ވަޑި ގުރޫޕުން އެއްވެސް ބަޔަކު އަތުން ފައިސާ އެއް ނުނަގާ، އުމްރާއަށް ގެންދަން އިޝްތިހާރެއް ވެސް ނުކުރޭ

ވަޑި ހައްޖު އުމްރާ ގުރޫޕުން ހުއްދަ ނުހޯދާ އުމްރާއަށް މީހުން ގެންދާ ކަމަށް ބުނެ އެކަމަށް ސަމާލު ވުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސް ކޮށް ނެރުނު ބަޔާނުގައި އެ ކުންފުންޏާއި ގުޅޭގޮތުން ދައްކާފައިވަނީ ދޮގު ވާހަކަތަކެއް ކަމަށް ބުނެ ހަގީގަތް ސާފުކޮށްފި އެވެ.

ވަޑި ހައްޖު އުމްރާ އިން ބުނީ އެއީ އިކޮނޮމިކް މިނިސްޓްރީ ގައި ރަޖިސްޓްރީކުރެވިފައިވާ ކުންފުންޏެއް ކަމަށާ އެ ކުންފުނީގެ ފަރާތުން އުމްރާއަށް ގެންދިއުމަށްޓަކައި ފައިސާ ނަގަމުން ދާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ނޫސްބަޔާނަކީ ކަންހިނގާ ދިޔަގޮތް ރަނގަޅަށް ބެލުމެއް ނެތި ރަނގަޅު ނޫން މައުލޫމާތެއްގެ މައްޗަށް ނެރެވިފައިވާ ބަޔާނެއް ކަމަަށެވެ.

އެ ކުންފުނީގެ ފަރާތުން އުމްރާއަށް ގެންދިއުމަށް އެއްވެސް މީހެއްގެ އަތުން އާންމުކޮށް ހުޅުވާލައިގެން މިހާތަނަށް އެއްވެސް ފައިސާއެއް ނަގާފައި ނުވާނެ ކަމަަށާ އުމްރާއަށް ގެންދިއުމަށް އެއްވެސް އިޝްތިހާރެއް އެއްވެސް ވަސީލަތެއް މެދުވެރިކޮށް އާންމުކޮށްފަ ވެސް ނުވާނެ ކަމަށް ބުންޏެވެ.

"މިކުންފުނީގެ ވެރިންނާ އާއިލީ ގޮތުން ގުޅުން އޮތް ފަރާތްތަކަށް ހެޔޮ އަގެއްގައި އުމްރާއެއް ކުރެވޭނެ ގޮތެއް ހަމަޖައްސައިދިނުމުގެ ގޮތުން، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހުއްދަ ދޫކޮށްފައިވާ އުމްރާ ގުރޫޕަކާ ގުޅިގެން މިހިނގާ ޖަނަވަރީ މަހު ވާނީ އުމްރާ ދަތުރެއް ކޮށްފައެވެ. މިދަތުރުގެ ފޮޓޯތައް މިކުންފުނީގެ ސޯޝަލް މީޑިއާ އެކައުންޓުން ހިއްސާ ކޮށްފައިވާނީ ކުންފުނި ތަމްސީލުވާ ގޮތަށް ކަމުގައި ވީނަމަވެސް މި އުމްރާ ދަތުރަކީ ބުނެވިދިޔަ އުމްރާ ގުރޫޕާ ގުޅިގެން އެއްބަސްވުމެއްގެ ދަށުން މި ކުންފުނިން ކޮށްފައިވާ ދަތުރެކެވެ،"

މި ދަތުރު ކުރެވިފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ދަތުރުގެ އެންމެހާ މައުލޫމާތާއި ދަތުރުގެ ބައިވެރިންގެ މައުލޫމާތު ވެސް އެނގ، ވިސާ ހަމަޖެއްސުމާއި ޑޮލަރުގެ މުއާމަލާތްތަކު ގައި ކުރަންޖެހޭ އެންމެހައި ކަންކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އޮންނަ އުސޫލުގެ ދަށުން ހަމަޖެހިގެން ކަމަށް ވެސް އެ ގުރޫޕުން ބުންޏެވެ.

"ވީމާ ދަންނަވަމެވެ. އުމްރާއަށް މީހުން ގެންދިއުމަށްޓަކައި މި ކުންފުނީގެ ފަރާތުން އެއްވެސް ފަރާތެއްގެ އަތުން ފައިސާ ނަގަމުން ނުދާ ކަމަށާއި އުމްރާއަށް މީހުން ގެންދިއުމަށް މި ކުންފުނިން މިހާތަނަށް ހުޅުވާލާފައި ނުވާނެ ކަމުގައި ދަންނަވަމެވެ،"

ރައްޔިތުންނާއި އާންމު މަސްލަހަތަށްޓަކައި ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ ބޭރުން އެ ކުންފުނީގެ ފަރާތުން މުސްތަގުބަލުގައި ވެސް އެއްވެސް ހަރަކާތެއް ނުހިންގާނޭ ކަމުގެ ފުރިހަމަ ޔަގީންކަން ދައުލަތާއި ދިވެހި ރައްޔިތުންނަށް ދޭ ކަމަށް ބަޔާނުގައި ވެއެވެ.

ކޮމެންޓް

1
450
ކާކު
4 months ago

އިސްތިހާރެއް ނުކުރޭ. އެކަމަކު ފޭސްބުކްގައި ހުރި ހާޖީންގެ ފޮޓޯ ތަކުގައި ވަނީ ތިޔަ ކުންފުނީގެ ލޯގޯ. ރަނގަޅަށް ތިކަން ކުރާ ނަމަ ހެދިފައިވާ އުސޫލުތަކަށް ތަބާވެ ހުއްދަ ހޯދަންވީ. ކޮންމެހެން ގަވާއިދު ތަކަށް އޮޅުވާލުމުގެ ބޭނުމެއް ނެތް ތިފަދަ ކަމެއްގައި

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.