ސީރިއާއިން މި ތަނަަށް | މި ތަނުން ސުމައްޔާ އާއި މަރިޔަމްގެ ވާހަކަ

ދިވެހިންގެ މި އާއިލާ ތަކަށް އަނބުރާ މުޖުތަމަ އަށް ނުކުންނަން ފުރުސަތެއް ލިބުނަސް މި ކަމަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ދޭ ފުރުސަތެއް ނޫނެވެ.

ހިންމަފުށީގައި ހުންނަ ރީއިންޓަގްރޭޝަން ސެންޓަރު: މިއީ ރާއްޖޭން ކުރާ ވަރަށް މުހިންމު ތަޖުރިބާއަކަށް ވެގެންދާނެ

ހިންމަފުށިން : މުހައްމަދު އަފްރާހު 

މި ތަނަކީ ސީރިޔާގެ ހަނގުރާމަ ހިނގާ ސަރަހައްދުތަކުން ރާއްޖެ ގެނައި އާއިލާތައް ފަރުވާދީ ރިހިބިލިޓޭޓްކޮށް މުޖުތަމައަށް ނެރެން މިރަށް، ކ. ހިންމަފުށީގައި ހަދާފައިވާ ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރު (އެންއާރްސީ) ގެ އިމާރާތެވެ. މި ތާނގެ ދޮރު ހުޅުވާލުމާއެކު ފުރަތަމަ ފިޔަވަޅު އެތެރެއަށް ވަތް މީހުންގެ ތެރޭ ދެމިގެންފީމެވެ. އެތާނގެ އެތެރޭން އުފެދުނު އިހުސާސަކީ ހަމަ ހިމޭން ކަމުގެ ފާޑެކެވެ. އެތާނގެ ތެރޭގައި އަޑެއް ބަޑެއް ނެތެވެ. މީހެއްގެ ހިލަމެއް ވެސް ނުވެ އެވެ. ފެންނަން ހުރީ ހަމައެކަނި ދޮރު ކޮންޓްރޯލާގެ ކަނާތްފަރާތުގައި ހުރި ފުލުހުންގެ ޕޯސްޓެއް އެކަންޏެވެ. އެ ޕޯސްޓުގައި އިންނަ ގާޑަށް އެ އިމާރާތުގެ ތެރޭގައި ހިނގާ ހުރިހާ ކަމެއް ސީސީ ޓީވީގެ ޒަރީއާއިން ރީތިކޮށް ފެނެ އެވެ. ގާޑް ޕޯސްޓް ހުރަސްކޮށް އިމާރާތުގެ އެތެރެ އަށް ވަތް އިރު ކަނާތް ފަރާތުން ފާރުގައި ފެން ފޭދިފައި ހުރިކަމުގެ ނިޝާނެއް ފެންނާން ހުއްޓެވެ. އެންމެން އެތެރެއަށް ވަދެ ހަމަ ޖެހިލުމާއެކު ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރީގެ މުވައްޒަފުން އެދުނީ އެއްވެސް މީހަކު ފޮޓޯއެއް ވީޑިއޯކޮޅެއް ވިޔަސް ނުނެގުމަށެވެ. ފޮޓޯއާއި ވީޑިއޯ ކުރެވޭނީ ހުއްދައެއް ލިބިގެނެވެ. 


"އަދި ތިޔަ ވަދެވުނީ އެންއާރްސީގެ އިމާރާތުގެ ތެރެއަކަށް ނޫން. މި ބިލްޑިންގަކީ އެންއާރުސީގެ މުވައްޒަފުން ތިބޭ ބައި،" މައުލޫމާތު ދޭން ފެށުމުގެ ކުރިއަށް ހޯމް ލޭންޑް ސެކިއުރިޓީގެ އޮފިޝަލަކު ވިދާޅުވި އެވެ. 

މި ރަށުގައި ހުންނަ ޑުރަގް ރިހިބިލޭޝަން ސެންޓަރާއި އިންވެގެން ހަދާފައިވާ މި އިމާރާތަށް ވަންނަން ދިޔައިރު މަތިން ކަށިނަރު ދަމާފައި ހުރިތަން ފެންނަން ހުއްޓަސް މި ތަނަނީ ކިއުބާގައި އެމެރިކާ އިން ހަދައިގެން އުޅުނު ފަދަ ގުއަންޓަނާމޯ ބޭ ފަދަ ހުރަގެއެއް / ޖަލެއް ނޫނެނެވެ. އަދި އެފަދަ ލާއިންސާނީ އަނިޔާތައް ދޭނެ މަރުކަޒެއް ވެސް ނޫނެވެ. މިތަނަކީ ދިވެހިން ތަކެއް ބޮޑު ނުރައްކަލެއްގެ ތެރޭން ނެރެ އެ މީހުނަކީ އާއްމު ދިވެހިން ފަދައިން މުޖުތަމައުގައި އުޅެވޭނެ ބަޔަކަށް ހެދުމުގެ ބުރަ މަސައްކަތް ކުރަން ސަރުކާރުން ގާއިމު ކޮށްފައިވާ ފެސިލިޓީއެކެވެ. 

ޓެރެރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އެންއާރްސީގެ ޑިރެކްޓަރު ޖެނެރަލް އަންވަރު ނައީމް ވިދާޅުވި ގޮތުގައި މި ފެސިލިޓީގެ މަތިން ކަށިނަރު ފެންނަން ހުއްޓަސް އެގޮތަށް ކަށިނަރު ދެމުނަކީ ބޭނުންވާ ގޮތެއް ނޫނެވެ. ބޭނުން ވަނީ މިތަނަނީ އާއްމު ތަނެއްގެ އިހުސާސެއް ކުރެވޭ ހާލަތެއްގައި ބާއްވާށެވެ.

"ކޮންމެ ގޮތެއްގައި ނަމަވެސް މިއީ [މި ތަނަށް މި ވައްދަނީ] ދިވެހިން. ދިވެހިންގެ ލޭ، ދިވެހި ދަރިން. ދިވެހި އާއިލާތަކެއް، އެހެންވެ އެ މީހުނަށް ދިމާވި ކަންކަމުން އެ މީހުން ނެރެ އެމީހުން ވެސް އާއްމުންގެ ގޮތުގައި އުޅޭނެ ފުރުސަތު ލިބުމަކީ އުންމީދެއް،" އަންވަރު ވިދާޅުވި އެވެ. 

މި އިމާރާތުގެ ތެރެއަށް އެ ފީލް ގެންނަން ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރީގެ މުވައްޒަފުން މަސައްކަތްތަކެއް ކޮށްފައި ހުރިކަން އެނގެން ހުއްޓެވެ. މުވައްޒަފުންނަށް ހާއްސަ ބަޔާއި މިތަނަށް "ފަރުވާ" އަށް ގެންނަން މީހުން ތިބޭ ބައި އެއީ މުޅިން ތަފާތު ދެ ބައެކެވެ. ދެބައި ވަކި ކުރަން ސެކިއުރިޓީ ޕޯސްޓްތައް ހަދާފައި ވެއެވެ.

މި އިމާރާތަކީ 24 ގަޑިއިރު ހިދުމަތުގައި އޮންނަ ތަނެކެވެ؛ އެހެންވެ މިތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކޮޓަރިތައް ވެސް ހުރެ އެވެ. ހުރިހާ މުވައްޒަފުން އެއްކޮށް މަސައްކަތް ކުރެވޭ ވަރުގެ ބޮޑު ހޯލެއް އޮވެ އެވެ. ގާތްގަނޑަކަށް 40 އަކަށް ފޫޓުގެ މި "އޮފީހުގެ" ތެރެއިން 11 ވަރަކަށް ކޮމްޕިއުޓަރު ހަމަ ވެއެވެ. އެއީ އިދާރީ މަސައްކަތްތަކުގެ ސެޓަޕެކެވެ. 

ހަނގުރާމަ ހިނގާ ސަރަހައްދުތަކުން ގެންނަ ދިވެހި އާއިލާތަކަށް ފަރުވާދޭ މަރުކަޒުގެ އެތެރެއަކަށް ނުވެދެވެ އެވެ. އެ ތަނަށް ވަންނަން ދާއިރު ފޯނެއް ނުވެއްދެ އެވެ. މުވައްޒަފުންނަށް ވެސް އެކަން އޮންނަނީ އެގޮތަށެވެ. ހަނގުރާމަ ހިނގާ ސަރަހައްދު ތަކުން ގެންނަ އާއިލާތައް ތިބޭ އޭރިއާއަށް ވަންނަ ސަރަހައްދުގައި ސެކިއުރިޓީ ހަތަރު ޕޯސްޓެއް ހުރެ އެވެ. އެތަންތަން ވެސް 24 ގަޑިއިރަށް ފޯރިމަރައި ސީސީޓީވީގެ ޒަރިއްޔާ އިން މުޅި އިމާރާތުގެ އެތެރެ ބަލަމުން ގެންދެ އެވެ. 

ހިންމަފުށީގައި ހުންނަ ރީއިންޓަގްރޭޝަން ސެންޓަރު: ހިދުމަތްތައް ފުރިހަމަކޮށްފައިވޭ

މި ތަނަށް ގެންނަ އާއިލާ ތަކަށް ފުރިހަމަ ވަސީލަތް ގާއިމުކޮށްފައި ހުރެ އެވެ. އަރާމުކޮށް ނިދޭނެ ގޮތް ހުރެ އެވެ. މީރުކޮށް ކައިބޮއި އުޅެވޭނެ ވަސީލަތް ފުރިހަމަ އެވެ. ކުދިންނަށް ކިޔަވައި ދެއެވެ. އެ ކުދިން ކުރީން ތިބި ބިރުވެރި މާހައުލުން ނެރެން ނަފްސާރީ ފަރުވާ އާއި ސައިކްލޮލޮޖިކަލް އެހެނިހެން ސަޕޯޓް ފުރިހަމަ އަށް ދެވޭނެ ވަސީލަތް ހުރެ އެވެ. 

މި ތަނުން ފަހަރަކު ކޮޓަރިއަކަށް ވަންނަމުން ގޮސް މި ވަދެވުނީ މިތަނުގައި މިހާތަނަށް ފަރުވާ ހޯދައި މިހާރު އާއްމުން ފަދައިން މުޖުތަމައުތުގައި އުޅެމުންދާ އާއިލާއެއްގެ ކުދިން ކޮށްފައި ހުރި މަސައްކަތްތަކެއް ފެންނަން ހުރި "ގެލެރީ" އަކަށެވެ. އެ ކުދިންގެ ހުނަރު އެތަނުގައި ފެންނަ ހުއްޓެވެ. އެތާނގެ ފާރުގައި އެ ކުދިންގެ އެކި ޝުއޫރުތައް ލިޔެފައި ވެއެވެ. އަދި މިތަނުގައި ތިބެ  އެކުދިން ދަސްކުރި ކަންކަން ކިޔައިދީފައި ވެއެވެ. 

ކްލޭއިން ހަދާފައިވާ ކުޑަ ގެއެއް ހުއްޓެވެ. އެ ގޭގައި ހުނަރުވެރިންގެ ނަންތައް ލިޔެފައި ވެއެވެ. އެއް ޕޯސްޓްގައި ބުނާ ގޮތުން މި މަސައްކަތް ކުރީ ސުމައްޔާ އާއި މަރިޔަމެވެ. 

"އަހަރެމެން މިތިބީ ވަރަށް އުފަލުން... ރާއްޖެ ދެކެ ވަރަށް ލޯބިވޭ،" ކުދިކުދި އަކުރުން އިނގިރޭސި ބަހުން ލިޔެފައި ވެއެވެ. 

އެހެން ކޮޓަރިއަކުން ފެންނަން ހުރީ މި ތަނުގައި މީގެ ކުރިން ހުރި ދިވެހި އަންހެނެއްގެ ހުނަރުވެރި ކަމެވެ. އޭނާ މިތަނުގައި ހުރެ މުޖުތަމައަށް ނުކުމެގެން ދިޔައީ މަސައްކަތެއް ދަސްކޮށްގެނެވެ. މިތާނގައި ހުރެގެން އޭނާ ވަނީ ރަނގަޅަށް ކޭކު އަޅަން ދަސްކޮށްފަ އެވެ. 

މި ކުދިންގެ ހުނަރު މިއަދު މި ތަނުން ފެންނަން ހުއްޓަސް އެ ކުދީން ރާއްޖެ އައިރު އެއީ ދިވެހިން ދަންނަ އެއްވެސް ބަަހަކުން ވާހަކަ އެނގޭ ކުދިންނެއް ނޫނެވެ. އެ ކުދިންގެ ތެރޭގައި 5 އަހަރާއި 13 އަހަރުގެ ކުދިން ތިބިއިރު، އެންމެ ހަގު ކުދިންނަކީ ސީރިޔާ އަށް އުފަންވި ކުދިންނެވެ. ހަނގުރާމަ ހިނގާ ސަރަހައްދުތަކުގައި އުފަންވި ކުދިންނެވެ. 

މި ކުދިން ރާއްޖެ އައިސް އެ ތިބީ ދިވެހި މަންމައެއްގެ ދަރިއެއްކަން ޔަގީން ކުރުމަށް ފަހު އެވެ. އެ ޕްރޮސެސްއަކީ ދިވެހި ފުލުހުން އެ މީހުން ތިބޭ ތަންތަނަށް ގޮސް ހިންގާ އޮޕަރޭޝަނެކެވެ. މި ކުދިން ތިބޭ ތަންތަނަށް ފުލުހުން ގޮސް އެ ކުދިންގެ މަންމަ އާއި އެ ކުދިންގެ ޑީއެންއޭ ޓެސްޓް ހަދާފައި ވެއެވެ. ދިވެއްސެއްކަން ޔަގީންވުމުން ނޫނީ ރާއްޖެ އައުމުގެ ފުރުސަތެއް ނުލިބެ އެވެ. މުޖުތަމަަށް ނުކުތުމަށްފަހު ދިވެހި ފުލުހުންގެ ޖާސޫސީ "ލޯ" ތަނުން އެތައް އަހަރުތަކެއްވަންދެން އެމީހުންގެ ހަރަކާތްތައް ބަލަމުން ގެންދާނެ އެވެ. ސަބަބަކީ އެމީހުންގެ "ކްލީން"ވިކަން ކަށަވަރު ކުރުމެވެ. 

މި އާއިލާތަކުގެ މެންބަރުން ރާއްޖެ އައުމަށްފަހު ސިސްޓަމެޓިކަލީ ޕްރޮސެސް ތަކެއް ފޮލޯ ކުރާނެ އެވެ. އެ މީހަކީ ހަނގުރާމަވެރިއެއް ތޯ ނުވަތަ ނޫން ތޯ ބަލާނެ އެވެ. މިހާރު ރާއްޖެ ގެނެސް ތިބި ދިވެހިންގެ ތެރޭގައި މުޅިން ވެސް ތިބީ މަންމައިންނާއި ކުދިންނެވެ. ގިނައީ ޔަތީމު މިސްކީނު ކުދިންނެވެ. ހުވަފަތް ދިވެހި އަންހެނުންނެވެ. ދިވެހިންގެ މި އާއިލާ ތަކަށް އަނބުރާ މުޖުތަމަ އަށް ނުކުންނަން ފުރުސަތެއް ލިބުނަސް މި ކަމަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ދޭ ފުރުސަތެއް ނޫނެވެ. އެކަމަކު ދިވެހި ސަރުކާރުން ބޮޑު ހަރަދުކޮށްގެން ލުއި ހިތަކާއެކު ކުރާ މި ކަމަކީ މި ސެންޓަރުން ފަރުވާ ހޯދައިގެން އާއްމު ދިވެހިން ފަދައިން މިހާރު އުޅެމުންދާ ސުމައްޔާ އާއި މަރިޔަމް ފަދަ ކުދިންނަށް ދެވަނަ ފުރުސަތެއް ދިނުމެވެ. ދިވެހިންގެ ގައުމުގައި ދިވެހިންނަށް ފުރުސަތު ހޯދައި ދިނުމެވެ. 

ކޮމެންޓް

2
450
އެން އާރ ސީ
3 months ago

ސުރުޚީގަ އޮތް އެއްޗަކާ ، ލިޔެފަ އޮތް އެއްޗަކާ އެއްވެސް ގުޅުމެއް ނެތް

ރަތަފަ
3 months ago

މިތާކު ނެތް ހީކުރި ކަހަލަ ވާހަކައެއް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.