މި ބައްދަލުވުމުގައި ދެ ޕާޓީގެ ވާހަކަތަކަށް ފަހު ކުރިއަށް ހުރި އިންތިހާބު ތަކުގައި ދެ ޕާޓީ ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަތުމަށްޓަކައި އިތުރު ބައްދަލުވުންތައް ބޭއްވުމަށް ނިންމާފަވެއެވެ.
ކުރިއަށް ހުރި އިންތިހާބު ތަކުގައި ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން އެމްޑީޕީއާ ޖުމްހޫރީ ޕާޓީން މަޝްވަރާ ކުރަން ފަށައިފި އެވެ.
ފުރަތަމަ ބައްދަލްވުން މިއަދު ވަނީ ބާއްވާފައެވެ. އެމްޑީޕީން ބުނި ގޮތުގައި 2018 ގައި އުފެދުނު އެ ޕާޓީ އިސްވެ އޮތް ސަރުކާރުގައި އެކުގައި ސިޔާސީ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ޖުމްހޫރީ ޕާޓީއާ އެކު ކުރިއަށް ހުރި އިންތިހާބު ތަކުގައި ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އެ ޕާޓީގެ އޮފިޝަލުންނާ އެކު މިއަދު ބައްދަލުވުމެއް ވަނީ ބާއްވާފަ އެވެ.
މި ބައްދަލުވުމުގައި ދެ ޕާޓީގެ ވާހަކަތަކަށް ފަހު ކުރިއަށް ހުރި އިންތިހާބު ތަކުގައި ދެ ޕާޓީ ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަތުމަށްޓަކައި އިތުރު ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
އެމްޑީޕީން ބުނި ގޮތުގައި ޖުމްހޫރީ ޕާޓީއަކީ 2015 އަހަރުން ފެށިގެން އެމްޑީޕީއާ އެކު ގައުމަށް ދިމާވާ މުހިއްމު ދަނޑިވަޅުތަކުގައި ސިޔާސީ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ޕާޓީއެކެވެ. އަދި 2018 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުގައި ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ދައުރު ނިމުމާ ހަމައަށް އެއްބާރުލުންދީ ރައްޔިތުންނަށް ފައިދާ ހުރި ސިޔާސަތުތައް ތަންފީޒު ކުރުމުގައި ބައިވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވި ޕާޓީއެކެވެ.
މިއަދުގެ ބައްދަލްވުމުގައި އެމްޑީޕީން ބައިވެރިވެވަޑައިގެންނެވީ އެ ޕާޓީގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމާއި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އާއި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދާއި ފިނޭން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަނަސް އަބްދުއްސައްތާރެވެ.
ޖުމްހޫރީ ޕާޓީގެ ބައިވެރިވެވަޑައިގެންނެވީ އެ ޕާޓީގެ ނާއިބު ލީޑަރު އައިޝަތު ނަހުލާ އާއި ސެކްރެޓަރީ ޖެނެރަލް އަޒްލީން އަހްމަދާއި ގާސިމްގެ އެޑްވައިޒަރު ރިޔާޒް ރަޝީދާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އާއި ގާސިމްގެ އެޑްވައިޒަރު މުހައްމަދު ޝިހާބެވެ.
ކުރިއަށް ހުރި އިންތިހާބު ތަކުގައި ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން އެމްޑީޕީން ވަނީ އަދާލަތު ޕާޓީއާ އެކު ވެސް މަޝްވަރާތައް ފަށާފައެވެ.