ބަންގާޅީންގެ އަދަދު ބޮޑު އޮޅުންގަނޑެއް ތެރަށް

ވޯކްޕާމިޓެއް ކެންސަލް ވަނީ ބިދޭސީ މީހާ ފުރުމުން ނުވަތަ ފިލައިގެން ރާއްޖޭން ބޭރުވުމުން އެ ކެންސަލް ކުރަން ގެންނަ މީހާ އެންގުމުންނެވެ. އެހެންނޫނަމަ އެ ވޯކްޕާމިޓް އިންނަނީ އެކްޓިވް ސްޓޭޓަސްގަ އެވެ.

ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންތަކެެއް

އިކޮނޮމިކް މިނިސްޓްރީން އާއްމު ކުރުމަށްފަހު، ފަހުން ސޯޝަލް މީޑިއާއިން ނެގި ރިޕޯޓުގައިވާ ބަންގާޅު މީހުންގެ އަދަދަކީ 139,220 އެވެ. އެކަމަކު ޖެހިގެން އައި ދުވަހު އިމިގްރޭޝަންގެ ސިސްޓަމާ ހަވާލާދީ ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީން އާއްމުކުރި އަދަދަކީ 90،624 އެވެ. ދެ ނަމްބަރު އާއްމު ވުމާއެކު ގިނަ ބަޔަކަށް ވަދެވުނީ އޮޅުން ބޮޅުން ގަނޑެއްގެ ތެރެއަށެވެ. 

އެއް ބަޔަކު ސަރުކާރުން ވަޒީފާއާ ބެހޭ ގާނޫނަށް ހިލާފުވެެއްޖެ ކަމަށް ތުހުމަތު ކުރި އެވެ. އަނެއް ބަޔަކު ބުނަމުން ދިޔައީ ބަންގާޅު މީހުން އެތެރާން ހުއްދަ ދޭން ނިންމި ސަބަބު ސާފު ނުވާ ކަމަށެވެ. ވެގެން މިއުޅެނީ ކީއް ހެއްޔެވެ؟ މިއީ ކޮން އޮޅުން ބޮޅުން ގަނޑެއް ހެއްޔެވެ؟ 

ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މީގެ ކުރިން ވަނީ ސަރުކާރުން ބިދޭސީން ބަލަހައްޓާ ނިޒާމް "އެކްސްޕެޓްސް" ސިސްޓަމްގައި ހުރި ނަމްބަރުތަކާއި އިމިގްރޭޝަންގައި ހުރި ނަމްބަރުތަކުގައި ބޮޑު ފަރަގެއް ހުރިކަމަށް ވިދާޅުވެފަ އެވެ. އެހެންވެ މި ދެ ސިސްޓަމް "ސިންކު" ކުރަމުން ދާ ކަމަށް ފައްޔާޒު ވިދާޅުވެފައި ވެއެވެ. ހަގީގަތުގައި މިހާރު އަރައިގެން އުޅޭ މި އޮޅުންބޮޅުމަކީ އެކަމެވެ. 

އެކަން ސާފު ކޮށްދެއްވަމުން އިމިގްރޭޝަން ބަލަހައްޓާ މިހާރުގެ ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އިމިގްރޭޝަންގެ ބޯޑާ ކޮންޓްރޯލް ސިސްޓަމުން ރާއްޖޭގައި ތިބި ބަންގްލަދޭޝް މީހުންގެ އަދަދު ސާފުކޮށް އެނގެން އެބައޮތް ކަމަށާ އެ އަދަދަކީ 90،624 ކަމަށާ، އެހެންވެ އެ ގައުމުން އިތުރަށް އަން ސްކިލްޑް ލޭބަރުން ގެންނަން އެއްވެސް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ. 

"އަނެއް އަދަދަކީ ވޯކް ޕާމިޓް ދޫކުރުމަށް ގެންގުޅޭ ސިސްޓަމް [އެކްސްޕެޓް] ގައި ޕަބްލިޝްކޮށްފަ އިން އެކްޓިވް ވޯކްޕާމިޓްތަކުގެ އަދަދު. އިކޮނޮމިކް ޑިވްލޮޕްމަންޓް މިނިސްޓްރީގެ ރިޕޯޓްގައި ވެސް އިނީ އެ އަދަދު. މިއީ މީހުން ތިބި އަދަދެއް ނޫން،" އިހުސާން ވިދާޅުވި އެވެ. 

އެކްޓިވް ވޯކް ޕާމިޓަކީ ކޮބާ؟ - އެކްޓިވް ވޯކްޕާމިޓަކީ ކަނޑައެޅޭ ވަކި ވަގުތެއްގައި ވޯކްޕާމިޓްގެ ގޮތުގައި އިޝޫކޮށްފަ އިންނަ އަދަދެވެ. އެކްޓިވް ވޯކްޕާމިޓަކީ ވަޒީފާއަށް މީހުން އަންނަ ދޭ ހުއްދަ އެވެ. މި ހުއްދަ ބާތިލު ނުކުރާނަމަ އެ އިންނާނީ އެކްޓިވް ވޯކްޕާމިޓެއްގެ ގޮތުގަ ސިސްޓަމުން ފެންނާނެ އެވެ.

ކެންސަލް ނުކުރާ ގިނަ ބަޔަކު ބޭރުގައި ތިބިކަމަށް ބެލެވޭ

އިހުސާން ވިދާޅުވީ މިއީ ކުންފުންޏަކުން މަސައްކަތަށް މީހުން ގެންނަން ދެވޭ ހުއްދަ ކަމަށާ އެ ހުއްދަ ބާތިލު ވާނީ ފިލައިގެން ދިއުން ނުވަތަ ރާއްޖޭން ފުރުމުން އެ ކުންފުންޏަކުން ނުވަތަ އެމްޕްލޯޔަރެއް އިމިގްރޭޝަނަށް އެކަން އެންގުމުން ކަމަށެވެ. 

"ކުންފުންޏަކުން މީހަކު ގެންނަން ދެނީ މި ހުއްދަ. މި ހުއްދަ ބާތިލު ނުކުރާހާ ހިނދަކު މި އިންނަނީ އެކްޓިވް ވޯކްޕާމިޓެއްގެ ގޮތުގައި ސިސްޓަމްގަ. އެ ހުއްދަ ބާތިލުވަނީ އާއްމުކޮށް ރާއްޖޭން ބޭރުވިކަން ކަށަވަރުވީމަ އެމްޕްލޯޔަރުގެ އެދުމަށް ބޯޑަ ކޮންޓްރޯލްގައި ހުންނަ މައުލޫމާތުގެ މައްޗަށް ބަލައިގެން އެމީހާ ނުކުތްކަމަށް ނިންމަނީ. އެހެންވީމަ މި ވޯކްޕާމިޓް ދޫކުރި މީހުންގެ ތެރޭން އެތަށް ބަޔަކު ބޭރުގައި ތިއްބަސް އެތަށް ބަޔަކު ތިބެދާނެ އެކްސްޓިވް ސްޓޭޓަސްގަ،" އިހުސާން ވިދާޅުވި އެވެ. 

ބަރާބަކަށް ފައިސާ ދައްކަނީ 36 ޕަސެންޓް މީހުން

އިހުސާން ވިދާޅުވީ ވޯކްޕާމިޓްތަކުގެ ތެރޭން ގަވައިދުން ފައިސާ ދައްކަނީ 50 ޕަސެންޓް ކަމަށާ ބަރާބަރަށް ފައިސާ ދައްކަނީ 36 ޕަސެންޓެވެ. 

"މާނައަކީ މީގެތެރޭން ބާކީ ތިބި މީހުން ކީއްވެގެންހޭ ފައިސާ ނުދައްކަނީ. މީގެތެރޭން އެއް ބަޔަކީ މިހާރު ވެސް ރާއްޖޭން ބޭރުގައި ވީ މީހުން،" އިހުސާން ވިދާޅުވި އެވެ. 

އަނެއްކާ އަދަދު ދިމާކުރަން މަސައްކަތް

މިނިސްޓަރު އިހުސާން ވިދާޅުވީ އެކްސްޕެޓް ސިސްޓަމުން ފެންނަ އަދަދު ދިމާ ކުރަން މިހާރުން މިހާރަށް މަސައްކަތްތަކެއް ފަށާފައިވާ ކަމަށާ މި މަސައްކަތް މުޅި ރާއްޖޭގައި ކުރަމުންދާ ކަމަށެވެ. 

"އަޅުގަނޑުމެންގެ ޓާގެޓަކީ ސީދާ ފިންގް ޕްރިންޓާ ދިމާވާ ވަރަށް ރާއްޖޭގައި ތިބި ބިދޭސީންގެ އަދަދާ. އެއީ ކޮން ބައެއް ކަމާ އެ ހުރިހާ އެއްޗެއް ކްލެރިފައި ކޮށްފަ އެކްސްޕެޓް ސިސްޓަމްގައި ހުރި އަދަދުތަށް ދިމާ ކުރުން،" އިހުސާން ވިދާޅުވި އެވެ. 

އަނެއްކާ ބަންގާޅު މީހުން ގެންނަނީ ކީއްވެ؟

މިނިސްޓަރު އިހުސާން ވިދާޅުވީ: 

"ސަރުކާރާ ހަވާލުވާން ވެގެން ކުރި ކެމްޕޭންގައި ވިޔަފާރިވެރިންނާއި އަލަށް ވިޔަފާރި ފައްޓަވާ ބޭފުޅުންގެ ވަރަށް ބޮޑު ކޮންސާންއަކަށްވީ ރާއްޖެއަށް އަން ސްކިލްޑް ލޭބަރުން ނުލިބުން. އެހެންވެ މި މައްސަލައަށް ހައްލު ހޯދަން ލަފާދެއްވި ހުވާކުރި ދުވަހު. އެ ދުވަހުން ފެށިގެން ބެލިއިރު ވެސް އެނގުނު ރާއްޖެއަށް މިވަގުތުން މިވަގުތަށް ބަންލަދޭޝްއިން މީހުން ގެނެވެން އެބައޮތްކަން. އެހެން ނަމަވެސް ރާއްޖޭގައި ދޫކޮށްފަހުރި ވޯކް ޕާމިޓްގެ އަދަދުވެސް ބަލާފަ ބަންގްލަދޭޝް ފުރަތަމަ ހުޅުވާލަން މި ނިންމީ،" އިހުސާން ވިދާޅުވި އެވެ. "ބާކީ ދެން ހުރި ގައުމުތަކުންވެސް ބަލާފަ، ހުޅުވާލެވެން އޮތްނަމަ ހުޅުވާލާނަން." 

ބިދޭސީންނާ ގުޅޭގޮތުން ކުރީގެ ސަރުކާރުން އާއްމުކުރި ރިޕޯޓު ތަކެއް، އިކޮނޮމިކް މިނިސްޓްރީން ޑިލީޓްކުރި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަން އަންގާފައިވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފަ އެވެ. މިނިސްޓަރު  އިހުސާން ވިދާޅުވީ އެއްވެސް މައުލޫމާތެއް ގެއްލިގެން އުޅޭ ކަމަށް މައުލޫމާތު ލިބިފައި ނެތް ކަމަށާ މިހާރު ބިދޭސީންގެ މެންޑޭޓް އޮތީ ހޯމްލޭންޑް ސެކިއުރިޓީގެ ދަށުގައި ކަމުން އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން ޑިލީޓްކުރި ރިޕޯޓު ހޯމްލޭންޑު ސެކިއުރިޓީގެ ވެބްސައިޓުން ފެންނާނެ ގޮތް ހަދާނެ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.