ވާހަކަ

އިންތިހާއަށް ލޯބިވީމާ – އެޕިސޯޑް 43

ގެލަރީ ހާވަމުން ދަނިކޮށް ފެނުން ފޮޓޯއަކުން މާއިޒްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ކުއްލިއަކަށް ހުރެފައި މާއިޒަށް ކޮޅަށް ތެދުވެވުނެވެ. އެވަގުތަކީ ސަމާ ވެސް ފާޚާނާއިން ނުކުތް ވަގުތެވެ.

- އެޕިސޯޑް 43–

މާއިޒް ފެނުމާ އެކުގައި ސަމާއަށް ހުއްޓުން އެރުނެވެ. މާއިޒް ދެލޯ ބޮޑުކޮށްގެން ބަލަން ހުރީ ސަމާގެ މޫނަށެވެ. މާއިޒްގެ އަތުގައި އޮތް ސަމާގެ ފޯނު ފެނުމާއި އެކު ސަމާ އިންތިހާއަށް ހާސްވިިއެވެ. ކޮންމެވެސް ކަމެއް ވެއްޖެކަން ސަމާއަށް ޔާޤީން ކުރެވުނެވެ. ސަމާ މަޑުމަޑުން ކުރިއަށް ފިޔަވަޅެއް ނެގިއެވެ. ބިރުން ހުރެގެންނެވެ. ނަމަވެސް ސަމާ އެޅި ފުރަތަމަ ފިޔަވަޅާ އެކުގައި ސަމާ ހުއްޓުން އެރިއެވެ. މާއިޒް ކޮށްލި ސުވާލަކުންނެވެ.

"ތީ ކާކު؟"

ސަމާއަށް އިޝާރާތްކޮށް މާއިޒް ކުރި ސުވާލުން ސަމާއަށް ވީގޮތް ވެސް ނޭނގުނެވެ. މާއިޒަށް އެނގުނީ ކޮން ކަމެއް ބާއޭ ސަމާގެ ހިތަށް އެރިއެވެ. އަނެއްކާ ރިޝްފާގެ ކަންތައް މާއިޒަށް އެނގުނީ ބާއެވެ. ސަމާ ޖެހިލުންވިއެވެ. ސަމާ ހިނިތުންވެވޭ ތޯ މަސައްކަތް ކޮށްލިއެވެ. ނަމަވެސް އެކަން ވެސް އޭނާއަކަށް ނުވިއެވެ. ސަމާގެ ތުންފަތުގައި ތަތް ގަދަ ތެރަހަކުން ދެ ތުންފަތް ތަތް ކޮށްފައިވާ ފަދައެވެ. އެއްވެސް ހަރަކާތެއް ތުންފަތަށް ނުގެނެވުނެވެ.

"މީ ކާކު؟ ތެދަށް ބުނޭ!" މާއިޒްގެ އަތުގައި އޮތް ސަމާގެ ފޯނު ސަމާއަށް ދައްކާލަމުން މާއިޒް އަހާލިއެވެ. ކަންތައް ވީ ސަމާ ހީކުރި ގޮތަކަށް ނޫނެވެ. މާއިޒަށް އެނގުނީ ރިޝްފާގެ ޙަޤީޤަތެއް ނޫނެވެ. މާއިޒް ދެއްކީ ސަމާގެ ފޯނުގެ ގެލަރީގައި ހުރި މޫސަ އާއި ނިއުޝާގެ ފޮޓޯގަނޑެވެ. ނަމަވެސް ސަމާގެ ހިތަށް ފިނިކަމެއް ނުލިބުނެވެ. ނިއުޝާގެ ވާހަކަ މާއިޒްގެ ގާތުގައި ދައްކަންވީ ގޮތް މާ ކުރިންސުރެ ސަމާ އޮތީ ރާވާފައެވެ. މިދުވަސް އަތުވެދާނެ ތީއެވެ. ނަމަވެސް ސަމާ ޖެހިލުން ވަނީ ނިއުޝާގެ ވާހަކަ ކިޔުމުން މާއިޒް އެވާހަކަތަކަށް ދޭނެ ރިއެކްޝަން ނޭނގޭތީއެވެ.

"ތީ ނިއުޝާ.." 

ސަމާ ބިރުން ހުރެ ބުނެލިއެވެ. މާއިޒް ކުއްލިއަކަށް އައިސް އައިސް ހުއްޓުނީ ސީދާ ސަމާގެ ކުރިމަތީގައެވެ. މާއިޒަށް ފުރަތަމަ ފަހަރަށް ސަމާއާ މެދުގައި ބޮޑެތި ޝައްކުތަކެއް ކުރެވުނެވެ. ސަމާ ވަރަށް ގިނަ ކަންތައް މާއިޒަށް ސިއްރު ކުރާކަށް މާއިޒަށް ޔަޤީން ކުރެވެން ފެށުނެވެ.

"ހުރިހާ ކަމެއް ސަމާއަށް އިނގޭ ދޯ؟" 

މާއިޒް ހިފައިލީ ސަމާގެ އަތުގައެެވެ. ވަރަށް ބާރަށެވެ. ސަމާއަށް "އައްދޯއި" އޭ ބުނެވުނީ ޙަޤީޤަތުގައި ވެސް ތަދުވެގެންނެވެ.

"ރީތިކޮށް ހުރިހާ ވާހަކައެއް ކިޔާ!" މާއިޒްގެ އަޑު ބާރު ވިއެވެ.

"އަހަރެންނާ ކުޅެން ހިތުވެސް ނުގަންނާތި! އަހަރެންމީ ނުލަފާ ވެއްޖިއްޔާ ވަރަށް ނުލަފާ ވާނެ މީހެއް.." ސަމާއާ ދިމާއަށް އިނގިލި ދިއްކޮށްގެން ހުރެ މާއިޒް ވާހަކަދެއްކިއެވެ. ސަމާއަށް ރޮވޭ ގޮތް ވިއެވެ. އެހެން ވަގުތުކޮޅަކު ރޯން ހުރުމަށްފަހު، ސަމާ ވާހަކަދައްކަން ފެށިއެވެ.

"އަހަރެންގެ އެއްވެސް ކަމެއް އަހަރެން މާއިޒަކަށް ނުފޮރުވަން.. މާއިޒް ސުވާލު ނުކުރާތީ އަހަރެން އެވާހަކަ ނުދެއްކީ.. މާއިޒް ހީކުރާ ކަހަލަ ނުބައި މީހެއް ނޫން މީ.. އަހަރެން މާއިޒް ދެކެ ވީ ލޯބި. ޙަޤީޤީ ލޯބި.. އެންމެ ފުރަތަމަ މާއިޒް ފެނުން ދުވަހުން ފެށިގެން.." ސަމާގެ ވާހަކަދައްކަމުން ދިޔައީ ރޮމުންނެވެ.

"ނިއުޝާ އަކީ މޫސަގެ ދަރިއެއް.. އަހަރެންގެ މަންމަ މެރީ ކޮށްގެން އުޅެނީ މޫސައާ.. އަހަރެން އެ ޢާއިލާއަށް ވަތް ދުވަހުން ފެށިގެން އަހަރެން ނިއުޝާއަށް ނަފުރަތު ކުރަން.. އަހަރެންނަށް އިނގުން ނިއުޝާއާ މާއިޒްއާ ދޭތެރޭ އޮތް ގުޅުން. އެކަމު އޭރުވެސް ނިއުޝާ ގެންދިޔައީ މާއިޒަށް ދޮގު ހަދާ އޮޅުވާލަމުން.. މާއިޒްއާ ރައްޓެހިވެގެން ހުރެ ވެސް ފަޔާޒްއާ ބަރާބަރަށް ގުޅުން އޮވޭ.. އަހަރެންނަށް މާއިޒް ދިމާ ވަނީ ނިއުޝާއެކު އުޅެނިކޮށް.. މާއިޒް ފެނުން ދުވަހުން ފެށިގެން އަހަރެންނަށް މާއިޒް ދެކެ ލޯބި ވެވުން... އެކަމު، އަހަރެން މާއިޒްގެ އޮފީހަށް ވަޒީފާއަށް ދިޔައީ ތި ދެމީހުން ރުޅިވެއްޖެކަން އެނގުން ފަހުން.. އަހަރެން ބޭނުންވީ މާއިޒް.. މާއިޒްއާ އެކުގައި ރީތި ދިރިއުޅުމެއް. ތެދުވެރި ލޯތްބެއް... ނިއުޝާ މާއިޒްއާ ދޭތެރޭގަ ކަންތައްކުރި ގޮތް އަހަންނަށް އިނގޭތީ.. އަހަރެން ބޭނުންވީ ސާދާ، ސީދީ، ލޯބި ދިރިއުޅުމެއް މާއިޒްއާ އެކުގައި ހޭދަ ކުރަން." ސަމާގެ ވާހަކަތައް އަޑުއަހަން ހުރި މާއިޒްގެ ހަރުހިތް މަޑުމަޑުން ހަމަޖެހެން ފަށައިފިއެވެ.

"އެކަމު މިއަދު މާއިޒް ތި ޔަޤީންކޮށް ދިނީ... އަހަރެންވީ ލޯބީގެ އަގެއް ނެތްކަން.. އަހަރެންނާ ނިއުޝާއާ އެއްވެސް ގުޅުމެއް ނީންނާނެ. ހުވާ ކޮށްފަ މިބުނީ.. ވާހަކަވެސް ނުދައްކަން.. އަހަރެން.. އަހަރެންނާ މެދު މާއިޒް ތިދެކުނީ ކިހާ ނުބައި ކޮށް.." ސަމާ އޭނާގެ މޫނުގައި އަތް އަޅާ ރޯން ފެށިއެވެ. ސަމާގެ ވާހަކަ އަޑުއަހާފައި މާއިޒް ދެރަވެއްޖެއެވެ. މާއިޒް މަޑުމަޑުން ސަމާގެ ކޮނޑުގައި އޭނާގެ އަތް ބާއްވާލިއެވެ.

"އައިމް ސޮރީ ސަމާ.. ރިއަލީ ސޮރީ..." 

މާއިޒް އިންތިހާއަށް ދެރަވެއްޖެއެވެ. މާއިޒަށް އެހާ ނުބައިކޮށް ސަމާއާ މެދުގައި ހީކުރެވުނީމައެވެ. މާއިޒް ހީކުރީ މިއީ ނިއުޝާ އާއި ސަމާގެ ނުބައި ރޭވުމެއް ކަމަށެވެ.

"ސަމާ ދެން ޕްލީޒް ނުރޮއި.." 

މާއިޒް މަޑުމަޑުން ސަމާގެ ލޮލުން ފައިބަމުންދާ ކަރުނަތައް ފޮހެން ފަށައިފިއެވެ.

***

ހައިކަލްގެ އުނގުގައި ބޯއަޅާލައިގެން ނިއުޝާ އޮތީ ކޮޓަރީގެ އެނދުގައެވެ. ނިއުޝާގެ ޙަޔާތުގައި ދިމާވެފައިވާ ބައެއް ކަންކަން މަތިން ހަނދާންވެގެން ނިއުޝާ ވަރަށް އިރު ހައިކަލްގެ ގާތުގައި ހުރެ ރުއިހެދިއެވެ. ނަމަވެސް އެއިން އެއްވެސް ކަމެއްގެ ތަފުސީލެއް ނުވަތަ ވީގޮތެއް ނިއުޝާ ހައިކަލަށް ކިޔާ ނުދެއެވެ. ހައިކަލް ވަރަށް މަސައްކަތުން ނިއުޝާ ހަމަ އަކަށް އެޅުވިއެވެ. ނިއުޝާގެ ބޮލުގައި ފިރުމަމުން ހައިކަލް ގެންދިޔަ އިރު ވެސް އޭނާގެ ބޮލުގެ ތެރޭގައި ވަނީ މާއިޒްގެ ނަމެވެ. މާއިޒްގެ ވާހަކަ އަހަން އިންތިހާއަށް ހައިކަލް ބޭނުންވެއެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ހައިކަލް ބަލައިލީ ނިއުޝާއަށެވެ.

"ނިއުޝާ.." 

ހައިކަލް ގޮވާލުމާ އެކު ނިއުޝާ ބަލައިލީ ހައިކަލްގެ މޫނަށެވެ.

"އަހަރެން ސުވާލެއް އަހަންތަ؟ އެއްޗެއް ހީނުކުރައްޗޭ!" 

ހައިކަލް އަށް މާއިޒްގެ ވާހަކަ އަހަން ބޭނުންވެފައި ހުރި ވަރުން ކެތް ވަނީ އެއް ނޫނެވެ.

"ޔެސް.. އަހާބަލަ!" ނިއުޝާ ބަލަން އޮތީ ހައިކަލްގެ މޫނަށެވެ.

"ނިއުޝާ... މާއިޒް އެއީ ކާކު؟" ހައިކަލްގެ ސުވާލާއެކުގައި ހައިކަލްގެ އުނގުގައި ބޯއަޅާލައިގެން އޮތް ނިއުޝާގެ ގަޔަށް ހީވީ ކަރަންޓް ޖެހިގެން ދިޔަހެންނެވެ. ފުންމައިގެން ނިއުޝާ ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ. (ނުނިމޭ)

ކޮމެންޓް

1
450
ނަދާ ސަލީމް
1 year ago

މާއިޒް މީ މޮޔައެއްތަ؟

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.