ރައީސް ވިދާޅުވީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ގާއިމުކުރާ ފިޝަރީޒް ކޮލެޖް ގާއިމުކުރާނީ ގައުމީ ޔުނިވާސިޓީއާ ގުޅިގެން ކަމަށެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ގާއިމު ކުރެއްވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މިރޭ އިއުލާނު ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަ ކުރެއްވީ ދިވެހިރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ގާއިމުކުރާ ފިޝަރީޒް ކޮލެޖް ގާއިމުކުރާނީ ގައުމީ ޔުނިވާސިޓީއާ ގުޅިގެން ކަމަށެވެ. އެކަމުގެ އިދާރީ މަސައްކަތް ސަރުކާރުގެ ހަފުތާ 14 ގެ ތެރޭގައި ހިނގަމުންދާ ކަމަށެވެ.
މީގެ އިތުރުން މަސްވެރިކަން ކުރާ ކޮންމެ އޮޑިޔަކުން މަދުވެގެން އެއް ފަޅުވެރިޔަކު "ރެސްކިއު ޑައިވާ" އަކަަށް ހެދުމަށް ލާޒިމު ކުރަން ނިންމާފައިވާތީ އެ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ މީހުން އުފެއްދުމަށް ހާއްސަ ތަމްރީނު ޕްރޮގްރާމެއްގެ ފުރުސަތު ފަހިކޮށް ދެއްވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވަނީ މި ސަރުކާރުގެ މެނިފެސްޓޯގައި މަސްވެރިންނަށް ހާއްސަ އިސްކަމެއް ދެއްވާފައިވާކަން ފާހަގަ ކުރައްވާފަ އެވެ.
މިގޮތުން ދިވެހިރާއްޖޭގައި ބާނާ މަހުގެ އުފެއްދުންތަކަށް ބޭރުގެ ބާޒާރުގައި މަތީ އަގު ހޯދުމަށް ކުރައްވާ މަސައްކަތުގެ ދަށުން، ރާއްޖޭގައި ބާނާ މަސް ގަންނާނެ އިތުރު ބާޒާރުތައް ހޯދައި މާކެޓްކޮށް، ޕްރޮމޯޓް ކުރުމަށް ހާއްސަ އެޖެންސީއެއް އުފެއްދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
މި އެޖެންސީގެ ދަށުން ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ހާއްސަ ބްރޭންޑެއް ތައާރަފުކޮށް އެ ބްރޭންޑް ބޭރު ގައުމުތަކު ގައި އިޝްތިހާރުކޮށް މާކެޓް ކުރެވިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މަސްވެރިންގެ ލާބައާއި މަންފާއަށް ސަރުކާރުން މިހާރު ފަށްޓަވާފައިވާ ބައެއް ކަންކަމާއި ކުރިއަށް ރާވާފައިވާ އެކި ކަންކަމުގެ ތަފްސީލް ދެއްވި އެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ހަފުލާ ގައި ވަނީ ފާއިތުވި އަހަރު މަސްވެރިކަމުގެ ސިނާއަތު ގައި އަދި މަސްވެރިކަމާ ގުޅުންހުރި ކަންކަމުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯއްދަވާފައިވާ މީހުންނާއި މަސްވެރިކަމުގެ ދާއިރާއަށް ފާހަގަކޮށްލެވޭ އެކިއެކި ހިދުމަތްތައް ކުރައްވާފައިވާ 19 ފަރާތަކަށް މަސްވެރިންގެ ދުވަހުގެ އިނާމުތައް ހަވާލުކޮށްދެއްވާފައެވެ.