ކޯޓަށް "ފިލައިގެން" އުޅުމަށްފަހު އައްބާސް މިއަދު ހާޒިރުވެއްޖެ

ގާޒީ ސޮފްވަތު ހަބީބް ވަނީ އޭނާއަށް ވަކީލަކު ހަމަޖެއްސުމަށް 10 ދުވަހުގެ ފުރުސަތެއް ދެއްވާފަ އެވެ. އަދި، ރާއްޖެއިން ބޭރަށް ދާނަމަ ކޯޓަށް އެންގުމަށް ވެސް ގާޒީ ވަނީ އަންގަވާފަ އެވެ.

އައްބާސް އާދިލް ރިޒާ: އޭނާ މިއަދު ވަނީ ކޯޓަށް ހާޒިރުވެފައި -- ފޮޓޯ: ދިޔަރެސް

އިންޑިއާ ހައިކޮމިޝަނުގައި ހުޅު ޖަހައި އަންދާލަން ގޮވާލި މައްސަލައިގައި ދައުވާ ކޮށްފައިވާ ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު، އައްބާސް އާދިލް ރިޒާ މިއަދު ކޯޓަށް ހާޒިރުވުމުން މައްސަލަ ފަށައިފި އެވެ.

މާލޭގެ އެކިތަންތަނާއި އިންޑިއާ ހައިކޮމިޝަންގައި ހުޅުޖަހަން ގޮވައިލި މައްސަލައިގައި އައްބާސްގެ މައްޗަށް އުފުލާފައި ވަނީ ފަނާ ކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ ކުށުގެ ދައުވާ އެވެ. އައްބާސްއަށް މިދިޔަ ފެބްރުއަރީ މަހުގައި ދައުވާކޮށްފައިވީ ނަމަވެސް މިއަދާ ހަމަޔަށް އެއްވެސް އަޑުއެހުމެއް ބޭއްވިފައެއް ނުވެ އެވެ. އެއީ އައްބާސް ކޯޓަށް ހާޒިރު ނުވެގެންނެވެ.

މިއަދު ތާވަލު ކުރި އަޑުއެހުމަށް އޭނާ ވަޑައިގެންނެވީ އެކަންޏެވެ. އޭނާއަށް ކުރާ ދައުވާ ދައުލަތުން އިއްވި ނަމަވެސް ޖަވާބުދާރީވެފައެއް ނުވެ އެވެ. އޭނާ އެދިވަޑައިގެންނެވީ ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތެއް ދެއްވުމަށެވެ. ޖަވާބްދާރީ ވާނީ ވަކީލަކާއެކު ކަމަށް ވިދާޅުވެފައިވެ އެވެ.

ގާޒީ ސޮފްވަތު ހަބީބް ވަނީ އޭނާއަށް ވަކީލަކު ހަމަޖެއްސުމަށް 10 ދުވަހުގެ ފުރުސަތެއް ދެއްވާފަ އެވެ. އަދި، ރާއްޖެއިން ބޭރަށް ދާނަމަ ކޯޓަށް އެންގުމަށް ވެސް ގާޒީ ވަނީ އަންގަވާފަ އެވެ. ގާޒީ އެގޮތަށް އަންގަވާފައި ވަނީ، މި މައްސަލަ ކުރިއަށް ނުގޮސް ހުއްޓިފައި ވާތީ އެވެ. މީގެ ކުރިން އޭނާ ރާއްޖޭން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން ހުރުމުން ވެސް އަޑުއެހުންތައް ކެންސަލް ކުރަން ޖެހުނެވެ.

މިއަދުގެ އަޑުއެހުމުގައި އައްބާސް ވަނީ އޭނާއާމެދު 'ސެލެކްޓިވް ޖަސްޓިސް' ގެންގުޅޭ ކަމަށް ދައުލަތުގެ ވަކީލުންނަށް ތުހުމަތުކުރައްވާފަ އެވެ.

މީގެ ކުރިން އައްބާސް ކޯޓަށް ހާޒިރު ނުވެގެން، އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް ވެސް ފުލުހުންގެ މައްޗަށް ކޯޓުން ނެރެފައިވެ އެވެ. 

މައްސަލައިގެ ހުލާސާ - ޑިސެމްބަރު 22، 2022 ވަނަ ދުވަހު ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއް ކަމަށްވާ "ކްލަބްހައުސް" ގައި އައްބާސް އާދިލް ރިޒާ ވާހަކަ ދައްކަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީލޯންޑަރިންގެ މައްސަލައެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ޕެޓްރޯލާއި، ވާބުރި ފަދަ އެއްޗެހި ހޯދައި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގުމަށް އައްބާސް ހިތްވަރު ދީފައިވެ އެވެ. މީގެ އިތުރުން އޭނާ ބޭނުންކުރާ ޓްވިޓާ އެކައުންޓުން ރާއްޖާގައި ހުންނަ އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލާ އޭނާ ޓްވީޓް ކޮށްފައިވެ އެވެ. މައްސަލަ ވަރަށް ބޮޑަށް ހޫނުވި އެ ޓްވީޓްގައި ބުނެފައި ވަނީ ފެބްރުއަރީ 8، 2012 ގެ ހަމަނުޖެހުމުގެ ތެރޭ އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށެވެ. އެހެން ނަމަވެސް، ލިބުނު އެ ގެއްލުމަށް އަދި އޮތީ ބަދަލު ނުހިފި ކަމަށެވެ. އަދި ބަދަލު ހިފުމުގެ ގޮތުން "އެމްބަސީން ފަށަން އަޅުގަނޑަށް ފެންނަ،" ކަމަށެވެ.

ކޮމެންޓް

1
450
ނަސީ
4 months ago

މިހާރު އޯކޭވާންޖެހޭނުން ސަރުކަރު ބަދަލުކުރަން ގޮވިއެއްޗެހި ތަކެއްނުން މިސަރުކާރުން އޭނާއައް އަދަބުދީފިއްޔާ އެއީ ދެން ދެރަވަރުގެ ކަމެއް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.