ހޯމްސްޓޭ | ފަސް އަހަރު ޓޫރިޒަމްގެ މާސިންގާ ފެއިލާއެއް

ހޯމްސްޓޭ ފެށިތާ ތިން އަހަރުވީއިރު 10 އެނދުވެސް ހަމަނުވެ އެވެ. ގްރީން ޓެކުހަށް ހާހެއްހާ ރުފިޔާ ވެސް ލިބެނީ މަދު މަހެއްގަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ ލޯކަލް ޓޫރިޒަމްގެ އެންމެ ބޮޑު އެއް ވައުދަކީ ހޯމްސްޓޭ ތައާރަފުކޮށް ކުރިއެެރުވުމެވެ. އެކަމަށްޓަކައި ހާއްސަ ގަވައިދުތަކެއް ހެދި އެވެ. މުޅި ސަރުކާރު ގުޅިގެން ގިނަ މަސައްކަތްތަކެއް ފެށި އެވެ. އެކަމަކު ފަސް އަހަރުގެ ވެރިކަން ނިމިގެން ދިޔައިރު ވެސް ހޯމްސްޓޭ ތައާރަފުކޮށް ވައިގައި ހިއްޕޭ ގޮތެއް ނުވި އެވެ. ނަތީޖާއަކީ ރައީސް ސޯލިހުގެ ސަރުކާރުގައި ޓޫރިޒަމްގައި އެންމެ ބޮޑު ފެއިލިޔާގެ ގޮތުގައި ހޯމްސްޓޭ ޓޫރިޒަމް ތާރިހް ލިޔަން ޖެހުމެވެ. 

"އޭރުވެސް އަޅުގަނޑުމެން ބުނަމުން ދިޔައިން ތިޔަކަންވާނީ ބޮޑު ފެއިލިޔާއަކަށޭ. ސަބަބަކީ ގެސްޓްހައުސް. ކާކުތޯ ފެންވަރު ރަނގަޅު ގެސްޓްހައުސް ހުއްޓައި އާދައިގެ ގެއަކަށްދާނީ،" ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރީގައި އުޅުއްވާ މަޝްހޫރު ބޭފުޅަކު ވިދާޅުވި އެވެ. 

މި ވިޔަފާރި ތައާރަފު ކުރަން މަސައްކަތް ކުރި ދުވަސްވަރު ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފަ އެވެ. 

ގޭމްގެ ކަންބޮޑުވުން - ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ކެޓަރީގައި އެންމެ ފުޅާކޮށް މަސައްކަތް ކުރާ ވިޔަފާރި ކަމަށްވާ ގެސްޓްހައުސް ސިނާއަތް ތަމްސީލް ކުރާ ގޭމް އިން ބުނި ގޮތުގައި ރާއްޖެއަކީ އެއް ގެއްގައި ގިނަ ގޭބިސީ ތަކެއް ދިރިއުޅެމުން ގެންދާ ގައުމެކެވެ. އެހެންކަމުން ހޯމްސްޓޭގެ ސަބަބުން ދިމާވެދާނެ އިޖުތިމާއީ މައްސަލަތަކުގެ އިތުރުން ރާއްޖެ މިހާރު މިއޮތް ހާލަތުގައި ޓޫރިސްޓުންނާއި ގޭބިސީތަކުގައި ދިރިއުޅޭ އާއިލާތަކަށް ކުރިމަތިވެދާނެ ގޮން ޖެހުންތަކާ މެދު އެ ޖަމިއްޔާ އިން ކަންބޮޑުވެ އެވެ.

"މި މައްސަލަތަކާ ފުރިހަމައަށް ކުރިމަތިލާ ހައްލު ހޯދޭނެ ހަރުދަނާ ޕޮލިސީތަކާއެކު ތަންފީޒީ އިދާރާތައް ފުރިހަމައަށް ތައްޔާރު ނުވެވެނީސް އަދި ހޯމްސްޓޭގެ ސަބަބުން އާމްދަނީ އިތުރުވާ މިންވަރާއި އޭގައި ހުރި ގޮންޖެހުންތައް ރަނގަޅަށް ދިރާސާ ނުކޮށް ހޯމްސްޓޭ ތައާރަފު ވެގެން ގޮސްފިނަމަ ރާއްޖެއަށް ބުރަ މަސައްކަތުން ލިބިފައިވާ ރީތި ނަން ހުތުރުވެ، ރާއްޖެއަކީ ރައްކާތެރި ނޫން މަންޒިލެއްގެ ގޮތުގައި ފެންވަރު ދަށް ޓޫރިޒަމެއް އޮތް ގައުމެއްގެ ގޮތުގައި ފާހަގަ ވެގެން ހިންގައިދާނެ އެވެ،" ގޭމް އިން ބުނެފައިވެ އެވެ. 

ގޭމްގެ މި ކަންބޮޑުވުންތަކަށް އޭރު ރައްދު ދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެވެ. 

މައުސޫމް ވިދާޅުވީ ކީކޭ ؟

މިނިސްޓަރު މައުސޫމް ވިދާޅުވި ގޮތުގައި މުސްލިމުން ގިނަ މެލޭޝިއާ ފަދަ ގައުމުތަކުގައި ވެސް ހޯމްސްޓޭ ދަނީ ކުރިއަރަމުންނެވެ. ހޯމްސްޓޭ އިން ރިޒޯޓުތަކާއި ހޮޓެލް [ގެސްޓްހައުސްތަކަށް] އަދި ސަފާރީތަކަށާއި ރައްޔިތުންނަށް ވެސް ފައިދާ ލިބޭ އެވެ. 

ހޯމްސްޓޭ ތައާރަފު ކުރީ 1، ޖެނުއަރީ 2021 ގަ އެވެ. އެ ޓޫރިޒަމް ތައާރަފުކުރިތާ ތިން އަހަރުވެގެންދާއިރު ދެ ރަށެއްގައި ނޫނީ މިކަމަށް ގެއެއްވެސް "ފައްކާ" ކުރެވިފައެއް ނެތެވެ. ކުރީގެ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް މި ޓޫރިޒަމް ސިފަކުރި ގޮތަށް މީހުން އައިސް ފުރާލައި ޑޮލަރުން އާއިލާތަށް މުއްސަނދިވެގެން ދިޔަ އެންމެ ރަށެއްވެސް ނެތެވެ. ޑޮލަރުން  ތިޔާގިވި ހަމަ އެންމެ ގޭބީސީ އެއް ނެތެވެ. އޭގެ ބަދަލުގައި ބޮޑު ހަރަދެއް ކުރި އާއިލާ ތަކަށް ލިބުނީ ބޮޑު ކޮޅު ކެއްސެކެވެ. 

މަހަކު 1،000ރ. ވެސް ގްރީން ޓެކުހަށް ނުލިބެ

މި މަސައްކަތް އެންމެ ފުރަތަމަ ފެށީ، މ. ދިއްގަރުގަ އެވެ. އޭރުގެ ސަރުކާރުން މިކަން މިއީ މާ މޮޅުކަމަށް ދައްކަންވެގެނާއި ޓޫރިސްޓުން ދާ ކަމަށް ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވާން ހަތަރު މީހަކު ގެންދިޔަ އެވެ. އޭރުގެ އިނގިރޭސި ސަފީރުގެ އެހީތެރިކަމާއެކު މި މީހުން ގެންގޮސް ފޮޓޯ ނެގުން ފިޔަވައި އިތުރު ފޮޓޯއެއް ވެސް ލިބޭގޮތެއް ނުވި އެވެ.

ހަގީގަތަކީ މި އެވެ؛ ހޯމް ސްޓޭ ކިޔާ ވިޔަފާރި ފެށި ނަމަވެސް އޭރުގެ ސަރުކާރުން މިކަން ޕްރޮމޯޓް ކުރަން އެއްވެސް ކަމެއް ނުކުރެ އެވެ. ޓޫރިޒަމް ޕްރޮމޯޓް ކުރަން އޮތް އެމްއެމްޕީއާރުސީން ދުވަހަކު ވެސް މި ވާހަކައެއްވެސް ނުދައްކަ އެވެ. ނަތީޖާއަކީ ކޮޓަރިތަކެއް ހެދިނަމަވެސް އަންނާނެ މީހުން ނުވެ މިހާތަނަށް ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ހުތުރު ސޮފުހާގެ ގޮތުގައި މިއަދު މިކަން ސިފަކުރަން ޖެހުމެވެ.

ރާއްޖޭގައި 15،000 އަށްވުރެ ގިނަ ގެސްޓްހައުސް އެނދުހުރި އިރު ހޯމްސްޓޭއެއްގައި 10 ވަރަކަށް އެނދުވެސް ހަމަ ނުވެ އެވެ. މި ވިޔަފާރި އަށް ޝައުގުވެރިވި މީހަކު އަދި މިކަން ކުރަން އުޅުނު މީހަކު ނެތެވެ. އެހެން ކަމުން ރައީސް ސޯލިހްގެ ސަރުކާރުގައި އޭރުގެ މިނިސްޓަރު ޑރ. މައުސޫމް ފޮނިކަނޑާ / ބޮޑު ކަނޑަމުން ފެއްޓެވި ހޯމްސްޓޭ މިއަދު ވެފައިވަނީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު ފެއިލިޔާ ކަމުގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.