ދައްކަނީ އަހްމަދު އިސްވެ ދިން އަނިޔާގެ ވާހަކަ!

ތުހުމަތުތަަކާއި ގުޅޭގޮތުން އަހްމަދު ވާހަކައެއް ނުދައްކަ އެވެ. މަގާމުގައި ބާރުގައި ހުންނެވިއިރު ހުރިހާ ތުހުމަތެއް ގެންދެވީ ދޮގު ކުރައްވަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ: އަހްމަދު އަލީ ސަސްޕެންޑް ކުރުމުން ތައުލީމީ ދާއިރާގެ ވަރަށް ގިނަ ބަޔަކު ދަނީ އޭނާގެ އިސްވެ ހުރެ މިނިސްޓްރީ ތެރެއިން އެޅި ފިޔަވަޅުތަކާއި ބޭއިންސާފުގެ ވާހަކަ ދައްކަމުން

މިދިޔަ ހަތަރު އަހަރާއި ހަ މަސް ދުވަަހު ތައުލީމީ ވުޒާރާގައި ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަހުމަދު އަލީ އަކީ މިނިސްޓްރީއެއްގައި އެ މަގާމުގައި ހުންނެވި އެންމެ ބާރު ގަދަ ޕީއެސް ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. އޭރުގެ މިނިސްޓަރު ޑރ. އައިޝަތު އަލީގެ ވަރަށް ބޮޑު ރުހުމަކާއެކު އަހްމަދު އަލީ، ޕީއެސްގެ މަގާމަށް ވަޑައިގަތީ ޖޫން 13، 2019 ގަ އެވެ. 

ތައުލީމީ ދާއިރާގައި ހިދުމަތްް ކުރެއްވުމުގެ ތާރީހެއް އޮތް އަހްމަދާ ގުޅޭ ޝަކުވާތައް މިދިޔަ މުއްދަތު ގައި ކެނޑިނޭޅި އިވެމުން ދިޔަ އެވެ. ވަރަށް ގިނަ މައްސަލަތައް އެޑިއުކޭޝަން މިނިސްޓްރީއާ ސިވިލްސާވިސް ކޮމިޝަނަށް ހުށައެޅުނެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއްގައި ފިޔަވަޅު އަޅާފައެއް ނުވެ އެވެ. އެއިން މައްސަލަ އެއް ބަލާާފައެއްވެސް ނުވެ އެވެ.

މިނިސްޓަރު އައިޝަތު އަލީގެ އިތުބާރު އޭނާގެ މައްޗަށް މާ ބޮޑެވެ؛ އިހްތިޔާރުތަކާއި ބާރުތައް ދެއްވާފައި ވަނީ އޭގެ ހައްދުގައި އިމެއް، މިނެތް ނެތް މިންވަރަށެވެ. އެހެން ކަމުން ޕްރިންސިޕަލުންނާއި ޓީޗަރުންގެ ޝަކުވާތަކަށް އެއްވެސް ހައްލެއް ނުފެނުނެވެ. އެޅި ފިޔަވަޅަކަށް ރުހި މަޑުން ތިބުން ނޫން ގޮތެއް ނެތުނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ބަދަލުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމާ އެކު އަހްމަދާއި ގުޅޭ މައްސަލަތައް ހިނގައިގަތެވެ. ސީރިއަސް މައްސަލަތަކެއް ހުށައެޅިފައިވާ ކަމަށް ބުނެ އޭނާ ސަސްޕެންޑްކޮށް އެކަން ސިވިލް ސާވިސް ކޮމިޝަނުން އަންގާފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ.

މުސާރަ ހިނގާ ގޮތަށް މަސްއޫލިއްޔަތުން އެކަހެރިކޮށް ގެއަށް ފޮނުވާލީ މަސް ދުވަހަށެވެ. މައްސަލަ ބަލާ އެ މުއްދަތުގައި ނިމޭނެ ކަމަށް ބަލާފަ އެވެ.

އެ ހަބަރާއެކު ތައުލީމީ ދާއިރާގެ ވަރަށް ގިނަ އަދަދެއްގެ މުވަައްޒިފުން ވަނީ އެ މީހުންނަށް މިދިޔަ ފަސް އަހަރު، އަހްމަދުގެ ޕީއެސް ކަމުގައި އެޅި ފިޔަވަޅުތަކާއި ދިން އަނިޔާތަކުގެ ވާހަކަ ހިފައިގެން ބޭރަށް ނިކުމެފަ އެވެ. މޯލްޑިވްސް ސިވިލްސާވެންޓް އެސޯސިއޭޝަނުން ވަނީ އެ ހުރިހާ ޝަކުވާތަކާއި ވާހަކަތައް އެއްކޮށްފަ އެވެ. އެ މައްސަލަތައް ސިވިލްސާވިސް ކޮމިޝަނަށް ހުށައެޅުމަށް ދަނީ ތައްޔާރު ވަމުންނެވެ.

އަހްމަދާ ގުޅޭގޮތުން ބައެއް ޓީޗަރުންނާ ޕްރިންސިޕަލުން ފާޅުކޮށްފައިވާ ޝަކުވާ

މިދިޔަ ހަތަރު އަހަރެއްހާ ދުވަހު 21 ސުކޫލެއްގެ ޕްރިންސިޕަލުންނަށް ވަނީ ފިޔަވަޅު އަޅާފަ އެވެ. ގިނަ ޕްރިންސިޕަލުންނަށް ފިޔަވަޅު އަޅާފައި ވަނީ ސިޔާސީ ބޭނުމުގަ އެވެ. ދޮގު ތުހުމަތުތައް ކޮށް މަގާމު އަތުލާފައިވެ އެވެ. ދީނީ ޝިއާރު ފާޅު ކުރާ ކަމަށް ބުނެ ސަސްޕެންޑްކޮށް ސުކޫލަށް ވަނުން މަނާ ކޮށްފައި ވެސް ބައެއް ޕްރިސިޕަލުން ބެހެއްޓި އެވެ. ބައެއް ޕްރިންސިޕަލުން އަށް މަސް ދުވަހަށެވެ. ކޯޓުގެ ހުކުމް އައުމުން ވެސް ދޮޅު އަހަރެއްހާ ދުވަހު ވަޒީފާ ނުދީ ގެންގުޅުނު ޕްރިންސިޕަލުން ވެސް މި ލިސްޓް ގައި ހިމެނެ އެވެ. އަހްމަދު ހިތްހަމަ ޖެހިވަޑައި ނުގަންނަވާ ކޮންމެ ޕްރިންސިޕަލާކާ ދެކޮޅަށް ދިޔައީ ހިތަށް އެރި ފިޔަވަޅެއް އަޅަމުންނެވެ.

އެ ވާހަކަތައް އެ ޕްރިންްސިޕަލުން އެ މީހުންގެ އަމިއްލަ ސޯޝަލް މީޑިއާގެ އެކައުންޓްތަކުގައި ވަނީ ހިއްސާ ކޮށްފައެވެ. ވަރަށް ތަފްސީލުކޮށް ކަން ހިނގާދިޔަ ގޮތް ލިޔެފައި ވެއެވެ. އެ ވާހަކަތަކަކީ ލިޔެ ކޮޅުން ނުލާނެ ހާ ގިނަ ވާހަކަތަކެވެ.

ބައެއް ޓީޗަރުންނަށް ވެސް އެ ގޮތަށް ފިޔަވަޅު އަޅާފައިވެ އެވެ. ވަޒީފާ އިން ވަކިކޮށް ގެއަށް ފޮނުވާލާފައި ވެއެވެ. ދޮގު ތުހުމަތުތާކާއި އެކި އިލްޒާމުތައް އެޅުވުމަށް ފަހު އެވެ.

ބައެއް ޓީޗަރުންގެ ބުނި ގޮތުގައި ރޯދަ އިނާޔަތް ނުދީ ވެސް ހިފަހައްޓާފައި ވެއެވެ. އަދި ސަސްޕެންޑްކޮށް ދެތިން ހަތަރު މަސް ދުވަހު ބެހެއްޓުމަށް ފަހު މުސާރަ އާއި އިނާޔަތްތައް ދީފައެއް ވެސް ނުވެ އެވެ. އަދި ދެ އަހަރެއްހާ ދުވަސްތެރޭ ތިން ހަތަރު މަތީން ސަސްޕެންޑްކޮށް އޭގެ ފަހުން ވަޒީފާ އިން ވަކި ކޮށްފައިވާ ޓީޗަރުން ވެސް އެބަ ތިއްބެވެ. 

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ --

އެ ހުރިހާ ޕްރިންސިޕަލުންނާއި ޓީޗަރުން ބުނާ ގޮތުން އެ މީހުންނަށް އެޅި ފިޔަވަޅަކީ އިންސާފުން ބޭރުން އެޅި ފިޔަވަޅުތަކެއްް ކަމާއި އެއީ އެ މީހުންނާއި އާއިލާތަކަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށް ތަކުރާރުކޮށް އެޑިއުކޭޝަންގެ ސަމާލު ކަމަށް ވާނީ ގެނެސް ފައެވެ. ސިވިލްސާވިސް ކޮމިޝަނަށް އެ މައްސަލަތައް ހުށައެޅި އެވެ.

ސީދާ މިނިސްޓަރު އައިޝަތު އަލީގެ ކަންފަތްޕުޅަށް އެ ޝަކުވާތަކާއި މައްސަލަތައް އަޑުއިއްވި އެވެ. އެފަދަ ބައެއް މައްސަލަތަކުގައި ފޯނުން ކޯލުންނާއި މެސެޖުގެ ޖަރިއްޔާ އިން ކުރެވުނު މުއާމަލާތްތަކުގައި ސީދާ މިނިސްޓަރު ވަނީ ބައެއް ޕްރިންސިޕަލުންނާއި ޓީޗަރުންނަށް އެޅި ފިޔަވަޅުތައް ދިފާއުކޮށްފައެވެ. 

މިއިން ކޮންމެ މައްސަލައެއް ގައި އައިޝަތު އަލީ ތެދުވެ ވަޑައިގެންފައި ވަނީ އަހްމަދުގެ ދިފާއު ގައެވެ. އެހެން ކަމުން ރެކޯޑް އަދަދަކަށް ޕްރިންސިޕަލުންނާއި ޓީޗަރުންނަށް މިދިޔަ ދައުރުގައި ފިޔަވަޅު އެޅުނީ އޭރުގެ މިނިސްޓަރު އައިޝަތު އަލީގެ ރުހުން އޮވެ ފުރިހަމަ ބައިވެރިވުން އޮވެގެން ކަމަށް އެ މީހުން ދެކެ އެވެ.

ސިވިލްސާވެންޓް އެސޯސިއޭޝަނުން ބުނި ގޮތުގައި އެ ހުރިހާ މައްސަލަތަކެއް ސީއެސްސީއަށް ހުށައަޅާނެ އެވެ. އަދި އެދިފައި ވަނީ ކުރީ ސަރުކާރު ގައި ނުހައްގުން ފިޔަވަޅު އެޅި އެންމެން ވަކިވަކިން ވެސް އެ މައްސަލަތައް ހުށައެޅުމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު

މިހާރުގެ މިނިސްޓަރަކަށް މައްސަލައެއް ފާހަގަ ނުވޭ

އެޑިއުކޭޝަންގެ ޕީއެސް ސަސްޕެންޑް ކުރި މައްސަލައާ ގުޅިގެން މިހާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވާނީ ބައެއް ނޫސްތަކާ ވާހަކަ ދައްކާފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އަހްމަދުގެ މައްސަލަތަކެއް އޭނާއަކަށް ފާހަގަ ކުރެވިފައެއް ނުވެ އެވެ.

އަދި އަހްމަދު ފެނުނީ ވަރަށް ގުޅޭ / މަސައްކަތުގައި ކޯޕަރޭޓިވް ބޭފުޅެއްގެ ގޮތުގައެވެ.

ނަމަވެސް މިދިޔަ ހަތަރު އަހަރާއި ހަ މަސް ދުވަހު އެޑިއުކޭޝަނުން ފިޔަވަޅު އެޅި މުވައްޒިފުންގެ ވާހަކަތަކާ އެކު ޕީއެސް އަހްމަދު އަމަލު ކުރި ގޮތް މިހާރުގެ މިނިސްޓަރަށް މިހާރު ސާފުވެފައިވާނެ ކަމަށް ބެލެވެ އެވެ.

ތުހުމަތުތަަކާއި ގުޅޭގޮތުން އަހްމަދު ވާހަކައެއް ނުދައްކަ އެވެ. މަގާމުގައި ބާރުގައި ހުންނެވިއިރު ހުރިހާ ތުހުމަތެއް ގެންދެވީ ދޮގު ކުރައްވައެވެ. ސިވިލްސާވިސް ކޮމިޝަނުން ޔަގީން ކޮށްދިން ގޮތުގައި އަހްމަދާ މެދު ހުރީ ވަރަށް ސީރިއަސް ތުހުމަތުތަކެވެ. މައްސަލަ ބަލަނީ ސީރިއަސް މައްސަލަ އެއްގެ ގޮތުގައެވެ.

މައްސަލަ ބަލަން ފެށިއިރު އަހްމަދުގެ ދައުރު ހަމަވާން އޮތީ ހަ މަސް ދުވަހެވެ. 

ކޮމެންޓް

3
450
ދދދދ
3 months ago

ސިވިލްސަރވިސް އޮތީ އަހްމަދު އަލީ ދަށުގައި. އައިޝަތު އަލީ އެކަމަނާގެ --- ނައިބުރައީސް ފައިސަލް ނަސީމު މެދުވެރިކޮށް ސިވިލްސަވިސް ކޮމިޝަނުގެ ނަގޫއޮތީ ފިއްތާލާފައި. އަހްމަދު އަލީ ބޭނުން ކޮންމެ އެއްޗެއް ހަދަމުން ދިޔައީ ސިވިލްސަވިސްގެ ޤާނޫނުތައް މުގުރަމުން. މެމްބަރު އާމިރާ ހުރީ އަހްމަދު އަލީގެ ހިމާޔަތުގައި

ކޮމިސަން މީހާ
3 months ago

އޭނަގެ މައްސަލަ ބެލިޔަސް ސާބިތުނުވާކަމަށް ނިމެނީ. ސާބިތުވީ އެންމެކަމެއް. އެކަމުގަ އޭނަޔަށް ލިޔުމުން އިންޒާރެއްދީފަވީ.

ކޮކީ
3 months ago

ސިވިލް ސާވިސް ކޮމިޝަން ތެރެއިން އަހުމަދު ސަލާމަތްކުރަނީ އާމިރާ. ޢޭނަ ތިތަނުންނިކުތީމަ ތިމައްސަލަ ހިނގައިގަންނަގޮތް ތިވީ. އަހުމަދު އުޅުނީ އޭނަގެ ނިވަލުގަ. ޝީ އިސް އަ ޓައިރަންޓް. ާއަހުމަދު އިސް ހާ ބޭބީ ޓައިރަންޓް.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.