ރިސްކް ނުނަގާ ސަރުކާރަށް އެއްބާރުލުން ދޭނެ މޭޔަރަކަށް އާޒިމާ ހޮވައިދީ: ރައީސް

ރައީސް ވިދާޅުވީ، އަނެއްކާވެސް ސަރުކާރާއި ދެކޮޅު ވިސްނުމުގައި ސިޔާސަތެއް ގެންގުޅޭ ޕާޓީއަކުން، ބޭފުޅަކު ހޮވިއްޖެނަމަ، މާޒީގައި ފެނިފައި ހުރި ކަހަލަ ހިތި ތަޖުރިބާތަކެއް ތަކުރާރު ކުރަން މާލޭގެ ރައްޔިތުންނަށް ޖެހިދާނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު

މާލޭގެ ރައްޔިތުން ރިސްކް ނުނަގާ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ހިންގާ މަޝްރޫއުތަކަށް އެއްބާރުލުން ދެއްވާނެ މޭޔަރެއްގެ ގޮތުގައި އާޒިމާ ޝަކުރު މާލޭގެ މޭޔަރަކަށް އިންތިހާބު ކޮށް ދެއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ. 

ސަރުކާރު ކެންޑިޑޭޓެއްގެ ގޮތުގައި މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވަނީ އާޒިމާ ޝަކޫރެވެ. މޭޔަރާއި މާލޭ ސިޓީ ކައުންސިލުގެ އިތުރު ތިން ގޮނޑިއަކަށް ކައުންސިލަރުން އިންތިހާބު ކުރުމުގެ ކެމްޕޭނުގެ ފަހު ދުވަހަކީ މިއަދެވެ. ވޯޓް ނަގާނީ މާދަމާ އެވެ.

ރައީސް މުއިއްޒު، އެ މަނިކުފާނުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ޗައިނާގައި ހުންނަވައިގެން މާދަމާ އޮންނަ މާލޭގެ މޭޔަރު ހޮވުމާއި ތިން ދާއިރާއަކަށް ކައުންސިލް މެންބަރުން އިންތިހާބާއި ގުޅުވައިގެން މިއަދު ވަނީ ހާއްސަ މެސެޖެއް ދެއްވާފަ އެވެ.

އެ މެސެޖްގައި މާލޭގެ ރައްޔިތުންނަށް އަމާޒު ކުރައްވާ ވިދާޅުވީ، އެ މަނިކުފާނު މާލޭގެ ރައްޔިތުންނަށް މިއަދު އިލްތިމާސް ކުރައްވަނީ މާދަމާގެ އިންތިހާބުގައި ވޯޓު ދެއްވުމުގައި ވިސްނުން ރަނގަޅަށް ގެންގުޅުމަށެވެ. މާލޭގެ ރައްޔިތުން އެދޭ ކަންތައްތައް އެ މަނިކުފާނުގެ ސަރުކާރުން ކުރުމުގައި ވަރަށް ގިނަ މަސައްކަތްތަކެއް ފެށިފައިވާކަަން ފާހަގަކުރައްވާ ވިދާޅުވީ މާލޭގެ ރައްޔިތުންގެ ތާއިދާއި އިތުބާރާއެކު އެ މަނިކުފާނު ކުރީން ހުންނެވީ މާލޭގެ މޭޔަރު ކަމުގައި ކަމަށެވެ.

"އެ މަގާމުގައި ފަށަން މަސައްކަތްކޮށް އެތައް މަސައްކަތެއް އޭރު ސަރުކާރު ލެވެލްއިން އެއްބާރުލުން ނުލިބިގެން ނުފެށި އޮތް އެތައް ކަމެއް އިރާދަކުރެއްވިއްޔާމުން މިހާރު އަޅުގަނޑު މި ވަނީ ކައުންސިލަށް ފުރުސަތު ދީފައި، އެގޮތުން މަގު ހެދުމާއި، ހައުސިން ޕްރޮޖެކްޓްތައް ހިންގުމާއި، ޕާކިނގ ބިލްޑިންގތައް އެޅުމުގެ މަސައްކަތް ހިމެނޭ،"

ރައީސް ވިދާޅުވީ، މި މަސައްކަތްތައް ކުރުމުގައި އަނެއްކާވެސް ސަރުކާރާއި ދެކޮޅު ވިސްނުމުގައި ސިޔާސަތެއް ގެންގުޅޭ ޕާޓީއަކުން، ބޭފުޅަކު ހޮވިއްޖެނަމަ، މާޒީގައި ފެނިފައި ހުރި ކަހަލަ ހިތި ތަޖުރިބާތަކެއް ތަކުރާރު ކުރަން މާލޭގެ ރައްޔިތުންނަށް ޖެހިދާނެ ކަަމަށެވެ. އެކަމާއި ކަންބޮޑުވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެމަނިކުފާނު ޔަަގީން ކުރަނީ މާދަމާ އިންތިހާބުގައި އެކަހަލަ "ރިސްކެއް" ނުނަންގަވާނެ ކަަމަށެވެ.

"މާލޭ ތަރައްގީއަށްޓަކައި ރައްޔިތުން އެދިވަޑައިގަންނަވާ އެންމެ މުހިންމު ކަންކަން، ސަރުކާރާއި ގުޅިގެން ރައްޔިތުންނާއި އެކީގައި، ސަރުކާރާއި މެެދުވެރިވާ، ސަރުކާރާއި ރައްޔިތުންނާއި ދޭތެރޭ މެދުވެރިއަކަށްވާ، ރައްޔިތުންގެ ފަރާތުން ހުންނަ މޭޔަރަކު ހޮވުމުގައި މާލޭގެ ރައްޔިތުން މާދަމާ ސަރުކާރަށް ތާއިދު ކުރައްވާ، ސަރުކާރުގެ ސިޔާސަތުތައް ރައްޔިތުންނާއި ގުޅިގެން ތަންފީޒުކޮށްދޭނެ މޭޔަރު ހޮވާނެ ކަމަށް،".

ރައީސް ފާހަގަކުރެއްވިގޮތުގައި ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ޝަކޫރަކީ އެމަނިކުފާނު ފުރިހަމައަށް އިތުބާރު ކުރައްވާ ބޭފުޅެކެވެ. ރައްޔިތުންގެ އިހުސާސްތަކާއި އެކީގައި ރައްޔިތުން އެދޭ ގޮތަށް، ސަރުކާރާއި އެކީގައި ސަރުކާރާއި ހަމައަށް އެކަމެއް ގެނެސް، ސަރުކާރުން މާލޭގެ ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި ފުރިހަމައަށް އެއްބާރުލުން ދޭނެ ބޭފުޅެއްގެ ގޮތުގައި އާޒިމާ ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މާދަމާ އިންތިހާބުގައި އަޅުގަނޑު މާލޭގެ ރައްޔިތުންގެ ކިބައިން އެދެނީ، މާލޭގައި ކުރަން ވެފައި ހުރި ބޮޑެތި މަސައްކަތްތައް، މާލޭގެ ރައްޔިތުންނަށް މުހިންމު ވެފައި ހުރި ކަންތައްތައް، ހާއްސަކޮށް ހުރިހާ ކަންކަމުގައި، ރައްޔިތުންނަށް މިކަންކަން ކޮށްދިނިމުގައި އަޅުގަނޑަށް ފުރިހަމަ އެހީތެރިކަން ދެއްވާނެ ބޭފުޅެއްގެ ގޮތުގައި އާޒިމާ ޝަކޫރު ހިޔާރު ކުރެއްވުމަށް،". ރައީސް ވިދާޅުވިއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.