ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މަސްވެރިންގެ ދުވަސް ޑިސެމްބަރު އެ ދުވަހާ ދިމާ ކުރަނީ ބޮޑު އިސްޓޯރު ހުޅުވި ދުވަހާ ދިމާކޮށެވެ.
ސަރުކާރުން މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން ބާކީ ހުރީ 140 މިލިއަން ރުފިޔާ ކަމަށާއި އެ ފައިސާ ލަސް ނުވެ މަސްވެެރިންނަށް ދޭން މަސައްކަތް ކުރާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މަސްވެރިންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ފިޝަރީޒް މިނިސްޓްރީން ބޭއްވި "މަސްވެރިންގެ ގުންޒަރު" ގައި ބައިވެރިވެވަޑައިގެން ރައީސް ރޭ ވަނީ މަސްވެރިންގެ ޝުއޫރުތައް އަޑު އައްސަވައި، މަސްވެރީންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ. ގުންޒަރުގައި ރާއްޖޭގެ އެކި އަތޮޅުތަކުން 40 މަސްވެރިން ބައިވެރިވެފައި ވެއެވެ.
ރައީސް މުއިއްޒު ވިދާޅުވީ މަސްވެރިންނަށް ސަރުކާރުން ނުދީ ދުވަސްވެފައިވާ ފައިސާ، މިވީ ތިން ހަފުތާގެ ތެރޭގައި ދޭން ފަށާފައިވާ ކަމަށެވެ އަދި ވިދާޅުވީ، މިހާރު ނުދެވި ހުރީ 140 މިލިއަނެއްހާ ރުފިޔާ ވެސް ލަސް ނުކޮށް ދޭނެ ކަމަށެވެ. ދޭންޖެހޭ ފައިސާގެ ތެރެއިން 106 މިލިއަން ރުފިޔާ މިދިޔަ ބުރާސްފަތި ދުވަހު ވަނީ ދީފަ އެވެ.
ރައީސް ވިދާޅުވީ މަސްވެރިންނަށް ވެ ވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން މަސް ކިލޯއެއްގެ އަގު 20ރ. ރުފިޔާއަށް ވުރެ ދަށް ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. ކުރީ ސަރުކާރުން ވަނީ މިހާރު މަސް ކިލޯއެއް ވިއްކަނީ 25ރ. ޖައްސާފަ އެވެ. ނަމަވެސް އެ އަގަށް މަސްގަތުމުން ގެއްލުވުމުގެ އިތުރުން އެ ފައިސާއެއް ނުދެވެ އެވެ.
ގުންޒަރުގައި ރައީސް ވިދާޅުވީ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރެއިން ޖާގަ ލިބޭ އެންމެ ބޮޑު ސަރަހައްދަކަށް މަސްވެރިކަން ފުޅާކޮށް މަސްވެރިކަމުގެ ނަފާ އިތުރު ކުރަން ފެކްޓްރީތަކާއި ކޯލްޑް ސްޓޯރޭޖް ފަދަ ވަސީލަތްތައް ގިނަ ކުރައްވާނެ ކަމަށާއި މަހުގެ އުފެއްދުންތައް އިތުރު ކުރަން އިސްކަން ދޭނެ ކަމަށެވެ.
ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މަސްވެރިންގެ ދުވަސް ޑިސެމްބަރު އެ ދުވަހާ ދިމާ ކުރަނީ ބޮޑު އިސްޓޯރު ހުޅުވި ދުވަހާ ދިމާކޮށެވެ.