ޕައިލެޓުންނަށް ވަޒީފާ ނުލިބުން ގައުމީ މައްސަލައަކަށް ވެދާނެ: އަމީން

"ގައުމެއްގެ ނިސްބަތުން ސްކޮލަޝިޕްތަކަށް ހުޅުވާލަން ވާނީ އެ ގައުމަކަށް ބޭނުންވާ ނޫނިއްޔާ އެ ކިޔަވައިގެން އަންނަ ކުދީންނަށް ފުރުސަތުތަކެއް ވެސް އޮންނާނެ ގޮތަކަށް ބައްޓަން ކުރެވިގެން ސަރުކާރުގެ ނިޒާމު،"

ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން

ޕައިލެޓްކަން ކިޔަވައިގެން އައިސް ވަޒީފާ ނުލިބި ތިބި އެތައް ބަޔަކު ތިއްބަވާ އިތުރު 400 ސްކޮލާޝިޕް ފުރުސަތު ފަހި ކުރުމަކީ އެ ދާއިރާ އިން ކިޔަވައިގެން އަންނަ ގިނަ ބަޔަކު ވަޒީފާ ނުލިބި ތިބެން ޖެހިދާނެ ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހްގެ ސަރުކާރުން ވަނީ ޕައިލެޓްކަން ކިޔަވަން ގިނަ ސްކޮލާޝިޕްތަކެއް ދީފައެވެ. އެގޮތުން 400 ވުރެ ގިނަ ދަރިވަރުންނަށް އެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.

ޓްރާސްޕޯޓް މިނިސްޓްރީ ގައި މިއަދު އޮތްް ނޫސްވެރީންގެ ބައްދަލްވުމެއް ގައި މިނިސްޓަރު އަމީން ވިދާޅުވީ ސްކޮލާޝިޕްތަކަށް ހުޅުވާލާއިރު ހާލަތު އޮތްގޮތް ދެނެގަން ޖެހޭ ކަމަށެވެ. އެއީ ސިޔާސީ ވިސްނުމުގައި ކުރަން ހެޔޮވާވަރު ކަމެއް ނޫން ކަމަށެވެ.

ފައިލެޓްކަން ކިޔަވަން 400 ވުރެ ގިނަ ސްކޮލާޝިޕް ދިނުމަކީ ރަނގަޅަށް ނިންމި ނިންމުމެއް ނޫން ކަމަށާ އެކަމުގެ ސަބަބުން އެ ދަރިވަރުންނާއި އާއިލަތަކަށް އަދި ގައުމަށް ވެސް ލިބޭ ގެއްލުން ބޮޑު ކަމަށް ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި ޕައިލެޓް ޓްރޭނިން ހަަދަމުންދާ ދަރިވަރުންގެ އަދަދަށް ބަލާއިރު އެ މީހުންނަށް ވަޒީފާ ނުލިބުން ގައުމީ ބޮޑު މައްސަލައަކަށް ވާނެ އެވެ. ސަބަބުތައް ވެސް ވިދާޅުވި އެވެ. އަމީން ވިދާޅުވި ގޮތުގައި މިހާރުވެސް ޕައިލެޓްކަން ކިޔަވާ ނިމިގެން އައިސް ވަޒީފާ ނުލިބި 65-70 މީހުން އެބަ ތިއްބެވެ. އަދި މިވަގުތު ވެސް 200-250 އާ ދެމެދުގެ އަދަދެއްގެ ދަރިވަރުން ދަނީ ޕައިލެޓްކަން ކިޔަވަމުންނެވެ.

"ގައުމެއްގެ ނިސްބަތުން ސްކޮލަޝިޕްތަކަށް ހުޅުވާލަން ވާނީ އެ ގައުމަކަށް ބޭނުންވާ ނޫނިއްޔާ އެ ކިޔަވައިގެން އަންނަ ކުދީންނަށް ފުރުސަތުތަކެއް ވެސް އޮންނާނެ ގޮތަކަށް ބައްޓަން ކުރެވިގެން ސަރުކާރުގެ ނިޒާމު،"

ކިޔަވައިގެން އަންނަ ދަރިވަރުންނަށް އެ ފުރުސަތު މިވަގުތު ފަހިކޮށްދެނީ މޯލްޑިވިއަން އާއި ޓީއެމްއޭ ގައި އެކަނި ކަން ފާހަގަކޮށް އަމީން ވިދާޅުވީ އެ ދެ ކުންފުނިން ވެސް ޕައިލެޓް ކަމަށް ހުޅުވާލާ އަދަދު 30 ވުރެ އިތުރު ނުވާ ކަމަށް އެވެ. އެހެން ކަމުން ކިޔަވައިގެން އަންނަ ހުރިހާ ޕައިލެޓުންނަށް ވަޒީފާ ނުލިބުމަކީ ވަރަށް ބޮޑު މައްސަލަ އަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.

"މިއީ ގައުމީ ބޮޑު މައްސަލައަކަށް ވެދާނެ ކަމެއް،" އަމީން ވިދާޅުވި އެވެ.

މިނިސްޓަރު އަމީން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު

އަމީން ވިދާޅުވީ ކެޑޭޓް ޕައިލެޓުންގެ ބޮޑު ބެކްލޮގެއް ކޮންމެ ގައުމެއްގައި ވެސް އޮންނަ ކަމަށެވެ. އަދި ކޮންމެ ގައުމަކުން ވެސް ފުރުސަތު ދެނީ އެ ގައުމެއްގެ ޕައިލެޓުންނަށް ވުމުން ދިވެހި ޕައިލެޓުންނަށް ވަޒީފާ ލިބޭނެ ގިނަ ފުރުސަތުތަކެއް ނެތް ކަމަށެވެ.

ޕައިލެޓަކަށް ވުމަށް ކިޔަވަން ދަނީ ތައުލީމީ ގޮތުން ވަރަށް ރަނގަޅު ދަރިވަރުން ކަން ފާހަގަ ކުރައްވާ އަމީން ވިދާޅުވީ އެ ކުދީން ކިޔަވައިގެން އައިސް ވަޒީފާ ނުލިބި ތިބެން ޖެހުމަކީ ހުރިހާ ގޮތަކުން އެކުދީންނާއި ގައުމަށް ލިބޭ ދެރައެއް ކަމަށެވެ.

އެކަމާއި ގުޅިގެން ހަޔާ އެޑިއުކޭޝަންއާ ވާހަކަ ދައްކާ މަޝްވަރާ ކުރަމުންދާ ކަމަށް އަމީން ވިދާޅުވި އެވެ. އަދި ހާލަތު އޮތްގޮތް ދަރިވަރުންނާއި ބެލެނިވެރީންނަށް ކިޔައިދޭން ޖެހޭ ކަމަށާ ނިންމުން ބަަދަލު ކުރަން އެދޭ ދަރިވަރުންނަށް އެހެން ފުރުސަތުތައް ފަހިކޮށްދޭން ވެސް ޖެހޭ ކަަމަށެވެ.

އަމީން ވިދާޅުވީ އެ ވާހަކަ އޭނާ ދެއްކެވީ އެއްވެސް ސްކޮލާޝިޕެއް ކެންސަލް ކުރުމަށް ނޫން ކަމަށާ އެފަަދަ ކަމެއް ސަރުކާރުން ނުކުރާނެ ކަމަށެވެ.

ކޮމެންޓް

1
450
ކެޕްޓަން އިބުތި
4 months ago

ތިޔަށް ސުކޮލަޝިޕް އޭ ކިޔަންވެސް ލަދެއް ނުގަނޭތަ؟ ތިޔަށް ކިޔާ އުޅެނީ ގަވަރުމަންޓު ސްޓޫޑަންޓު ލޯނު.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.