އިންޑިއާގެ 50 މިލިއަން ޑޮލަރުގެ ދަރަންޏެއް ރާއްޖޭން ދައްކާ ހަލާސްކޮށްފި

ރާއްޖޭގެ ދަރަނި ޕޯޓްފޯލިއޯގެ 11 ޕަސެންޓް ހިއްސާ ކުރަނީ އެހެން ގައުމުތަކުގެ ދަރަންޏެވެ. އިންޑިއާގެ ދަރަނި ދެ ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވަނީ އަންދާޒާ ކުރެވިފަ އެވެ.

އިންޑިއާ ބޭންކް / ސްޓޭޓް ބޭންކް އޮފް އިންޑިޔާ (އެސްބީއައި) އަށް ދިވެހި ސަރުކާރުން ވިއްކާފައިވާ 50 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 3.2 ބިލިއަން ރުފިޔާ) ގެ ޓްރެޒަރީ ބޮންޑެއްގެ ފައިސާ އަނބުރާ ދައްކައިފި އެވެ.

"މި" ނޫހަށް އެނގިފައިވާ ގޮތުގައި ރާއްޖޭން ދެއްކި 50 މިލިއަން ޑޮލަރުގެ ބޮންޑަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ލިސްޓުކުރި ޑޮލަރުގެ ބޮންޑެއްގެ ފައިސާ އެވެ. މި ބޮންޑް އިޝޫކޮށްފައި ވަނީ 4.5 ޕަސެންޓުގަ އެވެ. މި ބޮންޑުގެ ފައިސާ ދައްކަން ޖެހޭ ސުންގަޑި އޮތީ އިއްޔެ ނިޔަލަށެވެ. އިންޑިއާއަށް ބޭނުންނަމަ މި ފައިސާ ރޯލްއޯވާ ނުވަތަ ދައްކާ މުއްދަތު ފަސް ކޮށްދެވޭނެ އެވެ. މި ބޮންޑުގެ މެޗޫރިޓީއަކީ 360 ދުވަހެވެ. 

މި މުއްދަތު ހަމަވުމުގެ ކުރިން ދިވެހި ސަރުކަރުން ވަނީ އެ ފައިސާ ދައްކައި ހަލާސް ކޮށްފަ އެވެ.

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގުވެސް ވަނީ މި ޓްރެޒަރީ ބޮންޑުގެ ފައިސާ ދެއްކިކަން ޔަގީން ކޮށްދެއްވާފަ އެވެ. ނަމަވެސް މިކަމުގެ އިތުރު ތަފުސީލެއް އޭނާއެއް ނުދެއްވަ އެވެ.

މިއީ އިންވެސްޓަރުންނަށް ދިން ޔަގީންކަމެއް

ރާއްޖޭން ތިން ބިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް ދެއްކި ނަމަވެސް ރާއްޖޭގެ ކޭޝް ފްލޯ މެނޭޖް ކުރުމާއި އާމްދަނީގައި ގިނަ މައްސަލަ ތަކެއް އެބަ ހުއްޓެވެ. ނަމަވެސް މިފަދަ ވަގުތެއްގައި މިހާ ބޮޑު ދަރަންޏެއް ސަރުކާރުން ދައްކާ ހަލާސް ކުރުމަކީ އިންވެސްޓަރުންނަށް ރާއްޖޭން ދިން ވަރަށް ބޮޑު ޔަގީން ކަމެކެވެ. މީގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ފައިނޭންސް ހޯދުމުގައި ކުރިއަށް އޮތްތަނުގައި މަގު ފަހިވެ ރާއްޖެއަށް ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން ލިބިގެން ދާނެ އެވެ. 

ދިވެހި ރާއްޖޭގެ ދައުލަތް، ނަގާފައިވާ ލޯނުތަކުގެ ތެރޭގައި ހިމެނޭ ބޭރު ދަރަނީގެ 11 ޕަސެންޓަކީ ބައިލެޓްރަލް ގުޅުންތަކާއެކު އެހެން ގައުމުތަކުގެ ސަރުކާރުތަކުން ނަގާފައިވާ ލޯނެވެ. ބޭރު ގައުމުތަކުގެ ސަރުކާރު ތަކަށް ދައްކަން ޖެހޭ ދަރަންޏެވެ. މިދިޔަ މެއި މަހުގެ ނިޔަލަށް އާއްމު ކޮށްފައި ހުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި:  

ބޭރުގެ ދަރަނި ބެހިގެންގޮސްފައިވާ ގޮތް

  •  ބަޔާސް ކްރެޑިޑްސް (ކޮންޓްރެކްޓާ ފައިނޭންސިން) 37 ޕަސެންޓް
  •  ބޮންޑް ހޯލްޑަރުންގެ ދަރަނި 28 ޕަސެންޓް
  •  މަލްޓިލެޓްރަލް އެޖެންސީ (ބޭރުގެ އެޖެންސީތައް) 19 ޕަސެންޓް
  •  ބައިލެޓްރަލް (ބޭރުގެ ގައުމުތަކުގެ ސަރުކާރުތަކުގެ ދަރަނި) 11 ޕަސެންޓް
  •  ޕްރައިވެޓް (އަމިއްލަ ފަރާތްތަކުގެ ދަރަނި) ފަސް ޕަސެންޓް

ރާއްޖޭގެ ދަރަނީގެ 11 ޕަސެންޓް ހިއްސާ ކުރާ ބަޔަކީ ސީދާ ބޭރުގެ ސަރުކާރުތަކުން ނަގާ ދަރަންޏެވެ. މިބައިގައި ހިމެނެނީ އިންޑިއާ އާއި ޗައިނާ އަދި ޖަޕާންގެ އިތުރުން ޔޫއޭއީ ފަދަ ގައުމުތަކެވެ. ކުރިން ދިވެހި ސަރުކާރުން ޗައިނާއިން ގިނަ ލޯނު ތަކެއް ނެގި ނަމަވެސް ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުން ލޯނުތައް ނަގާފައިވަނީ އިންޑިއާއިންނެވެ. މިހާރު އިންޑިއާގެ ދަރަނި ދެ ބިލިއަން ޑޮލަރަށްވުރެ މަތިވެފައިވާ ކަމަށް ހިސާބު ތަކުން ކަށަވަރު ވެއެވެ. 

10 އަހަރުން ދައްކަން ޖެހޭ އަދަދު 17 ބިލިއަން

ރާއްޖޭގެ ލޯނުތަކުގެ ތެރޭން ދިގު މުއްދަތަށް ބަލާއިރު ކުރިއަށް އޮތް 10 އަހަރަށްވުރެ ގިނަ ދުވަހުން ދައްކަން ޖެހޭ ލޯނުގެ ނަމްބަރަކީ 17.67 ބިލިއަން ރުފިޔާ އެވެ. އަދި ކުރިއަށް އޮތް 4-3 އަހަރާ ދެމެދު 9.21 ބިލިއަން ރުފިޔާ ލޯނަށް ދައްކަން ޖެހެ އެވެ. އަދި ފަސް 10-5 އަހަރާ ދެމެދު 3.69 ބިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ. 

ފިނޭންސުން އާއްމުކުރި 2022 ގެ ތިންވަނަ ކުއާޓަރުގެ ދަރަނި ގްރާފް ދައްކާ ގޮތުގައި މިދިޔަ އަހަރު ފުރަތަމަ ކުއާޓަރާއި ދެވަނަ ކްއާޓަރާ ދެމެދު ހަތަރު ބިލިއަންގެ ދަރަނި އިތުރު ކޮށްފައިވެ އެވެ. އަދި ދެވަނަ ކުއާޓަރާއި ތިންވަނަ ކުއާޓަރާ ގައި ދެ ބިލިއަން ރުފިޔާގެ ދަރަންޏެއް ޖުމްލަކޮށް އިތުރުކޮށްފައިވާ ކަމަށް ދައްކަ އެވެ.  

ރާއްޖޭގެ ދަރަނި އިތުރުވަމުން ދިޔަ ގޮތް

  •  މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރު - 112 ބިލިއަން ރުފިޔާ
  •  މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރު - 116 ބިލިއަން ރުފިޔާ
  •  މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރު - 118 ބިލިއަން ރުފިޔށާ
ދަަރަނީގެ ހަގީގީ މަންޒަރު - ފިނޭންސުގެ ރިޕޯޓް ދައްކާ ގޮތުގައި ރާއްޖޭގެ އެތެރޭގެ ދަރަނި ވެސް ވަނީ މަތިވެ ހައްދުން ނައްޓާލާފަ އެވެ. އަދި ބޭރުގެ ދަރަނި ވެސް ވަނީ ބޮޑުތަނުން މަތިވެގެން ގޮސްފަ އެވެ. ތިންވަނަ ކުއާޓަރާ ހަމައަށް ބޭރުގެ ދަރަނި ހުރީ 51 ބިލިއަން ރުފިޔާގަ އެވެ.

އަދި އެތެރޭގެ ދަރަނި ހުރީ 68 ބިލިއަން ރުފިޔާގަ އެވެ. މިދިޔަ ފެށުނުއިރު ރާއްޖޭގެ ބޭރުގެ ދަރަނި ހުރިކަމަށް ދައްކަނީ 47 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް ޑިސެމްބަރުގެ ނިޔަލަށް ވަނީ 51 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. ބޭރުގެ ދަރަންޏަށް މި އަހަރު ތިން ކުއާޓަރަށް ބަލާނަމަ އެވްރެޖުކޮށް ތިން ބިލިއަން ރުފިޔާ ވަނީ އިތުރުކޮށްފަ އެވެ. އެތެރޭގެ ދަރަންޏަށް ވެސް އެއްރެޖުކޮށް ތިން ބިލިއަން ރުފިޔާ އަށްވުރެ ބޮޑު އަދަދެއް އިތުރުކޮށްފައިވެ އެވެ. މި ހިސާބުތަށް ރާއްޖޭގެ އެތެރޭގެ ދަރަންޏަށްވުރެ ބޭރުގެ ދަރަނި ކުޑަ ކަމަށް ދެއްކިނަމަވެސް އެތެރޭގެ ދަރަނީގެ ބޮޑު ބައެއްވެސް ހިއްސާ ކުރަނީ ބޭރުގެ ފަރާތްތަކުންނެވެ. ސަބަބަކީ އެތެރޭގެ ދަރަނީގެ ބޮޑު ބައެއް ޓީ ބިލް ހިމަނާފައިވުމެވެ. ޓީބިލްގެ ސަބަބުން ތިންވަނަ ކުއާޓަރާ ހަމައަށް ބަލާނަމަ އެކްސްޓާނަލް ބޮންޑްހޯލްޑާގެ އައުޓްސްޓޭންޓިން ހަތް ބިލިއަން ރުފިޔާއަށް ވުރެ މަތިވެފައިވާ ކަމަށް ދައްކަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.