މި އުސޫލު އުވާލިނަމަވެސް މާލިއްޔަތު ގަވައިދުގެ ދަށުން ބިޑް ކުރުމަކާ ނުލައި މަޝްރޫއު އަދިވެސް ދެވޭނެ އެވެ. ސަބަބަކީ މާލިއްޔަތު ގާނޫނުން އެބާރު ދީފައި އޮތުމެވެ.
ބިޑް ކުރުމުގެ ދައުވަތަކާ ނުލައި މަޝްރޫއުތަށް ދެވޭ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހެދި އުސޫލު، މި ސަރުކާރުން އުވާލައިފި އެވެ. އެކަމަކު މާލިއްޔަތު ގަވައިދުގެ ދަށުން އަދިވެސް މަަޝްރޫއުތަށް ހަވާލު ކުރުމުގެ ބާރު ސަރުކާރަށް އޮންނާނެ އެވެ.
މާލިއްޔަތު ގަވާއިދުގެ ދަށުން ބާރު ލިބިގެން މި އުސޫލު ހެދީ 2019 ވަނަ އަހަރު ރައީސް ސޯލިހުގެ ސަރުކާރުންނެވެ. އޭރު މި އުސޫލު ހެދި ސަބަބަކީ ބޭރު ގައުމެއްގެ އެހީގައި ހިންގާ ނުވަތަ ކޮންސެޝަނަލް ލޯނެއްގެ ދަށުން ހިންގާ މަޝްރޫއުތަކާއި ސަރުކާރުން ހިންގަން ކަނޑައަޅާ މަޝްރޫއެއް ހިންގުމުގައި ބިޑު ކުރުމަކާ ނުލައި ދޭން ފުރުސަތު ފަހި ކުރުމެވެ. މި އުސޫލުގެ ދަށުން ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ރައީސް ކަނޑައަޅުއްވާ ފަރާތަކަށް ހަވާލު ކުރެވޭނެ އެވެ.
އުސޫލު އުވާލީމަ ވާނީ ކިހިނެއް ؟ ބިޑްނުކޮށް މަޝްރޫއު ދިނުމުގެ އުސޫލު ހެދީ މާލިއްޔަތު 10 / 22 ގައި (ނ) އިން ބާރު ލިބިގެންނެވެ. މި އުސޫލުގައިބަޔާންކޮށްފައިވަނީ މަޝްރޫއުތަށް އެސެސް ކުރާނެ ގޮތާއި މިފަދަ ބައެއް ޑީޓެއިލް ތަކެވެ. ކުރީ ސަރުކާރުގެ ވިސްނުން ހުރީ ބިޑް ކުރުމަކާ ނުލައި ހިންގަން އަންނަ އިނޮވޭޓިވް ކަންކަމަށް ފުރުސަތު ފަހި ކުރުމެވެ. މި އުސޫލު އުވާލިނަމަވެސް ބިޑް ކުރުމަކާ ނުލައި މަޝްރޫއު ދިނުމަށް ސަރުކާރަށް ހުރަހެއް ނެތެވެ. ސަބަބަކީ 2016 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގައި ގާނޫނަށް ގެނެސްފައިވާ ބަދަލު އެގޮތުގައި އޮތުމެވެ.
ބިޑް ކުރުމަކާ ނުލައި މަޝްރޫއު ދެވޭ ބައި ގާނޫނުން ނަގަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 2020 ވަނަ އަހަރު ރައިސް ސޯލިހުގެ ސަރުކާރުގައި އެދިފައިވެ އެވެ. ނަމަވެސް އެ އުސޫލު އުވާލާފައެއް ނުވެ އެވެ. ނަމަވެސް މަޖިލީހުގެ މެޖޯރިޓީ އޮތްނަމަވެސް އެ ބަދަލު ގެނެސްފައެއް ނުވެ އެވެ. މީގެ ބަދަލުގައި ގިނަ މަޝްރޫއުތަކެއް ބިޑްނުކޮށް ހަވާލު ކުރީ އެވެ.