ފެނަކައިން ދައުލަތް ބަނދެފައި | 30 މިލިއަން ޑޮލަރުގެ ކޮރަޕްޝަން

ފެނަކައިން ބޮޑު އަދަދުން ވައްކަން ކުރިއިރު މަޖިލީހެއް އޮޑިޓަ ޖެނެރަލްއެއް އޭސީސީއެއް ނެތެވެ. އެމްއެމްޕީއާރްސީ މައްސަލާގައި ކަންވެފައި އޮތީ ވެސް މިގޮތަށެވެ.

ފެނަކަ ކުންފުނީގެ ކުރީގެ އެމްޑީ ސައީދު : ކުންފުނި އޮތީ ދަރާ ވިކިފަ -- ޖަޒީރާ

އާއްމު ރައްޔިތު މީހާ ކޮޓަރިއެއް ހެދިޔަސް ފުރަތަމަ އަންދާޒާއެއް ކުރަނީ އެތަނަކަށް އަރާނެ އަގެކެވެ. އެއަށް ފަހު އެތަނަށް ބޭނުންވާ ތަކެތި އެންމެ ރަނގަޅު އަގެއްގައި ލިބެން ހުރީ ކޮން ތަނަކުންތޯ ބަލާނެ އެވެ. ދެން އެ ދާއިރާގެ ބަހުރުވައިގެން ކިޔާ ގޮތުންނަމަ ބިލް އޮފް ކުއަންޓިޓީ (ބީއޯކިއު) ހެދުމަށް ފަހު ކޮޓަރީގެ މަސައްކަތް ފަށައި ގަނެވެ. 

އެކަމަކު ކޮރަޕްޝަނުން ފޯވެފައިވާ ސަރުކާރު ކުންފުނި ފެނަކައިން އަމަލު ކުރަނީ މުޅިން އެހެން ގޮތަކަށެވެ. ފެނަކަ ކުންފުނީގެ މިދިޔަ މެނޭޖުމަންޓުން ކަންތައް ކުރި ގޮތް ފެން މަތިވަމުން ދާއިރު ފެންނަން އޮތީ ބޮޑެތި ގިނަ މަޝްރޫއުތަކެއް އަގު ކުރުމެއް، އަގު ބެލުމަށް، ބީއޯކިޔު ހެދުމަށް ނެތި ހިތުހުރި އަގެ ޖަހައިގެން ކުރަމުން ދިޔަ ތަނެވެ. ފެނަކައިން މިގޮތަށް މުޅި ރާއްޖޭގައި އެ ކުންފުނީގެ އަމިއްލަ މުވައްޒަފުން ނަގައިގެން ހިތުހުރި އަގެއް ޖަގައިގެން 60 މަޝްރޫއެއް ހިނގާފައި ކުރިކަމަށް މިހާތަނަށް ވަނީ އެނގިފަ އެވެ.

މި މަޝްރޫއުތަކުގެ އަގު 30 މިލިއަން ޑޮލަރު ނުވަތަ 430 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެ ކަމަށް ލަފާ ކުރެވެ އެވެ. މި މަޝްރޫއުތަކަށް ގެންދިޔަ ތަކެއްޗަށްވީ ގޮތެއް އަދިއަދާހަމަ އަށް ވެސް ހޯދިފައެއް ނެތެވެ. މަސައްކަތް ކުރަން ހަވާލުކުރި މާކެޓު ރޭޓަށްވުރެ 50 ގުނަ އިތުރަށް ހަރަދު ކުރިއިރު ބައެއް ރަށްރަށުގައި ހުރީ ހުސް ވަޅުގަނޑުތަކާއި އިމާރާތުގެ އޮނިގަނޑު ތަކެކެވެ. ބައެއް ރަށްރަށުގައި އިމާރާތުގެ ބަދަލުގައި ހުރީ ޓިނު ގުދަން ތަނަކެވެ. އެކަމަކު މި ވާހަކަ ދެއްކިޔަ ނުދީ އެ ކުންފުނިން ފަސް އަހަރުގެ ދައުރެއް ނިންމާލީ އެވެ. 

މި ހުރިހާ ކަމެއް ކޮށްފައި އޮތީ މިފަދަ ކަންކަން ބަލަން ތިބޭ ދައުލަތުގެ މިނިވަން މުއައްސަސާތައް އޮބާ ބާއްވައި ތަޅު އަޅުވައިގެންނެވެ. މުޅި ދައުލަތް ބަނދެގެން ފެނަކަ އިން ވައްކަން ކުއިރު މިކަން ކޮރަޕްޝަން ނުހުއްޓުވުނީ ކީއްވެގެން ހެއްޔެވެ؟ މިކަން ކޮރަޕްޝަނަށް ނުވީ ހެއްޔެވެ؟ 

މި ސުވާލު މިހާރުގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދާ ކުރުމުން އޭނާ ވެސް ކުރައްވަނީ ސުވާލެކެވެ. އެއޫ ކޮރަޕްޝަނަށް ނުވާނަމަ ދެން ކޮރަޕްޝަނަށް ވާނީ ކޮން ކަމެއް ހެއްޔެވެ؟

ފެނަކައިގެ ތެރޭން ވައްކަމާއި ކޮރަޕްޝަން ހިނގާ ކަމަށް މިދިޔަ ފަސް އަހަރު ތާއަބަދު ތުހުމަތު ކުރެވެމުން ގެންދިޔަ އެވެ. އެކަމަކު އޭރު އެކަން ކުރަމުން ދިޔަ ސްކޭލއި މިންވަރު އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ. ފެނަކައިގެ ޑީއެމްޑީގެ ގޮތުގައި ހުންނެވި ބްރާހީމް ވަހީދު (އެންސްޕާ އިބްރޭ) ފެނަކައިގެ އޭރުގެ އެމްޑީ އަހުމަދު ސައީދުއާ ހިޔާލު ތަފާތު ވެގެން ނުކުމެ އެ ވާހަކައިގެ ބައެއް ސުރުހީ ތަކެއް އާއްމުންނަށް ދޫވެސް ކޮށްލި އެވެ. އެކަމަކު އެންސްޕާ އިބުރޭ އެ ވާހަކަ މާ ގަދަޔަށް ދައްކަން ފެށުމުގެ ކުރިން އިބުރޭގެ އަނގަތީ މަލަން އަޅައި ރައީސް އޮފީހުގެ މިނިސްޓަރުކަން ދީ އަދި ފަހުން އެމްޑީޕީގެ އެންމެ އިސް މަގާމެއްގެ ޒިންމާ އެ މަނިކުފާނާ ހަވާލު ކުރެއްވި އެވެ.

ފެނަކަ ޒިންމާ ރަށްތައް ކޮންޓްރޯލް ކުރުން

ފެނަކައިން އިބުރޭ ކެނޑުމާއެކު އެމްޑީ ސައީދަށް ހިތަކަށް އެ ކުންފުނި ލިބުނެވެ. އެކަންވީ އޭނާއަށްވީ މާވަހަރެއް ލިބުނު ފަދަ ކަމަށެވެ. ފެނަކަ ސައީދު އެންމެ ފުރަތަމަ ވެސް ކުރެއްވި ކަމަކީ އެ ކުންފުނި ސިސްޓަމެޓިކަލީ "ޕެރެލައިޒް" ކޮށްލުމެވެ. މިގޮތަށް ބަދަލު ގެނެއުމާއެކު ދުރުން ފެންނަ ބަޔަކަށް ވަރަށް ރީތި މަންޒަރެއް ފެނިދާނެ އެވެ. އެކަމަކު ދުރަށް ގޮސް ފުންކޮށް ވިސްނާލުމުން ފެންނަން އޮތީ އެ ކުންފުނި މުޅި ސަރުކާރުން ބޭނުން ކުރަމުން ގެންގޮސްފައި އޮތީ ވައްކަން ކޮށްގެން "ފައިސާ ޖަހާ" މެޝިނެއްގެ ގޮތުގަައި ކަމެވެ. ކޮރަޕްޝަންގެ ހާއްޔެއްގެ ގޮތުގަ އެވެ. މިކަމުގައި މިހާރު ގޮނޑި ބަދަލު ކުރައްވައިގެން މި ސަރުކާރުގެ ހިމާޔަތައް ވަދެވަޑައިގަތް ގިނަ އަދަދެއްގެ މެންބަރުންގެ އަތެއް ވެސް އޮތްކަމަށް ތުހުމަތު އެބައޮތެވެ.

ފެނަކަ އިން މިކަން ކުރަން ފުރަތަމަ ކުރި ކަމަކީ ބިޑް ކޮށްގެން ހިންގެން އޮތް މަޝްރޫއުތައް އެ ކުންފުނީގެ "އިން ހައުސް" މަޝްރޫއު ތަކަށް ބަދަލު ކޮށްލުމެވެ. ސަރުކާރުން ވިޔަފާރި ނުކުރާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ފަލްސަފާ އެ ކުންފުނިން ފުނޑާލަން ފެށީ 2020 އަހަރުން ފެށިގެންނެވެ. އެ ކުންފުނިން މުޅި ސިސްޓަމް އެއްކޮށް ބަދަލުކޮށްލީ ވިޔަފާރި އަށެވެ. މި ބަދަލާއެކު ފެނަކައިގެ ސިސްޓަމް ބަދަލުވީ ސަރުކާރުގެ އެންމެ މަތީ ވެރިޔާއާ ހަމައަށް މަންފާ ލިބޭނެ ބޮޑު ތެޔޮ ވަޅަ ކަށެވެ.

ފެނަކައިން މިކަން ކުރުމުން ސަރުކާރަށް ލިބޭނެ މަންފާއަކީ ވޯޓުތަކަށް ރާއްޖޭގެ ބޮޑު އާބާދީތަކުގެ ކޮންޓްރޯލް ކުރުމުގެ ބާރުވެރިކަން ސަރުކާރުގެ މުށުތެރޭގައި އޮތުމެވެ. ސަރުކާރަށް ލިބޭނެ މަންފާއަކީ ގިނަ ރަށްތަކުގެ ފުލް ކޮންޓްރޯލް ލިބުމެވެ. ފެނަކައިން 150 ރަށުގައި މަސައްކަތް ކުރެ އެވެ. އެހެންވެ ގިނަ ބަޔަކަށް ވަޒީފާދީ އާއިލާތަކުގެ ވޯޓުތައް ފެނަކައިގެ ތެރޭން ކޮންޓްރޯލް ކުރަން ފުރުސަތު ފަހި ކުރި އެވެ. ފެނަކަ މެދުވެރިކޮށް ކަންކޮށްފައި އޮތީ ވެސް އެހެނެވެ. އިންތިހާބާ ދިމާކޮށް ސަތޭކައިން ވަޒީފާ އަށް މީހުން ވެއްދި އެވެ. އޭގެ ސަބަބުން ފެނަކަ ދަރަމުން ދިޔަ އެވެ. އަދި ސަރުކާރުން ހެސްކިޔާފަ ދިޔައީ އެ ކުންފުންޏަށް ފައިސާ ޕަންޕު ކުރަމުންނެވެ. 

ސިޔާސީ ގޮތުން ވޯޓަށް ރަށް ކޮންޓްރޯލް ކުރުމުގެ އެއް މިސާލަކީ ލ. އިސްދޫގެ ކޮންޓްރޯލް ސަރުކާރުން ހޯދި ގޮތެވެ. އެ ރަށުގެ އާބާދީގައި ހިސާބުތަކުން ތިބީ 800 އެވެ. ރަށުގައި އުޅެނީ މިއަށްވުރެ މަދު ބައެކެވެ. ރަށުގައި ފެނަކަ އިން ހިންގި މަޝްރޫއަކަށް އެރަށުން 140 އަށްވުރެ ގިނަ މީހުންނަށް ވަޒީފާ ދިނެވެ. މާނައަކީ މި ރަށުގެ ކޮންމެ ގެއެއްގައި ފެނަކަ މުވައްޒަފެއް ހުންނާނެ އެވެ. މި ވަޒީފާތަކާއެކު އިސްދޫގެ ގިނަ ބަޔަކު މަސައްކަތް ހުއްޓާލައިގެން ތިބީ ފެނަކަ ކޮންޓްރެކްޓުތަކުގައި ސޮއި ކޮށްގެނެވެ. 

އެންމެ ފަހުގެ މައުލޫމާތު ތަކުން އެނގެން އޮތް ގޮތުގައި ފެނަކާގައި 8،000 އަށްވުރެ ގިނަ މުވައްޒަފުން އެބަތިއްބެވެ. މީގެތެރޭގައި ގިނައީ ވަގުތީ ގޮތުން މަޝްރޫއު ތަކަށް ނަގާފައިވާ ކޮންޓްރެކްޓް ވަގުތީ މުވައްޒަފުންނެވެ. ވަކި މުއްދަތެއް ޖެހުމުން އޮޓަމެޓިކުން ވަޒީފާ ގެއްލި ހާލުގަ ޖެހޭނެ ދިވެހިންނެވެ. 

މާކެޓު އަގަށްވުރެ 50 ގުނަ ބޮޑު 60 މަަޝްރޫއު

ފެނަކައިން ބައެއް މަސައްކަތް ކުރި އަގާއި މާކެޓުގައި އެކަން ކުރެވެން ހުރި އަގުތައް

ފެނަކައިން އެތެރެއަށް ނަގާ ހިންގި 60 މަޝްރޫގެ ދަށުން "ތެޔޮ ނެގުން" ނޫން ހުރިހާ ކަމެއް ކުރިއޭ ބުނެވި ދާނެ އެވެ. އެ ކުންފުނި ވެގެން ގޮސްފައި ވަނީ އެމްޓީސީސީ ނަގާފައި އެންމެ ގިނަ މަސައްކަތް ސަރުކާރުން ހަވާލުވި އެއް ކުންފުންޏަށެވެ. ފެނަކަ އިން ނަރުދަމާ އެޅި އެވެ. އައިސް ޕްލާންޓްތައް ބެހެއްޓި އެވެ. އިންޖީނުގެ އެޅި އެވެ. މަގުތައް ހެދި އެވެ. ބިން ސާފު ކުރި އެވެ. އެޓީއެމް ބެހެއްޓި އެވެ. އެކަމަކު މީގެ ކޮންމެ މަސައްކަތެއްގެ ވެސް ބޮޑުބައި ހުރީ ހަޑި ހާވާފަ އެވެ. މަސައްކަތް ނިންމުމުގެ ބަދަލުގައި އެންމެ އިންޖީނުގެއެއް އަޅަން ދެ ތިން އަހަރު ނެގި އެވެ. އެވަރުން ވެސް ގިނަ އިމާރާތްތަކުގެ ނިމުނީ 50 ޕަސެންޓް ވަރެވެ. މީގެ ކޮންމެ މަޝްރޫއެއް ފެށުމުގެ ކުރިން ސަރުކާރުން އެ ކުންފުންޏަށް މިލިއަނުން މިލިއަނުން އެޑްވާންސަށް ފައިސާ ދިނެވެ. އެ ފައިސާ އިން ކުރި ކަމެއް އެއަށް ހެދި ގޮތެއް އެ އަށްވީ ގޮތެއް ލިޔެކިޔުމުން ފެންނާކަށް ނެތެވެ. 

މި މަސައްކަތަށް ނެގި މުވައްޒަފުންނަށް ތިން އިރުގެ ކޮއްތު ބަރާބަރަށް ދިނެވެ. މިކަން ހަވާލުކޮށްފައި ވަނީ އެ ސަރަހައްދަކަށް ނިސްބަވްތާ މަޖިލިސް މެންބަރުންނާ ގުޅުން ހުރި މީހުން ނުވަތަ އެ މީހުންގެ އާއިލާގެ މެންބަރުންނެވެ. ނޫނީ އެމްޑީގެ ރަހުމްތެރިން ކޮންމެ ވެސް މީހަކަށެވެ. 

އެ މީހުން ކުރަން ޖެހޭހާ ވެސް ކަމަކީ ބާޒާރުން ތަކެތި ނަގައިގެން ކާނާ ތައްޔާރުކޮށް ހިތުހުރި އަގެއް ޖަހާފަ އެ ކުންފުންޏަށް ބިިލް ކުރުމެވެ. ވަކި ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްގެން އެ މީހުން ފަސް އަހަރު ކުރީ އެ ކަމެވެ. މީގެތެރޭން ބައެއް އެސްޕީތައް ރަޖިސްޓްރީކޮށްފައިވަނީ ހަމައެކަނި ބިލް ކުރާ ހިސާބުންނެވެ. 

ފެނަކައިގެ އާ މެނޭޖިން ޑިރެކްޓަރު މުއާޒު ވިދާޅުވި ގޮތުގައި ސަރުކާރުން އެޑްވާންސަން ދިން 98 މިލިއަން ރުފިޔާ ހަރަދު ކޮށްފައި ވަނީ މަޝްރޫއު ތަކަށް ނޫނެވެ. "އެ ފައިސާ ވަނީ އެހެން ބަޔަކަށް ދީފަ،" އެވެ. 

ފެނަކަ މަޝްރޫތަކަށް އަހަރަކަށް ކުރި ހޭދަ

  •  މުވައްޒަފުންގެ މުސާރަ - 438 މިލިއަން
  •  ޕެޓީ ކޭޝް - 20.7 މިލިއަން
  •  މުވައްޒަފުން ކެއުމަށް - 90 މިލިއަން
  •  އެކޮމޮޑޭޝަނަށް - 10.7 މިލިއަން
  •  މެއިންޓަނަންސް - 228 މިލިއަން
  •  ލޮޖިސްޓިކްސް - 100 މިލިއަން
  •  މެޝިނަރީ ސާވިސް - 100 މިލިއަން

ފެނަކަ އިން ލޮޖިސްޓިކްސް އަށް 100 މިލިއަން ހަރަދު ކުއިރު އެންމެ ކުޑަމިނުން ދޯނި ގަނޑެއްވެސް އެ ކުންފުނީގައި ނެތެވެ. 

"ދޯންޏެއް ހައިމާކެއް ވަރުވެސް މި ކުންފުނީގައި ނެތް. ކޮންމެ އެއްޗެއް ވެސް ހޯދާފައި ހުރީ ބޮޑު އަގު ޖަހައިގެން ބޭރުން. ދެން ވިސްނާ ހަރަދު ބޮޑުވާނެ ވަރު. މެޝިނަރީ ސާވިސް ކުރަން މި ގެންނަން ޖެހެނީ ހުރިހާ އެއްޗެއް މާލެއަށް. ގެނެސް އެކި ތަންތަނުން ހިތުހުރި އަގެއްގައި ސާވިސް ކުރަނީ. މި ކަމަށް އަހަރަކު 100 މިލިއަން ހަރަދު ކޮށްފައި އެބަހުރި. އެކަމަކު ސާވިސް ސެންޓަރެއް އަޅަން ހޭދަވަނީ 35 މިލިއަން ރުފިޔާ،" މުއާޒު ވިދާޅުވި އެވެ. 

ފެނަކަ އަމިއްލަ މީހުނަށް ދަރާ ވިކިފައި

އެމްޑީ މުއާޒު ވިދާޅުވީ އެ ކުންފުންޏަށް ޕްރައިވެޓް ސެކްޓަރުން މޮހޮރު ކިލޯއެއް ކްރެޑިޓަށް ދޭނެ ބަޔަކު ވެސް މިހާރަކު ނެތެވެ. އެ ވަރަށް ކުންފުނި އޮތީ އަމިއްލަ ވިޔަފާރިވެރިންނަށް ދަރާފަ ވިކިފަ އެވެ.

ފެނަކައިގެ ޖުމްލަ ދަރަނި ހަތަރު ބިލިއަން ފަހަނަ އަޅައިދެ އެވެ. އެ ކުންފުނިން އެންމެ ބޮޑު އެއްޗެއް ދައްކަން އޮތީ ސަރުކާރުގެ ތެޔޮ ބިލް ތަކަށެވެ. އެސްޓީއޯ / އެފްއެސްއެމް އަށް ދެ ބިލިއަން ރުފިޔާ ދައްކަން އެބަ އޮތެވެ. ފެނަކަ އިން 2019 އިން ފެށިގެން އެސްޓީއޯއަށް ގަވައިދުން ފައިސާއެއް ނުދައްކަ އެވެ. 

މި ވަރުގެ ބޮޑު އަދަދެއް އެސްޓީއޯ ފަދަ ކުންފުންޏަކަށް ދައްކަން އޮތްއިރު އެ ކުންފުނީގެ އާއްމު ހިއްސާދާރުން ތަމްސީލް ކުރާ މެންބަރުން އެ ވާހަކަ ނުދައްކާ އޮތީ ކީއް ވެގެން ހެއްޔެވެ؟ އެ ކުންފުނީގެ ވެރިން އެ ވާހަކަ ނުދެއްކީ ކީއް ވެގެން ހެއްޔެވެ؟ ކުންފުނީގެ ހިއްސާދާރުން ތަމްސީލް ކުރަން ހޮވާފައި ތިބޭ ބަޔަކަށް މި އަށްވުރެ ރަނގަޅު ފުރުސަތެއް ހިއްސާދާރުންގެ ހައްގުގައި ތެދުވާކަށް ނޯންނާނެ އެވެ. އެކަމަކު ހިތާމައަކީ ހިއްސާދާރުންގެ ހައްގުގައި ވެސް މި ވާހަކަތައް ޕަބްލިކްގައި ދައްކާފައި ނެތް ކަމެވެ. 

ފެނަކައާ އެމްއެމްޕީއާރުސީން ކުރީ އެއްކަމެއް

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު

ކޮރަޕްޝަނޭ ފަސާދަ އޭ ބުނާއިރަށް އެންމެން ދައްކަނީ އެމްއެމްޕީއާރުސީއެއްގެ ވާހަކަ އެކެވެ. މިހާރު އެމްއެމްޕީއާރުސީގެ ވާހަކަ ދެއްކެން އެބައޮތް ހެއްޔެވެ؟ 

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނައިބް ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވައި އެމްއެމްޕީއާރުސީގެ ދަށަށް ޓޫރިޒަމަށް ރަށް ދޫކުރުމުގެ ބާރު ނެންގެވި އެވެ. އެއަށްފަހު މި ކުންފުނީގެ ތެރޭން ޗެކުގެ ނުފުށުގައި ސޮއި ކުރައްވައިގެން ހިނގި ކޮރަޕްޝަންގެ އަދަދު ބިލިއަނުން މައްޗެވެ. އޭރު އެކަން ކުރިއިރު މުޅި ސިސްޓަމް އޮތީ "ހައިޖެކް" ވެފަ އެވެ. އޮޑިޓަރު ޖެނެރަލް ހުރީ "ބަނދެފަ" އެވެ. ފުލުސް ޖާސޫސީ އިދާރާ ހުރީ "ތަޅުލާފަ" އެވެ. ފައިނޭންޝަލް އިންޓެލިޖެންޓް ޔުނިޓު (އެފްއައިޔޫ) އޮތީ ނިދާފަ އެވެ. އޭސީސީ އޮތީ ބެޓެރި ހުސްވެފަ އެވެ. މަޖިލީސް މެންބަރުން ތިއްބެވީ ފިތަކަށް ފިއްތަވާ ނުލެއްވޭ ވަރަށް އަތުގައި ތެރަސް ލައިގެންނެވެ. 

އެމްއެމްޕީއާރުސީ ތެރޭގައި އޭރު ހިންގީ ބޮޑު ވެގެންވާ ފަސާދަ އާއި ކޮރަޕްޝަންގެ އަމަލުތަކެއް ކަމަށް އޭރުގެ އިނދިކޮޅު މިދިޔަ ސަރުކާރުގެ އިސްވެރިން އަބަދު ވެސް ބުނަމުން ގެންދެވި އެވެ. އެކަން ބަލާނެ ކަމަށް ވެސް ބުންޏެވެ. އެކަމަކު އެކަމެއް ވެސް ނުވި އެވެ. ވީކަމަކީ އެކަމުގައި އުޅުއްވި އެއް މުގޫ މިނިވަންކޮށް ދޫކޮށްލުމެވެ. އޭރު އެމްއެމްޕީއާރުސީން ވައްކަން ކުރީ ރާވައިގެން މުވައްސަސާތައް "ވާ ކޮށްލައިގެން" ނެވެ. 

މިހާރު ފެނަކަ ތެރޭން ތިލަވެ ހިލެމުންދާ މައްސަލަތަކާއި އެމްއެމްޕީއާރުސީގެ މައްސަލައާ މާކަބޮޑު ފަރަގެއް ތަފާތެއް ނެތެވެ. ފެނަކައިގެ އެމްޑީ ސައީދު މިވަރަށް ކުންފުނި ދަރުވާލާފައި މިވަނީ މުޅި ދައުލަތުގައި އެކުގައި ތަޅު އަޅުވައި ބަނދެގެންނެވެ. މިކަން ހިނގަމުންދާކަން ރައީސުލްޖުމްހޫރިއްޔާއަށް ނޭނގޭނެ ކަމަށް ގަބޫލު ކުރަން ދައްޗެވެ. އެކަމަކުއެކަމެއް ނުހުއްޓުވި އެވެ. ރައްޔިތުން މަޖިލީހަށް މިކަން ކަނޑައެޅިގެން އެނގެ އެވެ. ބައެއް މެންބަރުން މަޖިލީހުގެ ތަޅުމުގައި މި ވާހަކަ ދައްކަމުން ވެސް ގެންދިޔަ އެވެ. އެކަމަކު 65 މެންބަރުން މިކަން ކުރަން ދިނީ "ފެހި ސިގްނަލް" އެވެ. ފިއްތީ ފެއްސަށެވެ. އެމްއެމްޕީއާރުސީ އޮޑިޓު ވެސް ނެރުނީ ކަން ނިމުނު ފަހުންނެވެ. އެ ދުވަސްވަރަށް ވުރެ މި ފަހަރު ހާލުދެރަ އެވެ. މިނިވަން އޮޑިޓަ ޖެނެރަލެއް ކަރުދާސް ގަނޑެއްގައި ހުރުން ނޫން އުފަލެއް ދިވެހި ރައްޔިތުންނަކަށް ނުވި އެވެ. 

އެންމެ ކުޑަމިނުން ފެނަކައިގެ އޮޑިޓު ގަނޑެއްވެސް އަދި ނުފެނެ އެވެ. އެކަން ކުރިޔަވެސް ނުދިނެވެ. މަޖިލީހުން އެކަން ހުއްޓުވީ އެވެ. ސްޕެޝަލް އޮޑިޓެއް ކުރަނީއޭ ކިޔައިގެން ތިބީ އެވެ. 

ކޮމެންޓް

1
450
ވަލީދު
3 months ago

މި ސަރުކާރުން ތިހުރިހާ ކަމއެއް ތަގުގީގު ނުކޮއްފިއްޔާ ކަލޭމެން ބޮލުގަ ވެސް އެޅޭނެ ތި ވަގު ބަދުނާމް. ޒިންމާ ނަގަންޖޭ މީހުންނަށް ދޭންޖެހޭ އަދަބު ދީ. ތަހުގީގް ކުރޭ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.