ރައީސް މުއިއްޒުގެ ސަރުކާރަކީ ޗައިނާއާ އި ދިވެހިރާއްޖެއާ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ސަރުކާރެއް ކަމުގައި ވެސް ނައިބު ވިދާޅުވި އެވެ.
ޗައިނާ އަކީ ރާއްޖޭގެ ތަރައްގީ އަށް ވަރަށް މުހިންމު ގައުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ ޗައިނާ އާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތައް ގުޅިގެން އިގްތިސާދީ ތަރައްގީ އަށް ކުރާ މަސައްކަތާ ގުޅޭގޮތުން މަތީ ފަންތީގެ އިސްވެރިންގެ މެދުގައި ބާއްވަވާ ރަސްމީ ފޯރަމްގެ ދެވަނަ ބުރެވެ.
މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅު ގައި އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތަކުގެ ލިސްޓުން 2011 ވަނަ އަހަރު ދިވެހިރާއްޖެ ޕްރޮމޯޓް ވުމަށް ފަހު އިންޑިއާ ކަނޑުގެ ސަރަހައްދާއި އެނޫންވެސް ސަރަހައްދުތަކުގެ ގައުމުތަކާ ގުޅިގެން ސަރަހައްދީ ކުރިއެރުމަށާއި ސުލްހަމަސަލަސް ކަމަށް ރާއްޖެ އިން މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަ ކުރެއްވި އެވެ. ސަރަހައްދީ އަދި ބައިނަލްއަގްވާމީ މުޖުތަމައާ ގާތްގުޅުމެއް އުފައްދައި މަޝްވަރާ އަށް އިސްކަންދީ ސުލްހަވެރިކަމާއި އެކުވެރި ކަމާ އެކު ދެމިތިބެ އެއް އަމާޒަކަށް މަސައްކަތް ކުރުމަށް ރާއްޖެއިން އަބަދުވެސް ބާރު އަޅަމުން އަންނަ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނާއިބު ރައީސް ދެއްކެވި ވާހަކަފުޅު ގައި ޗައިނާއަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިންމު ގައުމެއްކަން ފާހަގަ ކުރައްވައި، ދެ ގައުމުން ވެސް އިޖްތިމާއީ ތަރައްގީ އާއި ސުލްހަމަސަލަސްކަމާއި ތަނަވަސް ކަން އިތުރު ކުރުމުގެ މަގްސަދު ގައި ރައްޔިތުންނަށް އިސްކަން ދިނުމުގެ ސިޔާސަތެއް ގެންގުޅޭ ކަން ފާހަގަ ކުރެއްވި އެވެ.
ރައީސް މުއިއްޒުގެ ސަރުކާރަކީ ޗައިނާއާ އި ދިވެހިރާއްޖެއާ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ސަރުކާރެއް ކަމުގައި ވެސް ނައިބު ވިދާޅުވި އެވެ. ރާއްޖެ-ޗައިނާ ގުޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް އަދާކުރާ އިހްތިރާމާއި ދެ ގައުމުން ހިއްސާ ކުރާ ވަކި އަމާޒުތަކަށް މަސައްކަތް ކުރުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ވެސް އެމަނިކުފާނުގެ ވާހަކަފުޅު ގައި ފާހަގަކުރެއްވިއެވެ. އަދި ދެ ގައުމަށް ވެސް ފައިދާ ކުރަނިވި އެކިއެކި ދާއިރާތަކުން ދެ ގައުމުގެ ދެމެދު އިތުރަށް ގުޅުން ބަދަހި ކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.