ކުރީ ސަރުކާރަށް ކުރި ތުހުމަތުތަކުގެ އިންކުއަރީ ހަދަން މެމްބަރުން ތާއީދު

"އަޅުގަނޑު [ގަރާރަށް] ތާއީދުކޮށް، ވަރަށް ސާފުކޮށް މިކަން ހިނގާފަ އޮތް ގޮތް، ކޮންބައެއްތޯ އޭރުގަ ހުރި ރައީސުލްޖުމްހޫރިއްޔާއަށް އޮޅުވާލީ، މީ ސާފުކޮށްދޭން ޖެހޭ ކަމެއް،" ބޮންޑެ ގޮވާލެއްވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ނިންމާލުމުގެ ހިނގާލުން: ކެމްޕޭނު ތެރޭގައި އޭރުގެ ސަރުކާރަށް ކުރި ތުހުމަތުތަކުގެ އިންކުއަރީއެއް ހަދަން މަޖިލީހަށް ވަނީ ގަރާރެއް ހުށަހަޅާފައި

ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ގައުމީ ސަލާމަތަށް އަސަރު ކޮށްފައިވާ ކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކުގެ ހަގީގަތް ދެނެގަތުމަށް ޕަބްލިކް އިންކުއަރީއެއް ހިންގުން މުހިންމުކަން ފާހަގަ ކުރައްވައި އިދިކޮޅު މެމްބަރުން ވެސް އެކަމަށް ތާއީދު ކޮށްފި އެވެ.

މި އިންކުއަރީ ހަދަން ގޮވާލާ މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣްނީ އެވެ. މި ގަރާރުގެ ބަހުސް މިހާރު ކުރަމުންދާއިރު، މިއީ ހަދަން ޖެހޭ އިންކުއަރީއެއް ކަމަށް އެމްޑީޕީގެ އިތުރުން މައިނޯރިޓީ ޕާޓީ، ދަ ޑިމޮކްރެޓްސްގެ މެމްބަރުން ވެސް ވަނީ ގޮވާލައްވާފަ އެވެ.

ކެމްޕޭނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އޭރުގެ އެމްޑީޕީގެ ސަރުކާރަށް ތުހުމަތުކޮށް ދެއްކެވި ވާހަކަތަކާއި އަދި ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ހަދާފައިވާ އެއްބަސްވުންތައް ހާމަ ކުރައްވާނެ ކަމަށް ވިދާޅުވެފައި ވެއެވެ. މެމްބަރުން ވަނީ އެ އެއްބަސްވުން ހާމަ ކުރައްވަން ގޮވާލާފަ އެވެ. އަދި، ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް އުނިކަން އަންނާނެހެން، އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބި ކަމަށް ބުނެފައިވާއިރު އެ އަދަދު ނޭނގުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް މެމްބަރުން އެ ގަރާރަށް ބަހުސް ކުރައްވަމުން ވިދާޅުވެފައިވެ އެވެ.

މި ގަރާރަށް ބަހުސް ކުރައްވަމުން މާފަންނު މެދު ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވީ، ޗާގޯސް މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެންލިގެން ދިޔައީ އޭރުގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ ސަބަބުން ކަމަށެވެ. އެކަން އޭނާ ކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އޮޅުވާލައިގެން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު [ގަރާރަށް] ތާއީދުކޮށް، ވަރަށް ސާފުކޮށް މިކަން ހިނގާފަ އޮތް ގޮތް، ކޮންބައެއްތޯ އޭރުގަ ހުރި ރައީސުލްޖުމްހޫރިއްޔާއަށް އޮޅުވާލީ، މީ ސާފު ކޮށްދޭން ޖެހޭ ކަމެއް،" ބޮންޑެ ގޮވާލެއްވި އެވެ.

ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް: އޭނާ ވަނީ އެމްޑީޕީން ހުށަހެޅި ގަރާރަށް ތާއީދު ކުރައްވާފައި

ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވެސް ވަނީ ގަރާރަށް ތާއީދު ކުރައްވާ، މިކަންކަމުގެ ހަގީގަތް ހޯދުމަށް ޕަބްލިކް އިންކުއަރީއެއް ހަދަން ގޮވާލާފަ އެވެ. ވެރިކަމަށް ވަޑައިގަތުމަށް ރައްޔިތުންނަށް ރައީސް މުއިއްޒު ހެއްދެވީ ދޮގެއްތޯ ނުވަތަ ތެދެއްތޯ އެއީ ރައްޔިތުންނަށް ސާފުވާން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި މައްސަލަ ބެލީމަ އެނގޭނީ ތުހުމަތެއްތޯ، ހަގީގަތެއްތޯ ދޮގެއްތޯ. މިކަން ބަލަން އެބަ ޖެހޭ،" އަފީފް ވިދާޅުވި އެވެ.

އަފީފް ގޮވާލެއްވީ، މި އިންކުއަރީ ހަދާ ކޮމެޓީގައި، މިކަންކަމުގެ ފުރިހަމަ މައުލޫމާތު އެނގޭ އާންމުން ތިބުމަށެވެ. އެއްވެސް ސިޔާސީ ޕާޓީއެއް އިންކުއަރީގައި ބައިވެރި ނުކުރުމަށް ވަނީ ގޮވާލައްވާފަ އެވެ.

"ވެރިކަމުގަ ތިން ހަފްތާ ނިމި، ހަތަރު ހަފްތާ ގުނާއިރު، އެ ބޯޑަރުތައް ކްރޮސްކޮށް، އެ ބަރު ހަތިޔާރާ އެއްކޮށް ރާއްޖެ އެތެރެވެތިބި އިންޑިއާ މިލިޓްރީ ސިފައިންގެ އަދަދު، ދިވެހިރާއްޖޭގެ މިއަދުގެ ވަލީއުލްއަމްރަށް މިވަގުތު ނޭންގޭ ކަމަށްވަންޏާ ގާނޫނުއަސާސީގެ ދަށުން އެމަނިކުފާނު އަޒުލުކުރެވެން ވާނެ،" އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ގޮވާލެއްވި އެވެ.

ގަރާރަށް ބަހުސް ކުރައްވަމުން ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެފައި ވަނީ ވެރިކަމަށް އަންނާން ކޮންމެ ބަޔަކު ވެސް އެކި ވިސްނުންތައް ވިއްކަމުންދާ ކަމަށެވެ. ރާއްޖޭގެ ނިޒާމުގެ ތެރެއިން މައުލޫމާތު ހޯދޭނެ މަގު ފަހިކޮށްދީފައިވާއިރު، އެ މައުލޫމާތު ނުހޯދާ، ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ރައީސް ޑރ. މުއިއްޒާއި ކެމްޕޭނު ޓީމުތަކުން ދެއްކެވި ވާހަކަތައް އޭނާ ވަނީ ކުށްވެރިކުރައްވާފަ އެވެ.

"މިއަދު ވެރިކަމުގެ ތިއްބަވައިގެން މައުލޫމާތު ސާފުކޮށް ނޭންގޭ ކަމަށް ވިދާޅުވުމަކީ ވެސް މައްސަލައެއް. ރަގަޅަށް ދެފުށް ފެންނަ ގޮތަށް ކޮންމެ ސަރުކާރަކުން ވެސް ކޮށްދެން ޖެހޭނެ. ވެރިކަން ހޯދަން ވެސް ޖެހޭނީ ތެދު ހަދައިގެން،" އިކްރާމް ވިދާޅުވި އެވެ.

އެމްޑީޕީ މެމްބަރުން ވަނީ އިންޑިއާއާއެކު ހަދާފައިވާ ކަމަށް ސަރުކާރުން ބުނާ ހާރިޖީ ގުޅުންތަކާ ގުޅޭ 100 އަށްވުރެ ގިނަ އެއްބަސްވުން ވެސް ހާމަކުރަން ގޮވާލައްވާފަ އެވެ. އަދި، އޭރު އިދިކޮޅުގައި ތިބެ ހާމަކުރަން ގޮވާލި ހުރިހާ ކަމެއް ހާމަކުރަން މެމްބަރުން ގޮވާލެއްވި އެވެ. އަދި، ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް މީޑިއާއިން ހަބަރު ފެތުރި ގޮތް ވެސް މި އިންކުއަރީގެ ތެރެއިން ބެލުމަށް ބައެއް މެމްބަރުން ގޮވާލެއްވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.