އައިގޮތަށް ބަންގާޅީން އެތެރެވާނެ ހުއްދަ ؛ ނިޔަތް ސާފެއް ނޫން

ކުރީ ސަރުކާރުން އިންޑިއާ މީހުން އެތެރެކޮށް އެ މީހުންނަށް ފަސޭހަ ގޮތް ހަދައިދިނެވެ. މިއީ ވެސް ގޯހެވެ. އަދި އަނެއްކާ ބަންގާޅު މީހުންނަށް ހުއްދަ ދީގެން ހަދަން މި އުޅެނީ އަނެއް ގޯހެވެ.

ކުރީގެ ސަރުކާރުގައި ގަވައިދަށް ފައްތަން ގަލޮޅު ދަނޑަށް ބަންގާޅު މީހުން ޖަމާކޮށްފައި

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އާބާދީގައި އެންމެ ބޮޑު ބައެއް އަދިވެސް އޮތީ ބަންގާޅު މީހުންނެވެ. ނުވަތަ ބަންގާޅީންނެވެ. އެހެން ގައުމުތަކުގެ މީހުން އަންނަނީ މީގެ ފަހުންނެވެ. އެންމެ ފަހުގެ ސަރުކާރުގެ ރަސްމީ ހިސާބުތަށް ދައްކާ ގޮތުގައި މިހާރު ބަންގާޅީންގެ ނަމްބަރު 100،000 ވަނީ ފަހަނަ އަޅާ ގޮސްފަ އެވެ. މާނައަކީ މި އަދަދަކީ ވަޒީފާގެ ގާނޫނުގައި ބުނާ ނަމްބަރަށްވުރެ އިތުރު އަދަދެކެވެ. ބިދޭސީންގެ މައްސަލަ އިންތިހާއަށް ބޮޑުވެ ދިވެހިން އިގްތިސޯދުގައި ހަމަ ނޭވާން ނުލެވިގެން އުޅެނިކޮށް އަނެއްކާ މި ފެންނަނީ ސަރުކާރުން ބަންގާޅުން މީހުން ގެނައުމުގެ ހުއްދަ އަލުން ދޭން ނިންމިތަނެވެ. 

ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީން ކުޑަ ނޫސް ބަޔާނަކުން އެކަން ކުރަން ނިންމިކަން އިއުލާނު ކުރުމާއެކު ގިނަ ބަޔަކު ތިބީ ހައިރާން ކަމެއްގަ އެވެ. މީގެ މަގުސަދަކީ ކޮބައި ހެއްޔެވެ؟ ހަމަ ކޮންމެހެން ވެސް ހަދާފައި މިކަން ކުރަން ޖެހޭ ހެއްޔެވެ؟ މިހާރު ހުރި މައްސަލަތަކުގެ ހައްލު ނުގެނެސް އަނެއްކާ ބޮޑު ނަމްބަރެއްގެ ބިދޭސީން ގެނެސް އަޅާ ލަނީ ހެއްޔެވެ؟ 

ސަރުކާރުގެ މި ނިންމުމާމެދު ނިމިދިޔަ ސަރުކާރުގެ ލޭބަރުންގެ ކަންކަން ބަލަހައްޓާ ވުޒާރާގެ މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވާ ގޮތުގައި ބަންގްލަދޭޝް ލޭބަރުންނަށް މި ސަރުކާރުން ހުއްދަ ދޭން ނިންމި ނިންމުން ގާނޫނާއި ހިލާފެވެ. އެކަން ކުރެވޭނެ ހަމައެކަނި ގޮތަކީ ވަޒީފާއާ ބެހޭ ގާނޫނު އިސްލާހު ކުރުމެވެ. 

ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ވިދާޅުވި ގޮތުގައި 2019 ވަނަ އަހަރު ސަރުކާރުން އެ ފިޔަވަޅު އެޅިއީ ބަންގްލަދޭޝް ވަގުފާރި ވިޔަފާރިއަކީ އަހަރަކު އެތައް ބިލިއަން ރުފިޔާއެއް ހިމެނޭހެން ބަޔަކު ހިންގަމުން އައި މުޑުދާރު ވިޔަފާރި އަކަށްވާތީ އެވެ. އެކަން ހުއްޓުވާފައި އޮތް ފަސް އަހަރަށް ފަހު އަލުން އެކަން ހުޅުވާލުމަކީ ގައުމީ ސަލާމަތާއި ދިވެހި އިގްތިސޯދާއި އިޖްތިމާއީ ފޭރާމަށް ހުރި ބޮޑު ނުރައްކަލެއް ކަމަށް ވެސް އޭނާ ފާހަގަ ކުރައްވަ އެވެ. 

ކުރީ ސަރުކާރުން ވެސް ކަންކުރީ ރަނގަޅަށް ނޫން

ފައްޔާޒު އެހެން ވިދާޅުވާން މާ ތާހިރެއް ނޫނެވެ؛ ފައްޔާޒު އެހެން ވިދާޅުވިއިރު ބަންގާޅުން މީހުން އެތެރެ ކުރުން ހުއްޓުވާފަ އެ ސަރުކާރުން ކަންކުރި ގޮތްވެސް ވަކިން ރަނގަޅެއް ނޫނެވެ. 

މިނިސްޓަރު ފައްޔާޒު ވިދާޅުވި ގޮތުގައި ބިދޭސީންގެ މައްސަލަ ހައްލު ނުވެއްޖެނަމަ އިސްތިއުފާ ދެއްވާނެމެވެ. އެ ވެރިކަމުގައި ބިދޭސީންގެ މައްސަލައަށް ލިބުނީ ކޮން ހައްލެއް ހެއްޔެވެ؟ ކުރިހާ ވެސް ކަމަކީ އެ މީހުންނަށް މަސައްކަތް ކުރެވޭ ގޮތަށް ކަންކަން ފަހި ކުރުމެވެ. ގައުމީ ސަލާމަތަށް ހަމައެކަނި އުނިކަން އަންނަނީ ބަންގާޅީން ގިނަވީމަ ހެއްޔެވެ؟ އެހެން ގައުމު ތަކުން އަންނަ މީހުން އިތުރު ވުމަކީ މައްސަލައެއް ނުވަނީ ހެއްޔެވެ؟ 

ނިމިދިޔަ ސަރުކާރުގެ ފަސް އަހަރު ހެސްކިޔާފަ ރާއްޖެ ގެނެސް އެޅީ އިންޑިއާ މީހުނެވެ. އޭރުގެ ސަރުކާރުގެ ވެރިން އަޑީގައި ތިބެގެން އިންޑިއާގެ ބިހާރު ފަދަ ސްޓޭޓް ތަކުން ބޯކޮށް މީހުން ގެނެސްފައި ވެއެވެ. ރާއްޖޭގައި ފޮރިން އިންވެސްޓް ކުރެވޭ އަދަދަށް ގެނައި ބަދަލާއެކު އިންޑިއާގެ ކުދި ވިޔަފާރި ތަކުން މިހާރު އެ ތިބީ 200،000 ޑޮލަރުގެ އިންވެސްޓްމަންޓް ހަދައިގެން ފޮރިން އިންވެސްޓަރުންނަށް ވެގެނެވެ. އެމީހުންގެ ވިޔަފާރިއާހެދި ދިވެހިން ވިޔަފާރިކުރަން ދަތި ވެއްޖެ އެވެ. 

އިންޑިއާގެ ގެނެސްފައިވާ ބިދޭސީންގެ އަދަދު ހޯދަން އެ ސަރުކާރުގެ ވެރިކަމުގައި "މި" ނޫހުން އިކޮނޮމިކް މިނިސްޓްރީ އަށް ލިޔުމުން ވެސް އެ އަދަދު ނުދިނެވެ. އާރުޓީއައި ލުމުން ވެރިކަން ބަދަލު ވެގެން ދިޔައިރު އެ ޖަވާބެއް ނުލިބުނެވެ. ސަބަބަކީ ބިދޭސީން އިތުރުވަމުން ދިޔަ ނަމްބަރު ސާފު ވެދާނެތީ އޮތް ބިރެވެ. މައުލޫމާތު ނުދޭން ދައްކާ ބަހަނާއަކީ އިމިގްރޭޝަން ސިސްޓަމާއި ސަރުކާރުގެ ލޭބަރުން ބަލަހައްޓާ ސިސްޓަމް ސިންކު ނުވުމެވެ. ފަސް އަހަރު ނިމިގެން ދިޔައީ މި ދެ ސިސްޓަމް ސިންކު ވިކަމަށް ނުވި އެވެ.

އެކަމަކު މިހާރުގެ ކުޑަ އަންދާޒާއަކީ އިންޑިއާގެ ބިދޭސީންގެ އަދަދު ވެސް ލައްކަ އަކަށް އެރުމެވެ. ނުވަތަ ގާތް ކޮށްފައި ވުމެވެ. އެކަމަކު އެކަންވެސް އެނގޭނީ ސަރުކާރުން އެ ނަމްބަރުތަށް ސާފުކޮށް ދިނީމަ އެވެ. ކޮންމެ ގައުމެއްގެ މީހުން ވެސް އާބާދީގެ ނިސްބަތުން އިތުރު ވެއްޖެނަމަ އެ ގައުމެއްގެ ގައުމީ ސަލާމަތަށް ނުރައްކާވާނެ އެވެ. މިއީ ވަކި ބަންގާޅު މީހުން އިތުރު ވެގެންވާން އޮތްކަމެއް ނޫނެވެ. 

ބަންގާޅަށް ހުއްދަދޭއިރު ވިސްނަން ޖެހޭ

ބަންގާޅުން ބިދޭސީން ގެނައުމުގެ މައްސަލާގައި ހުރަސް އޮތީ ވަޒީފާއާ ބެހޭ ގާނޫނުގެ 65 ވަނަ މާއްދާ އެވެ. އެ މާއްދާގައި ބުނާ ގޮތުންނަމަ ރާއްޖޭގައި ބިދޭސީ މަަސައްކަތްތެރިން ވަޒީފާ އަދާ ކުރުމަށް އެއް ގައުމަކުން އެންމެ ގިނަ ވެގެން ގެނެވޭނެ އަދަދަކީ 100،000 އެވެ. ބަންގާޅު މީހުންގެ އަދަދު މިހާރު ހުރި ރަސްމީ ނަމްބަރެއް ކަމަށް ބުނެ އުޅެނީ 140،000 މީހުންނެވެ. މިއީ ވެސް އަދި އަންދާޒާ އެވެ. އެހެންވީއިރު ސަރުކާރުން ބިދޭސީންގެ އަދަދު ލައްކަ އަކަށް ތިރި ކުރަން ހަދާނީ ކިހިހެއް ހެއްޔެވެ؟ ގަވައިދާ ހިލާފަށް އުޅޭ ހުރިހާ މީހުން ހޯދައި ވަގުތުން ބޭރު ކޮށްލާނީ ހެއްޔެވެ؟ އެކަން ކުރެވޭނެ ހެއްޔެވެ؟ 

ކޮންމެ ގޮތެއްގައި ނަމަވެސް މިހާރު ތިބި ބަންގާޅުންގެ މައްޗަށް އިތުރު އަދަދެއްގެ ބިދޭސީން އިތުރު ވުމަކީ ރާއްޖެއަށް އޮތް ބޮޑު ނުރައްކަލަށް ވާނެ އެވެ. އެންމެ ފަހުގެ ތަފާސް ހިސާބުތަށް ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ 32 ޕަސެންޓަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނެވެ. މިހާރު ވެސް ވަޒީފާ އަދާކުރާ އުމުރުފުރައިގެ ތެރެއިން 20 އަހަރާއި 44 އަހަރާ ދެމެދު ދިވެހިންނަށް ވުރެ ގިނައީ ބިދޭސީންނެވެ. ރާއްޖޭގެ އާބާދީގެ ނަމްބަރަކީ 568،362 އެވެ. މީގެތެރޭން 182،696 އަކީ ބިދޭސީންނެވެ.

މިހާރު ފެންނަ މަންޒަރަކީ ބިދޭސީން ރާއްޖޭގެ ކުދި މެދު ފަންތީގެ ވިޔަފާރި ވެސް އަތްދަށުލައިގެން އުޅޭ ތަނެވެ. ރާއްޖޭން ބޭރުކުރާ ފައިސާއަށް ބަލާނަމަ 50 ޕަސެންޓް ޑޮލަރު ބޭރު ކުރަނީ ބިދޭސީންނެވެ. ބިދޭސީން ރާއްޖެ އަންނަނީ 250-300 ޑޮލަރުގެ މުސާރައެއްގަ އެވެ. އެކަމަކު އެ މީހުން ކޮންމެ މަހަކު ހާހުން ޑޮލަރު ގައުމަށް ބޭރު ކުރެ އެވެ. މިއީ ރަސްމީކޮށް ކުރާ މުއާމަލާތް ތަކެވެ. އެހެންވީއިރު މިކަން ނުހުއްޓުފައި އިތުރު މީހުން ގެނެސްފިނަމަ ބޮޑު މައްސަލަތަކެއް ކުރިމަތިވާނެ އެވެ. ދެން އޮތީ ބަންގާޅު މަސައްކަތުގެ މީހުންގެ ބޮޑު އަދަދެއް ކޮންމެހެން ވެސް މިވަގުތު ބޭނުންވޭ ތޯ ކުރެވޭ ސުވާލެކެވެ.

އަން ސްކިލްޑް ލޭބަރުން ބޭނުންވާނެ އެންމެ ބޮޑު ދާއިރާއަކީ ކޮންސްޓްރަކްޝަން ސިނާއަތެވެ. އެ ސިނާއަތުގެ ދުވެލި މިހާރު ރަނގަޅެއް ނޫނެވެ. ޕްރޮޖެކްޓްސްތަކެއް ނެތެވެ. އެހެންވެ މިހާރުން މިހާތަށް ބިދޭސީންގެ ބައިވަރު އަދަދެއް ގެންނަން ޖެހޭ ހެއްޔެވެ؟ ބަންގާޅު މީހުން ރާއްޖެއަށް އަލުން އެތެރެވާން ހުއްދަ ދޭން ނިންމުމުގައި ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. ހަމަ ޔަގީންނުންވެސް ބިދޭސީންގެ މައްސަލާގައި ކަން މިކުރާ ގޮތުގެ މަގުސަދު އެހާ ސާފެއް ނޫނެވެ. 

ކޮމެންޓް

1
450
ފައްޖި
4 months ago

މުއްސަނދިން އިތުރަށް މުއްސަނދި ކޮށްދިނުމާއި - ކަންނެތް މީހުން އިތުރަށް ކަންނެތް ވާ އެންމެ ބޮޑު އެއްސަބަބަކީ ބަންގާޅީންނާއި އެހެން ބިދޭސީން.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.