ގޮންޖެހުން އެބަހުރި، އެކަން ވާންވީ ލިބޭ ހިތްވަރަކަށް: ރައީސް

ރައީސް ވިދާޅުވީ އެމަނިކުފާނާއި ސަރުކާރު ހިންގާ ދެ ޕާޓީ -- ޕީޕީއެމާއި ޕީއެންސީގެ އަމާޒަކީ ކުރިއަށް އޮތް ވިހިވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދުން ކަމަށެވެ.

ކޮންގްރެސް ޕާޓީގެ އޮފީސް ހުޅުވައި ދެއްވުމަށް ފަހު ޕާޓީގެ ރައީސް / ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ކާމިޔާބު ހޯދުމަށް ގޮންޖެހުންތައް އެބަހުރި ކަމަށާ ނަމަވެސް އެއީ ކުރިއެރުމަށް ލިބޭ ހިތްވަރަކަށް ވާން ޖެހޭ ކަމަށް ކޮންގްރެސް ޕާޓީގެ ރައީސް / ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އެމަނިކުފާނުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތު ގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އެމަނިކުފާނާއި ސަރުކާރު ހިންގާ ދެ ޕާޓީ -- ޕީޕީއެމާއި ޕީއެންސީގެ އަމާޒަކީ ކުރިއަށް އޮތް ވިހިވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދުން ކަމަށެވެ.

އެ މަސައްކަތަށް ގޮންޖެހުން ހުންނާނެ ކަމަށާ ގޮންޖެހުންތައް މިހާރު ވެސް އެބަ ހުރި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެމަނިކުފާނާއި ސަރުކާރުގެ ނިޔަތަކީ ދީނާއި ގައުމަށްޓަކައި ގައުމާއި ރައްޔިތުންގެ ލާބަށްޓަކައި މަސައްކަތް ކުރުން ކަމަށެވެ. އެ މަސައްކަތުގައި ހިޔާކު އެއްގޮތް އެންމެނާ އެކު މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ގުޅިގެން ކުރާ މަސައްކަތުން ނަތީޖާ ރަނގަޅު ވާނެ ކަމަށް ވިދާޅުވި އެވެ.

"ގޮންޖެހުންތައް ހުންނާނެ. ގޮންޖެހުންތައް މިހާރުވެސް އެބަހުރި. ގޮންޖެހުންތަކަކީ އަޅުގަނޑުމެން ކުރިއެރުމަށް ލިބޭ ހިތްވަރަކަށް ވާންވާނީ،"

ރައީސް މިރޭ ވެސް ވިދާޅުވީ އެމަނިކުފާނު ކުރައްވަނީ ގައުމީ މަސައްކަތެއް ކަމުން ހުރިހާ ރައްޔިތުން ހަމަހަމަ ވާނެ ކަމަށެވެ. ޕީއެންސީ އަކީ ސިޔާސީ ޕާޓީއެއް ނަމަވެސް އެ ޕާޓީން ކުރާން ފެށީ ގައުމީ މަސައްކަތެއް ކަމަށެވެ.

ކޮންގްރެސް ޕާޓީގެ އޮފީސް ހުޅުވައި ދެއްވުމަށް ފަހު ޕާޓީގެ ރައީސް / ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ކާމިޔާބު ހޯދުމަށް ގޮންޖެހުންތައް އެބަހުރި ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެ ގޮންޖެހުންތަކުގެ ތަފްސީލެއް ނުދެއްވަ އެވެ. ވާހަކަފުޅު ކުރިއަށް ގެންދެވީ ވަރަށް ކުރުކޮށެވެ. އެއީ ޕީޕީއެމް/ޕީއެންސީގެ ސެނެޓްގެ ބައްދަލްވުމެއް ކުރިއަށް އޮތީމަ އެވެ. 

ސެނެޓްގެ ބައްދަލްވުން މިހާރު ވަނީ ފެށިފައެވެ.

ޕީޕީއެމް/ޕީއެންސީ އަށް މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޕީޕީއެމްގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ޕާޓީ ދޫކޮށްލައްވާ އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވުމެވެ. ދެ ރައީސުންގެ ގުޅުން މުޅީން ކެނޑި ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެން މިހާރު ވަނީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ޔާމީން ވަކިވެވަޑައިގަތުމަކީ ގޮންޖެހުމެއް ނޫން ކަމަށް ދޭހަވާ މޭރުމުން ރައީސް މުއިއްޒު ވަނީ ވާހަކަ ދައްކަވާފައެވެ. ނަމަވެސް ޔާމީން މިނިވަންވެވަޑައިގެން ފުލް ގިޔަރު ގައި ސިޔާސީ މަސައްކަތް ފައްޓަވައިފިނަމަ އެކަން ވެގެން ދާނީ ރައީސް މުއިއްޒަށް ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. ހާއްސަ ކޮށް މަޖިިލީސް އިންތިހާބު ކާމިޔާބު ކުރުމަށް އޮތް ވަރަށް ބޮޑު ހުރަހަކަށެވެ.

އެމަނިކުފާނު މަސައްކަތްޕުޅު އަމާޒު ކުރައްވާ ގޮތަކުން ޕީއެންއެފަށް ވެސް އެކަށީގެންވާ ތާއީދެއް ލިބުމަކީ ދުރު ކަމެއް ނޫނެވެ. 

ރައީސް މުއިއްޒުގެ ޒައާމަތުގައި ޕީއެންސީ ބޮޑު ކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއް ގައި ދަނީ ހިންގަވަމުންނެވެ. ވަރަށް އަވަހަށް އެ ޕާޓީ އަކީ ވިހި ހާސް މެންބަރުން ތިބި ޕާޓީއަކަށް ބަދަލު ވެދާނެ އެވެ. އެ އަދަދަށް ވުރެ އިތުރަށް މިހާރު ވެސް އެ ޕާޓީން ވަނީ މެންބަރުން ހޯދާ ފޯމް ފުރުވާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.