ވާހަކަ

އިންތިހާއަށް ލޯބިވީމާ – އެޕިސޯޑް 42

އެކަން ނާޝިދު ހާސިލު ނުކޮށް ދިރިއުޅުމުގެ އެއްވެސް އިތުރު ކަމަށްކަށް ފޯކަސް ކުރަން ވެސް ނާޝިދުގެ ހިތް ނޭދެއެވެ.

-އެޕިސޯޑް -42

ފަޔާޒްގެ ގޭގޭ ގޯޅީގައި ވާ ކެމެރާ ހަލާކު ވެފައި ވީ ނަމަވެސް، ކޮންމެވެސް ހިސާބަކުން އެ ހާދިސާގެ މަންޒަރުތައް ރެކޯޑު ކުރެވިފައިވާނެ ކަމަށް ނާޝިދު ޤަބޫލު ކުރެއެވެ. އެގޮތަށް ނާޝިދަށް ޤަބޫލު ކުރެވޭތީ އޭނާ ވަނީ އެ ހިސާބުގައި ދިރިއުޅޭ އެތައް ގެޔަކުން އެމީހުންގެ ގޭގައި ހަރުކޮށްފައިވާ ކެމެރާތަކުގެ މަންޒަރުތައް ދިނުމަށް އެދިފައެވެ. ނަމަވެސް ގިނަ މީހުން އެކަމުގައި ބަހަނާ ދައްކާތީ ނާޝިދު ވަނީ ފައިސާ ދޭނެ ކަމަށް ބުނެ، އެކަން ކޮށްދިނުމަށް ގެތަކުގެ ވެރިންގެ ގާތުގައި އާދޭސްކޮށްފައެވެ. އަތުން ކިތަންމެ ފައިސާއެއް ދިޔަ ނަމަވެސް، ނާޝިދުގެ ފަރުވާލެއް ނެތެވެ. ބޭނުން ވަނީ ފަޔާޒަށް އިންސާފު ހޯދާށެވެ.

ރޭގަނޑުގެ އަނދިރިކަމުން މުޅި ކައުނު ބައްދާލައިފިއެވެ. ނިއުޝާ އިންތިޒާރު ކުރަމުން ގެންދިޔައީ ހައިކަލްއަށެވެ. ނިއުޝާގެ މޫނުމަތިން ފެންނަނީ ހިތްހަމަ ޖެހުމެވެ. ފަޔާޒްގެ ގާތުން ވަރިވެ، ހައިކަލްއާ ކައިވެނި ކުރެވެން އުޅޭތީ އެކަމުގެ އުފާ ކިތަންމެހާ ވެސް ނިއުޝާއަށް ބޮޑެވެ. ހައިކަލްގެ އިންތިޒާރުގައި ސޯފާގައި އިން ނިއުޝާގެ ސިކުނޑި ތެރެއަށް ކުއްލިއަކަށް ވަނީ މާއިޒެވެ. ދޭތެރެ ދޭތެރެއިން މާއިޒްގެ ޚިޔާލުތަކުން ނިއުޝާއަށް އުދަނގޫ ކުރުވައެވެ. އެއީ ނިއުޝާ އޭނާގެ ޙަޔާތުން މުޅިން ފުހެލަން ބޭނުންވާ ނަމެކެވެ. 

ނަމަވެސް އެކަން ވަނީ ކިހިނެއް ހެއްޔެވެ؟ ހަމަ ގައިމުވެސް ނިއުޝާގެ ހަށީގައި އެ ޖަހަނީ މާއިޒްގެ ވިންދެކެވެ. ޤަބޫލު ކުރަން ބޭނުން ނުވިޔަސް، އެ ޙަޤީޤަތާ ނިއުޝާއަކަށް ދެކޮޅެއް ނުހެދޭނެއެވެ. ހިތާއި އަމިއްލަ ނަފުސާ ދެކޮޅަށް ނިއުޝާގެ ސިކުނޑީގެ ޚިޔާލު ތަކާއި ފިކުރުތައް އެކީ އެކައްޗަކަށް ޚާއްޟަ ވެގެން ދިޔައީ މާއިޒަށެވެ. ނިއުޝާގެ ހިތާއި ސިކުނޑީގައި ކުރެހިގެން ދިޔައީ މާއިޒްއާ އެކުގައި ނިއުޝާ ހޭދަ ކުރި އެމީހުން ލޯބީގެ ދުވަސްތަކެވެ.

ނަމަވެސް އެއީ ތަފާތު ލޯތްބެކެވެ. އެއް ފަރާތަކުން ލިބުން ލޯތްބެކެވެ. މާއިޒް ބޭނުންވީ ނިއުޝާގެ ބޭނުން ހިފާލާށެވެ. ނިއުޝާއަށް ވެވުނީ ލޯތްބެވެ. މާއިޒްއާ ކައިވެނި ކުރަން ބޭނުންވި ހިސާބުން ނިއުޝާއަށް ޖެހުނީ މުޅި ނިޒާމުން ގެއްލިގެން ދާށެވެ. މާއިޒްގެ މުށު ތެރޭގައި ނިއުޝާ ފިއްތާލީ ނިއުޝާއަށް ބްލެކް މެއިލް ކޮށްގެންނެވެ. އެ ހިސާބުން ނިއުޝާއަށް ގޮތް ހުސްވިއެވެ. ހަދާނެ ނުހަދާނެ ގޮތް ހުސްވެ، މީހާ މުޅިން ނިކަމެތި ވެގެން ދިޔައެވެ. ދިރިއުޅުމުގައި ދުވަހަކުވެސް މީހާ ނުވެއްޓޭ ހިސާބަށް ވެއްޓިގެން ދިޔައެވެ. ލޯބިވާ ޢާއިލާއާ ތާއަބަދަށް ގުޅުން ކަނޑާލަން ޖެހުނެވެ. މުޅި ދިރިއުޅުން ބަރުބާދުވީއެވެ. ނިއުޝާއަށް ހޭވެރިކަން ވީއިރު، އޭނާއަށް ހަމަ ރަނގަޅަށް ވެސް ވަނީ ރޮވިފައެވެ. އެވަގުތު ދޮރުގައި ހައިކަލް ޓަކި ޖަހަމުން ދަނީއެވެ. ނިއުޝާ އަވަސް އަވަސްކޮށް ގޮސް ގޭގެ ދޮރު ހުޅުވާލިއެވެ.

"ހައިކަލް" އޭ ބުނެ ނިއުޝާ ވަރަށް ބާރަށް ހައިކަލްގެ ގައިގައި އޮޅުލައިގަތެވެ. އަދި ރޯން ފެށިއެވެ. ހައިކަލް ކިހިނެއް ވީތޯ އެހުމުން އެއްވެސް ޖަވާބެއް ނިއުޝާ ދޭކަށް ބޭނުމެއް ނުވިއެވެ. ނިއުޝާ ބޭނުންވީ ހިތް ފުރޭ ވަރަށް ރޯލާށެވެ. ހައިކަލްގެ މޭގެތެރޭގައި ބޯ އަޅާލާލައިގެންނެވެ.

***

"ދަރިއަކު ހޯދަން ނުވޭތަ؟" މާއިޒް ކުޅެލީ ސަމާގެ އިސްތަށިގަނޑާއެވެ. އެވަގުތު އެ ދެމީހުން ތިބީ ކޮޓަރީގެ އެނދުމަތީގައި އޮށޯވެލައިގެންނެވެ.

"ހޯދަންވީ ދޯ ހަމަ.." ސަމާ އެހެން ބުނެ ބަލާލީ މާއިޒްގެ މޫނަށެވެ. ސަމާގެ ރާގުގައި އެއްވެސް ޖޯޝެއް ނުވަތަ އުފަލެއް ނެތެވެ.

"ހާދަ ފާޑަކަށް؟؟ ސަމާ ބޭނުން ނުވަންޏާ އައިމް އޯކޭ ހަމަ.." މާއިޒް އަވަސް އަވަހަށް ބުނެލިއެވެ. މާއިޒް އެހެން ބުނުމާއެކުގައި ސަމާ ހިނިތުންވެލިއެވެ.

"ސާބަސް! އެ ހުރީ ތުން ދަމާފަ.. މިހާރު ވެސް މި ކުރަނީ ޕޮރޮޓެކްޝަން ޔޫސް ކޮށްގެން.. ހުއްޓާލާ އިރަށް ޕްރެގް ވާނެއްނު؟ އައިމް އޯކޭ އޭ.." ހިތާ ދެކޮޅަށް އެހެން ބުނެ، ސަމާ ހިފައިލީ މާއިޒްގެ އަތުގައެވެ. މާއިޒް ލުއިކޮށް ހީނލިއެވެ. މާއިޒް މަޑުމަޑުން ސަމާއާ ގާތްވެލަން ފެށިއެވެ. ސަމާ ޖެހިލުން ވިއެވެ. ބޭސް ނުކައި ހުރުމުންނެވެ. މާއިޒަށް ސިއްރުން ސަމާ ބޭސް ވެސް ބޭނުުން ކުރެއެވެ.

"އެބަ އަންނަން ފާޚާނާއަށް ގޮސްފަ.. ފްރެޝް ވެލަން ބޭނުން.. އޯކޭތަ ބޭބީ؟" ސަމާ މާއިޒްގެ ކޮލަށް ބޮސް ދިނުމަށްފަހު ބުނެލިއެވެ. މާއިޒަށް ހައިރާންކަމެއް ލިބުނަސް، އެކަން ދައްކަން ބޭނުން ނުވީއެވެ. "އާނ އޯކޭ" އޭ ބުނުމާ އެކުގައި ސަމާ އޭނާގެ ދަބަސް ތެރެއިން ބޭސް ގުޅައެއް ނަގައިގެން، ތުވާލު ހިފައިގެން ވަނީ ފާޚާނާއަށެވެ.

މިހާރަކަށް އައިސް ސަމާގެ ފަރާތުން މާއިޒަށް ބައެއް ކަންކަން ފާހަގަ ކުރެވެން ފެށިއްޖެއެވެ. ސަމާ ކަމެއް ސިއްރު ކުރަން އުޅޭހެން މާއިޒަށް އިޙްސާސް ވަނީއެވެ. ސަމާ ފެންނުވަރާ އެހެން ނޫނަސް މާއިޒްއާ އެކު ލޯބީގެ މަސްތީ ގުޅުން ހިންގައެވެ. ނަމަވެސް މިރޭ މުޅިން ތަފާތެވެ. އަދި ގިނައިން ބޭރުގައި އުޅުމާއި، އޮފީސް ގަޑީގައި ބްރޭކަށްށޭ ކިޔާފަ ގިނަ ވަގުތު ޚަބަރެއް ނުވެ ހުރުން އެއީ ސަމާގެ ފަރާތުން އާދަކޮށް ފެންނަ ކަމަކަށް ވެއްޖެއެވެ. ރިޝްފާއާ އެކުގައި ސަމާ ކުރާ ބައްދަލުވުންތައް އެއީ މާއިޒަށް ސިއްރުން ވާކަމެއް ކަމުން، މާއިޒަށް ދޭތެރެ ދޭތެރެއިން ސަމާގެ ޚަބަރެއް ނުވުން ވަނީ ކަންބޮޑުވާ ކަމަކަށް ވެފައެވެ. ނަމަވެސް މާއިޒް އެކަމާ އަޅާ ނުލަނީއެވެ. ޝައްކެތް ކުރަން ވެސް ބޭނުން ނުވަނީއެވެ. އެފަދަ ވިސްނުމެއްގައި އިނދެފައި މާއިޒް ބަލައިލީ ސަމާގެ ފޯނަށެވެ. ފޯނު އޮތީ ލޮކް ނުކޮށެވެ. ދެ ޚިޔާލެއްގައި އިނދެފައި މާއިޒް ސަމާގެ ފޯނު ނެގިއެވެ. މާއިޒް ފުރަތަމަ ވެސް ވަނީ ސަމާގެ ފޯނުގެ ގެލަރީއަށެވެ. ގެލަރީ ހާވަމުން ދަނިކޮށް ފެނުން ފޮޓޯއަކުން މާއިޒްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ކުއްލިއަކަށް ހުރެފައި މާއިޒަށް ކޮޅަށް ތެދުވެވުނެވެ. އެވަގުތަކީ ސަމާ ވެސް ފާޚާނާއިން ނުކުތް ވަގުތެވެ. (ނުނިމޭ)

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.