ރަޝިއާ މާކެޓު ދަށްވީ ކުރީ ސަރުކާރާއި އެމްއެމްޕީއާރުސީގެ ސަބަބުން

ވަލީދު ވިދާޅުވި ގޮތުގައި ރަޝިއާ ޓޫރިޒަމް މާކެޓު ރާއްޖެ އަށް ދައްވާ ސަބަބުތަށް ބުނެދީދީ ވަރުބަލި ވެއްޖެ ކަަމަށެވެ. އެ ވާހަކަ ގްރޫޕްތަކާއި ނޫސްތަކުގައި ލިޔެވުނު ވަރުވެސް ނޭނގޭ އެވެ.

ރިސޯޓްލައިގެ ވެރިޔާ މުހައްމަދު ޝާޒް ވަލީދު -- އައިލެންޑް ޗީފް

ރާއްޖޭގެ އެއްވަނަ މާކެޓުގެ ގޮތުގައި ރަޝިއާ ގިނަ ދުވަސްތަކަށް އޮތުމަށްފަހު ޓޫރިޒަމްގެ އެންމެ ޕީކް ދުވަސްވަރަށް މިވަނީ އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު ބޮޑުތަނުން ދަށްވެފަ އެވެ. މިހާރު ނަމްބަރު އެކެއްގައި އޮތީ އިންޑިއާ އެވެ. މިއީ ޓޫރިޒަމަށް އޮތް ކުރިއެރުމެއް ހެއްޔެވެ؟ ނޫނީ މިއީ ޓޫރިޒަމަށް ލިބުނު ދެރައެއް ހެއްޔެވެ؟ މީގެ ސަބަބަކީ ކޮބައި ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ދެއްވީ ރަޝިއާއިން އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން ގެންނަ އެއް ކުންފުނި ކަމަށްވާ ރިސޯޓް ލައިފްގެ ވެރިޔާ މުހައްމަދު ޝާޒް ވަލީދު އެވެ.

ރަޝިއާގައި އޮފީސް ހަދައިގެން ރާއްޖެއާއި 11 ގައުމެއްގެ ޓޫރިސްޓު އެނދު ވިއްކަމުން ގެންދާ ވަލީދު "މި" ނޫހަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވި ގޮތުގަައި ރަޝިއާ އިން އަންނަ ޓޫރިސްޓުންގެ އަދަދު މަދުވުމަކީ ޓޫރިޒަމަށް ކުރިމަތިވާނެ ބޮޑު ދެރައެކެވެ. މީގެ ސަބަބަކީ ހާއްސަކޮށް މިދިޔަ ހުރިހާ ސަރުކާރުތަކާއި ޓޫރިޒަމް ޕްރޮޕޯޝަން ބޯޑް އެމްއެމްޕީއާރުސީގެ ފަރުވާ ކުޑަކަމުންނެވެ. 

"ޓޫރިޒަމެކޭ މަސްވެރިކަމެކޭ މާކަބޮޑު ތަފާތެއް ހަގީގަތުގައި ނެތް. މިސާލަކަށް މަސްވެރިން އެން ދަމާ ގޮތަށް ބަލާލަމާ. ފުރަތަމަ އެން ހޯދަން ދުއްވައިގެން ފީނަނަނީ. އެން ފެނުނީމަ ފިލި ޖަހައިގެން އެން އަރުވައިގެން އެން ދަމަނީ. ހަމަ އެގޮތަށް މިކަން [ޓޫރިޒަމް] ވެސް މަންޒިލްތަކަށް އަންނަ ބަދަލާއި ދަަށްވެ މަތިވާ ތަންތަނާ ޕޮޓެންޝަލް ހުރި ތަންތަން ބަލައި އެ ތަންތަނަށް ފޯކަސް ކުރަން ޖެހޭ. ރާއްޖޭގެ ޓޫރިޒަމް މާކެޓްތަކުގެ އިންޓެލިޖެންޓް ހެދެން ޖެހޭ. އެކަމެއް ރާއްޖޭގެ އެމްއެމްޕީއާރުސީން އެއްގޮތަކަށްވެސް ނުކުރޭ،" ވަލީދު ވިދާޅުވި އެވެ. 

ވަލީދު ވިދާޅުވީ ރަޝިއާ ޓޫރިޒަމް މާކެޓު ރާއްޖެ އަށް ދައްވާ ސަބަބުތަށް ބުނެދީދީ ވަރުބަލި ވެއްޖެކަމަށާ އެ ވާހަކަ ގްރޫޕްތަކާއި ނޫސްތަކުގައި ލިޔެވުނު ވަރުވެސް ނޭނގޭ ކަމަށެވެ. 

"ސަރުކާރެއް ނިންމާ އެލީ ރާއްޖޭގެ ވަޒީރެއް، ރައީސެއް ރަޝިއާ އަށް ގޮސް ނުލާ. ވަރަށް ބޮޑަށް ކިޔައިގެން އެމްއެމްޕީއާރުސީގެ މީހުން ގެންގޮސްގެން އެ ގައުމުގައި ކުޑަ އިވެންޓެއް ބޭއްވީ. މިވަރުން ކިހިނެއް ތޯ މާކެޓެއް ހިފަހައްޓާނީ. މިއީ ރާއްޖެއަށް އެންމެ ޕޮޓެންޝަލް ހުރި އަދި އެންމެ ގިނައިން ހަރަދު ކުރާ މީހުން އަންނަ މާކެޓު. އެކަމަކު މިތަނަށް އަޅައެއް ނުލާ. މިވަގުތު ވެސް ފެންނަނީ އެކަހަލަ މަންޒަރެއް. އަދިވެސް މިކަން ރަނގަޅު ކުރަން މަސައްކަތް ކުރަން އެހާ ޕޮޒިޓިވް ނިޝާންތަކެއް ނުފެނޭ. މިއީ ހިތާމައެއް،" ވަލީދު ވިދާޅުވި އެވެ. 

އިންޑިއާ މާކެޓު އިތުރުވީ ބޮޑު ޑިސްކައުންޓުތަކުން

އޭނާ ވިދާޅުވީ މި މަސައްކަތް ނުކުރުމުގެ ނަތީޖާއަކީ ރާއްޖެ އަށް ލިބިފައި އޮތް މުހިންމު މި މާކެޓު ވާދަވެރި ގައުމުތަކުން އަތުލަމުން ދިއުމެވެ. މިހާރު މި ފެންނަނީ އެ މަންޒަރުކަން ވަލީދު ފާހަގަ ކުރެއްވި އެވެ. 

ރިސޯޓް ލައިފްގެ ވެރިޔާ މުހައްމަދު ޝާޒް ވަލީދު -- މުހައްމަދު އަފްރާހު | މި

"ޖެނުއަރީ 10 ހިސާބު ރަޝިއާ މީހުން އިތުރު ވެދާނެ. އެކަމަކު ކުރިއަށް ދައްކަނީ ވަަރަށް ދެރަކޮށް. އިންޑިއާ މީހުން އިތުރުވެ ރަޝިއާ މާކެޓުން އަންނަ މީހުން ދަށްވުމަކީ ޓޫރިޒަމަށް ޕޮޒިޓިވް ނިޝާނެއް ނޫން. ނިއު އިޔާއަށް އިންޑިއާ މީހުން އިތުރުވެގެން މި ދަނީ ބޮޑު ތަނުން އަގު ހެޔޮ ކުރީމަ. މިއީ ދުވަހަކު ވެސް ރާއްޖޭން ކުރި ކަމެއް ނޫން. މިއީ އެންމެ ޕީކް ދުވަސްވަރު. މިހާރު ހަތަރު ދުވަހަށް 1،000 ޑޮލަރަށް އެބަ ވިއްކާ، މި ވަރުން ކާކު ތޯ ނާންނާނީ،" ޝާޒް ސުވާލު އުފެއްދެވި އެވެ. 

ރާއްޖޭގެ ވިޔަފާރި ދަށް، އެހެން ގައުމުތަށް ރަނގަޅު

އޭނާ ވިދާޅުވީ މި ދުވަސްވަރާ ހަމައަށް ބަލާނަމަ ރާއްޖެއާ ވާދަވެރި މަންޒިލްތަކަށް ޓިކެޓު ލިބެން ނެތްނަމަވެސް ރާއްޖެ އަންނަން ޓިކެޓު އެބަހުރި ކަމަށެވެ. 

"މި ކުންފުނި [ރިސޯޓް ލައިފް] އިން 11 ގައުމެއްގެ ވިޔަފާރި ކުރަން. އަޅުގަނޑުމެން އަތުގަ އެބަހުރި މަޝްހޫރު ހުރިހާ އެއާލައިންތަކެއްގެ ޝީޓް ލިބެން މިއަދާ ހަމައަށް ވެސް ރާއްޖެ އަށް. ރާއްޖެ އަންނަން ޖެނުއަރީ 20 އަށް ޓިކެޓު އެބަހުރި. އެކަމަކު ސީޝެލްސް އާއި މޮރިޝަސް އަކަށް ނެތް. މީގެން އެނގެނީ ރާއްޖެ އަށް އޮތް ރަޝިއާ މާކެޓު ދަށްވެގެން ގޮސްފައި އޮތް މިންވަރު،" ވަލީދު ވިދާޅުވި އެވެ.  

ޓޫރިޒަމް ތަފާސް ހިސާބުތަށް ދައްކާ ގޮތުގައި ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ބޮޑުތަނުން އިތުރުވީ ކޮވިޑް-19 ގައި ދުނިޔެ ބަންދުކޮށް ހުޅުވަމުން ދިޔަ ދުވަސްވަރުން ފެށިގެންނެވެ. މި ދުވަސްވަރު ރަޝިއާ މާކެޓުން ޓޫރިސްޓުން އިތުރު ކުރަން ރިސޯޓް ލައިފުން ވަނީ ޔޫކްރޭން- ރަޝިއާއިން ފްލައިޓު ތަކެއް ވެސް ބާއްވާފަ އެވެ. މިކަން ޓޫރިޒަމްގެ އެއް ބާނީ ޗަމްޕާ ހުސެއިން އަފީފު ފާހަގަވެސް ކުރައްވައި ވަލީދުއަށް ޝުކުރު އަދާވެސް ކޮށްފައިއެވެ. 

ރަޝިއާ މާކެޓް - ރަޝިއާއަކީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނުގެ އާބާދީ އޮތް ގައުމެވެ. އަދި އެންމެ ބޮޑަށް ހަރަދު ކުރާ އެއް މާކެޓެކެވެ. ނަމަވެސް ރަޝިއާ- ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އެ ގައުމަށް އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ސަބަބުން އެ ގައުމުގެ އިކޮނޮމީ ފުރަތަމަ ދަަށްވުމަށްފަހު މިހާރު ވަނީ ހަމައަކަށް އެޅިފައިވާ ކަމަށް އެ ގައުމުން ބުނެ އެވެ. ރާއްޖޭގެ ޓޫރިޒަމް ހިސާބުތަށް ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް އެ ގައުމުން 204,043 ޓޫރިސްޓުން ވަނީ އައިސްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.