ކޮންގްރެސް އަށް ވެރިކަން ލިބުނު އިރު ޕީޕީއެމާއި ކޮންގްރެސް ހިމެނޭ ގޮތުން އޮތް ޕްރޮގްރެސިވް ކޯލިޝަންގައި މައި އަދި ބޮޑު ޕާޓީއަކީ ޕީޕީއެމެވެ. ނަމަވެސް މިހާރު ކޮންގްރެސް ބޮޑުވެ ކުރިން އެ ޕާޓީ އޮތް މަގާމަށް ޕީޕީއެމް ވަނީ ބަދަލުވެފަ އެވެ.
ވެރިކަން ކުރާ ކޮންގްރެސް ޕާޓީ / ޕީއެންސީން ޕާޓީއަށް ބައިލައްކައަށް ވުރެ ގިނަ މެންބަރުން ހަމަކޮށް މެންބަޝިޕް ޑްރައިވްގެ ރިކޯޑެއް ހަދައިފި އެވެ.
ކޮންގްރެސް ޕާޓީގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރާއްޖޭގެ ރައީސްކަން ލިބި ވަޑައިގެން އެ ޕާޓީގެ ވެރިކަމެއް / ސަރުކާރެއް އެކުލަވައިލުމުގެ މަރުހަލާގައި ޕާޓީގެ މެންބަރުންގެ އަދަދު 10،000 އަށް ޖައްސައިދޭން ރައީސް މުއިއްޒު އެދި ވަޑައިގަތީ އޮކްޓޫބަރު މަހުގެ 29 ގަ އެވެ. މިދިއަ 42 ދުވަހުގެ ތެރޭގައި 51،659 މެންބަރުން ޕާޓީގެ އެތެރޭގެ ދަފުތަރަށް ހަމަ ކޮށްފައި ވެއެވެ. -- މިއީ ރަސްމީ ދަފުތަރުގައި އޮތް އަދަދެއް ނޫނެވެ.
މި ރިކޯޑް ނަމްބަރުން މިވަގުތު ރާއްޖޭގެ ދެ ވަނައަށް އެންމެ ގިނަ މެންބަރުން ހިމެނޭ ޕާޓީއަށް ކޮންގްރެސް ވެއެވެ. އަދިވެސް އެމްޑީޕީއަކީ އެންމެ މެންބަރުން ގިނަ ޕާޓީ އެވެ. އެ ޕާޓީގެ ރަސްމޯ ދަފުތަރުގައި އޮތީ 57660 މެންބަރުން އެބަތިއްބެވެ. އިލެކްޝަން ދަފުތަރުގެ އަދަދު ނުލައި އެ ޕާޓީގެ އެ ތެރޭގެ ދަފުތަރުގައި އެއަށްވުރެ މެންބަރުން ގިނަ އެވެ. އެކަމަކު އެކި ފަހަރު ކިޔައި އުޅެނީ އެކި އަދަދެވެ.
ކޮންގްރެސްގެ މެންބަޝިޕް ޑްރައިވްގެ ކަންކަމުގައި އިސްވެ އުޅުއްވާ އެއް އޮފިޝަލަކު މިއަދު "މި" ނޫހަށް ވިދާޅުވީ އޮކްޓޫބަރު މަހު ފެށި މެންބަޝިޕް ޑްރައިވްގައި 20،000 މެންނަބަރުންގެ ފޯމް އިލެކްޝަނަށް ވައްދައި އިތުރު 20،000 މެންބަޝިޕް ފޯމް ހަމަކޮށް އިލެކްޝަނަށް ހުށަހަޅަން ތައްޔާރު ކޮށްފައިވާ ކަމަށެވެ.
އެ އޮފިޝަލު ވިދާޅުވީ ޕާޓީ އޮފީހުގައި ހުރި 20،000 މެންބަރުންގެ ފޯމް މިހާރު ހުށަހަޅަން ތައްޔާރު ވެފައިވާ ކަމަށާއި ޕާޓީ އޮފީހުން ބަލަން ޖެހޭ ކަންކަން ބަލައި ނިމި ބަންޑެލި ކޮށްފައިވާ ކަމަށެވެ. އެ ފޯމްތައް މި ހަފުތާގައި އިލެކްޝަނަށް ވައްދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މެންބަޝިޕް ޑްރައިވް ކުރިޔަށް ދަނީ ވަރަށް ހަލުއިކޮށް ރޭ އެކަނި ވެސް ޕާޓީ އޮފީހަށް 8500 ފޯމް ޖަމާ ކުރެވުނު، މި 8500 ފޯމަކީ މި ދެންވި 40،000 ފޯމުގެ އިތުރަށް ވަނތް އަދަދެއް،" އޭނާ ވިދާޅުވި އެވެ. "މި ގޮތަށް މި މަސައްކަތް ކުރިޔަށް ގެންދާނެ ހުއްޓުމެއް ނުގެނެސް، އޭރަށް އަޅުގަނޑުމެނަށް ޖަނަވަރީ ތެރޭގައި ޕާޓީގެ އެތެރޭގެ ދަފުރަތަށް 60،000 މެންބަރުން ހަމަވާނެ."
ކޮންގްރެސް އިން ބުނާ މި ނަމްބަރުތަކަށް ބަލާއިރު މި އަހަރު ފެބުރުރީ މަހާ ހަމައަށް އެ ޕާޓީގެ ދަފުތަރުގައި އޮތް 3159 މެންބަރުންނާއި އަލަށް ކޮމިޝަނަށް ވެއްދި 20،000 މެންބަރުންގެ ފޯމާއި ޕާޓީ އޮފީހަށް ޖަމާކޮށް ވެރިފައި ކޮށްފައިވާ 20،000 ފޯމާއި ރޭ އަލަށް ވެރިފައިން ކުރާން ފެށި 8500 މެންބަރުންގެ ފޯމް އެއް ކުރުމުން އެ ޕާޓީގެ މެންބަރުންގެ އަދަދަކީ 51،659 މެންބަރުންނެވެ.
އެހެން ކަމުން މިއީ އެއްމެ ކުރު މުއްދަތެއްގައި އެންމެ ގިނަ މެންބަރުން ހޯދުމުގެ ރިކޯޑެކެވެ. މި އަދަދުގެ ތެރެއިން ކުރިން އެ ޕާޓީގައި އޮތް 3159 މެންބަރުން އުނި ކުރުމުން ވެސް ރައީސް މުއިއްޒު އިއުލާން ކުރެއްވި މެންބަޝިޕް ޑްރައިވްގައި ރޭގެ ނިޔަަލަށް ހަމަވި މެންބަރުންގެ އަދަދު 48،500 މެންބަރުންނަށް އަރަ އެވެ.
މިއަދަދަކީ ޕީޕީއެމް ބޮޑުކޮށް އޮތް އިރު އަދި ދަފުތަރުން މިހާރު ވެސް ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި ފެންނާން އޮތް 38704 މެންބަރުންނަށްވުރެ 9،796 މެންބަރުން އިތުރު އަދަދެކެވެ.
ކޮންގްރެސް އަށް ވެރިކަން ލިބުނު އިރު ޕީޕީއެމާއި ކޮންގްރެސް ހިމެނޭ ގޮތުން އޮތް ޕްރޮގްރެސިވް ކޯލިޝަންގައި މައި އަދި ބޮޑު ޕާޓީއަކީ ޕީޕީއެމެވެ. ނަމަވެސް މިހާރު ކޮންގްރެސް ބޮޑުވެ ކުރިން އެ ޕާޓީ އޮތް މަގާމަށް ޕީޕީއެމް ވަނީ ބަދަލުވެފަ އެވެ. އެކަމަކު ނަމްބަރުން ރަސްމީކޮށް އެ ބަދަލު ފެންނާނީ އިލެކްޝަންގެ ދަފުތަރު އަޕްޑޭޓްވީ ދުވަހަކުންނެވެ.
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް -- ކޮންގްރެސް ޕާޓީ / ޕީއެންސީ ރަޖިސްޓްރީ ކުރަން ހުށައެޅީ ޖަނަވަރީ 9، 2019 ގައެވެ. 4،000 މެންބަރުން ސޮއި ކޮށްފައިވާ ފޯމްތައް އިލެކްޝަންސް ކޮމިޝަން ހުށައެޅީ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ އިރުޝާދަށެވެ. ދަށުންނެވެ.
ކޮންގްރެސް ޕާޓީ އުފެއްދުމުގެ ހުއްދަ ހޯދަން އިލެކްޝަނަށް ފޯމްތައް ހުށައެޅުއްވީ އެ ޕާޓީ ޗެއާޕާސަން ކަމުގައި މިހާރު ހުންނެވި ޕާޓީގެ މުއައްސިސް މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމާއި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
އެ ދުވަހު އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ކޮންގްރެސް ޕާޓީއަކީ ކުރީގެ ރައީސް ޔާމީންގެ ޕާޓީއެކެވެ. ޕާޓީ އުފެއްދެވުމަކީ ވެސް އެމަނިކުފާނުގެ ހިޔާލެކެވެ. އެ ޕާޓީ އުފެއްދުމަށް ހުށައެޅީ ޔާމީންގެ އަތްޕުޅުން ޕީޕީއެމް ގެއްލިދާނެ ކަމުގެ ބިރު ހީފުޅުވުމުންނެވެ. ނަމަވެސް އެ ބިރުވެރިކަން ފިލައި ދިއުމުން ޕީއެންސީ ބޮޑު ކުރުމުގެ މަސައްކަތް މިހާތަނަށް އޮތީ ހުއްޓިފަ އެވެ.
ކޮންގްރެސް ޕާޓީ ބޮޑު ކުރުމުގެ މަސައްކަތް ފުޅާކޮށް ރިކޯޑެއް ހެދި އިރު ރައީސް، ރައީސް ޔާމީން ވަނީ ޕީޕީއެމުން ވަކިވެ ވަޑައިގެން "ޕީޕަލްސް ނޭޝަނަލް ފްރޮންޓް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފަ އެވެ. އެ ޕާޓީއަށް އަދި 3000 މެންބަރުން ހަމަކޮށް ރަޖިސްޓަރީ ކުރަން ހުށަހެޅޭ ވަރެއް ނުވެ އެވެ.