ދައުރު ނިމެންދެން ތިނަދޫ ގައި އޮންނާނީ ރަށު ކައުންސިލެއް، މޭޔަރެެއް ނުހުންނާނެ

ތިނަދޫ ކައުންސިލަށް ފޮނުވާ ސިޓީތައް "ތިނަދޫ ސިޓީގެ މޭޔަރު" މިގޮތަށް އެޑްރެސް ނުކުރެވޭނެ ކަމަށާ އެޑްރެެސް ކުރެވޭނީ "ތިނަދޫ ކައުންސިލްގެ ރައީސް" މި ގޮތަށް ކަމަށް ވެސް އެލްޖީއޭ ގެ ބޯޑުން ވަނީ ކަނޑައަޅާފައެވެ.

ގދ. ތިނަދޫ

ގދ. ތިނަދޫ ރަށު ކައުންސިލްގެ މި ދައުރު ހަމަވެ ސިޓީ ކައުންސިލެއް އިންތިހާބު ވަންދެން އެ ކައުންސިލްގެ ހައިސިއްޔަތަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީން ނިންމައިފި އެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ އެންމެ ފަހު ދުވަސްކޮޅު އެވެ. ކުއްލި ގޮތަކަށް އެ ނިންމުން ރައީސް ސޯލިހް އިއުލާނު ކުރެއްވީ އެމަނިކުފާނުގެ ކެމްޕެއިން ބައްދަލްވުމެއް ގައެވެ. ރައީސް އެ އިއުލާނު ކުރެއްވީ އޭރުގެ އިދިކޮޅު ކެންޑިޑޭޓް، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވާނެ ކަމަށް ވިދާޅުވުމުންނެވެ.

ނަމަވެސް އިންތިހާބުގެ ކެމްޕެއިން ގައި ރައީސް ސޯލިހް ވަނީ ތިނަދޫ ސިޓީއަކަށް ބަދަލު ކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ސިޓީއެއްގެ ދަރަޖަ ލިބޭ ރަށެއް ގައި 10،000 މީހުން ހަމަވާން ޖެހޭ ކަަމަށް ގާނޫނު ގައި ކަނޑައަޅާފައި އޮތަސް އެ ރަށު ގައި ހަމަވަނީ 8،000 މީހުންނެވެ.

ސަރުކާރުގެ އެ ނިންމުމާ އެކު ރަށު ކައުންސިލްގެ ރައީސަށް މޭޔަރުގެ ނަމުން މުހާތަބު ކުރަން ފަށާ ކައުންސިލް އިދާރާގެ ނަން "ތިނަދޫ ސިޓީ ކައުންސިލް އިދާރާ" ގެ ނަމަށް ވަނީ ބަދަލުކޮށްފައެވެ.

އެ މައްސަލަ އެލްޖީއޭ އިން ވަނީ ބަލާފައެވެ. އަދި އިއްޔެ އޮތް ބައްދަލްވުމުގައި ނިންމާފައި ވަނީ ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ރައީސުލްޖުމްހޫރިއްޔާ ދެއްވާފައި ވީނަމަވެސް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ވާ ގޮތުގެ މަތީން މިހާރު އިންތިހާބުވެ ހިނގަމުންދާ ތިނަދޫ ރަށު ކައުންސިލްގެ ދައުރު ހަމަވެ ސިޓީ ކައުންސިލެއް އިންތިހާބު ވަންދެން ހިނގަމުންދާ ކައުންސިލްގެ ހައިސިއްޔަށް އެއްވެސް ބަދަލެއް ނައިސް ރަށު ކައުންސިލު ދެމި އޮންނާނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އެފަދަ އިން އިދާރާއެއް އުފައްދަވާފައި ނުވަނީސް ކައުންސިލް އިދާރާގެ ނަން "ތިނަދޫ ސިޓީ ކައުންސިލް އިދާރާ" ގެ ނަމަށް ބަދފަލުކޮށްފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށެވެ.

މީގެ އިތުރުން ތިނަދޫ ކައުންސިލަށް ފޮނުވާ ސިޓީތައް "ތިނަދޫ ސިޓީގެ މޭޔަރު" މިގޮތަށް އެޑްރެސް ނުކުރެވޭނެ ކަމަށާ އެޑްރެެސް ކުރެވޭނީ "ތިނަދޫ ކައުންސިލްގެ ރައީސް" މި ގޮތަށް ކަމަށް ވެސް އެލްޖީއޭ ގެ ބޯޑުން ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.