންމު މަސައްކަތްތަކެއް ކަމަށެވެ. 

ލިބިވަަޑައިގެން ހުންނެވި އިލްމާއި ތަޖުރިބާގެ އަލީގައި ރައްޔިތުން ހޭލުންތެރި ކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކަށް މުނައްވަރު ވެވަޑައިގެންނެވިއިރު އަމަލީ މަސައްކަތް ކުރަންވީ ވަގުތު އެމަނިކުފާނުގެ ބޭނުން ނުކުރައްވާ އެކަހެރި ކުރެއްވީ ކީއްވެގެންތޯ ވެސް ޔާމީން ސުވާލު އުފެއްދެވި އެވެ.

"ކީއްވެގެން ބާއޭ މި ހަފޮޅުން ބޭރަށް މި މަސައްކަތް އަޅުގަނޑުމެންނަށް ކޮށް މި ތަންފީޒު ކުރާ ހިސާބަށް ދިޔައީމަ ޑރ. މުނައްވަރު މިކަމުން ބޭރަށް މި ގެންދިޔައީ،" 

ޔާމީން ވިދާޅުވީ އެމަނިކުފާނު ސުވާލު އުފައްދަވަނީ ސަރުކާރުން ކުރާ ހުރިހާ ކަންކަން ނޫން ކަމަަށެވެ. ނަމަވެސް މުނައްވަރު ދުރު ކުރުން އެެއީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

އަދި އޭގެ ބަދަލުގައި ނެންގެވި ބޭފުޅުން ކުރީން ކޮބައިތޯއާ އޭރު އެއްވެސް މަސައްކަތަކާ ވާހަކައެއް ނުދެއްކެވުމަކީ ވެސް ސުވާލު އުފެދޭ ކަމެއް ކަމަށެވެ. ޔާމީން އެ އިޝާރާތް ކުރައްވަނީ ސަރުކާރުގެ ކޮމެޓީ ގައި އިސްކޮށް ހުންނެވި ކުރީގެ ބަންޑާރަ ނައިބު އަނިލް އަށެވެ. އަނިލް އަކީ ޔާމީންގެ ސަރުކާރުގެ ބަންޑާރަ ނާއިބެވެ.

ކަނޑުގެ މައްސަލާ ގައި ގާނޫނީ އިސް ބޭފުޅުން ކަންބޮޑުވެ އެތައް ވާހަކައެެއް ދެއްކެވި ނަމަވެސް އޭރު އަނިލްގެ ބައިވެރިވުމެއް އެކަމާ ގުޅޭ އެއްވެެސް ކަމެއްގައި ނެތެވެ. އިޓްލޮސް ގައި ހިނގި މައްސަލައިގެ ހައްސާސް ކަން ބަޔާންކޮށް ކުރީގެ ބަންޑާރަ ނާއިބުން ބަޔާނެއް ނެރުއްވިއިރު ވެސް އަނިލްއަށް ބައިވެރިވެވަޑައިގަތުމަަަށް ދައުވަތު ދެއްވުމުން ވެސް ބައިވެރިވެވަޑައިނުގެންނެވި އެވެ.

ސަރުކާރުން ގެންދަނީ ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދާނެ ކަމަަަދް ތަކުރާރުކޮށް ބުނަމުންނެވެ. ޑރ. މުނައްވަރަކީ ލޯ އޮފް ސީސްގެ ދުނިޔޭގެ ފެންވަރުގެ މާހިރެކެވެ. 

ފޯޅަވަހީގެ ރަށްތަކުގެ މައްސަލާގައި އަދި ރާއްޖޭގެ އިމުގެ މައްސަލާގައި ކުރީ ސަރުކާރުން ގޯސްތަކެއް ހަދަމުންދާކަން އާންމުންގެ ސަމާލު ކަމަށް ގެނެސް އެކަމުގެ ގެއްލުމާއި ނުރައްކަލުގެ ވާހަކަ އެންމެ ގިނައިން ދެއްކެވީ މުނައްވަރެވެ.

އަދި އިޓްލޮސްގެ ނިންމުމާއެކު ރާއްޖޭގެ ކަނޑުން ބައެއް ގެއްލުނު ކަމަށް ވިދާޅުވެ އެކަމުގެ ތަފްސީލް ދިވެހީންނާ ހިއްސާކޮށް ދެން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ފުރަތަމަ ވާހަކަ ދެއްކެވީ މުނައްވަރެވެ. ރިޔާސީ އިންތިހާބު ގައި ރައީސް މުއިއްޒަށް ތާއީދު ކުރައްވާ މުއިއްޒުގެ ޒައާމަތުގައި ކަނޑުން ގެއްލުނު ބައި ހޯދުމަށް މައްސަލަ އިސްތިއުނާފު ކުރައްވާނެ ކަމަށާ އެ މަސައްކަތު ގައި ފުރިހަމަ އެއްބާރުލުމާ އެހީތެރިކަން ދެއްވާނެ ކަމަަށް ވެސް މުނައްވަރު ވިދާޅުވި އެވެ.

ރާއްޖޭގެ އެކްލޫސިވް އިކޮނޮމިކް ޒޯންގެ ދެކުނުން ފޯޅަވައްސާ ފުށުއަރާ ކަމަށް ބުނެ އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮން ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން ނިމިދިޔަ ސަރުކާރުން ގެންގުޅެފައިވާ ސިޔާސަތަކީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ފުށުއަރާ ގޮތަށް އަދި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ފެންނާތީ ރައީސް މުއިއްޒްގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ފުރިހަމަ ކުރާނެ މަސައްކަތްތަކުގެ ތެރޭގައި މި މައްސަލާ ގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުން ބަދަލު ކުރުމަށް ކުރަން ޖެހޭ އެންމެހައި ކަންކަން ކުރުމަށް ބަންޑާރަ ނާއިބުގެ އޮފީހާއި ރައީސް ވަނީ ހަވާލު ކުރައްވާފައެވެ.

އެގޮތުން މި މައްސަލައާ ގުޅޭ ކަމާބެހޭ އެންމެހައި ލިޔެކިޔުތައް ހޯދައި އެލިޔެކިޔުންތައް ދިރާސާ ކުރުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން ކުރަމުންދާ ކަމަށާ މި މައްސަލާގައި ނިމިދިޔަ ސަރުކާރުގެ ފަރާތުން ދައުލަތުން ގެންގުޅެފައިވާ ގާނޫނީ ޕޮޒިޝަން އާއި އަމަލު ކޮށްފައިވާ ގޮތާ ގުޅޭގޮތުން ދިވެހިރާއްޖެ އާއި ބައިނަލްއަގްވާމީ އިސް މާހިރުންގެ ލަފާ ހޯދުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ. އަދި މި މަސައްކަތަށް ހާއްސަ ސަމާލުކަމެއް ދީގެން އަވަހަށް ކުރިއަށް ގެންދިޔުމަށްޓަކައި، މަސައްކަތްތައް ވިލަރެސް ކުރުމަށްޓަކައި ބަންޑާރަނާއިބު ހާއްސަ ކޮމިޓީއެއް ވެސް ވަނީ އެކުލަވާލާފައެވެ. ކޮމެޓީގައި ހިމެނެނީ ކުރީގެ ބަންޑާރަ ނާއިބު މުހައްމަދު އަނިލް އާއި ކާނަލް އަހްމަދު މުޖްތަބާ އާއި އަހްމަދު ޝިއާން އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.