ކޭލަކުނުގައި އީކޯ ޓޫރިޒަމް މަޝްރޫއު ފަށަނީ، ފްލޯޓިން ރޫމްތަކެއް

ކޭލަކުނުގެ ތަރައްގީ ކުރަނީ ގުދުރަރީ ރީތިކަމާއި ވަށައިގެންވާ މޫދުގެ މުއްސަދިކަން ނުގެއްލޭ ގޮތަށް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކޭލަކުނު: އެ ރަށް ތަރައްގީ ކުރާނީ އީކޯ ޓޫރިޒަމް ހިނގާ ރަށެއް ގޮތުގަައި

ހދ. ކޭލަކުނު ގައި އިކޯ ޓޫރިޒަމްގެ ހާއްސަ މަޝްރޫއުއެއް ހިންގަން އެކަމާއި ގުޅޭ ދިރާސާތައް ފެށުމަށް ކެބިނެޓުން މިއަދު ނިންމައިފި އެވެ. ކޭލަކުނު ގައި އިކޯ ޓޫރިޒަމްގެ ހާއްސަ މަޝްރޫއުއެއް ހިންގުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ކެބިނެޓްގެ މިއަދުގެ ނިންމުން ތަފްސީލު ކޮށް ދެއްވާ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ކޭލަކުނު އީކޯ ޓޫރިޒަމަށް ފައްކާ ކުރުމުގެ މަސައްކަތް ފަށަން ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

އެ މަަސައްކަތް ކުރިއަށް ގެންދާނީ ކޭލަކުނުގެ ގުދުރަރީ ރީތިކަމާއި ވަށައިގެންވާ މޫދުގެ މުއްސަދިކަން ނުގެއްލޭ ގޮތަށް ކަމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ. ކޭލަކުނު ތަަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު އެ ރަށުގައި ވިޒިޓާސް ސެންޓަރެއް ގާއިމު ކުރާން ވެސް ވަނީ ނިންމާފައެވެ.

އަދި އެ ރަށަކީ ހާއްސަ ތާރީހެއް އޮތް ރަށަކަށް ވާތީ އެރަށުގެ ތާރީހާއި ގުދުރަތީ ރީތިކަން ރަށަށް ޒިޔާރަތް ކުރާ މީހުންނަށް ކިޔައިދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން ފްލޯޓިން ރޫމްތަކެއް އެޅޭނެ ގޮތްތަކެއް އޮތްތޯ ބެލުމަށް ހާއްސަ ދިރާސާއެއް ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އެކަަމާއި ގުޅޭ އިތުރު ތަފްސީލު ޓޫރިޒަމް މިނިސްޓްރީން ކުރިއަށް އޮތް ދުވަސްތަކުގައި ދާނީ ހާމަ ކުރަމުންނެވެ.

ކޭލަކުނުގައި އިކޯ ޓޫރިޒަމްގެ ހާއްސަ މަޝްރޫއުއެއް ހިންގަން ތައްޔާރު ވަމުންދާއިރު 2017 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އެ ރަށުގައި ރިސޯޓެއް ތަަރައްގީ ކުރުމަށް ހުޅުވާލި އެވެ. ވަރަށް ބޮޑު ކަޑޫ ފަލަކާއި ގުދުރަތީ ހާއްސަ ސިފަތަކެއް ލިިބިފައިވާ އެ ރަށް ޓޫރިޒަމަށް ތަރައްގީ ކުރުމާއި ތިމާވެށީގެ ހިމާޔަތުގައި ވާހަކަ ދައްކާ ޖަމިއްޔާތަކުން އޭރު ވެސް ވަނީ ދެކޮޅު ހަދާފައެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.