ކައުންސުލް ޖެނެރަލްގެ ލަފާ: ތިނަދޫ ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ނުދެވޭނެ

ކައުންސިލް ދެމި އޮންނާނީ އެ ދައުރު ނިމެންދެން ރަށު ކައުންސިލެއްގެ ގޮތުގައި ނަމަވެސް، އެ ގާނޫނުގެ ދަށުން މި ހާލަތުގައި ސިޓީ ކައުންސިލަކަށް ދިބިދޭ ހުރިހާ ބާރުތަކެއް ރަށު ކައުންސިލަށް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ: ތިނަދޫ ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ނުދެވޭނެ ކަމަށް ލާމަރުކަޒީ ކޮމެޓީއަށް ވަނީ ލަފާދެއްވާފައި --

މި އަހަރުގެ އޮގަސްޓް މަހު ސިޓީއެއްގެ ދަރަޖަ ދީފައިވާ ގދ. ތިނަދޫ ކައުންސިލްގެ ހައިސިއްޔަތާމެދު ސުވާލު އުފެދިފައިވާ މައްސަލަ ދިރާސާކުރުމަށްފަހު، އެއީ ސިޓީ ކައުންސިލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީ އިން އިއްޔެ ނިންމާފައި ވަނިކޮށް، އެ ނިންމުން ގޯސް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް، ފާތިމަތު ފިލްޒާ ލަފާ ދެއްވައިފި އެވެ.

ތިނަދޫ ކައުންސިލްގެ ފަރާތުން މި މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ، ރަށުގެ ދަރަޖަ، ސިޓީއަކަށް ބަދަލުކޮށްފައިވާއިރު، ކައުންސިލްގެ ހައިސިއްޔަތާ މެދު ސުވާލު އުފެދިގެންނެވެ. އެގޮތުން، އެކި އިދާރާތަކުން ކައުންސިލަށް ނިސްބަތްކޮށް އެޑްރެސްކުރާ ގޮތާއި، ހިދުމަތް ދިނުމުގައި ދިމާވާ ގޮންޖެހުންތަކާއި އަދި، ކައުންސިލަރުންނާއި މުވައްޒަފުންގެ މުސާރަ ބަޖެޓް ކުރުމުގައި ހުރި ދަތިތައް ކައުންސިލްގެ ފަރާތުން ފާހަގަކޮށްފައިވެ އެވެ.

މިކަމާ ގުޅިގެން އިއްޔެ ކޮމެޓީން ނިންމާފައި ވަނީ، ތިނަދޫ ކައުންސިލަކީ ސިޓީ ކައުންސިލެއް ކަމަށެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، ސިޓީ ކައުންސިލަށް ލިބިދޭ ބާރުތަކާއި މަސްއޫލިއްޔަތުތައް އެކައުންސިލަށް ލިބިދީފައިވާ ކަމަށް ވެސް ނިންމާފައިވެ އެވެ. އެހެންކަމުން، އެ ކައުންސިލަކީ ސިޓީ ކައުންސިލެއްކަން ވީ އެންމެ އަވަހަކަށް ކަނޑައަޅައި ދިނުމަށް ދިނުމަށް ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކުގައި ދަންނަވަން ކޮމެޓީން ނިންމާފައިވެ އެވެ.

އެ ނިންމުމާ ގުޅިގެން މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ފަރާތުން ގާނޫނީ ލަފަޔެއް އެ ކޮމެޓީއަށް ފޮނުވާފައިވެ އެވެ. އެކަން ދިރާސާ ކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި، ކޮމެޓީގެ މުގައްރިރު، ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވަނީ އެ ލަފާ ވިދާޅުވެއްދެއްވާފަ އެވެ.

ފިލްޒާ ދެއްވި ގާނޫނީ ލަފާގައި ވިދާޅުވެފައި ވަނީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒުކުރުމުގެ ގާނޫނުގެ ދަށުން، އެ ދާއިރާއެއްގެ ކައުންސިލްގެ ދައުރު ހަމަވުމުގެ ކުރިން އެ ދާއިރާއަކަށް ސިޓީއެއްގެ ދަރަޖަ ދީފިނަމަ، އެ ދައުރު ނިމެންދެން އޮންނާނީ ރަށު ކައުންސިލެއްގެ ގޮތުގައި ކަމަށެވެ. އެއީ އެ ގާނޫނުގެ 52 ވަނަ މާއްދާގެ (ނ) ގެ ދަށުން، ދައުރުގެ މެދުތެރެއިން ސިޓީއަކަށް ބަދަލުކުރި ނަމަވެސް، ސިޓީ ކައުންސިލެއް އުފައްދަން އެ މާއްދާއިން ލާޒިމެއް ނުކުރާތީ ކަމަށް ވިދާޅުވެފައިވެ އެވެ.

ކުރީން ބޭއްވި ލާމަރުކަޒީ ކޮމެޓީ ބައްދަލުވުމެއްގައި ތިނަދޫ ކައުންސިލާއި، ކައުންސިލްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް --

"ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ގދ. ތިނަދޫ އަކީ ސިޓީއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅި ނަމަވެސް، ސިޓީ ކައުންސިލް އުފައްދަން ގާނޫނުގައި އެއްވެސް މާއްދާއަކުން ލާޒިމްކޮށްފައި ނުވާތީ، އެ ގާނޫނުގެ އެއްވެސް މާއްދާއަކުން ތިނަދޫ ރަށު ކައުންސިލަށް ސިޓީ ކައުންސިލްގެ ދަރަޖަ ދެވިގެންދާނެ ކަމަށް ނުފެނޭ،" ކައުންސެލް ޖެނެރަލްގެ ލަފާގައިވެ އެވެ.

ކައުންސިލް ދެމި އޮންނާނީ އެ ދައުރު ނިމެންދެން ރަށު ކައުންސިލެއްގެ ގޮތުގައި ނަމަވެސް، އެ ގާނޫނުގެ ދަށުން މި ހާލަތުގައި ސިޓީ ކައުންސިލަކަށް ދިބިދޭ ހުރިހާ ބާރުތަކެއް ރަށު ކައުންސިލަށް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އެއީ ސިޓީއަކުން ލިބިދޭންޖެހޭ އެންމެހާ ހިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ.


އެ ގާނޫނުގެ 44 ވަނަ މާއްދާއާ ހަވާލާދީ ފިލްޒާ ވިދާޅުވެފައި ވަނީ، ކައުންސިލްތަކަށް އިންތިހާބު ކުރެވޭ މެމްބަރުން މަގާމާ ހަވާލުވަނީ ފަނޑިޔާރެއްގެ ކުރިމަތީ ހުވައެއް ވެސް ކުރެވިގެން ކަމަށާއި، އެ މީހުން އިންތިހާބު ކުރަނީ ރައްޔިތުންގެ ސިއްރު ވޯޓަކުން ކަމަށްވާތީ، ތިނަދޫ ކައުންސިލްގެ ރައީސަށް މޭޔަރުގެ ހައިސިއްޔަތު ދެވިދާނެ ކަމަށް ފެނިވަޑައި ނުގަންނަވާ ކަމަށެވެ.

ކައުސެލް ޖެނެރަލްގެ ލަފަޔާ ގުޅިގެން ކޮމެޓީގައި މަޝްވަރާތައް ކުރިއަށް ދާނެ އެވެ. އަދި، އެކަމާ ގުޅިގެން ގޮތެއް ނިންމާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.