އައްޑޫގެ ކަރަންޓުގެ ހާލަތާ ގުޅޭ ރިޕޯޓެއް މިދިޔަ އަހަރު ވަނީ އެނާޖީ އޮތޯރިޓީން ތައްޔާރުކޮށްފަ. އެ ރިޕޯޓުގައި ގިނަ ކަންތައްތަކެއް ރަނގަޅު ކުރުމަށް ބުނެފައިވޭ.
އައްޑޫއަށް ކުރިމަތިވި ފެނުގެ މައްސަލަ ހައްލުކޮށް، މިރޭގެ ވަގުތެއްގައި އެރަށްރަށަށް ފެން ދޫކުރެވޭވަރު ވާނެ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.
ހިތަދޫގައި ގާއިމްކޮށްފައިވާ ސެންޓަރަލް ޑީސެލިނޭޝަން ޕްލާންޓަށް މައްސަލަ ދިމާވެ، މަރަދު އާއި މަރަދޫފޭދޫ، އާއި އަދި ފޭދު އަށް ލިބެމުން އައި ފެނުގެ ޚިދުމަތް ހުއްޓުމަކަށް އައީ ބުރާސްފަތި ދުވަހު ހެނދުނު އެވެ. ފެނުގެ ހިދުމަތް ކެނޑުނީ އާރުއޯ ޕްލާންޓުގެ ވީއެފްޑީ ޑްރައިވަށް ދިމާވި މައްސަލައަކާ ގުޅުވައިގެން ކަމަށް ފެނައިން މައުލޫތު ދެއެވެ.
މި މައްސަލައާ ގުޅުވައިގެން "މި" ނޫހާ ވާހަކަދައްވަމުން މުއާޒް ވިދާޅުވީ އެމްޑަބްލިޔުއެސްސީގައި އިން ސްޕެއާ ޔުނިޓެއް ޓެސްޓްކުރުމަށްފަހު، އައްޑޫއަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"މަސައްކަތް ކުރަނީ 3:00 ޖަހާއިރު މުވައްމުލަކަށް ދާ ފްލައިޓަށް ލެވޭތޯ. އެކޮޅަށް މިއަދު ފްލައިޓެއް ނޯވެ އަސްލުގަ. އެހެންވެގެން ފުވައްމުލަކަށް ދާ ފްލައިޓު ޑައިވާޓްކޮށްގެން ފޮނުވަން މި ޖެހެނީ. އެމްޑަބްލިޔުއެސްސީގެ އިންޖީނިއަރުންގެ ޓީމެއް ވެސް މިފަހަރު އެބަ ފޮނުވަން. އެހެންވީމަ ސްޕެއާ އިންސްޓޯލްކޮށް ނިމޭއިރަށް މައްސަލަ ހައްލުވެ މިރޭގެ ވަގުތެއްގައި އައްޑޫއަށް ފެން ދެވޭނެ ކަމަށް އިންޖިއަރުން ޔަގީންކަން ދޭ،" މުއާޒް ވިދާޅުވި އެވެ.
އައްޑޫގެ ކަރަންޓުގެ ހާލަތާ ގުޅޭ ރިޕޯޓެއް މިދިޔަ އަހަރު ވަނީ އެނާޖީ އޮތޯރިޓީން ތައްޔާރުކޮށްފަ އެވެ. އެ ރިޕޯޓުގައި ގިނަ ކަންތައްތަކެއް ރަނގަޅު ކުރުމަށް ބުނެފައިވެ އެވެ.
މުއާޒު ވިދާޅުވީ، އައްޑޫއަށް މި ފަހަރު ފެނުގެ ހިދުމަތް ކެނޑުނީ، އެނާޖީ އޮތޯރިޓީން ހަދާފައިވާ ރިޕޯޓުން ފާހަގަކޮށްފައި ހުރި ކަންކަން މިއަދާ ހަމައަށް ވެސް އިސްލާހު ކުރެވިފައި ނެތުމުން ކަމަށެވެ. އަދި އެއީ އައްޑޫ ސިޓީއަށް މީގެ ކުރިން ވެފައިވާ އޮތް ބޮޑު އިހުމާލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރިޕޯޓުގައި ފާހަގަ ކޮށްފައި ހުރި ކަންތައްތައް މިއަދާ ހަމައަށް ނެތް ކުރެވިފައެއް. އެ ރިޕޯޓުގައި އޮތީ މިކަހަލަ ހާލަތެއް އަތުވެދާނެ ކަމަށް ވަރަށް ބޮޑަށް އިންޒާރު ދީފަ. ނަމަވެސް ރިޕޯޓުގައި ހުރި ކަންކަން ރަނގަޅު ނުކުރެވުމުގެ ނަތީއަކީ މިއަދު މި މައްސަލަ ދިމާވުން. ދެން އަޅުގަނޑުމެންނަށް އޮތީ މައްސަލަ ހައްލު ކުރުން އެކަން މި ކުރަނީ،" މުއާޒް ވިދާޅުވި އެވެ.
މި މައްސަލައާ ހެދި އައްޑޫގެ ގުޅިފައިވާ ރަށްރަށް ސަޕްލައި ފެނުގެ ޚިދުމަތް މެދުކެނޑުނުތާ މިއަދަށް ތިން ދުވަސް ވީއެވެ.