މިރޭގެ އިވެންޓް ގައި ޔާމީން ބައިވެރިވެވަޑައިގެންނެވީ ކަރެކްޝަންގެ ހުއްދަ އާއެކު ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އާ މިރޭ ރަސްމީކޮށް ގުޅިވަޑައިގެންފި އެވެ.
ރައީސް ޔާމީން ޕީއެންއެފާއި ގުޅިވަޑައިގެން ފައި ވަނީ އެ ޕާޓީގެ ހެޑްކުއާޓަރު -- ހެންވޭރު ހުރަފާ ގައި މިރޭ އޮތް ހާއްސަ ރަސްމިއްޔާތެއް ގައެވެ. ރައީސް ޔާމީން ވަނީ ޕީއެންއެފްގެ މެންބާޝިޕް ފޯމް ފުރުއްވާ ސޮއި ކުރައްވާ އެ ފޯމް ޕީއެންއެފާއި ހަވާލު ކުރައްވާފައެވެ.
ފޯމާއި ހަވާލުވެވަޑައިގެންނެވީ ޕީއެންއެފް އުފެއްދުމު ގައި އިސްކޮށް ހުންނެވި ކުރީގެ ސައިންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލެވެ.
ޕީއެންއެފް އުފައްދަނީ ރައީސް ޔާމީންގެ ދޮށީ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީންގެ މުއައްސިސް ކަމުގައެވެ. ކުރީން ބެލެވިފައި އޮތީ ޕީއެންއެފަށް ފުރަތަމަ ސޮއި ކުރެއްވީ ރައީސް ޔާމީނެވެ. ނަމަވެސް ޕީއެންއެފުން ބުނީ ޔާމީން އެ ޕާޓީއާ ގުޅިވަޑައިގަތީ މިރޭ ކަމަށެވެ. އަދި މިރޭ އެމަނިކުފާނު ޕީއެންއެފާއި ގުޅިވަޑައިގަތީ މަސްވެރީންގެ ދުވަހާ ގުޅުވާ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ. އަދި ޕީއެންއެފަކީ ރައީސް ޔާމީންގެ ޕާޓީ ކަން ރައްޔިތުންނަށް މިރޭ ހާމަ ވެެެގެންދާނެ ކަމަށް ވެސް ބުންޏެވެ.
ރައީސް ޔާމީން އަދިވެސް ހުންނެވީ ހުކުމެއް ގައެވެ. ބައެއް ލުއިތައް އޮތް ނަަމަވެސް ހުންނެވީ ގޭ ބަންދު ގައެވެ. މިރޭގެ އިވެންޓް ގައި ޔާމީން ބައިވެރިވެވަޑައިގެންނެވީ ކަރެކްޝަންގެ ހުއްދަ އާއެކު ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެ އެވެ. މީގެ ކުރީން ސިޔާސީ ބައެއް ކަަންކަމުގައި އެމަނިކުފާނު އުޅުއްވާތީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމްގެ ރައީސް ކަމުން ވަކިވެވަޑައިގެން އެ ޕާޓީ ދޫކޮށްލައްވައި، އާ ޕާޓީއެއް ހައްދަވަން ނިންމަވާފައިވާކަން އެމަނިކުފާނުގެ ފަރާތްޕުޅުން ގާނޫނީ ވަކީލް، ޑރ. މުހައްމަދު ޖަމީލް އަހްމަދު އިއުލާނު ކުރެެއްވީ ނޮވެންބަރު 23 ވަނަ ދުވަހު ގެ ރެ އެވެ. ޖަމީލް އެރޭ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ފޯނު ނުނަންގަވާ ކަމަށެވެ. އަދި ޕީޕީއެމް އާއި ޕީއެންސީ އަށް ވެސް ރައީސް ޔާމީން ދެން ބާރު ނުފޯރުއްވާނެ ކަމަށެވެ.