މުހިންމީ ޗީޕް މާކެޓްތަ، ޔޫރަޕްތަ: ރާއްޖެއަށް އެއްޗެއް ވިސްނޭތަ؟

ތިން ގަޑިއިރުގެ ރާސްތާއެއްގެ ދުރުން ދުވާލަކު އެތައް ފްލައިޓް ބާއްވައިގެން އިންޑިއާއިން އަހަރަކު 200،000 މީހުން އިތުރުވުމަކީ ކާމިޔާބީއެއް ނޫނެވެ. ބަލަންވީ ދުރު މަންޒިލްތަކުން ޓޫރިސްޓުން ގެނެސް އާމްދަނީ އިތުރު ކުރެވޭނެ ގޮތެކެވެ.

ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރަން ހިންގި އިވެންޓެއް -- އެމްއެމްޕީއާރްސީ

ރާއްޖޭން މިހާތަނަށް ބެލީ ޓޫރިޒަމް ނަމްބަރަށެވެ؛ ޔޫރަޕު މާކެޓް ދަަށްވުމާއެކު ސަރުކާރުގެ ވިސްނުން ހުރީ ކޮންމެ އަހަރަކު އަންނަ މީހުންގެ އަދަދު އިތުރު ކުރާށެވެ. މިހާރުވެސް ސަރުކާރުގެ އެ ވިސްނުމަކަށް ބަދަލެއް ނާދެ އެވެ. މިދިޔަ އަހަރު 1.8 މިލިއަން މީހުން އައިއިރު އަންނަ އަހަރު ދެ މިލިއަން ގެނައުމަކީ އަމާޒެކެވެ. އެހެންވެ ދުނިޔޭގެ 80 އަށްވުރެ ގިނަ ގައުމުން އޮން އެރައިވަލް ލިބޭ ރާއްޖެއަށް އަންނަ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް މަތިވެ އެވެ. 

ނަތީޖާއަކީ އެހެން އަންނަ ބޯ ގުނަން ތިއްބައި ރާއްޖޭގެ މުހިންމު މާކެޓުތައް އަތުން ދޫވެ، ޓޫރިޒަމްގެ ފޯކަސް ބަދަލުވެ މިހާރު މިއޮތް ހާލަތަށް ވެއްޓިގެން ދިއުމެވެ. އެކަމަކު ބޯ އިތުރު ކޮށް އެނދު ފުރުމުގައި ބަދަލުގައި ހަގީގީ ޓޫރިސްޓުން އަންނަ ޔޫރަޕަށް ފޯކަސް ކުރަން ޖެހޭ ވަގުތު އައިސް ޖެހިފައިވާތީ ކިތަންމެ ދުވަހެކެވެ. 

މީގެ 10 އަހަރު ކުރީގައި ރާއްޖެއަށް 30،000 ޓޫރިސްޓުން އައި އިންޑިއާއިން ރާއްޖެއާ ދެކޮޅަށް ފެށި ބޮއިކޮޓް ކެމްޕޭންތަކުގެ މައްސަލަ ބޮޑުވެފައި ވަނިކޮށް، ޓޫރިޒަމް ސިނާއަތުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ބޭފުޅުން މިހާރު ވިދާޅުވެދެއްވަމުން ގެންދަވަނީ މިހާރު މިއޮތް ހާލަތަކީ ރާއްޖެއަށް "ވޭކްއަޕް ކޯލެ"ކެވެ. އަގު ހެޔޮ ޓޫރިސްޓުން ގެނެސް އެނދު ފުރަން ދޭ ހާއްސަކަން ހުއްޓާލަން ޖެހެ އެވެ. 

މި މޭރުމުން ޕަބްލިކްގައި އެންމެފަހުން ވާހަކަފުޅު ދެއްކެވި އެއް ބޭފުޅަކީ އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި މިވަގުތު ރާއްޖޭގެ މުޅި ފޯކަސް ހުރީ އަގު ހެޔޮ ޓޫރިސްޓުން ގެނެސް އެނދުތައް ފުރާށެވެ. އޭގެ ބަދަލުގައި ސަރުކާރާއި އިންޑަސްޓްރީން ވިސްނަން ޖެހިފައިވަ ނީ ސްޓްރެޓެޖިޓް ޕާޓްނާޝިޕް ތަކެއް ހަދައިގެން ޓޫރިޒަމް އާމްދަނީ އިތުރު ކުރާށެވެ.

"ޔޫރަޕަކީ އަހަރެމެންގެ ހަގީގީ މާކެޓް. އެ މާކެޓަށް ފޯކަސް ކޮށް ވިސްނަންވީ. މިއީ ކުއަންޓިޓީ އަށްވުރެ ކޮލިޓީ އިސް ކުރަން ޖެހޭ ވަގުތެއް. އާމްދަނީ މަތިން ލިބޭ މާކެޓުތަކަށް ވިސްނަން ޖެހޭ ވަގުތެއް،" ފިރާގު ވިދާޅުވި އެވެ. 

މިހާރު މައްސަލަ ގޯސްވެފައިވާ އިންޑިއާ މާކެޓަކީ 2013 ވަނަ އަހަރާ ހަމައަށް ބެލި ނަމަވެސް 38,014 ޓޫރިސްޓުން އައި މާކެޓެކެވެ. އޭރު އެ މާކެޓަކީ މާ ބޮޑަށް ފޯކަސް ކޮށްގެން މާކެޓިން ހަރަކާތްތަކެއް ހިންގި މާކެޓެއް ވެސް ނޫނެވެ. އިންޑިއާ މާކެޓު ރާއްޖެއަށް ހުޅުވިގެން ދިއުމުގައި ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ މަޓާޓޯ އިން އޭރު ގިނަ މަސައްކަތްތަކެއް ކުރި އެވެ. 

އޭރު އެމްއެމްޕީއާރްސީގެ ފޯކަސް އެ ދިމާލަށް ނެތް ނަމަވެސް ސަޓޭ ފެއާ ފަދަ ފެއާތަކުގައި މަޓާޓޯ އިން ބައިވެރިވަމުން ދިޔައެވެ. އޭރު މަޓާޓޯ އިން ވަނީ 10 އަހަރު ފަހުން ރާއްޖޭގެ ޓޫރިޒަމްގެ އެއްވަނައަށް އިންޑިއާ އަރާނެ ކަމަށް ބުނެފަ އެވެ. 

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އިނަ މޯލްޑިވްސް ފިރާގު ބައްދަލު ކުރައްވަނީ

ޓޫރިޒަމް ސިނާއަތުގެ އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅަކު ވިދާޅުވި ގޮތުގައި މިހާރު އިންޑިއާއިން ރާއްޖެއަށް 200،000 ޓޫރިސްޓުން އައުމަކީ ލިބުނު ކުރިއެރުމެކެވެ. ނަމަވެސް އިންޑިއާ ޓޫރިސްޓުންގެ ނަމްބަރުގައި ހުރި މުހިންމު ބައެއް ކަންކަން އެނާ ފާހަގަ ކުރައްވަ އެވެ. 

"އިންޑިއާއިން ގިނައިން މި އަންނަނީ ދެ ދުވަހުގެ ޓޫރިސްޓުން. ގަބޫލު ކުރެވޭތޯ ދެ ދުވަހަކަށް ރާއްޖޭގައި ޗުއްޓީ ހަދަން މީހަކު އައިސްފާނެ ކަމަށް؟ އަޅުގަނޑަކަށް ގަބޫލު ކުރަން ދަތި. ބޮޑަށް ހީވަނީ މިއީ ހަމަ ބިޒްނަސް ޓްރެވަލާސްހެން. އެ ވިސްނުމުން ބަލާނަމަ ބުނެވިދާނެ މި 200،000 މީހުން ތެރެއިން ބޮޑު ބަޔަކީ ބިޒްނަސް ޓްރެވަލާސް ކަމަށް،" އޭނާ ވިދާޅުވި އެވެ. "މިއީ ހުސް ނަމްބަރު. އެހެންވެ އެހެން ވިސްނުމަކުން މިކަމާމެދު އެބަ ވިސްނަން ޖެހޭ." 

މީގެ 10 އަހަރު ކުރިން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ޓޮޕް ފަހެއްގައި އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމުތައް މިއޮތީ އެވެ. 

10 އަހަރު ކުރީގަ ޓޮޕް ފަހެއް

  •  ޗައިނާ - 331,719
  •  ޖަރުމަނު - 93,598
  •  އިނގިރޭސި ވިލާތް - 85,869
  •  ރަޝިއާ - 76,479
  •  އިޓަލީ - 57,854
މާލެއަށް ކްރޫޒްލައިނާއިން ފޭބި އިންޑިއާ ޓޫރިސްޓުން

ދިހަ އަހަރު ކުރީގެ ހާލަތަށް ބަލާނަމަ ޔޫރަޕުން ރާއްޖޭގެ ޓޫރިޒަމްގެ 50 ޕަސެންޓުގެ ހިއްސާއެއް ނަގާފައި އޮތެވެ. ނަމަވެސް މިހާރު އެ ހާލަތު އެ ވަނީ ބަދަލުވެފަ އެވެ. އެ ދުވަސްވަރު އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާއިންނެވެ. ފާ އީސްޓް އޭޝިއާގައި އޮންނަ ޗައިނާ އިން ނުވަ ގަޑިއިރުގެ ދައުރެއް ކޮށްފައި ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. 

ނަމަވެސް ފަހުން މުޅި ޓޫރިޒަމް އިންޑަސްޓްރީގެ ފޯކަސް ވަނީ ބަދަލުވެފަ އެވެ. ޓޫރިޒަމް އެނދުތައް އިތުރު ވެގެން ދިޔަ ވަގުތު އެނދު ފުރުމާއި ޓޫރިޒަމް ނަމްބަރަށް ފޯކަސް ކުރުމުގެ ނަތީޖާއަކީ އެންމެ ޓްރެޑިޝަނަލް މާކެޓުތައް ގެއްލިގެން ދިއުމެވެ. އަދި ކޮވިޑް-19 އަށްފަހު މުޅިން ހުރިހާ ކަމެއް ފުށުން ޖެހި ދަތުރުފަތުރުގެ އަގުވެސް ބޮޑުވި އެވެ. އޭގެ ނަތީޖާއަކީ ކައިރި މަންޒިލުތަކުން ޓޫރިސްޓުން އިތުރުވިޔަސް ދުރުން އަންނަ މީހުންގެ އަދަދު މަދުވުމެވެ. 

ތިރީގައި އެވަނީ 10 އަހަރު ފަހުން 2022 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ޓޮޕް ފަހެއްގައި އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމުތަކެވެ. 

10 އަހަރު ފަހުން ޓޮޕް ފަހެއް

  •  އިންޑިއާ - 241,382
  •  ރަޝިއާ - 201,954
  •  އިނގިރޭސިވިލާތް - 179,309
  •  ޖަރުމަނީ - 133,432
  •  އިޓަލީ - 97,627

ދިހަ އަހަރު ކުރިއާ މިހާރުގެ ހާލަތަށް ބަލާނަމަ ތަފާތަކީ ކުރިން އެއްވަނާގައި އޮތް ޗައިނާ އެ މަގާމުން ސޮއްސާލައިގެން ދިއުމުގެ އިތުރުން ޔޫރަޕުގެ ޓޫރިޒަމް ނަމްބަރުތަކަށް އައި ބޮޑު ބަދަލެވެ. ކުރިން ޓޫރިޒަމްގެ ޓްރެޑިޝަނަލް މާކެޓުތަކުގެ ގޮތުގައި ބެލި ގައުމުތަކުން އަންނަ މީހުންގެ އަދަދު މަދުވުމެވެ. މީގެ ބަދަލުގައި ޔޫރަޕު މާކެޓުގެ ހުސްތަން ފުރީ އިންޑިއާ އެވެ. 

މިހާރު އުފެދޭ ސުވާލަކީ ރާއްޖޭގެ ބުޑުގައި އޮތް މަންޒިލަކުން ދުވާލަކު ހަތަރު ފްލައިޓް އަޅައިގެން އަހަރަކު 200،000 މީހުން އައުމަކީ ޓޫރިޒަމަށް ލިބުނު ކުރިއެރުމެއް ހެއްޔެވެ؟ 

ދިހަ އަހަރު ފަހުން މިދިޔަ އަހަރުގެ ނިޔަލަށް ޔޫރަޕުން މިލިއަނެއް އައި ނަމަވެސް ޔޫރަޕުން ރާއްޖޭގެ ޓޫރިޒަމްގައި އޮތް ހިއްސާ ވަނީ 34 ޕަސެންޓަށް ވެއްޓިފަ އެވެ. ހަގީގީ މައްސަލަ ނުކުތް ހިސާބަކީ މި އެވެ. 

ރާއްޖޭގެ ޓޫރިޒަމްގެ ބޮޑު ޕަސެންޓެއް ހަމައެކަނި އިންޑިއާ / ޗައިނާ އަށް ބަރޯސާ ކުރުމަކީ ސަސްޓޭނަބަލް ކަމެއް ނޫން ކަމަށް އޭރުވެސް ޓޫރިޒަމް މާހިރުން ވިދާޅުވަމުން ގެންދެވި އެވެ. އޭގެ ބަދަލުގައި ލޯންގް ހޯލް މަންޒިލްތަކަށް ފޯކަސް ކޮށްގެން ޓޫރިސްޓުން ގެނެވޭނެ ގޮތެއް ހޯދަން އޭރު ވެސް އޮތީ ޖެހިފަ އެވެ. އަދި މިހާރު އެ ބޭނުންތެރިކަން މިވަނީ އިހުނަށްވުރެ ބޮޑުވެފަ އެވެ. 

މިހާލަތަށް ޓޫރިޒަމް ޓްރެންޑް ދިއުމުގެ ނަތީޖާއަކީ ޓޫރިޒަމްގެ އާމްދަނީ އަށް ބޮޑު ލޮޅުމެއް އައުމެވެ. ޓޫރިޒަމްގެ އަގު ވައްޓާލުމުގެ ވާދަވެރިކަމެއް އުފެދި ގައުމަށް ވަންނަ ފައިސާ މަދުވެފައި ވެއެވެ. ރާއްޖޭގެ ޓޫރިޒަމްގެ ނަމްބަރު އެއް މިލިއަނުން 1.8 މިލިއަނަށް އިތުރުވި ނަމަވެސް ޓޫރިޒަމް އާމްދަނީ އިތުރުވެފައި ވަނީ މަދު މިންވަރެކެވެ. ޓޫރިޒަމް އެނދު 62،000 އަށް އިތުރުވިއިރު އެނދަކަށް ޖެހޭ ނިސްބަތުން ހިސާބު ކޮށްފި ނަމަ ފެންނަނީ އާމްދަނީގައި ބޮޑު ފަރަގެއް އޮތް ތަނެވެ. 

10 އަހަރުގެ އާމްދަނީ ބިލިއަން ޑޮލަރު

  • 1.2012 - 1,958.02
  • 2.2013 - 2,335.19
  • 3.2014 - 2,695.75
  • 4.2015 - 2,569.13
  • 5.2016 - 2,506.67
  • 6.2017 - 2,743.68
  • 7.2018- 3,028.09
  • 8.2019 - 3,157.06
  • 9.2020 - 1,397.87
  • 10.2021 - 3,508.36
  • 11.2022 - 4,498.00

އިތުރު 10 އަހަރު ފަހުން ރާއްޖެއަށް އިތުރު މިލިއަނެއް އައި ނަމަވެސް ޓޫރިޒަމްގެ އާމްދަނީ އިތުރުވެފައި މިވަނީ އެވްރެޖުކޮށް މަދު މިންވަރެވެ. މީގެން އެނގެނީ ޓޫރިޒަމް އެނދު އިތުރުވެގެން ދިޔަ ދިއުމާއެކު ރާއްޖެ އަންނަ ޓޫރިޒަމްގެ މާކެޓަށް އައި ބަދަލުތަކެވެ. ޓޫރިސްޓުން ރާއްޖޭގައި ތިބޭ މުއްދަތު ނުވަތަ އެވްރެޖު ސްޓޭ އިތުރު ނުވާ ކަމެވެ. އެވްރެޖުކޮށް މީގެ 10 އަހަރު ކުރީގައި ހަ ދުވަހު މަޑު ކުރި ނަމަވެސް މިހާރުވެސް ހުރީ އެ މިންވަރުގަ އެވެ. ހަގީގީ އަދަދަކީ އެއަށްވުރެ ދަށްވުމެވެ. މީން ދައްކުވައި ދެނީ ލޯންގް ހޯލް މަންޒިލްތަކުން މީހުން ގެނައުމުގެ މުހިންމު ކަމެވެ. ހާއްސަކޮށް ޔޫރަޕުން ޓޫރިސްޓުން އިތުރު ކޮގެން ނޫނީ މި ހުސްތަން ނުފުރޭނެ އެވެ. ރަޝިއާ ފަދަ މަންޒިލްތަކުން ޓޫރިސްޓުން އިތުރު ކޮށްގެން ނޫން ގޮތަކަށް ޓޫރިޒަމްގެ ބޯ ހިއްލާލުން ވެސް މިހާރު ވާނީ ދަތި ކަމަށެވެ. 

ސުވާލަކީ މިކަމަށް ސަރުކާރު އޮތީ ކިހާ ތައްޔާރަށް ހެއްޔެވެ؟ ގައުމީ އެއާލައިން އެކަމަށް ތައްޔާރު ކުރަން މަސައްކަތް ކުރެވޭ ހެއްޔެވެ؟ އެމްއެމްޕީއާރުސީގެ އާ މެނޭޖުމަންޓުގެ ވިސްނުން ހުރީ ކިިހިނެއް ހެއްޔެވެ؟ އާމްދަނީގެ ނަތީޖާ ނެރުން ބިނާ ވެގެން ދާނީ މި ކަމުންނެވެ. މި ވިސްނުން ނުގެނެސްފިނަމަ ބާކީ އޮތް 10 އަހަރު ވެސް އެންމެ ފިޔަވަޅެއް ވެސް ކުރިއަކަސް ނޭޅޭނެ އެވެ. 

ކޮމެންޓް

3
450
ރެއްކަބޭ
3 months ago

ޔޫރަޕުން މީހުން އަންނާނެވަރަށް އެއަންނަނީ މިހާރު އިތުރަށް އެތަނުން އަންނާނެ ބައެއްނުވާނެ. އިންޑިއާ އިން މީހުން އައިސްގެން މިހާރު ވާވަރެއް ތިޔަވަނީ. ދުނިޔޭގައި ރާއްޖެ ނޭގޭނެތަނެއް މިހާރުކުނެތް. ރާއްޖޭގެ ޓޫރިޒަމް މިދަނީ ވެއްޓުމާއިދިމާލަށް.

ބެއްޔާގެ ދަރި
3 months ago

ޓުއަރިޒަމުން ލިބޭ އާމްދަނީ ރަނގަޅަށް ދިރާސާ ކޮށްލީމާ އެނގޭނެ. ޔޫރަޕްގެ ޓުއަރިސްޓުންގެ ތެރެއިން ގިނަ މީހުން އިތުރު ހަރަދެއް ނުކުރާނެ. އެކަމަކު އެ މީހުން ރާއްޖޭގައި ހޭދަކުރާ ދުވަސް އިތުރުވުމުން އާމްދަނީ އިތުރުވަނީ. ޗައިނާ މީހުންނަކީ ވެސް އެއްވެސް އިތުރު ހަރަދެއް ކުރާ ބައެއް ނޫން. އަނެއްކާ އަންނާނީ ތިން ހަތަރު ދުވަހަށް. އެހެން ނަމަވެސް އިންޑިއާ މީހުން ރާއްޖޭގައި ހޭދަކުރާ ތިން ދުވަހު ވެސް ސްނޯކްލިން، އެޑްވެންޗާ ޓްރިޕް ފަދަ ކަންކަމަށް ހޭދަކުރޭ

ނަޔާ އަލިބެ
3 months ago

އަދި އެއްޗެއް ދަންނަ އާދަމްގެ ދަރިއެއް ނަމަ ކިހާ ދޮގެއް ހަދާލީސް. ވާނުވާ އޮޅުން ފިލުވާލަ ބަލަ. ބަލަ އިންޑިއާ މީހުންނަކީ އެންމެ ހަރަދު ކުޑަކޮށް ޗުއްޓީ ހަދާ މީހުން. ގިނަ ދުވަހަށް ތިއްބަސް ޔޫރަޕް ޓޫރިސްޓަކު ދެތީން ދުވަހު ކުރާ ހޭދަ އިންޑިއާ މީހަކު ދިހަ ބާރަ ދުވަހުން ނުކުރާނެ. ގިނައިން އަންނަނީ ގެސްޓް ހައުސްތަކަށް. އައިސް ލާރިއެއް ދާނެ އެއް ކަމެއް ނުކޮށް ތިބެ ދަނީ. ޗައިނާ މީހުންނަކީ ވެސް ހަރަދު ކުޑަކޮށް ޗުއްޓީ ހޭދަ ކުރާ ބައެއް. އެކަމަކު އެ ގައުމުން އަންނަ މީހުން ގިނަވެ ދިވެހި އިގްތިސާދަށް ޗައިނާ މުހިންމު. އިންޑިއާއާ ނުލައި ދިވެހީންނަށް އުޅެވޭނެ. އުޅެވެން ޖެހޭނެ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.