ރައީސް ސޯލިހް، އެމްޑީޕީގެ ޕީޖީ ގުރޫޕާ ބައްދަލުކޮށްފައި މި ވަނީ ޕީޖީ ގުރޫޕްގައި ކޮންމެވެސް ވަރެއްގެ ބައިބައިވުމެއް އުފެދިފައި ވަނިކޮށެވެ.
މަޖިލީހުގެ މެޖޯރިޓީ ޕާޓީ -- އެމްޑީޕީގެ ޕީޖީ ގުރޫޕްގެ މެންބަރުންނާއި އެ ޕާޓީގެ ރައީސް / ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ބައްދަލު ކުރައްވައިފި އެވެ.
މިއަދުގެ ބައްދަލްވުމުގެ އެއްވެސް ތަފްސީލެއް އެމްޑީޕީން ހާމައެއް ނުކުރެ އެވެ. ނަމަވެސް ރައީސް ސޯލިހް އެމްޑީޕީގެ ޕީޖީ ގުރޫޕްގެ މެންބަރުންނާ ބައްދަލު ކުރައްވާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފައިވެ އެވެ.
ރައީސް ސޯލިހް، އެމްޑީޕީގެ ޕީޖީ ގުރޫޕާ ބައްދަލުކޮށްފައި މި ވަނީ ޕީޖީ ގުރޫޕްގައި ކޮންމެވެސް ވަރެއްގެ ބައިބައިވުމެއް އުފެދިފައި ވަނިކޮށެވެ. އެއީ އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ތްރީލައިން ވިޕާ ބައެއް މެންބަރުން ހިލާފު ވުމާއި ގުޅިގެން އުފެދިފައިވާ ބައިބައިވުމެކެވެ.
މަޖިލީހުގެ ނާއިބު ރައީސް ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ގެންނަން ޕީޖީ ގުރޫޕުން ނިންމާ އެ ގޮތަށް ވޯޓް ދޭން ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް އެންމެ ފަހު ވަގުތު ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިއާން ވަނީ އެ ނިންމުމާ ދެކޮޅު ހަދާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ނަން ހުށައަޅާފައެވެ.
އެކަމާއި ގުޅިގެން މެންބަރު ޝިޔާން އާއި މެންބަރު އަބްދުﷲ ޖާބިރުގެ މައްސަލަ ބަލަން ސުލޫކީ ކޮމެޓީއަށް މައްސަލަ ފޮނުވަން ވަނީ ނިންމާފައެވެ.
އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެ ރޭ ވަނީ ޕާޓީގެ ވިޕާ ހިލާފު ހުރިހާ މެންބަރުންގެ މައްސަލަ ބަލަން ފޮނުވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. ނާއިބު ރައީސް ހޮވުމަށް ބޭއްވި ވޯޓް ގައި އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ތްރީލައިން ވިޕާ ހިލާފު ވެފައި ވާނެ ކަމަށް ބެލެވެ އެވެ.
ނަމަވެސް އެއީ ސިއްރު ވޯޓެއް ކަމުން ވިޕާ ހިލާފުވި މެންބަރުންނެއް ނޭންގޭނެ އެވެ.