ޔާމީން މިނިވަންކުރުން ލަސްވާތީ ޖުޑީޝަރީއާ ސަރުކާރަށް ޖަމީލްގެ ވަރުގަދަ އިންޒާރެއް

"ޖުޑިޝަރީއަށް ވަރަށް ސާފު ސަރީހަކޮށް، ސަމާސާ ކުރުއްވަން ނޫޅުއްވާށޭ. ކެތްތެރިކަން ވަކި ވަރަކަށޭ އޮންނާނީ. އަޅުގަނޑުމެން ތެދުވާނަމޭ. އިހުތިޖާޖު ވެސް ކުރާނަމޭ"

ރައީސް ޔާމީންގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު -- މުހައަމަދު އަބްސަމް / މި ނޫސް

ދިގު މުއްދަތުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުގައްޔޫމްގެ އިސްތިއުނާފު ދިގު ދަންމާ އެމަނިކުފާނު މިނިވަން ކުރުން ފަސްކުރާ ކަމުގެ ތުހުމަތު ގައި ޔާމީންގެ އިސް ވަކީލު، ޑރ. މުހައްމަދު ޖަމީލް އަހްމަދު، ޖުޑީޝަރީއާ ސަރުކާރަށް ރޭ އިންޒާރެއް ދެއްވައިފި އެވެ.

ޔާމީން އިސްވެ އުފައްދަން މަސައްކަތް ކުރައްވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އޮފީހުގައި އޮތް ޖަލްސާ އެއް ގައި ވާހަކަފުޅު ދައްކަވަމުން ޖަމީލް ވިދާޅުވީ ޖަލު ބަންދުގައި ބެހެއްޓުމަކުން ރައީސް ޔާމީންގެ ފިކުރު ފަނޑުކޮށް ނުލެވޭނެ ކަމަށެވެ.

އެމަނިކުފާނު ޖަލު ބަންދުގައި ހުންނެވީ ނުހައްގުން ކަން ތަކުރާރު ކުރައްވާ ޖަމީލް ވަނީ އިސްތިއުނާފު ނިމި އެތައް މަހެއް ފާއިތުވެގެން ދާއިރު ވެސް މައްސަލަ ނުނިމި ދިގު ދަންމާތީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އަދި ޖުޑީޝަރީއަށް ވަރުގަދަ އިންޒާރަކަށް ފުދޭ ވާހަކަފުޅެއް ހަރުއަޑުން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދައްކާނަން ރައީސް ޔާމީންގެ ފިކުރު ފަނޑުކޮށް ނުލެވޭނެ ކަން. ރައީސް ޔާމީން ޖަލުގައި ނުބެހެއްޓޭނެ. ސާފުކޮށް މި ދަންނަވަނީ ޖުޑިޝަރީއަށް ވަރަށް ސާފު ސަރީހަކޮށް، ސަމާސާ ކުރުއްވަން ނޫޅުއްވާށޭ. ކެތްތެރިކަން ވަކި ވަރަކަށޭ އޮންނާނީ. އަޅުގަނޑުމެން ތެދުވާނަމޭ. އިހުތިޖާޖު ކުރަން ޖެހިއްޖެއްޔާ އިހުތިޖާޖު ވެސް ކުރާނަމޭ، މަގުމައްޗަށް ވެސް ދާނަމޭ،"

މީގެ އިތުރުން ރައީސް މުއިއްޒާއި ސަރުކާރަށް ވެސް އިންޒާރެއް ދެއްވި އެވެ. ޖަމީލް ވިދާޅުވީ އަމަލާ ބަހާއި ދިމާނުވާ ބޭފުޅަކަށް އިތުބާރެއް ނުކުރާނެ ކަމަށެވެ. ރައީސް މުއިއްޒު ވެވަޑައިގަތީ އެފަދަ ބޭފުޅަކަށް ކަމަށް ވިދާޅުވި އެވެ.

"ސަރުކާރަށް ދަންނަވާލަން އޮތީ ބިރުވެރިވާށޭ. ބިރުވެތިވާށޭ ﷲގެ އަޒާބަށް. ބިރު ގަންނާށޭ އަނިޔާ ލިބިގެންވާ މީހާގެ ދުއާއަށް،"

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު --

ޖަމީލް ވަނީ ޔާމީން ވަގުތުން މިނިވަން ކުރުމަށް ގޮވާލައްވާފައެވެ. އަދި އެކަން ނުކޮށް ފަސް ކުރުމަކީ ސަރުކާރަށް ގޮންޖެހުން ބޮޑުވެ އިންތިހާބު ތަކުން ނާކާމިޔާބީއާ ކުރިމަތިވާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

ވިދާޅުވީ ޔާމީނަށް ކުރާ އަނިޔާގެ ނަތީޖާ ކުރިއަށް އޮތް މަޖިލީސް އިންތިހާބު ގައި ދައްކާނެ ކަމަށެވެ.

"އެކަން އަޅުގަނޑުމެން މި އިންތިހާބު ގައި ކަށަވަރު ކުރާނަން. ގަބޫލުކުރައްވާ މާލެ ސިޓީން އެ ދައްކައިދިނީ ކުޑަކުޑަ ސާމްޕަލެއް. މުޅި ރާއްޖެއިން އިރާދަކުރެއްވިއްޔާ އެ މަންޒަރު ދައްކާނަން. ރައީސް ޔާމީން ވަގުތުން މިނިވަން ކުރައްވާށޭ،"

ޖަމީލް ވަނީ މަޖިލީސް އިންތިހާބުތަކުގައި ރައީސް ޔާމީނާ އެކު މުޅި ރާއްޖެއަށް ދަތުރު ކުރައްވާނެ ކަމަށް ވެސް ރޭ ވިދާޅުވެފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.