ނަހުލާގެ ދެ ހުށައެޅުއްވުމެއް، ރައީސް އަޅައެއް ނުލެއްވި!

ސިޔާސީ މައިދާނުން ކުރިއަށް ވަޑައިގަތުމަކީ ނަހުލާގެ ވަރަށް ބޮޑު ހުވަަފެންފުޅެކެވެ. ފަސް އަަހަރު މިނިސްޓަރުގެ ގޮނޑިކޮޅު ހޫނު ކުރެއްވުމަށް ފަހު ގޭގައި އިންނަވަން އެކަމަނާ ބޭނުންފުޅުވެވަޑައެއް ނުގަންނަވަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި ކުރީގެ ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ

ކުރީގެ ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަކީ ސިޔާސީ މައިދާނުން ފެންނުނު އަންހެން ބޭފުޅުންގެ ތެރެއިން ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ކުރިއަށް ވަޑައިގެންނެވި ބޭފުޅާއަށް ވާނެ އެވެ. 2018 ވަނަ އަހަރު އެކަމަނާ ސިޔާސީ މައިދާނަށް ނިކުންނެވީ ފިރިކަލުން ގާސިމް އިބްރާހިމް ޖަލުގައި ބަންދު ކުރެއްވުމުންނެވެ. އަދި ގާސިމްގެ މުޅި ވިޔަފާރި އޭރު ހިންގަވަމުން ގެންދެވި ދޮށީ ފިރިހެން ދަރިކަލުން / އައިޝާގެ ދޮން ދަރިކަލުން އިބްރާހިމް ސިއާދު ގާސިމް ވެސް ޖަލުގެ ތޭރިތަކުގެ ފުރަގަހު ގައި ހުންނަވަން ޖެހިވަޑައިގަތުމުންނެވެ.

ސިޔާސީ މަސައްކަތް ފެއްޓެވިތާ މަދު މަސްތަކެއްގެ ތެރޭގައި އެކަމަނާ ވަނީ މިނިސްޓަރު ކަމަށް ވަޑައިގެންފައެވެ. ނޮވެންބަރު 17، 2018 ގައި އުފެދުނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ޓްރާސްޕޯޓް މިނިސްޓަރަކީ އައިޝާ އެވެ. ފަސް އަހަރުގެ ދައުރު ވެސް އެކަމަނާ ހުންނެވީ އެ މަގާމު ގައެވެ.

ރައީސް ސޯލިހާ ދެކޮޅަށް ފިރިކަލުން ގާސިމް އިބްރާހިމްގެ ރިޔާސީ ކެމްޕެއިން ގައި އިސް ދައުރެއް އަދާ ކުރައްވާ އަދި ދެވަނަ ބުރުގައި ފާޅު ގައި ރައީސް ސޯލިހަށް ތާއީދު ނުކުރައްވާ މަންޒަރުން ގެއްލިވަޑައިގަތުމުން ވެސް މަގާމު އެ ގޮތުގައި ދެމި އޮތެވެ. ތަފާތު މައްސަލަތަކާއި ތުހުމަތުތައް ކުރެވުނު ނަމަވެސް އެކަމަނާއަށް އެޅުއްވުނު ފިޔަވަޅެއް ނެތެވެ. 

ސިޔާސީ މައިދާނަށް ނިކުންނަވާ ކުރު މަގަކުން މިނިސްޓަރު ކަމަށް ވަޑައިގެންނެވުމާއި ފަސް އަހަރުގެ ދައުރު މިިނިސްޓަރު ކަމުގައި ހޭދަ ކުރެއްވުމުގެ ފަހަތުގައި އޮތް ހަމައެކަނި ސަބަބަކީ އެކަމަނާގެ ފިރިކަލުންގެ ނުފޫޒާއި ބާރު ސިޔާސީ މައިދާނުގައި އޮތް މިންވަރެވެ. މަގާމަށް ވަޑައިގަތުމާއި ދެމި ހުންނެވުމުގައި އެކަމަނާގެ ދައުރެއް / ނެރުއްވުނު ނަތީޖާ އެއް ނެތެވެ. އެކަމަކު 2018 ގެ ރިޔާސީ އިންތިހާބު ގައި ކެމްޕެއިން ގައި ބުރަކޮށް މަސައްކަތް ކުރެއްވި އެވެ. 

ކަން ދިމާކުރި ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައެއް ނުގެންނެވި އެވެ. އެމަނިކުފާނަށް ދެވަނަ ދައުރެއް ލިބިވަޑައިގެންނެވި ނަމަވެސް މިނިސްޓަރު ކަމުން ދެން އައިޝާއަށް ފުރުސަތު ނުދެއްވާނެ އެވެ. އެއީ ޔަގީން މުޖައްރިބު ކަމެކެވެ.

ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ

ސިޔާސީ މައިދާނުން ކުރިއަށް ވަޑައިގަތުމަކީ ނަހުލާގެ ވަރަށް ބޮޑު ހުވަަފެންފުޅެކެވެ. ފަސް އަަހަރު މިނިސްޓަރުގެ ގޮނޑިކޮޅު ހޫނު ކުރެއްވުމަށް ފަހު ގޭގައި އިންނަވަން އެކަމަނާ ބޭނުންފުޅުވެވަޑައެއް ނުގަންނަވަ އެވެ.

ސިޔާސީ ސިއްރު މަޝްވަރާތަކާއި މައިދާނުގައި ހުންނެވޭތޯ ކުރައްވާ މަސައްކަތުން ބުނެދޭ ހަގީގަތަކީ އެއީ އެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިހާބު ގައި ރައީސް މުއިއްޒަށް ތާއީދު ނުކުރެއްވި ނަމަވެސް މި ސަރުކާރާ އެކު ކުރިއަށް ވަޑައިގަތުމުގެ ފުުރުސަތެއް ފަހި ވޭތޯ އައިޝާ ވަނީ މަސައްކަތް ކުރައްވާފައެވެ. އެކަން ސަރުކާރާއި ޕީޕީއެމް / ޕީއެންސީގެ އެންމެ އިސް ބޭފުޅުންގެ ތެރެއިން ބޭފުޅަކު ޔަގީން ކޮށް ދެއްވި އެވެ.

ސަރުކާރާ އެކު ކުރިއަށް ވަޑައިގަތުމަށް ބޭނުންފުޅުވާ ކަން ހާމަ ކުރެއްވުމުން ދެ ޕާޓީއާ ސަރުކާރުން އެކަމަނާ އަށް މަރުހަބާ ކިޔެ އެވެ. އެކަމަކު އިތުރަށް ކުރިއަށް ދެވޭ ގޮތް ނުވީ އެވެ. އެއީ ސަރުކާރާއެކު ވަޑައިގަތުމަށް އެކަމަނާ ހުށައެޅުއްވި ވަރުގަދަ ދެ ހުށައެޅުއްވުމަށް ރައީސް މުއިއްޒަށް އެއްބަސްވެވަޑައިގެންނެވޭ ގޮތް ނުވީމަ އެވެ. އެ ދެ ހުށައެޅުމަށް ވެސް ރައީސްގެ ޖަވާބު ވަރަށް ސާފުވެފައި ކުރެ އެވެ. ނޫނެކެވެ. އެ ފުރުސަތެއް ދެއްވެން ނެތް ކަމަށް ވިދާޅުވި އެވެ. އިތުރަށް އެ ހުށައެޅުމާ އެކު ކުރައްވާނެ މަޝްވަރާ އެއް / ދައްކަވާނެ ވާހަކަ އެއް ވެސް ނެތް ކަމަށް ސާފުކޮށް ޖަވާބު ދެއްވީ އެވެ.

ޖޭޕީގެ އިސް ބޭފުޅުންނާ އެކު ބޭއްވެވި ބައްދަލްވުމަށް ފަހު ނަހުލާއާ އެކު ރައީސާއި އަބްދުއްރަހީމް ފޮޓޯއަކަށް ހުއްޓިވަޑައިގެން

އައިޝާ ހުށައެޅުއްވީ ސިޔާސީ ގޮތުން އެކަމަނާ އިތުރަށް ކުރިއަށް ވަޑައިގަތުމަށް މިވަގުތު ބޭނުންފުޅުވާ ފުރުސަތު ފަހިކޮށް ދެއްވުމަށެވެ. ދެ ހުށައެޅުއްވުމެކެވެ.

އެއް ހުށައެޅުއްވުމަކީ ތުރުކީއަށް ކަނޑައަޅުއްވާ ސަފީރުގެ މަގާމަށް އެކަމަނާ ހަމަޖެއްސެވުމެވެ. ދެން އެދިވަޑައިގެންނެވީ ސައުދިއަަރަބިއްޔާ އަށް ކަނޑައަޅުއްވާ ސަފީރުގެ މަގާމު ދެއްވުމަށެވެ. ނަމަވެސް އެ ފުރުސަތު ދެއްވެން ނެތް ކަމަށް ރައީސް މުއިއްޒު ސާފުކޮށް ޖަވާބު ދެއްވި އެވެ.

"ރައީސް ވަރަށް ސާފުކޮށް އެކަމާ ދެކޮޅު ހެއްދެވި،" އައިޝާގެ ހުށައެޅުއްވުމުގެ ތަފްސީލް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ މި ސަރުކާރުގެ ވަރަށް އިސް މަގާމެއް ގައި ހުންނެވި ބޭފުޅަކު ވިދާޅުވި އެވެ.

އެ ބޭފުޅަކު ވިދާޅުވި ގޮތުގައި ރައީސްގެ އެ ނިންމެވުމުގައި ދެތީން ސަަބަބެއް އޮތް ކަމަށް ގަބޫލު ކުރެވެ އެވެ. އެއް ސަބަބަކީ ނަހުލާ އަކީ މި ސަރުކާރު ގެނައުމަށް މަސައްކަތް ކުރެއްވި ބޭފުޅަކަށް ނުވުމެވެ. އޭގެ ބަދަލު ގައި ނިމިދިޔަ ސަރުކާރު ގައި ދައުރު ފުރިހަމަ ކުރެއްވުމަށް ހުންނެވި މިނިސްޓަރަކަށް ވުމާއި ރިޔާސީ އިންތިހާބުން ގާސިމްގެ ސިޔާސީ ހަޔާތުގެ މިހާރުގެ ބަލިކަށިކަން ސާފުވެގެން ދިއުން ހިމެނެ އެވެ.

"އަނބިކަަނބަލުންނަށް ބޮޑު މަގާމެއް ދެއްވައިގެން ގާސިމްގެ ތާއީދު ހިފެހެއްޓެވުމަކީ ރައީސް ބޭނުންފުޅުވާ ގޮތެއް ނޫން. އަނެއްކޮޅުން މިއީ ގާސިމްގެ ހުށައެޅުއްވުމެއް ވެސް ނޫން. ގާސިމްގެ ހިޔަނީ ގައި ވަޑައިގެން ނަހުލާ އަމިއްލަފުޅަށް ހުށައެޅުއްވި ހުށައެޅުއްވުންތަކެއް،"

ނަހުލާއާ ފިރިކަލުން ގާސިމް އިބްރާހިމް

ސިޔާސީ ގޮތުން ކުރިއަށް ވަޑައިގަތުމަށް އައިޝާ ދެކެވަޑައިގެންނެވި ހުވަފެން ކާމިޔާބު ނުވުމުން މިހާރު އިތުރު މަގެއް އެކަމަނާ ވަނީ ހިޔާރު ކުރައްވާފައެވެ. އެއީ ކުރިއަށް އޮތް ވިހިވަނަ މަޖިލީހަށް ކުރިމަތިލެއްވުމެވެ.

ޖުމްހޫރީ ޕާޓީގެ ފުރަތަމަ އަންހެން ނާއިބު ލީޑަރުގެ ގޮތުގައި މަގާމުގައި ހުންނެވި ނަހުލާ ވަނީ މަޖިލީސް ވިހީ ގައި ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަ ކުރައްވަން ނިންމަވާފައެވެ. އަޑުތައް ފެތުރިފައިވާ ގޮތުން އެ ގޮނޑިއަށް ވާދަ ކުރައްވަން ސަރުކާރުގެ ތާއީދު ހޯއްދެވުމަށް ވެސް އެކަމަނާ މަސައްކަތް ކުރެއްވި އެވެ.

ނަމަވެސް އެކަމަނާ ވިދާޅުވި ގޮތުގައި ހުޅުމާލެ ދެކުނަށް ނިކުންނަވާނީ ފިިރިކަލުން ލީޑަރުކަން ކުރައްވާ ޖުމްހޫރީ ޕާޓީގެ ޓިކެޓް ގައެވެ. އެހެން ޕާޓީއެއްގެ ޓިކެޓެއް ހޯއްދަވާ އިންތިހާބަށް ނިކުންނެވުމަށް މަސައްކަތެއް ނުކުރައްވައެވެ.

ސިޔާސީ ގޮތުން އިތުރަށް ކުރިއަށް ވަޑައިގަތުމަށް ނަހުލާ އަށް އޮތީ ޗެލެންޖިން މަގެކެވެ. މަޖިލީސް އިންތިހާބު ކާމިޔާބު ކުރެއްވިއްޖެނަމަ ފުރަތަމަ ފަހަރަށް ސިޔާސީ ގޮތުން އެކަމަނާގެ އަމިއްލަފުޅު މައިބަދައިގެ މައްޗަށް ތެދުވެ ހުންނެވިކަން ސާބިތުކޮށް ދެވުނީ އެވެ. ނާކާމިޔާބު ވެއްޖެނަމަ އަލުން ގަދަ ހިތްވަރާ އެކު ކުރިއަށްދާން ކުރާން ޖެހޭ މަސައްކަތް އިތުރުވީ އެވެ.

ކޮމެންޓް

1
450
ހުޒާމް
4 months ago

ރައީސް ސޯލިހުތަ ނޫނީ ރައީސް މުއިއްޒުއަށް އެއްބަސް ނުވެވުނީތަ. ލިއުމުގައި އޮޅިގެން ޖެހިފައި އިންހެން ހީވަނީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.