އަންނަ އަހަރު ސުކޫލު ބޮޑު ޗުއްޓީ ޑިސެންބަރަށް، ކިޔެވުން ފެށުން ޖަނަވަރީ ގައި

ޑިސެންބަރަށް ބޮޑު ޗުއްޓީ ބަދަލުކުރި ނަމަވެސް މިހާރު އޮންނަ ގޮތަށް ޖުލައި މަހު އިތުރު ބަންދެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ރައީސް މުއިއްޒު އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއުއާ ސަލާމު ކުރައްވަނީ

އަންނަ އަހަރުގެ ސުކޫލު ބޮޑު ޗުއްޓީ ޑިސެންބަރު މަހު ފެށުމަށް ފަހު ކުރީން އޮތް ގޮތަށް ސުކޫލު ކިޔެވުމުގެ ކަންކަން ތަރުތީބު ކުރުމަށް ކެބިނެޓްގެ މަޝްވަރާއާ އެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

ޒަމާނުއްސުރެ ރާއްޖޭގައި ސުކޫލު ޗުއްޓީ އަކީ ޑިސެންބަރު މަހެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވެރިކަމަށް އައީ ސުކޫލު ޗުއްޓީ އަހަރުގެ މެދަށް ބަދަލު ކުރައްވާނެ ކަމަށް ވައުދުވަމުންނެވެ. އެ ވައުދާއި އެއްގޮތަށް އެ ސަރުކާރުން ވަނީ ސުކޫލު ޗުއްޓީ އަހަރު މެދަށް ބަދަލުކޮށްފައެވެ.

ނަމަވެސް ރައީސް މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ގައި ދިރާސީ އަހަރު ފެށޭ ދުވަސް ކުރީން އޮތްގޮތަށް ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އެކަމާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީޙުގައި މިއަދު ވަނީ މަޝްވަރާ ކުރައްވާފައެވެ. ރައީސް އޮފީހުން ބުނީ އެ މަޝްވަރާތަކުގެ އަލީގައި އަންނަ އަހަރު ޑިސެންބަރު ގައި ސުކޫލު ބޮޑު ޗުއްޓީ ފަށާ އާ އަހަރުގެ ކިޔެވުން 2026 ވަނަ އަހަރުގެ ޖަނަވަރީ މަހު ފެށުމަށް ނިންމާފައިވާ ކަމަށެވެ.

ޑިސެންބަރަށް ބޮޑު ޗުއްޓީ ބަދަލުކުރި ނަމަވެސް މިހާރު އޮންނަ ގޮތަށް ޖުލައި މަހު އިތުރު ބަންދެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެ ގޮތުުން ޖުލައި މަހުގެ ތިން ހަފްތާ ސުކޫލު ބަންދު ދުވަސްތަކުގެ ގޮތުގައި ހަމަޖައްސާނެ އެވެ. ބޭނުމަކީ ޓޫރިޒަމްގެ ދާއިރާގައި ހަރަކާތްތެރިވާ މުވައްޒިފުންނަށް އާއިލާއެކު ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ދިނުމެވެ.

ރައީސް އޮފީހުން ބުނީ މި ބަދަލާ އެކު ޖުލައި މަހު ތިން ހަފްތާގެ ޗުއްޓީއެއް އަދި ޑިސެންބަރު މަހު ހަތަރު ހަފްތާގެ މުއްދަތެއް ދަރިވަރުންނަށް ލިބޭނެ ކަމަށެވެ.

އަދި މި ބަދަލު ގެންނާނީ ކުދީންގެ ކިޔެވުމަށް ދަތި ނުވާނެ ގޮތެއްގެ މަތީން ކަމަށާ އެ ބަދަލުތައް އެޑިއުކޭޝަން މިނިސްޓްރީން އިތުރަށް ތަފްސީލުކޮށް ހާމަ ކުރާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.