ހިޔާގައި އިތުރު ލިފްޓް ހަރުކުރަން ބަޔަކާ ހަވާލު ކޮށްފި

ލިފްޓް ހަރުކުރުމުގެ މަސައްކަތް ކުރަނީ ކޮން ކުންފުންޏަކުން ކޮން އަގެއް ގައި ކިހާ މުއްދަތަކުން މުޅި މަސައްކަތް ނިންމާ ގޮތަށް ކަމެއް ރައީސް ވިދާޅެއް ނުވެ އެވެ.

ރަައީސް މުއިއްޒު، ހިޔާ އަވަށު ގައި

ޅުމާލެ ހިޔާ އަވަށުގައި އިމާރާތް ކޮށްފައިވާ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓްތައް ހަރު ކުރުމަށް ބަޔަކާ ހަވާލުކޮށް އެގްރީމަންޓް ހަދާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒުގެ ކެމްޕެއިން ގައި ހިޔާ އަވަށް ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދަކީ ހިޔާ ޓަވަރުތަކަށް ފަސޭހަ އިން އަރާ ފޭބޭނެ ގޮތް ހެދުމަށް އިތުރު ލިފްޓްތައް ހަރުކުރުމެވެ. ރައީސް މުއިއްޒު ވަނީ ކޮންމެ ޓަވަރެއް ގައި އިތުރު ދެ ލިފްޓް ހަރުކޮށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެ މަސައްކަތް ކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމެނުމަށް ފޮނުއްވާފައިވާނެ ކަމަށް ފަހުން ވިދާޅުވި އެވެ.

ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ އާއި ޕީޕީއެމް ހިމެނޭ ޕްރޮގްރެސިވް ކޯލިޝަނުން މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ ކެމްޕޭނުގައި ހިޔާ އަވަހަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓްތައް ހަރު ކުރުމަށް ބަޔަކާ ހަވާލުކޮށް މަސައްކަތް ފަށާފައިވާ ކަމަށެވެ. ލަސްތަކެއް ނުވެ އެ މަސައްކަތް ނިމޭނެ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ. އެހެން ކަމުން ލިފްޓް ހަރުކުރުމުގެ މަސައްކަތް ކުރަނީ ކޮން ކުންފުންޏަކުން ކޮން އަގެއް ގައި ކިހާ މުއްދަތަކުން މުޅި މަސައްކަތް ނިންމާ ގޮތަށް ކަމެއް ސާފެއް ނުވެ އެވެ.

ހިޔާ ޓަވަރުތައް: އިތުރު ލިފްޓް ހަރުކުރަން ބަޔަކާ ވަނީ ހަވާލުކޮށްފައި

ހިޔާ އަވަށުގައި އިމާރާތް ކޮށްފައިވާ 25 ބުރީގެ 16 ޓަވަރުގައި ބައި ލައްކައެއްހާ މީހުން ދިރިއުޅެއެވެ. ބައެއް ޓަވަރުތަކުގައި މިހާރު ހުރީ ތިން ލިފްޓެވެ. ބައެއް ޓަވަރުތަކުގައި ހަތަރު ލިފްޓެވެ. މީހުން ގިނަވެ އަރާ ފޭބުމުގައި ދަތިވުމުގެ ޝަކުވާ ބޮޑެވެ.

އާބަންކޯ އިން ވެސް މީގެ ދެ ހަފްތާ ކުރީން ވަނީ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓްތައް ހަރު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް ބުނެފައެވެ.

ރައީސް މިއަދު ވެސް ވިދާޅުވީ ހިޔާ އަވަށަށް އެމަނިކުފާނު ވެވަޑައިގެންނެވި އެހެން ހުރިހާ ވައުދުތަކެއް ވެސް ތާވަލާ އެއްގޮތަށް ކުރިއަށް ދާނެ ކަމަށެވެ. އެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.