އެސްއީޒެޑަށް 110 މެގަވޮޓްގެ އިޔާދަކުރަނިވި ހަކަތައިގެ ޕްރޮޕޯސަލެއް ލިބިއްޖެ

އެސްއީޒެޑު ގާނޫނުގެ ދަށުން ރާއްޖޭގައި އިންވެސްޓް ކުރަން ލިބިފައިވާ މި ޕްރޮޕޯސަލް ހާއްސަވަނީ އިޔާދަ ކުރަނިވި ހަކަތައަށެވެ. ސަރުކާރުން ދަނީ ރަސްމާލެ ހިއްކައި އެ ރަށަކީ ތިމާވެއްޓާ ރަހުމަތްތެރި ރަށަކަށް ހަދަން މަސައްކަތް ކުރަމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ

ހާއްސަ އިނާޔަތްތަކާއެކު ބޮޑެތި ފޮރިން އިންވެސްޓްމަންޓް ގެންނަން ސަރުކާރުން ހުޅުވާލި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) މަޝްރޫއަށް 110 މެގަވޮޓްގެ އިޔާދަކުރަނިވި ހަކަތައިގެ ޕްރޮޕޯސަލެއް ސަރުކާރަށް ލިބިއްޖެ އެވެ. 

އެސްއީޒެޑް ގާނޫނު ފާސްކުރިތާ ހަ އަހަރުފަހުން މި ގާނޫނުގެ ދަށުން އިންވެސްޓްމަންޓް ގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅައި އެންމެ ކުޑަ އިންވެސްޓްމަންޓުގެ ކަނޑައެޅިތާ ދެ ހަފުތާ ނުވަނީސް ޕްރޮޕޯސަލެއް ލިބުނުކަން އިއުލާނު ކުރެއްވީ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) ގެ ކޮންޓްރަކްޝަން އެވޯޑު ދޭ މިރޭ ހޮޓެލްޖެންގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. މިކަން އިއުލާނު ކުރައްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ފުރަތަމަ ޕްރޮޕޯސަލް ލިބިފައިވާ ކަމަށާ މިއީ އުފަލެއް ކަމަށެވެ. 

"މިއީ ކޮޕް 28 އަށްފަހު އަޅުގަނޑުގެ މައުލޫމާތު ކުއްކަމަށް ނުވާނަމަ އެ މަގުސަދު ހާސިލް ކުރުމަށްޓަކައި ފަށާ މަސައްކަތް. އިންވެސްޓްމަންޓް މިކަމަކީ ވެސް މި ދާއިރާ [ކޮންސްޓްރަކްޝަން] ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން ތަފާތު މަސައްކަތް ކުރަން ޖެހޭކަމެއް. ރިނިއުބަލް އެނާޖީގެ ދާއިރާގަ ދެމެހެއްޓެނިވި ތަރައްގީ ރާއްޖެއަށް ހާސިލް ކުރުމުގައި ކޮންޓްރަކްޝަން އިންޑަސްޓްރީ އެބަޖެހޭ ދައުރެއް އަދާކުރަން،" ރައީސް ވިދާޅުވި އެވެ. 

އެސްއީޒެޑުން ދިވެހިންނަށް ފުރުސަތު ދޭނެ

ރައީސް މުއިއްޒު ވިދާޅުވީ އެސްއީޒެޑްއަކީ ގިނަ ފުރުސަތު ތަކެއް ހުޅުވާލާފައިވާ ދާއިރާއެއް ކަމަށާ ސަރުކާރުގެ މަގުސަދަކީ އެސްއީޒެޑުން ދިވެހިންނަށް ފުރުސަތު ފަހިކޮށް ދިނުން ކަމަށާ ހާއްސަކޮށް ކޮންޓްރަކްޝަން ތަކެތި ބަލްކްކޮށް ގެނެސް ރީއެކްސްޕޯޓް ކުރުންފަދަ ފުރުސަތުތަކުގެ ބޭނުން ކުރެވިދާނެ ކަމަށެވެ. 

"އިތުރު އިންވެސްޓްމަންޓް ގެންނަވީ ތިޔަ ބޭފުޅުންގެ ކުންފުނިތަކުން ވެސް. އެސްއީޒެޑުގެ ފުރުސަތުތަށް އެއޮތީ ތަންމިނަށް ހުޅުވާލާފަ. އަޅުގަނޑުމެން އެދެނީ ވަރުގަދަ މަސައްކަތްތަކެއް ކުރަން. ކޮންޓްރަކްޝަން އިންޑަސްޓްރީއަށް ބޭނުންވާ މެޓީރިއަލްސް ބަލްކްކޮށް ގެނެސް ރާއްޖޭގައި. އެސްއީޒެޑް ސްޓޭޓަސް އަޅުގަނޑުމެން [ސަރުކާރުން] ދޭން މިތިބީ ތައްޔާރަށް. ބަލްކް ސްޓޯރޭޖް ބިޒްނަސްއެއް ފަށައި ރާއްޖޭގެ ސްޓޯކޮށްގެން ރީއެކްސްޕޯޓުވެސް ކުރަންވީ،" ރައީސް ވިދާޅުވި އެވެ. 

"ރާއްޖެ އަށް ބޭނުންވާ ވަރުވެސް ގެންނަންވީ، އޭރުން ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށްވެސް އެލިބުނީ. މިކަހަލަ އެތަށް ފުރުސަތެއް މިވަނީ ހުޅުވާލާފަ. ގައުމު ތަރައްގީ ކުރަން ތިމަންނަމެންނަށް ކުރެވެގެން ހުރި މަސަކަތެއް ބަލަން. އަޅުގަނޑުމެން މިތިބީ ތިޔަ ބޭފުޅުން ދާން ބޭނުންވާ ހިސާބަށް ގެންގޮސްދޭން." 

ރައީސް މުއިއްޒު ވަނީ ބްރިޖު އަޅަން ހުރި ބައެއް މަޝްރޫއުތަށް ވިދާޅުވެ ދެއްވާފަ އެވެ. މިގޮތުން އައްޑޫ ބްރިޖާއި ތިނަދޫ- ކާޑެއްދޫ ބްރިޖު އަދި ތިލަފުއްޓާއި އުތުރު ތިލަފުއްޓާ ހަމައަށް ގުޅުވާލުންވެސް ހިމެނޭ ކަމަށެވެ. 

"ބްރިޖު އެޅުމުގެ ދާއިރާ ކަމަށް ބެލިޔަސް ދިވެހި ކޮންޓްރަކްޝަން ކުންފުނިތަކުން ވަންނަން އެދޭ މަސައްކަތްތަކެއް. ހަމައެފަދައިން ތިޔަ ބޭފުޅުންގެ ބައިވެރިވުން ބޭނުންވާ ކަންތައްތަކެއް. އަޅުގަނޑުމެންނަށް މުހިންމީ ރާއްޖެ. އެންމެން ނުކުމެ މަސައްކަތް ފަށައިފިނަމަ ގައުމު އުޖާލާވާނެ،" ރައީސް ވިދާޅުވި އެވެ. 

ރައީސުލް ޖުމްހޫރިއްޔާ އަށް ލިބިގެންވާ ބާރުގެ ދަށުން ނެރުއްވި އެސްއީޒެޑްގައި އިންވެސްޓް ކުރެވޭ އެންމެ ކުޑަ މިންވަރު ކަނޑައެޅުމުގެ ބާރުގެ ދަށުން މިއަދު ނެރުއްވެވި ގަރާރުގައިވާ ގޮތުން ރާއްޖޭގައި ގާއިމް ކުރާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގައި ހިންގިދާނެ މަސައްކަތްތާއި އެންމެ ކުޑަ އެއިން ޒޯނެއްގައި ހިމެނޭ އެންމެ ކުޑަ އިންވެސްޓްމަންޓެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ 100 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.5 ބިލިއަން ރުފިޔާ ) ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަނޑައަޅުއްވާފަ އެވެ. 

އެސްއީޒެޑްގެ އިންވެސްޓްމަންޓްތައް

  •  އެކްސްޕޯޓަށް އިސްކަން ދީގެން ހިންގާ މެނުފެކްޗަރިން މަސައްކަތްތަށް
  •  ޓްރާންޝިޕްމަންޓް ޕޯޓް އިންޓަނޭޝަނަލް ލޮޖިސްޓިކްސް ، ސްޕެޝާލިޓީ ހޮސްޕިޓަލް ، ޕޯޓް ، އެއާޕޯޓް ، ބަލްކް ބްރޭކިން ބަންގަރިން ، ޑޮކިން ސާވިސަސް
  •  ޔުނިވާސިޓީ ، ސްޕެޝާލިޓީ ހޮސްޕިޓަލް، ޓާޝަރި ހޮސްޕިޓަލް ،
  •  ދުނިޔޭގެ ފެންވަރުގެ ރިސާޗް އެންޑް ޑިވްލޮޕްމަންޓް ފެސިލިޓީ
  •  ދުނިޔޭގެ ފެންވަރުގެ އައިސީޓީ ޕާކް އަދި އައިސީޓީއާ ގުޅޭ ފެސިލިޓީތަށް
  •  އިންޓަނޭޝަނަލް ފައިނޭންސިން ސާވިސަސް އަދި އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރުތަށް
  •  އިޔާދަ ކުރަނިވި ހަކަތައިގެ ދާއިރާ
  •  ރާއްޖޭގައި ނެތް ޓެކްނޮލޮޖީއެއް ރާއްޖެއަށް ތައާރަފު ކުރަން ހިންގޭ މަސައްކަތްތަށް
  •  ފުޑް ސެކިއުރިޓީގެ ދާއިރާ
  •  ގޭސް އެކްސްޕްލޮރޭޝަން މަސައްކަތް
ގަރާރު ނެރުއްވި ސަބަބު - ރައީސް ޑރ. މުއިއްޒު މި ގަރާރު ނެރުއްވާފައިވަނީ ގާނޫނު ނަމްބަރު 2014 / 24 އިން ބާރު ލިބިގެންނެވެ. އެ ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ސްޕެޝަލް އިކޮނޮމިކް ޒޯންގައި ކުރެވޭނެ އެންމެ ކުޑަ އިންވެސްޓްމަންޓުގެ މިންބަރު ބޯޑް އޮފް އިންވެސްޓްމަންޓުގެ ލަފާގެ މަތިން ކޮންމެ އަހަރެއްގެ ފެބްރުއަރީގެ ކުރިން މުރާޖައާކޮށް އާއްމު ކުރަން ޖެހެ އެވެ. އެންމެފަހުން މި އިންވެސްޓްމަންޓުގެ އަދަދު ކަނޑައަޅާފައިވަނީ 31، ޖެނުއަރީ 2018 ގަ އެވެ. އެއީ ރައީސް ރައީސް އަބްދުﷲ ޔާމީން އެވެ. އެފަހަރުގެ ގަރާރުގައި ރައިސް ޔާމީން ކަނޑައެޅުއްވި އެންމެ ކުޑަ އިންވެސްޓްމަންޓުގެ އަގަކީ 150 މިލިއަން ޑޮލަރެވެ.

ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ގެންނަން އެސްއީޒެޑްއަށް ހާއްސަ ގާނޫނެއް ހެދީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ނަމަވެސް މި ގާނޫނުގެ ދަށުން ރާއްޖެއަށް އިންވެސްޓްމަންޓް ގެންނަން ނިމިދިޔަ ސަރުކާރުން މަސައްކަތެއް ނުކުރެ އެވެ. ރައީސް ޑރ. މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި އެސްއީޒެޑް ގާނޫނު ތަންފީޒުކޮށް، އިންވެސްޓްމެންޓްތަކަށް ފުރުސަތު ހުޅުވާލާނެ ކަމަށް ވިދާޅުވެފަ އެވެ.

[އެސްއީޒެޑް ގާނޫނުގެ ދަށުން] އިންވެސްޓްމެންޓްތައް އަދި ނުގެނެވި މިއޮތީ. އެ ގާނޫނުގަ ވަރަށް ސާފުކޮށް ބަޔާންކޮށްފަ އެބައޮތް އެކަން ކުރެވޭނެ ގޮތް. އަޅުގަނޑުމެންގެ މެނިފެސްޓޯގަ ހިމަނާފަ އޮންނާނެ އެސްއީޒެޑް ގާނޫނު ތަންފީޒުކުރާ ވާހަކަ،" މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ކެމްޕޭންގައި ވިދާޅުވެގައިވާ ގޮތުގައި އެސްއީޒެޑް ގާނޫނުގެ ދަށުން ކަނޑައެޅޭ މުހިއްމު ސަރަހައްދުތަކެއްގައި ސްޕެޝަލް އިކޮނޮމިކް ޒޯންތަކެއް ގާއިމްކޮށް އިންވެސްޓްމެންޓްތަކަށް ފުރުސަތު ހުޅުވާޅާނެ ކަމަށެވެ. އަދި އެފަދަ ޒޯނުތައް ގާއިމްކުރާނެ ސަރަހައްދުތައް ކަނޑައަޅާނީ "ސްޓްރެޓެޖިކް" ކޮށް ޕްލޭން ކުރުމަށްފަހު އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.