މިހާތަނަށް 147 ގައުމަކުން މި މުއާހަދާ ތަސްދީގު ކޮށްފައިވާއިރު 2017 ވަނަ އަހަރުން ފެށިގެން ރާއްޖެ އިން ވެސް އަންނަނީ މި މުއާހަދާ ތަސްދީގު ކުރުމަށް މަސައްކަތް ކުރަމުންނެވެ.
"މިނަމާޓާ ކޮންވެންޝަން އޮން މާކިއުރީ" ދިވެހިރާއްޖެ އިން ތަސްދީގު ކުރުމަށް ވަޒީރުންގެ މަޖިލީހުން ލަފާ ދެއްވާފައި ވާތީ އެކަމާ މެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
މިގޮތަށް ނިންމަވާފައި ވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އިން މިކަމާ ގުޅޭ ގޮތުން ހުށައެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ.
މި މުއާހަދާ ތަންފީޒު ކުރުމުން މުއާހަދާގެ ދަށުން އަމަލުކުރުން ލާޒިމު ކުރާ ކަންކަމުގެ ތެރޭގައި މާކިއުރީ ހިމެނޭ އާލާތްތައް ދެނެގަނެ އެތަކެތި ފޭސް-އައުޓްކޮށް އޭގެ ބަދަލުގައި ބޭނުން ކުރެވޭނެ އާލާތްތައް ފާހަގަކޮށް އެތަކެތި ނައްތާލުމުގައި ކަނޑައެޅިފައިވާ، ތިމާވެށްޓަށާއި އިންސާނުންގެ ސިއްހަތަށް ރައްކާތެރި މިންގަނޑުތަކަށް އަމަލު ކުރުމަށް ބާރު އެޅިގެންދާނެ އެވެ. އަދި މިކަން ތަންފީޒު ކުރުމަށް މުއާހަދާގެ ދަށުން މާލީ އެހީ ހަމަޖެހިގެން ދާނެ އެވެ. މީގެ އިތުރުން މި މުއާހަދާ ތަންފީޒު ކުރުން ވެގެންދާނީ ތިމާވެއްޓަށާއި އިންސާނުންގެ ސިއްހަތަށް މާކިއުރީގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ކުޑަ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިނަމާޓާ ކޮންވެންޝަނަކީ ދިރޭރަހަ ނުވަތަ މާކިއުރީ އެކުލެވޭ އުފެއްދުންތަކުން ބޭރުވާ ނުރައްކާތެރި ވިހަ މާއްދާތަކުން އިންސާނުންގެ ސިއްހަތަށާއި ތިމާވެށި ރައްކާތެރި ކުރުމުގެ މަގުސަދުގައި އދ ގެ ތިމާވެށްޓާބެހޭ ޕްރޮގްރާމް، ޔުނައިޓެޑް ނޭޝަންސް ގެ އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގެ ފަރާތުން 2013 ވަނަ އަހަރު އެކުލަވާލާފައިވާ ބައިނަލްއަގްވާމީ މުއާހަދާ އެކެވެ.
މިހާތަނަށް 147 ގައުމަކުން މި މުއާހަދާ ތަސްދީގު ކޮށްފައިވާއިރު 2017 ވަނަ އަހަރުން ފެށިގެން ރާއްޖެ އިން ވެސް އަންނަނީ މި މުއާހަދާ ތަސްދީގު ކުރުމަށް މަސައްކަތް ކުރަމުންނެވެ.