ސީއެސްސީއާއެކު ސާޖިދާ ހެއްދެވި އެއްބަސްވުން އުވާލަން ކުއްލި މައްސަލައެއް

ޔައުގޫބް ވިދާޅުވީ މިއީ ރާއްޖޭގެ ފަސްޓް ލޭޑީއަކު ސިވިލް ސާވިސްގެ މަގާމެއްގައި ދެމިހުންނަވާ ފުރަތަމަ ފަހަރު ނަމަވެސް، އެއީ ސީދާ ގާނޫނާ ހިލާފު އަމަލެއް ކަމަށެވެ.

ފަސްޓް ލޭޑީ، މެޑަމް ސާޖިދާ މުހައްމަދު

ކުރިއަށް އޮތް ހަތަރު އަހަރު ނޯ-ޕޭ ލީވްއެއްގައި ހުންނަވައިގެން ހެލްތު މިނިސްޓްރީގެ ސިވިލް ސާވިސް ވަޒީފާގައި ދެމި ހުންނެވުމަށް ފަސް ލޭޑީ، ސާޖިދާ މުހައްމަދު ކޮމިޝަނާއެކު ހަދާފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށާއި، އެ އެއްބަސްވުން އުވާލަން ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

އިދިކޮޅު އެމްޑީޕީގެ ފަރާތުން މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ދާންދޫ ދާއިރާ ޔައުގޫބް އަބްދުﷲ އެވެ. އެ މައްސަލަ އިއްވަމުން އޭނާ ވިދާޅުވީ ވޭޖް އެމްޕްލޯއީމެންޓް އުސޫލުން ސީއެސްސީއާއެކު މެޑަމް ސާޖިދާ އެއްބަސްވުމެއް ހެއްދެވީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން، އެ ކޮމިޝަނުގެ ގަވާއިދުގެ ރޫހާ މުޅިން ހިލާފަށް ކަމަށެވެ.

މެޑަމް ސާޖިދާއަކީ މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ސީނިއާ ސައިންޓިފިކް އޮފިސަރެވެ. ސަރުކާރުގެ އެ ހިދުމަތުގައި އެކަމަނާ ހުންނަވާތާ ވަރަށް ގިނަ އަހަރުތައް ވެފައި ވެއެވެ. ފަސްޓް ލޭޑީގެ މަގާމަށް ވަޑައިގަތް ނަމަވެސް، އެކަމަނާ ބޭނުންފުޅުވީ ހިދުމަތުގައި ދެމި ހުންނާށެވެ. 

ދެ މުސާރަ ނަންގަވަން ބޭނުންފުޅު ނުވާތީ އެކަމަވާ ވަނީ ނޯ-ޕޭއެއްގައި ހުންނަވައިގެން މަސައްކަތް ކުރެއްވޭނެ ގޮތެއް ހައްދަވައިދެއްވުމަށް އެދިވަޑައިގެންފަ އެވެ. އެހެންވެ، ސީއެސްސީ އިން ވަނީ އެކަމަނާއާއެކު ކޮންޓްރެކްޓެއް ހައްދަވާފަ އެވެ. އެ ކޮންޓްރެކްޓުގައިވާ ގޮތުން، މަސައްކަތަށް ވަޑައިގަންނަވާ ކޮންމެ ގަޑިއިރަކަށް 75 ރުފިޔާގެ އެލަވަންސެއް ލިބޭނެ އެވެ. އެއީ މަހަކު 40 ގަޑިއިރު މަސައްކަތްކުރާ ގޮތަށް ކަމަށްވާތީ މަހަކު ލިބިވަޑައިގަންނަވާނީ 3،000ރ. އެވެ. އެއީ މުސާރަ ނުލިބޭ ގޮތަށް އެފަދަ އެގްރިމެންޓެއް ނުހެދޭނެތީ މަސައްކަތަށް ނުކުންނަ ދުވަސްތަކަށް ދޭ މުސާރައެކެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، އެކަމަނާގެ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ގާނޫނާ ގަވާއިދާ ހިލާފަށް ހަތަރު އަހަރުގެ ނޯ ޕޭ ލީވް ނުވަތަ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީގައި ހުންނެވުމަށް ނިންމަވާފައިވާ ނިންމެވުމާ ގުޅިގެން 28،000 އަށްވުރެ ގިނަ މުވައްޒަފުން އެކުލެވޭ ސިވިލް ސާވިސްގެ ގިނަ މުވައްޒަފުން އެކި ގޮތްގޮތަށް ދަނީ ކަންބޮޑުވުން ފާޅުކުރަމުން،" ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޔައުގޫބް ވިދާޅުވި އެވެ.

ޔައުގޫބް ވިދާޅުވީ މިއީ ރާއްޖޭގެ ފަސްޓް ލޭޑީއަކު ސިވިލް ސާވިސްގެ މަގާމެއްގައި ދެމިހުންނަވާ ފުރަތަމަ ފަހަރު ނަމަވެސް، އެއީ ސީދާ ގާނޫނާ ހިލާފު އަމަލެއް ކަމަށެވެ. މީގެ ކުރިން ސިވިލް ސާވިސް މުވައްޒަފުން އެގޮތަށް ނޯ-ޕޭ ލީވްއަށް ދިގު މުއްދަތަކަށް މަސައްކަތުން ވީއްލޭން އެދުނު ނަމަވެސް، އެއީ ކޮމިޝަނުގެ ގަވާއިދާ ހިލާފު ކަމެއް ކަމުން އެ ފުރުސަތު ދީފައި ނުވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"މީގެ ކުރިން ސިވިލް ސާވެންޓަކަށް އޭނާގެ އާއިލާއަށް ދިމާވި ކުއްލި ހާލަތަކާ ގުޅިގެން، ސިވިލް ސާވިސް ގަވާއިދުގެ ދަށުން މުސާރަ ނުލިބޭ ގޮތަށް ވީއްލައިދިނުމަށް އެދުނު ނަމަވެސް، އެ މުވައްޒަފަށް ގަވާއިދުގައި ބަޔާންކުރާ ލުއި ދެއްވާފައި ނުވުމުން އޭނާ އަށް ކުރިމަތިކުރުވި މަޖުބޫރީ ހާލަތަކީ ހަމައެކަނި ވަޒީފާއިން ކެނޑިގެން ދިއުން ކަމަށް ފާހަގަކުރެވޭ،" ޔައުގޫބް ވިދާޅުވި އެވެ.

މިފަދަ ކަންކަމަކީ މުވައްޒަފުންގެ މެދުގައި ތަފާތު ކުރުން ކަމަށާއި، މިކަމުން މަސްލަހަތު ފުށު އަރާނެ އެތައް ކަމެއް ދިމާވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް، ސީއެސްސީ އިން ކުރިން ބުނެފައި ވަނީ މެޑަމް ވަޒީފާގައި ދެމި ހުންނެވުމަށް ގާނޫނުން އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

މި މައްސަލަ މަޖިލީހުގައި ބަހުސް ކުރުމަށް ބަލައިގަނެ، މިހާރު މެމްބަރުން ދަނީ ބަހުސް ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.