ރައީސްގެ އުންމީދެއް | ބްރިޖު ނިންމުން 2025، އާރުޓީއެލް ގުޅެން އަހަރެއް

ރައީސް ވިދާޅުވީ އާރުޓީއެލް އަހަރެއްގެ ތެރޭ ރާއްޖެ ގުޅާލަން އުންމީދު ކުރައްވާ ކަމަށެވެ. އަދި ބްރިޖު މިހާރުގެ ޝެޑިއުލަށްވުރެ އަވަސް ކުރުމަށް އުންމީދު ކުރައްވަ އެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް ގުޅިފަޅުގައި ކުރިއަށް ދަނީ

ތިލަމާލެ ބްރިޖުގެ މަސައްކަތް ސަރުކާރަށް މެނޭޖު ނުކުރެވުމުގެ ނަތީޖާއެއްގެ ގޮތުގައި މަސައްކަތް ލަސްވެ މިހާރު ނިމޭނެ ކަމަށް ބެލެވެނީ ސެޕްޓެމްބަރު 30، 2026 ގަ އެވެ. އެކަމަކު، ސިނަމާލެ ބްރިޖު އެޅިއިރު ހައުސިން މިނިސްޓަރަކަށް ހުންނެވި މިހާރު ރައީސް ޑރ. މުހައްދު މުއިއްޒު ބޭނުންފުޅުވަނީ ބްރިޖު 2025 ގައި ނިންމާށެވެ. އަދި އާރުޓީއެލް ފެރީގެ  ނިޒާމުން މުޅި ރާއްޖެ ގުޅާލަން ބޭނުންވަނީ އަހަރެއްގެ ތެރޭގަ އެވެ. 

ދިވެހިރާއްޖޭގެ އަޑުގެ 61 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ގެނެސްދިން ބާއްޖަވެރި ހެނދުނެއް ޕްރޮގްރާމުގައި އާއްމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އާރުޓީއެލް ހިދުމަތްދޭ ކުންފުނި އެމްޓީސީސީ އަށް މެނޭޖިން ޑިރެކްޓަރެއް އައްޔަން ކުރުމަށްފަހު ފުރަތަމަ ބޭއްވި ބައްދަލުވުމުގައި ވެސް އެ ހިދުމަތް އަވަސްކޮށް އެދިވަޑައިގެން ކަމަށެވެ.  

"މިހާރު އެ ހިދުމަތް އޮތް ހިސާބުން ފައްޓައިގެން ކުރިއަށް ގެންދަން ވާނީ ދަންނަވާފަ. އަޅުގަނޑު ބޭނުންވަނީ ގިނަ ވެގެން އަހަރެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ރާއްޖެ ކަވަރު ކުރަން. މިހާރަށްވުރެ ރަނގަޅަށް އިންވެސްޓްމަންޓް ކަންތައް ވެސް ކުރިއަށް ގެންގޮސް އިތުރު މުވައްޒަފުން ނަގައިގެން ކުރިއަށް ގެންދަން،" މިދިޔަ ސަރުކާރުގައި ފެއްޓި ދަތުރުފަތުގެ ނިޒާމުގެ މަސައްކަތާ ބެހޭ ގޮތުން ރައީސް ވިދާޅުވި އެވެ. 

ރައީސް ޑރ. މުއިއްޒު ވިދާޅުވީ އިތުރު އެއާޕޯޓްތައް އެޅިގެންދާއިރު ސީ ޓްރާންސްޕޯޓް ހިދުމަތަކީ ވެސް ވަރަށް މުހިންމު ހިދުމަތެއް ކަމަށެވެ. 

އާރުޓީއެލް ލޯންޗެއް ތިނަދޫ ބަނދަރުގައި : އަގު ނަގައިގެން ދަތުރު ފަށާނީ މިމަހު 20 ގަ -- އެމްޓީސީ

އާރުޓީއެލް ދަތުރު ނިޒާމު

ގައުމީ ދަތުރުފަތުގެ ނެޓްވޯކް ހިންގާ ކުންފުނި އެމްޓީސީސީ އިން ބުނީ އިންޓަގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް (އާރުޓީއެލް) މަޝްރޫއަކީ ރާއްޖޭގެ 188 ރަށުގައި ފެރީ ޓާމިނަލްތައް ގާއިމްކޮށް މުޅި ރާއްޖޭގައި ހިދުމަތް ދިނުމަށް 82 ހައި-ސްޕީޑް ފެރީ އުޅަނދެއް ދަތުރުތަކުގައި ބޭނުން ކުރާނެ ނިޒާމެކެވެ. އަދި އެ ހިދުމަތް 500 ވަޒީފާ އުފެދިގެންދާނެ އެވެ. މި ކަމަށް ބޭނުންވާ އުޅަނދުތައް ނިމޭ ވަރަކަށް ދަނީ ހިދުމަތަށް ނެރެމުންނެވެ. ނަމަވެސް ކުރިން އުންމީދު ކުރިވަރަށްވުރެ އުޅަނދު ފަހަރު ބަނުން ލަސްވެގެން ގޮސްފައިވަނީ ސަރުކާރުން ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ނުދޭތީ އެވެ. މިހާތަނަށް ހއ. އަދި ހދ. ގެ އިތުރުން ށ. އަތޮޅާއި ހުވަދު އަތޮޅުގެ ރަށްތަކާއި އައްޑޫ ވަނީ މި ހިދުމަތުން ގުޅާލާފަ އެވެ. މީގެ އިތުރުން މިހާރު ގުޅާލަން ތައްޔާރު ވަމުންދަނީ މ. އާއި ހއ. އަދި ހދގެ އިތުރުން ލ. ޒޯނެވެ. 

ބްރިޖު 2025 ގައި ނިންމުމަކީ އުންމީދެއް

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ބްރިޖުގެ މަސައްކަތް ލަސްވެގެން ގޮސްފައިވާ ކަމަށާ ތަނބުތައް ޖަހަން ދޮޅު އަހަރެއްހާ ދުވަސް ހޭދަވެގެން ގޮސްފައިވާ ކަމަށެވެ. އެކަމަކު އެއީ މާޒީ ކަމަށް ރައީސް ވިދާޅުވި އެވެ. 

"އެންމެ ކުޑަމިނުން ވިލިގިއްޔާއާ ހަމައަށް މި އަންނަ [2025 ] ގައި ގުޅެން. އެއީ އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން ކަމެއް. އެކަމަކު މިއީ ދެކޮޅު [ދެ ސަރުކާރު] އެއްކޮށް ގުޅިގެންވާނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.  

ތިލަމާލެ ބުރިޖްގެ މައުލޫމާތު

  •  ތިލަމާލެ ބްރިޖް އަޅަން އެފްކޮންސްއަށް ދިނީ އޮގަސްޓް 26، 2021 ގައި
  •  އޮގަސްޓް 2023 އަށް ބްރިޖް ނިންމަން ޖެހޭނެ
  •  ތިލަފުއްޓާއި ގުޅިފަޅު ގުޅާލައި ނޮވެމްބަރު 2024 އަށް ނިންމަން ޖެހޭނެ
  •  ޑިސެމްބަރު 2023 އާ ހަމަށް ވިލިމާލޭން ގުޅިފަޅަށް ގުޅާނެ
  •  ކޯޒްވޭ ތަކާއެކު ބްރިޖްގެ ދިގު މިން 6.7 ކިލޯ މީޓަރު
  •  ސުޕަ ބްރިޖްގެ ދިގު މިނަކީ 3.6 ކިލޯ މީޓަރު
  •  ބްރިޖަށް 400 މިލިއަން ޑޮލަރުގެ ލޯނު ދެނީ އިންޑިއާގެ އެގްޒިމް ބޭންކުން
  •  މުޅި މަޝްރޫއުގެ އަގަކީ 500 މިލިއަން ޑޮލަރު
  •  އިންޑިއާގެ ހިލޭ އެހީގައި 100 މިލިއަން ޑޮލަރު
  •  220،000 ކިއުބިކް މީޓަރުގެ ސަރަހަދެއް ހިއްކާ ތޮށިލާން
  •  ބްރިޖާ ގުޅިފައިވާ ތިން ކިލޯމީޓަރުގެ މަގާއި ފާލަން ހިމެނޭ
  •  ބްރިޖްގެ މަސައްކަތުގައި 1،227 މުވައްޒަފުން ބައިވެރި ވާނެ
ބްރިޖު ލަސްވާ ދެ ސަބަބު - މި މަސައްކަތް ލަސްވެގެން ދިއުމުގެ އެއް ސަބަބަކީ ސަރުކާރުން ބްރިޖު އަޅާ ކުންފުންޏަށް ތިލަފުށިން އެ މަސައްކަތް ކުރުމަށް ދޭން ޖެހޭ ބިމެއް ނުލިބުމެވެ. މިއީ ތިލަފުށީ މަގު ހަދަން ބޭނުންވާ ބިމެކެވެ. އަނެއް ސަބަބަކީ އެފްކޮންސްއަކީ މިފަދަ މަސައްކަތްތެއް ކުރުމުގެ ތަޖުރިބާ ނެތް ކުންފުންޏަކަށްވުމުން އެ މަސައްކަތުގައި ހުރި ގޮންޖެހުންތަކާއި ބުރަތަށް ދުރާލާ އެނގިފައި ނެތުމެވެ. އެކަމަށް އެ ކުންފުނިން އަންޑައެސްޓިމޭޓް ކުރުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.