ރަސްމީކޮށްފި، މިފްކޯ އެސްޓީއޯއިން ނަގައި މިނިވަން ކުންފުންޏަކަށް

ސެއާ ޓްރާސްފާ އެގްރީމަންޓްގައި ސޮއިކޮށްފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

މިފްކޯއިން މިހާރު ބޭނުންކުރާ ލޯގޯ: އެއީ މިހާރު ވަކި ކުންފުންޏެއް

މިފްކޯ، އެސްޓީއޯއިން ނަގައި 100 ޕަސެންޓް ސަރުކާރު ކުންފުންޏަކަށް ހަދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމާއި އެއްގޮތަށް ވަކި ކުންފުންޏަކަށް ހަދައިފި އެވެ.

މިފްކޯ ވަކި ކުންފުންޏަަކަށް ބަދަލު ކުރާކަން ރައީސް މުއިއްޒު އިއުލާނުކުރެއްވީ ކެބިނެޓްގައި އެކަމަށް މަޝްވަރާ ކުރެއްވުމަށްފަހު ރައީސް އޮފީހުގައި ބޭއްވެވި ކުއްލި ނޫސްކޮންފަރެންސްގައި މި މަހުގެ ފަސްވަނަ ދުވަހު އެވެ.

ފިނޭން މިނިސްޓްރީން މިރޭ ބުނީ އެސްޓީއޯގެ 99.99 ޕަސެންޓް ހިއްސާ އާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ 0.01 ޕަސެންޓް ހިއްސާއާ އެކު އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި ހިންގަމުން އައި މިފްކޯ 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. ސެއާ ޓްރާސްފާ އެގްރީމަންޓްގައި ސޮއިކޮށްފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު ކަމަށް ވެސް ބުންޏެވެ.

"މި ބަދަލާއެކު ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް މިފްކޯ އަށް ބޭނުންވާ މާލީ އެހީ އާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދެވޭނެ މަގު ފަހިވެގެންދާނެ،" ފިނޭންސް މިނިސްޓްރީން 'އެކްސް' ގައި ކުރި ޕޯސްޓެއް ގައި ބުނެފައިވެއެވެ.

ރައީސް މުއިއްޒު ކުރީން ވިދާޅުވީ މި ބަދަލާއެކު މަސްވެރިކަމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށާ މިކަމުގެ ސަބަބުން މަސްވެރިންގެ ކޯޕަރޭޓްޓިވްއެއް ވެސް މިފްކޯގެ ބައިވެރިވުމާއެކު އުފައްދަން މަގުފަހި ވެގެންދާނެ ކަމަށެވެ. 

"މީގެ ބޭނުމަކީ ކުރިއަށް އޮތް ދުވަސްތަކުގައި ހަރުދަނާކޮށް ކުރިއަށް ގެންދިއުމުގައި ވެފައިވާ ވައުދުތަށް ފުއްދުން. އެނގިވަޑައިގަންނަވާނެ ފަދައިން މަސްްވެރިކަމުގެ ދާއިރާގެ ގިނަ ކަންކަން ގުޅިފައި މިވަނީ މިފްކޯއާ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިފްކޯގެ ދަރަނިތަށް ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް އިކޮނޮމިކް ކައުންސިލާއި ފިނޭންސުން ކުރާނެ ކަމަށާ، އިނޮވޭޓިވް ފައިނޭންސިން ހޯދާނެ ކަމަށެވެ.

މިފްކޯއަކީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ވަކިން ހިންގަމުން ދިޔަ ކުންފުންޏެކެވެ. މި ގޮތަށް ހިންގަމުން ދަނިކޮށް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މިފްކޯގެ ދަށުން ހިންގަމުން ދިޔަ ކޫއްޑޫ އާއި ފެލިވަރު ވަކި ކުންފުންޏަކަށް ހެދި އެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މި ހުރިހާ ތަންތަން މިފްކޯގެ ދަށް ގެނެސް އެސްޓީއޯގެ ދަށަށް ގެނަ އެވެ. ނަމަވެސް އެ ވެރިކަން ނިމެން ދަނިކޮށް ރައީސް ޔާމީންގެ ސަރުކާރުން ވަނީ މިފްކޯ އެސްޓީއޯގެ ދަށަށް ބަދަލުކޮށްފަ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.