ކޮލަމް

މައުމޫންގެ ލިޔުއްވުމެއް: އިސްލާމީ ޝަރީޢަތުގައި ނަފުސުގެ ޤިޞާޞް، ނުވަތަ މަރަށް މަރުހިފުމުގެ ޙުކުމް ތަންފީޒުކުރުން

ފިޤުހު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، އެއްއިންސާނަކު އަނެއް އިންސާނަކު މަރާލުމުގައި ތިން ޙާލަތެއް ވެއެވެ. އެއީ ޤަތުލުލް ޢަމްދާއި ޝިބުހުލް ޢަމްދާއި ޤަތުލުލް ޚަޠައު އެވެ.

މިވަގުތަކީ، އިސްލާމީ ޝަރީޢަތުގައި ނަފުސުގެ ޤިޞާސް ނުވަތަ މަރަށް މަރުހިފުމުގެ ޙުކުމް އޮންނަ ގޮތަކާމެދު ވަރަށް ގިނަ ސުވާލުތަކެއް އުފެދިފައިވާ ވަގުތެކެވެ. އެހެންކަމުން، އަޅުގަނޑަށް އެނގިފައިވާ މިންވަރުން، އެކަން އޮންނަގޮތް އަންނަނިވި ފޮޅުވަތްތަކުގައި ބަޔާން ކުރެވޭތޯ ބަލަމެވެ. މާތް ﷲ ގެ ޙަޟްރަތުން ތައުފީޤާއި މަދަދަށް އެދި ހުރެއެވެ.

ފިޤުހު ޢިލްމުވެރިން ވިދާޅުވާގޮތުގައި، އެއްއިންސާނަކު އަނެއް އިންސާނަކު މަރާލުމުގައި ތިން ޙާލަތެއް ވެއެވެ. އެއް ޙާލަތަކީ، [ޤަތުލުލް ޢަމްދު] ނުވަތަ ކަނޑައެޅިގެން ޤަޞްދުގައި މީހަކު މަރާލުމެވެ. ދެވަނަ ޙާލަތަކީ، [ޝިބުހުލް ޢަމްދު] އެވެ. އެއީ، ޤަޞްދުގައި މީހަކު މަރާލުމާ ކައިރިކުރާ ޙާލަތެކެވެ. ތިންވަނަ ޙާލަތަކީ، [ޤަތުލުލް ޚަޠައު] އެވެ. އެއީ، މީހަކު ކުރާ ހުއްދަ ކަމެއްގެ ސަބަބުން އިއްތިފާޤުން މީހަކު މަރުވުމެވެ.

މި މައުޟޫޢުގައި ވާހަކަ ދައްކާއިރު، އަންނަނިވި ލަފްޒުތައް ބޭނުންކުރަން ޖެހެއެވެ.

  •  ޤާތިލް : މީހަކު މަރާލި މީހާ
  •  މަޤުތޫލް : މަރާލެވުނު މީހާ
  •  މަޢުޞޫމް : ޙުރްމަތްތެރި ކުރެވިފައިވާ، ނުވަތަ ޙިމާޔަތް ކުރެވިފައިވާ
  •  ޤިޞާޞް : މީހަކު ކުރި ކުށަކާ އެއްވަރު އަދަބެއް ދިނުން. [ނަފުސުގެ ޤިޞާޞް އަކީ، ޤާތިލްގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒުކުރުން]

ޤަތުލުލް ޢަމްދު -

ޤަތުލުލް ޢަމްދު އަކީ، އެ އެއްޗަކުން ޙަމަލާ ދިނުމުން ގިނަފަހަރަށް މީހަކު މަރުވާނެކަމަށް ޤަބޫލު ކުރެވޭ އާލަތަކުން ޤަސްދުގައި ޙަމަލަ ދިނުމުން މީހަކު މަރުވުމެވެ. ޤަތުލުލް ޢަމްދު އަކަށް ވާނީ އަންނަނިވި ޝަރްޠުތައް ފުރިހަމަވެގެންނެވެ.

* ޤާޠިލަކީ ބުއްދި ސަލާމަތުންހުރި، ބާލިޣުވެފައިވާ މީހަކު ކަމުގައިވުން.
* މަޤުތޫލްއަކީ، އެމީހާގެ ލޭ، މަޢުޞޫމް ކުރެވިފައިވާ މީހަކު ކަމުގައިވުން.

މީގެ މާނައަކީ، މުސްލިމުންނާ ކާފިރުންނާ ދެމެދު ކުރެވޭ ޙައްޤު ހަނގުރާމައެއްގައި މަރުވާ ކާފިރަކު ކަމުގައި ނުވުމާއި، މީހަކު އަމިއްލަ ނަފުސުގެ ދިފާޢުގައި ކުރި ޢަމަލަކުން މަރުވި މީހަކު ކަމުގައި ނުވުމާއި، ޢަދުލުވެރި ޝަރީޢަތަކުން މެރުމަށް ޙުކުމްކޮށްފައިވާ މީހަކު ކަމުގައި ނުވުމެވެ.

* މީހަކު މަރާލުމަށް ބޭނުންކުރި އާލަތަކީ، އެއެއްޗެއް ބޭނުންކޮށްގެން މީހަކު މަރާލެވިދާނެ ކަމަށް ޤަބޫލުކުރެވޭފަދަ އާލަތަކަށްވުން.

ޤާތިލުގެ ހަށިގަނޑާއި ގުނަވަންތައްވެސް މީގެތެރޭގައި ހިމެނެ އެވެ. އަދި ވަކި އާލަތެއް ބޭނުން ނުކުރި ނަމަވެސް، ޤަޞްދުގައި ކުރި ކަމަކުން މީހަކު މަރުވުންވެސް ހިމެނެއެވެ. މިއީ، މިސާލަކަށް، މީހަކު ކަނޑަށް ވައްޓާލުން، ނުވަތަ އުސްތަނަކުން ވައްޓާލުން، ނުވަތަ ނޭވާހާސްކޮށްލުން، ނުވަތަ ކެއުން ބުއިމުން މަޙްރޫމް ކުރުން، ނުވަތަ ވަހުޝީ ޖަނަވާރަކަށް ދިނުން ފަދަ ކަންކަމެވެ.

* އެމީހާގެ މައްޗަށް ޤަތުލުލް ޢަމްދުގެ ކުށް ސާބިތުވެފައިވަނީ، އެމީހާގެ އަމިއްލަ އިޢުތިރާފުން، ނުވަތަ ޢަދުލުވެރި ދެހެކިންގެ ހެކިބަހުން ކަމުގައިވުން.

އިސްވެބުނެވުނު ޝަރްޠު ތަކުންކުރެ އެއްވެސް ޝަރްޠެއް އުނިވެފައިވާ ޙާލަތެއްގައި އެއީ ޤަތުލުލް ޢަމްދު އަކަށް ނުވާނެއެވެ.

ޝިބުހުލް ޢަމްދު -

ޝިބުހުލް ޢަމްދު އަކީ، އެ އާލަތެއް ބޭނުންކޮށްގެން، އާދައިގެ ޙާލަތެއްގައި މީހަކު މަރުނުވާފަދަ އާލަތަކުން މީހަކަށް ޤަސްދުގައި ހަމަލަދިނުމުން އެމީހާ މަރުވުމެވެ. މިސާލަކަށް، ލުއި އަސަޔަކުން ނުވަތަ ކުޑަ ގާކޮޅަކުން މީހަކު ގައިގައި ޖެހުމުން، އެމީހާ މަރުވުމެވެ. ނުވަތަ މީހަކު ކޮށްޕާލުމުން ވެއްޓި މަރުވުމެވެ.

ޤަތުލުލް ޚަޠައު -

ޤަތުލުލް ޚަޠައު އަކީ، މީހަކު ހުއްދަކަމެއް ކުރުމުގެ ސަބަބުން، އެހެން މީހަކު އިއްތިފާޤުން މަރުވުމެވެ. މިސާލަކަށް، ޖަނަވާރެއް ޝިކާރަކުރުމުގެ ޤަޞްދުގައި އެއްލާ އެއްޗަކުން މީހަކު ގައިގައި ޖެހި އެމީހާ މަރުވުން، ނުވަތަ ހުއްދަ ބޭނުމަކު ކޮނެފައިވާ ވަޅުގަނޑަކަށް އިއްތިފާޤުން މީހަކު ވެއްޓި މަރުވުން ފަދަ ކަންކަމެވެ.

ޤަތުލުލް ޢަމްދުގެ ޙުކުމް -

ޤަތުލު ޢަމްދުގެ ޝަރްޠުތައް ފުރިހަމަވާގޮތަށް މީހަކު އެހެން މީހަކު މަރާލައިފިނަމަ، އެކަމުގެ ނަތީޖާއަކަށްވާނީ، ޤާތިލު ވަރަށް ބޮޑަށް ފާފަވެރިވުމާއި، އަދި ޤާތިލަކީ އަޞްލުގައި މަޤްތޫލުގެ މުދަލުން ވާރުތަވާ މީހަކު ކަމުގައިވާނަމަ، އޭނާ ވާރުތަ މުދަލުން މަޙުރޫމްވުމާއި، އަދި މަޤުތޫލުގެ ވާރިސުން ޤާތިލުގެ ކިބައިން ނަފުސުގެ ޤިސާސް ހިފަން އެދޭނަމަ، ޢަދުލުވެރި ޝަރީޢަތަކުން އޭނާ މެރުމަށް ޙުކުމް ކުރުމުން، މަރުގެ ޙުކުމް ތަންފީޒުކުރުމެވެ.

ނަފުސުގެ ޤިޞާޞް ހިފުމުގެ ޝަރްޠުތައް -

ޝިބުހުލް ޢަމްދުގެ ޙާލަތުގައި، ނުވަތަ ޤަތުލުލް ޚަޠައުގެ ޙާލަތުގައި، ނަފުސުގެ ޤިޞާޞް ހިފުމެއް (އެބަހީ: މަރަށް މަރުހިފުމެއް) ނޯންނާނެއެވެ.

ޤަތުލުލް ޢަމްދުގައިވެސް، ޤާތިލްގެ ކިބައިން ނަފުސުގެ ޤިޞާސް ހިފޭނީ، ނުވަތަ އެމީހާގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒު ކުރެވޭނީ، އަންނަނިވި ޝަރްޠުތައް ފުރިހަމަވެގެންނެވެ.

* މަޤުތޫލަކީ، އެމީހާގެ ލޭ މަޢުޞޫމް ވެފައިވާ މީހަކު ކަމުގައިވުން. މިގޮތުން، މަޤުތޫލަކީ މުސްލިމުންނާ ހަނގުރާމަކުރާ ކާފިރަކު ކަމުގައިވާނަމަ، ނުވަތަ މީހަކު އަމިއްލަ ނަފުސުގެ ދިފާޢުގައި ކުރި ޢަމަލަކުން މަރުވެފައިވާ މީހަކު ކަމުގައިވާނަމަ، ނުވަތަ ޢަދުލުވެރި ޝަރީޢަތަކުން އެމީހާގެ މައްޗަށް މަރުގެ ޙުކުމް އިއްވާފައިވާ މީހަކު ކަމުގައިވާނަމަ، އެފަދަ މީހަކު މަރާލުމަކުން ނަފުސުގެ ޤިޞާޞް ހިފުމެއް ނޯންނާނެއެވެ.

* ޤާތިލަކީ ޝަރުޢީ ގޮތުން ބާލިޣު ވެފައިވާ މީހަކު ކަމުގައިވުން. ޝަރުޢީ ގޮތުން ބާލިޣު ނުވާ ކުޑަކުއްޖަކުގެ ކިބައިން ނަފުސުގެ ޤިޞާޞް ހިފުމެއް ނޯންނާނެއެވެ.

* ޤާތިލަކީ ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުން.

މިގޮތުން، ދުނިޔޭން މޮޔަވެފައިވާ މީހަކުގެ ކިބައިން، ނުވަތަ ސިކުނޑި ހަމަނޫން މީހަކުގެ ކިބައިން، ނުވަތަ ފާފަވެރި ނުވާގޮތެއްގައި، އެމީހަކު ކޭ ނުވަތަ ބުއި އެއްޗެއްގެ ސަބަބުން މަސްތުގެ ޙާލަތުގައި ހުރި މީހަކު މަރާލި މީހެއްގެ ކިބަޔަކުންވެސް، ނަފުސުގެ ޤިޞާޞެއް ނުހިފޭނެއެވެ.

ފާފަވެރި ނުވާގޮތެއްގެ މަތިން ކަމުގައި މިތާނގައި ބުނެވިފައިވަނީ، އެމީހަކު ބޭނުންކުރި އެއްޗަކީ މަސްތުވާ އެއްޗެއްކަން ނޭނގި ހުރެ، އެ އެއްޗެއް ބޭނުން ކުރުމުން މަސްތުވެފައިވާ މީހާއާއި، މީހަކު މަޖުބޫރުކޮށްގެން މަސްތުވާ އެއްޗެއް ބޭނުންކޮށްފައިވާ މީހާ އިސްތިސްނާ ކުރުމަށްޓަކައެވެ. އެފަދަ މީހަކު މަސްތުގެ ޙާލަތުގައި ހުރެގެން މީހަކު މަރާލުމަކުން، އެމީހާގެ ކިބައިން ނަފުސުގެ ޤިޞާޞެއް ނުހިފޭނެއެވެ.

މިއާ ޚިލާފަށް، އެމީހަކު ބޭނުންކުރި އެއްޗަކީ މަސްތުވާ އެއްޗެއްކަން އެނގިހުރެ، އެމީހާގެ އަމިއްލަ އިޚްތިޔާރުގައި އެ އެއްޗެއް ބޭނުންކޮށްގެން މަސްތުވެފައިވާ މީހާ، މަސްތުގެ ޙާލަތުގައި ހުރެ މީހަކު މަރާލައިފިނަމަ، އަދި ނަފުސުގެ ޤިޞާޞް ހިފުމުގެ އެހެން ޝަރްޠުތައް ފުރިހަމަ ވެފައިވާނަމަ، އެމީހާގެ ކިބައިން ޤިޞާޞް ހިފޭނެއެވެ.

* ޤާތިލް މީހަކު މަރާލީ އަމިއްލަ އިޚްތިޔާރުގައި ކަމަށްވުން.

މިގޮތުން، ބާރުހުރި މީހަކު، އެމީހަކު ބުނާގޮތެއް ނަހަދައިފިނަމަ މަރާލާނެކަމަށް ބުނެ މަޖުބޫރުކޮށްގެން މީހަކު މަރާލާ މީހެއްގެ ކިބަޔަކުން ނަފުސުގެ ޤިޞާޞެއް ނުހިފޭނެއެވެ.

* ޤާތިލަކީ، މަޤުތޫލުގެ ބައްޕަ ނުވަތަ މަންމަ ނުވަތަ ކާފަ ނުވަތަ މާމަ ކަމުގައިނުވުން.

* މަޤުތޫލުގެ ވާރުތަވެރިން، އެއްވެސް އިސްތިސްނާއެއް ނެތި، ނަފުސުގެ ޤިޞާޞް ހިފުމަށް އެދުން.

މިގޮތުން، ވާރުތަވެރިންގެ ތެރެއިން އެކަކު ފިޔަވައި އެހެން އެންމެން ޤިޞާޞް ހިފަން އެދުނު ނަމަވެސް ނަފުސުގެ ޤިޞާޞް ހިފުމެއް ނޯންނާނެއެވެ. ވާރުތަވެރިންގެ ތެރޭގައި ބާލިޣުނުވާ ކުޑަކުއްޖަކު ހުރިނަމަ، ނުވަތަ ބާލިޣުނުވާ ކުޑަކުދިން ތިބިނަމަ، އެކުއްޖަކު ނުވަތަ އެކުދިން ބާލިޣުވުމުން، އެމީހުން ޤިޞާޞް ހިފުމަށް ބޭނުންވޭތޯ ބަލާފައި، އެ އެންމެންވެސް އެއްބަސްވެގެން ނޫނީ، ޤާތިލުގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒެއް ނުކުރެވޭނެއެވެ.

* ޝަރީޢަތުން ކުރި ޙުކުމުގައި، ނުވަތަ ޝަރީޢަތުގެ އިޖްރާއާތުގައި ކިތަންމެ ކުޑަނަމަވެސް ޞައްޙަނޫންކަމުގެ ޝައްކެއް އުފެދިފައި ނެތުން.

މިގޮތުން، ޝަރީޢަތުން ކުރި ޙުކުމުގެ ޞައްޙަކަމާމެދު، ނުވަތަ ޝަރީޢަތުގެ އިޖްރާއާގެ ޞައްޙަކަމާމެދު ކިތަންމެ ކުޑަނަމަވެސް ޝައްކެއް އުފެދިފައިވާނަމަ، މަރުގެ އަދަބެއް ނުދެވޭނެއެވެ. އެއީ، ކިތަންމެ ކުޑަ ނަމަވެސް ޝައްކެއް އުފެދިފައިވާނަމަ، ޙައްދުތައް ޤާއިމް ނުކުރުމަށް ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ އަންގަވާފައިވާތީއެވެ. ފިޤުހު ޢިލްމުވެރިން ވިދާޅުވާގޮތުގައި، ނަފުސުގެ ޤިޞާޞްއަކީ ޙައްދެއް ކަމުގައި ނުވިޔަސް، އެކަމުގެ މައްޗަށްވެސް ކީރިތި ރަސޫލާގެ މިއަމުރުފުޅު ހިނގާނެ އެވެ.

ޤިޞާޞް ނުހިފުމަކީ ކުށުން ބަރީއަވުމެއް ނޫން

ޤަތުލުލް ޢަމްދުގައި، ނުވަތަ ޝިބުހުލް ޢަމްދުގައި، ނުވަތަ ޤަތުލުލް ޚަޠައުގައި، ނަފުސުގެ ޤިޞާޞް ނުހިފުމަކީ، ކުށުން ބަރީއަވުމެއް ނޫނެވެ. އެކަންކުރިމީހާ ކުށްވެރިނުވުމެއް ނޫނެވެ. އަދި އެމީހާއަށް އަދަބު ނުލިބުމެއްވެސް ނޫނެވެ. އެފަދަ ޙާލަތުތަކުގައި، އެޙާލަތަކާ ގުޅޭގޮތުން ޝަރުޢީ ހަމަތަކުގެމަތިން މަރުގެދިޔަ ދިނުމާއި، ތަޢްޒީރު ކުރުމާއި، ކައްފާރާ ދިނުން އޮންނާނެއެވެ.

ޤިޞާޞް ހިފުމުގެ ޙައްޤުވެރި ފަރާތަކީ، މަޤުތޫލުގެ ވާރުތަވެރިންނެވެ. އެހެންނަމަވެސް، އެމީހުން އަމިއްލައަށް މަރުގެ ޙުކުމް ތަންފީޒުކުރުމުގެ ޝަރްޢީ ބާރެއް އެއެންމެންނަކަށްވެސް، އޭގެ ތެރެއިން ވަކި މީހަކަށްވެސް، ނޯންނާނެއެވެ. މަރުގެ ޙުކުމް ތަންފީޒުކުރުމުގެ ޝަރުޢީ ބާރު އޮންނަ ހަމައެކަނި ފަރާތަކީ، ޙާކިމްއެވެ. ނުވަތަ ޙާކިމް އެކަން ޙަވާލުކުރާ ފަރާތެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.