އާ ސަރުކާރުން ވެސް ވަނީ މަސްވެރިންނަށް ގިނަ ކަންތައްތަކެއް ކުރައްވަން ފަށައިގެންފަ އެވެ. އެކަމަކު މިވަގުތު މަސްވެރިން ބޭނުން ވަނީ ގިނަ ކަންތަތަކަށްވުރެ ބޮޑަށް ބަރާބަރަށް ފައިސާ ލިބުމުގެ ޔަގީންކަމެވެ.
މަސްވެރިންގެ ދުވަސް އައިއިރު މަސްވެރިކަން މިއޮތީ ވަރަށް ހާލުގަ އެވެ. ރާއްޖޭގައި އަންޒަމާނުން ފެށިގެން ކުރަމުން ދިޔަ ހަމައެކަނި ނުހުއްޓި އޮތް މަސައްކަތް ހުއްޓި ގެއްލިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ. ކުރިން މަސްވެރިކަމުގައި އެތައް ހާސް ބަޔަކު ނުކުމެ އުޅެމުން ދިޔަ ނަމަވެސް އެ މަސައްކަތުން އެމީހުން ނުކުމެ މުޅި މަސް ސިނާއަތު ގެއްލުމުގެ ބިރު ވެސް ރާއްޖެއަށް ބޮޑުވެފައި ވެއެވެ.
މި ބަދަލު އަންނަމުން ދިޔައީ މިދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގަ އެވެ. ހާއްސަކޮށް މަސްވެރިކަން އެންމެ ބޮޑަށް ކަނޑު އަޑިއަށް ޣަރަގު ވެގެން ދިޔައީ މިދިޔަ ފަސް އަހަރު ގެނައި ބައެއް ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. މަސްވެރި ކަމަށް މިދިޔަ ފަސް އަހަރު ގެނައި އެންމެ ގޯސް ބަދަލަކީ މަސްވެރިން ދޯނިން ފައިބައިގެން ދާނެހެން ވަޒީފާތައް ދޭން ސަރުކާރުން ގެންގުޅުނު ޕޮލިސީ އެވެ.
ސިޔާސީ ބޭނުމަށް ކުންފުނިތަކުން އޮފާކުރި ވަޒީފާތަކުގައި ޖެހި ގިނަ މަސްވެރިން އޮޑިން ފުންމާލައިގެން ވަޒީފާތަކަށް ދިޔަ އެވެ. އަދި ކެމްޕޭނާ ދިމާކޮށާ ނުކިރޭ، ނުގަނެވޭ މަހުން، މަސް ކިލޯއެއް 25ރ. އަށް ބޮޑުކުރި އެވެ. ކުރިން 17ރ. އަށް އެވްރެޖުކޮށް ގަންނަމުން ދިޔަ މަހުގެ އަގު "ދޮގެއް ހަދާފައި" ބޮޑު ކުރުމުގެ ނަތީޖާއަކީ މަސްވެރިންނަށް ދޭން ޖެހޭ ބިލްތައް ދިގުވެގެން ދިޔަ އެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމަށް އައިސް އެ ބިލްތަކުގެ ބޮޑު ބައި ދީ މިހާރު ވަނީ މަސްވެރިންނަށް ދާރާ އޮތް ބައި ކުޑަ ކޮށްފަ އެވެ.
މަސްވެރި ކަމަށް ފޯކަސް ކުރެވޭ ގޮތަށް މިނިސްޓަރީ ބަދަލުކޮށް ރައީސް މުއިއްޒުގެ ސަރުކާރުން މަސްވެރިކަން ކުރިއަށް ގެންދަން ފަށައިގަންނަ އިރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަހުގެ އަގުގެ މައްސަލަ އެވެ. ސަރުކާރުތަކަށް ހީވަނީ މަސްވެރިން ބޭނުން ވަނީ ބޮޑު އަގެކެވެ. އެކަމަކު މަސްވެރިން، ބޮޑު އަގާ އެއްވަރަށް މަސް ކިރުވާ ފައިސާ ބަރާބަރަށް ލިބޭނެ ކަމުގެ ޔަގީންކަމަކީ އެންމެ ބޭނުންވާ ކަންތަކެވެ.
"ސަރުކާރަށް ބުނެވިދާނެ މަސް ކިލޯއަކަށް 30ރ. ދޭނަމޭ ވެސް. އެކަމަކު ކޮންމެ ފަހަރަކު މަސް ދެމަސްވާއިރު ފައިސާ ނުދެވޭނަމަ ކޮބާ އެ އަގުގެ ބޭނުމަކީ. މީގެ ބަދަލުގައި ބޭނުވަނީ ބަރާބަރަށް ދެވޭނެ އަގެއް. ބާނާ މަސްކޮޅު ކިރުވޭނެ ގޮތެއް. އުކާ ނުލައި އެ ގަނެވޭނެ ގޮތެއް،" ހުވަދު އަތޮޅު ކޮލަމާފުށީ މަސްވެރިއެއް ކަމަށްވާ އަހުމަދު މުހައްމަދު އޭނާގެ ހިޔާލު ފާޅުކުރި އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރީ ސަރުކާރުން މަސް ކިލޯއެއް 25ރ. އަށް ބޮޑު ކުރުމާ ހަމައަށް މަސްވެރިންނަށް ކޮންމެ ހަފުތާއަކު ފައިސާ ދެމުން ގެންދިޔަ އެވެ، ނަމަވެސް ޔޫރަޕުން މަހުގެ ޑިއުޓީ ކަނޑާލުމުގެ ޕޮޒިޓިވް ނިޝާނެއް ފެނިފައިވާ ކަމަށް ބުނެ މަސްވެރިންގެ ވޯޓު ހޯދަން ގެނައި ބަދަލާއެކު މަސްވެރިންނަށް ފައިސާ ނުދެވި ބިލްތައް، އެ ވެރިކަން ބަދަލުވިއިރު ހުރީ 200 މިލިއަން ރުފިޔާއަށްވުރެ މަތީގަ އެވެ.
އާ ސަރުކާރުގެ މަސްވެރިކަމާއި ކަނޑުގެ ދިރުންތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ މަސްވެރިންނަށް ފައިސާ ދިނުމަކީ އެންމެ އިސްކަން ދެއްވާ ކަން ކަމަށް ބައްލަވައި އެކަން ކުރައްވަން ފައްޓަވާފަ އެވެ. އެކަމަށްޓަކައި މަސްވެރިންނަށް ބޮޑު އަދަދުތަކުން މިހާތަނަށް ވަނީ ފައިސާ ދޫކޮށްފަ އެވެ.
ރައީސް މުުއިއްޒުގެ ސަރުކާރުން ވެސް ވަނީ މަސްވެރިންނަށް ގިނަ ވައުދުތަކެއް ވެފަ އެވެ. އެންމެ ބޮޑު އެއް ވައުދަކީ ވެސް މަސްވެރިންނަށް ރަނގަޅު އަގެއް ލިބޭނެ ސިނާއަތަކަށް މަސް ސިނާއަތު ހަދާފައި ބޭއްވުމެވެ. އެކަމަށްޓަކައި ގައުމުތަކާއެކު ހަދާ މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކުގެ ތެރޭން އިތުރު މާކެޓުތަށް ހޯދުމެވެ. އެކަން ކުރުމަށްޓަކައި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ތުރުކީ ސަރުކާރާއެކު ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
މީގެ އިތުރުން އެސްޓީއޯގެ ދަށުގައި އޮތް މިފްކޯ ވަކިކޮށް މިނިވަން ކުންފުންޏެއްގެ ގޮތުގައި ބަދަލު ކުރައްވައި ހިންގަވަން ވަނީ ފައްޓަވާފަ އެވެ. އޭގެ ސަބަބުން އެ ކުންފުނި އަމިއްލައަށް ޑިސިޝަން ނަގަން ފަސޭހަވެ ވިޔަފާރީގައި އަވަސް ނަތީޖާ ނެރެވޭނެ އެވެ. އަދި މަސްވެރި ކަމަކީ އިމްޕޯޓުން ބޮޑު އަދަދެއްގެ ބޭރު ފައިސާ ލިބޭ ކަމަށްވުމާއެކު މަސްވެރިންނަށް ފައިސާ ދޫކުރުމުގައި ކޭޝް ފްލޯ މެނޭޖު ކުރަން ވެސް ލުއި ލިބޭނެ އެވެ.
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި މަސްވެރިންގެ ގުންޒަރުގައި ރައީސް މުއިއްޒު ވަނީ މަސްވެރިން މިވަގުތު ބޭނުން ވާނެ އެންމެ ބޮޑު ޔަގީންކަން ދެއްވާފަ އެވެ. އެއީ މަސް ކިލޯއެއް 20ރ. އަށްވުރެ ކުޑަ ނުކުރައްވާނެ ކަމުގެ ވައުދެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރީ ސަރުކާރުން ތަރައްގީ ކުރަން ފެށި މަސްވެރިކަމުގެ ފެސިލީޓީތަށް އަވަހަށް ނިންމައި ހިދުމަތަށް ނެރުއްވާނެ ކަމަށް ވައުދުވެވަޑައިގަތެވެ.
ރާއްޖޭގެ މަސްވެރިކަމަކީ ކިތަންމެ ދުވަސްވީ މަސައްކަތަކަށް ވިޔަސް މިކަމުގައި އުޅެނީ ކިތައް މީހުންކަމެއް ރަނގަޅަށް ބެލިފައެއް ނެތެވެ. މަސްވެރިކަމުގެ ދަފުތަރެއް ނެތެވެ. ނަމަވެސް މި ސަރުކާރުގެ "ހަފުތާ14" މަގުޗާޓުގައި ހިމަނައިގެން މިފަދަ ދަފުތަރެއް ހެދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.
ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ޝާފިއު ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުން ވެސް މަސްވެރިކަމުގެ ދައުފަރެއް ހަދާނެ ކަމަށް ބުނެފައި ވެއެވެ. ނަމަވެސް އަލަށް މިހާރު އެކުލަވާލާ ދަފުތަރާއެކު މަސްވެރިންނަށް ދާއިމީކޮށް މާލީ މަންފާ ކުރާނެ އެވެ.
އޭނާ ވިދާޅުވީ މި ދަފުތަރުގެ ސަބަބުން މަސްވެރިން ދޯނީގައި ހޭދަކުރި މުއްދަތާއި މަސްވެރި ކަމުގައި އުޅޭ މުއްދަތުފަދަ މުހިންމު މައުލޫމާތުތަށް ލިބެން މަގުފަހި ވެގެންދާނެ އެވެ.
"ކޮންމެ ދޯންޏަކަށް އެކްސެސް ލިބޭ އެޕްލިކޭޝަނެއް ހަދާނީ. ފޯނުން އެޕްލިކޭޝަން ހުޅުވާލައި ދައްކާލެވޭނެ އަޅުގަނޑަކީ މިވެނި ދޯންޏަކުން މަހަށްދާ މިވެނި ދުވަހެއްވީ މަސްވެރިއެކޭ. އޮޑިވެރިންނާއި ކެޔޮޅުންނަށް ވެސް އެ މައުލޫމާތު ލިބޭނެ،" ޝާފިއު ވިދާޅުވި އެވެ.
މަސްވެރިކަމުގެ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވި ގޮތުގައި ސަރުކާރުގެ މިހާރުގެ އަމާޒު ހުރީ ރާއްޖޭގެ ދެކުނުގައި ވެސް މަސް ބަންދުކުރާ 50 ޓަނުގެ ފެސިލިޓީއެއް ހަދާށެވެ. ސަބަބެއް ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވީ މަހުގެ ވެލިއުއެޑެޑް ޕްރޮޑަކްޓްތައް އުފަދަން މަގު ތަނަވަސް ކުރުމެވެ. އެތަން ވެގެންދާނީ ކުއްޑޫ ފިޔަވައި މަސްވެރި ހުވަދޫގައި ހެދޭ ދެވަނަ މަސް ކާރުހާނާ އަށެވެ.
"ދެކުނުން މަސް ބާނައިގެން ކޫއްޑޫ އާއި ހަމައަށް ގެންނަން ވެސް 35-40 މޭލު ދުއްވަން ޖެހުމުގެ ޝަކުވާ އެބަ އޮތް. އެދޭ ތެރޭގައި ރަނގަޅު ކަލެކްޝަން ފެސިލިޓީއެއް ބޭނުންވޭ އެބަ. ފިއޯރީ، ފަރެސްމާތޮޑާ، ވާދޫ ހިސާބުގެ ވާހަކަ މިބުނަނީ. ރަނގަޅު ހިސާބެއް ބަލާފައި ވަރަށް އަވަހަށް ތަނެއް ނިންމާނަން ފެކްޓްރީ ހަދަން. އެކަމަށް ފައިސާ ވެސް ވަނީ ހަމަޖެހިފަ،" ޝިޔާމް ވިދާޅުވި އެވެ.
އާ ސަރުކާރުން ވެސް ވަނީ މަސްވެރިންނަށް ގިނަ ކަންތައްތަކެއް ކުރައްވަން ފަށައިގެންފަ އެވެ. އެކަމަކު މިވަގުތު މަސްވެރިން ބޭނުން ވަނީ ގިނަ ކަންތަތަކަށްވުރެ ބޮޑަށް ބަރާބަރަށް ފައިސާ ލިބުމުގެ ޔަގީންކަމެވެ. އެކަމުގައި މި ސަރުކާރު އަދި ފެންނަނީ ރަނގަޅު ނިޔަތަކާއެކު އޮތް ތަނެވެ.