ދުނިޔޭގެ ވޯޓާ ބަންގަލޯގެ 80 ޕަސެންޓް ރާއްޖޭގައި، މީއީ އެންމެ މޮޅު ޕްރޮޑަކްޓް ނެރޭ ގައުމު

ޖަނާ ވިދާޅުވީ ދުނިޔެއިން ކުރާ ކަންތަކުން ގެއްލުންވަނީ ރާއްޖެއަށް ކަމަށް. އެހެންވެ ދިވެހިންނަށް ސޭފް އައިލެންޑް ހެދެން ޖެހޭ ކަމަށް. އަދި އެތަނަށް އިންވެސްޓްމަންޓުވެސް ލިބޭނެ ކަމަށް

އެމްއެންއޭސީއައިގެ ރައީސް ބިލްޑާސް އެވޯޑު ދިނުމުގެ ހަފުލާގައި ވާހަކަ ދައްކަވަނީ -- ރައީސް އޮފީސް

ދުނިޔޭގައި ހުރި 25،000 ވޯޓާވިލާގެ 80 ޕަސެންޓް ހުރީ ރާއްޖޭގައި ކަމަށާ، މިއަދު ރާއްޖެއަކީ ދުނިޔެ އަށް އެންމެ މޮޅު ޕްރޮޑަކްޓް ނެރޭ ގައުމަށްވެފައިވާ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު ވިދާޅުވެއްޖެ އެވެ. 

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން ދޭ ބިލްޑާސް އެވޯޑު ދިނުމުގެ ހަފުލާގައި ރޭ ވާހަކަ ދައްކަވަމުން އެ ޖަމިއްޔާގެ ރައީސް ޖަނާ ވިދާޅުވީ ރާއްޖެއަކީ 1970 އަދި 1980 ގެ އަހަރުތަކުން ފެށިގެން ދިވެހިން އަމިއްލަ އަށް ރިސޯޓުތަށް ހަދަމުން އައި ގައުމެއް ކަމަށާ މިއަދު ދުނިޔެއަށް ދައްކާ ދިނީ މިއީ ދުނިޔޭގެ އެންމެ މޮޅު ރިސޯޓް ހަދާ މީހުން ތިބި ގައުމުގެ ގޮތުގައި ކަމަށެވެ.

"ރާއްޖެއަކީ ޓޫރިޒަމް އިންޑަސްޓްރީގެ ހަމައެކަނި ނަމްބަރު ވަން އެއް ނޫން. ރާއްޖެއަކީ ޓޫރިޒަމް އިންޑަސްޓްރީ އަށް ދުނިޔެ އަށް އެންމެ މޮޅު ޕްރޮޑަކްޓް ނެރެ ދޭވެދެސް ގައުމު. އެ ޕްރޮޑަކްޓް އެގޮތަށް ނެރެދެވެނީ ކުޅަދާނަ ދިވެހި ރައްޔިތުންގެ ބުރަ މަސައްކަތުން. ކޮލިޓީ ޕްރޮޑަކްޓްސް ނެރެދެވޭތީ. ފަހުރުވެރިކަމާއެކު އަޅުގަނޑު ފާހަގަ ކުރަން ދުނިޔޭގައި އޮތް 25،000 ވޯޓާ ބަންގަލޯގެ 80 ޕަސެންޓް ހުރީ ދިވެހިރާއްޖޭގަ،" ޖަނާ ވިދާޅުވި އެވެ. 

ޖަނާ ވިދާޅުވީ ލީޑިން ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ އޮތީ ހަމައެކަނި މާކެޓިން އާއި އަންނަ ޓޫރިސްޓުންގެ ސަބަބުން ނޫން ކަމަށާ ޓޫރިސްޓުން އަންނަނީ އެ މާކެޓު ކުރަނީ ވެސް ދޭ ޕްރޮޑަކްޓުގެ ކޮލިޓީގެ ސަބަބުން ކަމަށެވެ. އެކަމަށްޓަކައި ޖަނާ ވަނީ ރިސޯޓުތަށް ހަދާ ދިވެހި އިންވެސްޓަރުންނާއި ބޭރު މީހުންނަށް ޝުކުރު އަދާކޮށްފަ އެވެ. 

ރައީސް މުއިއްޒުގެ ޕްރިންސިޕަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ މަގާމުގައި ހުންނެވި ޖަނާ ވިދާޅުވީ ރައީސް ޑރ. މުއިއްޒު ކުރައްވާ ބުރަ މަސައްކަތް ވަރަށް ކައިރިން ފެނިފައިވާ ކަމަށާ އެ މަނިކުފާނު ފެނިގެންދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ އެނާޖެޓިކް ބޭފުޅެއްގެ ގޮތުގައި ކަމަށެވެ. 

"ރައީސް ގެ އިކޮނޮމިކް އެޖެންޑާއަކީ މިހާތަނަށް ރާއްޖޭގައި އޮތް އިކޮނޮމިކް އެންޑް އިންވެސްޓްމަންޓުގެ އެންމެ ރަނގަޅު އެޖެންޑާގެ ގޮތުގައި ގަބޫލުކުރާ ވާހަކަ ދަންނަވަން. އިކޮނޮމިކް ބޭސް ނުވަތަ އަބަދު ދަރަނި ނަގައިގެން މަސަައްކަތް ކުރުން ހުއްޓުވަން ތިޔަ ކުރައްވާ މަސައްކަތްތަކަށް މަރުހަބާ ދަންނަވަން. މަނިކުފާނުގެ ވިސްނުމުގައި ހުރީ ރާއްޖޭގެ އިކޮނޮމިކް ބޭސް ފުޅާކުރުމަށް،" ޖަނާ ވިދާޅުވި އެވެ. 

އެމްއެންއޭސީއައިގެ ރައީސް ޖަނާ އަދި ރައީސް ޑރ. މުއިއްޒު -- ރައީސް އޮފީސް

ޖަނާ ވިދާޅުވީ މިހާތަނަށް ވިސްނުން ހުރީ ކޮންމެ މަހަކު ދަރަނި ނަގައިގެން އޭގެން އިންވެސްޓްމަންޓެއް ނުހަދައި އެއިން މުސާރަ އާއި ޔޫޓިލިޓީ ބިލްތަށް ދެއްކުމުގެ ވިސްނުން ކަމަށެވެ. 

"މިއަދު އެ ހާލަތު މި ވަނީ ބަދަލު ކުރަން ޖެހިފަ. އެ ވިސްނުން ހުރި ވެރިއަކު އައިސްފި. އެކަން ކުރެވޭނެ މަގު ދައްކައިފި. އަޅުގަނޑުމެން މި ތިބީ ޓީމެއްގެ ގޮތުގައި އެ ވިސްނުން ފުޅަށް މަސައްކަތް ކުރަން. ރާއްޖޭގެ އިކޮނޮމިކް ބޭސް ފުޅާކޮށް ދަރަނި ނެގުން ހުއްޓާލައި ޑައިވާސިފިކޭޝަނަށް މަހެއްހާ ދުވަހުގެ ތެރޭގައި ކުރެއްވި މަސައްކަތްތަށް ފާހަގަ ކުރަން،" ޖަނާ ވިދާޅުވި އެވެ. 

ގެއްލުން ރާއްޖެއަށް، ސޭފް އައިލެންޑް ހެދެން ޖެހޭ

ދުނިޔޭގެ އެންމެ ބޮޑު އެއް ޖަމިއްޔާ ކަމަށްވާ އިފޮޕްކާގެ ރައީސްގެ މަގާމު ފުރުއްވި ޖަނާ ވިދާޅުވީ ކޮޕް 28 ގައި ރައީސް ވިދާޅުވި ގޮތަށް ރާއްޖެއަކީ ތިމާވެށީގެ އެންމެ ގެއްލުން ބޮޑު ގައުމު ކަމަށާ އެހެންވެ ރާއްޖެއަށް ސޭފް އައިލެންޑު ހެދެން ޖެހޭނެ ކަމަށެވެ. މިގޮތަށް ބަލާއިރު ފުށިދިއްގަރުފަޅަކީ ދުނިޔޭގެ އިންވެސްޓަރުންގެ ޝައުގުވެރިކަން އޮންނާނެ ރަށަކަށްވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ކައިރީގައި ހިއްކާ މި ރަށަކީ [ރަސްމާލެ] އަކީ ސްމާޓް ސިޓީއަކަށް ސޭފް އައިލެންޑަކަށް ހެދެން ޖެހޭނެ. އެކަމަށްޓަކައި ދުނިޔޭގެ ގައުމުތަކުން އިންވެސްޓް ކުރުމަކީ ލާޒިމްކަމެއް. ދުނިޔޭގެ ގައުމުތަކުން ކުރާ މަސައްކަތްތަކުން އެންމެ ބޮޑަށް ގެއްލުންވާ ގައުމަކީ ރާއްޖެ. އަޅުގަނޑާ ބައްދަލުވި ބައްދަލުވި ލީޑަރުންނާއި އިންވެސްޓަރުންވެސް ވިދާޅުވި ރައީސްގެ އެ ވާހަކަފުޅަށް ތާއީދުކަމަށް. މިހާރުވެސް 100 ބިލިއަން ޑޮލަރުގެ ފަންޑެއް އެބައޮތް ތިމާވެށީގެ އިންވެސްޓްމަންޓްތަކަށް ހެދިފަ. އެ ފަންޑުގެ ތެރޭން އާއި ތަފާތު ދާއިރާތަކުން ޕޮޒިޓިވް އިޖާބަ ލިބެމުންދާކަން އުފުލާއެކު ފާހަގަ ކުރަން،" ޖަނާ ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.